ބައްޕައެވެ.

ދަރިއަކަށްޓަކައި މަންމަވާ ޤުރުބާނީގެ ވާހަކައަކީ ތާއަބަދު ދެކެވޭ ވާހަކައެެވެ. އެޤުރުބަނުގެ އަގުނުދެވޭނެ ވާހަކައެވެ. މާބަނޑުވެ މަންމަ އުފުލިވޭނެވެ. ތަހައްމަލް ކުރި އެކިކަންކަމުގެ ވާހަކައެވެ. ވިހެއުމަށްޓަކައި ގަދަވޭނާއިއެކު ހޭދަކުރި ކަރުނަވީ ވަގުތުތަކެވެ. އެކި ޙާލަތްތަކުގައި މަންމަވީ ޤުރުބާނެވެ. ނަމަވެސް މިފަހަރު ބައްޕައެވެ.

ބައްޕަގެ ކުޅަދާނަކަމާއިމެދު އަހަރެން ހައިރާންވަމެވެ. މަންމަގެ ދުލުން އަހަރެންގެ ޙަބަރުން ޙަބަރު ދެވުމާއެކު އެބައްޕަގެ ޢަޒުމްއާކޮށް އާހިތްވަރަކާއެކު އާޖޯޝަކާއި އެކު މަސައްކަތްް ފަށައެވެ. ދުނިޔެއަށް އަހަރެން ނޭވާލާނެ އެންމެ ފުރަތަމަ ވަގުތެއްގެ ފޮނި އިންތިޒާރެއްގައި އޭގެ ކުރިން ކުރަންޖެހޭ ހުރުހާކަމެއް ފުރިހަމަ ކުރެވޭތޭ މިންނަތާއެކު މަސައްކަތް ކުރެއެވެ. އަހަރެން ސިއްޙަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި އުފަންވުންއެދި މަންމައަށް ފައިދާހުރި ކާނާ ވީވަރަކުން ހޯދައިދެއެވެ. މަންމަގެ ބަލިކަމުގެ ތެރެއަށް އިތުރުވި ބަލިކަމުގައި ލުއޮ ހޯދައި ދިނުމުގައި ދެމިހުރެއެވެ. އަމިއްލަ ނަފްސަށް ލިބެންވީ ހައްޤުތަށް ހަނދާންނައްތަލާއި ޝުކުރުވެރިކަމާއިއެކު ހިނިތުންވެލީ އަހަރެންގެ ހައްޤުގައެވެ. އަހަރެންގެ އިންތިޒާރުގައެވެ. މާބަނޑުދުވަސްވަރު މަންމައަށް ދިމާވި ނަފްސާނީ އެކި އެކި މައްސަލަތަށް ބައްޕަ ބަރުދާސްތު ކުރީ ހިތްވަރާއެކުއެވެ. އެއީ ކީއްވެހެއްޔެވެ؟ އެއީ ހަމަ އަހަރެންގެ ހައްޤުގައެވެ.

ބައްޕައެވެ. އެއީ ދެވަނައެއްނެތް މީހެކެވެ. ރައްކާތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ރައްކާތެރިކަމުގެ ކިއްލާއެކެވެ. އޯގާތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެފަދައެއްނުވާ އޯގާތެރިއެކެވެ. ލޯބިވުމުގައި ވެސް މަތިވެރި ނަމޫނާއެކެވެ. ޝުކުރުވެރިވުން ހައްޤު ނަމޫނާއެކެވެ.

ތުއްތު އިރުއްސުރެވެސް ދަރިންނަށް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ބައްޕަގެ ޢަޒުމެވެ. އެކަމަށްޓަކައި ދުވާލާ ރޭގަނޑުގެ ވަގުތުތަށް ދާއޮރުވުމާއި ވަރުބަލި ކަމާއިއެކު ހޭދަކުރެެވެ. ވަރުބަލިވިޔަސް އެކަމުގެ ޝަކުވާ ކުރުމެއްނެތިއެވެ.

ބައްޕާއެވެ. އަހަރެންގެ ހިތުގެ އިޚްލާސްތެރި ލޯބި ބައްޕައަށްޓަކައިވެއެވެ. ޝުކުރުވެރިވާނެ ގޮތެއްނޭގެއެވެ. އަަހަރެންނަށްޓަކައި ބައްޕަ އުފުލި ބުރައެވެ. ހޭދަކުރި ވަގުތެވެ. އަހަރެންގެ އެންމެ ހިނިތުންވުމަކީ ބައްޕަގެ މަސައްކަތުގެ އަގުކަމުގައި ދެކިގެން ބައްޕަ ކުރިމަސައްކަތަށްޓަކައެވެ. އުނިނުވާހެން އަހަންނަށް ދިން ލޯތްބައްޓަކައެވެ. މަދުނުވާހެން ދިން ވަގުތަށްޓަކައެވެ.

ބައްޕައަކު ދަރިއަކަަށް ދޭނެ އެންމެ އަގުހުރި ހަދިޔާއަކީ އިސްލާމީ ތަރުބިއްޔަތާއި ރަނގަޅު ތަޢުލީމެވެ. ތަރުބިއްޔަތުގައި ބައްޕަ ދައްކައިދިން ފުރިހަމަ ނަމޫނާއެވެ. ތަޢުލީމު ދިނުމަށްޓަކައި ބައްޕަ ހޭދަކުރި ފައިސާއެވެ. ބަދަލަކަށް ނޭދި ބައްޕަދިން އިޙްތިރާމެވެ. ބައްޕާއެވެ. ތިޔައީ ދިނުމުގައި ދީލަތި މީހެކެވެ. ތަޢުލީމީ ޙަޔާތުގައި ލިބުނު ނާކާމިޔާބާއި ކާމިޔާބީގައި އެކުގައިވިއެވެ. ހިތްވަރުދިނުމާއި ސާބަސް ދިނުމުގައެވެ.

ބައްޕާއެވެ. އަބަދުވެސް ދުޢާ ކުރަމެވެ. ބައްޕައަށް ސުވަރުގެ ދެއްވުން އެދިއެވެ. ﷲރުއްސަވާ އަޅުންގެ ތެރޭގައި ބައްޕަ ލެއްވުންއެދިއެވެ. އެކަނލާންގެ ރަޙްމަތް ތާއަބަދު ބައްޕައާއި އެކު ވުންއެދިއެވެ. ދުނިޔޭގައި ބައްޕަގެ އުމުރު ދިގުކުރެއްވުން އެދިއެވެ. ބައްޕަގެ އަބުރާއި ނަން ރިވެތި ވާނެހެން ލެއްވުންއެދިއެވެ.

ބައްޕާއެވެ. ބައްޕަގެ ހައްޤަށް އުނިކަމެއް ވާފަދަ ކަމެއް ކުރެވިފައިވާނަމަ ދީލަތި މަޢާފަކަށް އެދެެމެވެ. އެހެނީ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ. (الْوَالِدُ أَوْسَطُ أَبْوَابِ الْجَنَّةِ فَأَضِعْ ذَلِكَ الْبَابَ أَوْ احْفَظْهُ) މާނައީ ބައްޕައަކީ ސުވަރުގޭގެ މެދު ދޮރެވެ. އެދޮރު ދޫކޮށްލާށެވެ. ނުވަތަ އެދޮރު ލިބިގަންނާށެވެ. ބައްޕާއެވެ. ސުވަރުގޭގެ މެދު ދޮރަށް އަހަރުން އެދެމެވެ. ބައްޕައަށްޓަކައި ޙިދުމަތްކޮށްދީގެންނެވެ. ބައްޕަގެ ރުހުމާއި ލޯބި އަދި ހިތްހެޔޮމަޢާފާއި އެކުއެވެ.

(ނިމުނީ)

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ފުރިހަމަ އާރޓިކަލް އެއް. އަޅުގަނޑަށް އަޅުގަނޑުގެ ބައްޕައާއި އެކު ހޭދަކޮށްލަން ލިބުނީ ހަމަ އެންމެ 6 އަހަރެވެ. ރަނގަލަސް ހަނދާންވެސް ނެތެވެ. ނަމަވެސް މިއަދު އަޅުގަނޑަށް ދަރިއަކު ލިބުމުން އަޅުގަނޑުގެ ބައްޕަ އަޅުގަނޑާއި މެދު އުޅޭނެ ގޮތް، ކުރާނެ އުއްމީދު ، ވާނެ އުފާ ކޮންމެވެސް ވަރަކަށް އިހްސާސް ކުރެވެއެވެ. އެންމެ ފުރިހަމަ ކޮށް އިހްސާސް ނުކުރެވޭނެ ސަބަބަކީ އަޅުގަނޑަކީ ޢާއިލާގެ އެންމެ ހަގު ކުއްޖާ ވީމާ އަޅުގަނޑަށް ޙާއްސަ ކަމެއް އެބައްޕަގެ ހިތުގައި ދެވިފައިވެދާނެ ކަމަށްޓަކައި އެވެ. ކިތަންމެ ކުޑަ ދުވަސްކޮޅެއް ބައްޕައާއި އެކު ހޭދަކޮށްލަން ލިބުނު ކަމުގައި ވިޔަސް ތާއަބަދުމެ މިހިތުގެ ހެޔޮ ދުޢާ ވަނީ ބައްޕައާއި އެކު ގައެވެ. މިއަދު މީހުން ބައްޕާއޭ ކިޔާފައި އެމީހުންގެ އަމިއްލަ ބަައްޕަ އަށް ގޮވާލާ އަޑު އިވުނީމާ ހިތުގައި ޖެހި ރޮވޭ ގޮތްވެއެވެ. އެހެންނަމަވެސް ކެތްތެރި ކަމާއެކު ހިތަށް އަރުވަނީ މިއަދު އަޅުގަނޑުގެ ހެޔޮ ދުޢާއިން ބައްޕަގެ ދަރަޖަ ވެސް އުފުއްލެވިއްޖެނަމަ އެއީ އަލުގަނޑަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއް ކަމުގައެވެ. މާތްﷲ މިއަޅާގެ މައިންބަފައިންނަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތް މިންވަރު ކުރައްވާށި.ޢާމީން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!