ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އެހީއެއް

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ޝަރުޢީ ޢިލްމު އުނގެނުމުގެ ފުރަތަމަ ފިޔަވަޅެވެ. ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުންގެ އިތުރުން ޢާންމުންވެސް ކުޅަދާނަވީވަރަކުން ޤުރުއާން ހިތުދަސްކުރުމަށް އިސްލާމްދީނުގައިވަނީ ވަރަށްބޮޑަށް ބާރުއަޅުއްވައިފައެވެ. ޤުރުއާނުން މިންވަރެއް ހިތުދަސްވެފައިނެތް މީހާގެ ހިތަކީ ވީރާނާވެފައިވާ ފަޅުގެއެއްފަދަ އެއްޗެއްކަމަށް ނަބަވީ ހަދީސްތަކުގައި ސިފަކުރައްވާފައިވެއެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދޭނެ މަގު ބަޔާންކޮށްދީފައިވަނީ ކީރިތި ޤުރުއާނުގައެވެ. އެފޮތެއް ކިޔުމުން އެންމެ ބޮޑަށް ބަރަކާތުގެ ދޮރުތައް ހުޅުވޭނެ ފޮތަކީ ކީރިތި ޤުރުއާނެވެ. އެފޮތް ކިޔަވާ ޢަމަލުކޮށްފިނަމަ، ޤިޔާމަތްދުވަހުން ތިމާއަށް ޝަފާޢަތްތެރިވެދޭނެ ފޮތަކީ ކީރިތި ޤުރުއާނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

عن أبو أمامة الباهلي رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: ((اقرؤوا القرآن فإنه يأتي يوم القيامة شفيعا لأصحابه

أخرجه مسلم في صحيحه

”ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް(އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރިމީހުން) ޝަފާޢަތްތެރިވުމަށް އަންނާނެއެވެ.”

ކީރިތި ޤުރުއާން ހިތުދަސްކުރުމުން ލިބޭ މަތިވެރި އަޖުރު

ހާފިޒުންނަށް ލިބޭ މަތިވެރި އަޖުރު ޒިކުރުކުރީގައި، ޤުރުއާން ކިޔެވުމުން ލިބޭ ސަވާބާއި ދަރުމަ  ޒިކުރުކޮށްލާނަމެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

«تَعَلَّمُوا الْقُرْآنَ وَاتْلُوهُ، فَإِنَ اللَّهَّ يَأْجُرُكُمْ عَلَى تِلَاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ، أَمَا أَنِّي لَا أَقُولُ لَكُمْ (الم) لَكِنْ فِي أَلِفٍ، وَلَامٍ، وَمِيمٍ»

أخرجه الترمذي

ތިޔަބައިމީހުން ޤުރުއާން އުނގެނިދަސްކުރާށެވެ. އަދި އެ ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ސަވާބު ލިބޭނެއެވެ. (الم) ކިޔުމުން ދިހަ ސަވާބުލިބޭނެ ކަމުގައި ތިމަންކަލޭގެފާނު ވިދާޅުނުވަމެވެ. އެހެނެއްކަމަކު أَلِف އަކީވެސް އަކުރެކެވެ. لَام އަކީވެސް އަކުރެކެވެ. مِيم އަކީވެސް އަކުރެކެވެ. (އެހެންކަމުން އެއިން ކޮންމެ އަކުރަކަށްވެސް ދިހަ ސަވާބުލިބޭނެއެވެ.

قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خِيَارُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ»

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

”ތިޔބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ޤުރުއާން އުނގެނި، އެހެންމީހުންނަށް ޤުރުއާން އުނގަންނައިދޭ މީހާއެވެ.”

أخرجه أحمد: حديث/ 1317 [صحيح].

” يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا ”

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

”ޤުރުއާނުގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާ ކިޔަވާށެވެ. (އަދި ކިޔަވަމުން ސުވަރުގޭގައި) މައްޗަށް އަރާށެވެ. އަދި ތަރްތީލްކޮށް ކިޔަވާށެވެ. ތިބާ ދުނިޔެމަތީގައި ތަރްތީލްކޮށް ކިޔެވިފަދައިން ތަރްތީލްކޮށްކިޔަވާށެވެ. ސުވަރުގެއިން ތިބާއަށްލިބޭ މަންޒިލަކީ ކިޔަވަމުން ކިޔަވަމުން މައްޗަށްއަރަމުންގޮސް އެންމެ ފަހުން ތިބާ ކިޔަވާ އާޔަތާއިއެކު ވާޞިލްވެވޭ ހިސާބެވެ.”

أخرجه الترمذي: حديث/ 3914 [صحيح .

 

ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އެހީވެދޭ ސަބަބުތައް

އިޙްލާޞްތެރިކަން
ކުރިންވެސް ދެންނެވިފަދައިން ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ޝަރުޢީ ޢިލްމު އުނގެނުމުގެ ތަޅުދަނޑިއެވެ. އެހެން ޢިލްމުތަކަށްވުރެ ބޮޑަށް، ޝަރުޢީ ޢިލްމު އުނގެނުމުގައި ތިމާގެ ހިތް ނިޔަތް ﷲ އަށް ޚާލިޞްކުރަންޖެހެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

« مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لاَ يَتَعَلَّمُهُ إِلاَّ لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ »

رواه أبو داود بإسناد صحيح

”ހަމައެކަނި ﷲ ތަޢާލާގެ ވަޖުޙުފުޅު އެދިގެން އުނގެނެންޖެހޭ ޢިލްމެއް، ދުނިޔަވީ ފައިދާއެއް ހޯދުމުގެ ނިޔަތުގައި ޙާޞިލްކޮށްފިނަމަ އެމީހަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭހުއްޓެވެ.”

މިހަދީސް ރިވާކުރެއްވީ އިބްނި ދާވޫދެވެ. އަދި ޝައިޙް އަލްއަލްބާނީ ވަނީ މިޙަދީސް ސައްޙަކުރައްވާފައެވެ.

ޢިލްމު އުނގެނުމުން ލިބޭ އުޚުރަވީ ސަވާބާއިމެދު ވިސްނާ އެކަން ހަނދާނުގައި ބަހައްޓާނަމަ، ޢިލްމު އުނގެނުމުގައި އިޚްލާޞްތެރިވާން ފަސޭހަވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

«مَنْ سَلَكَ طَرِيقًا يَلْتَمِسُ بِهِ عِلْمًا، سَهَّلَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ»

ސަޙީޙް މުސްލިމް

ޢިލްމު ޙާސިލްކުރުމަށްޓަކައި (ޢިލްމު ޙާސިލްކުރެވޭފަދަ) މަގަކުން ހިނގައިފިމީހާއަށް، ސުވަރުގެޔަށް ދެވޭ މަގުތަކުންކުރެ މަގެއް ﷲ ތަޢާލާ އޭނައަށް ފަހިކޮށްދެއްވާނެއެވެ.

ތަޤްވާވެރިކަން އިތުރުކުރުން
ތަޤްވާވެރިކަމަކީ ﷲތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި އަދި ނަޙީތަކުން ދުރުވެގަތުމެވެ.

ތަޤްވާވެރިކަން އިތުރުވާވަރަކަށް، ތިމާގެ ހިތްމަޑުވެ، ހިލަކަން ފިލާ، ހިތްސާފުވާނެއެވެ. ބޭކާރު ޚިޔާލުތަކާއި ވަސްވާސްތަކުން ސަލާމަތްވެވި، ސަމާލުކަން (concentration)  އިތުރުވާނެއެވެ. ތިމާގެ ޢިލްމުވެރިކަމާއި އެއްވަރަށް ތަޤްވާވެރިކަން އިތުރުކުރަންޖެހެއެވެ. ތަޤްވާވެރިކަމާއި ޢިލްމާއިހުރި ގުޅުން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުން ހާމަވެގެންދެއެވެ.

وَاتَّقُوا اللَّـهَ ۖ وَيُعَلِّمُكُمُ اللَّـهُ.

ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ

[2:282].

ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.

وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾

އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.

[65:4]

 

ފާފަތަކުން ދުރުވުން
ފާފަތަކުގެ ސަބަބުން ހިތުގައި ކަޅުލައްތަކެއްޖެހި، ހިތް ކަޅުވެގެންދެއެވެ.

އެއްދުވަހަކު އިމާމް ޝާފިޢީ އެކަލޭގެފާނުގެ އެދުވަހުގެ ފިލާވަޅު ދަސްކުރުން އުނދަގޫވެގެން އެކަމުގެ ޝަކުވާ އެކަލޭގެފާނުގެ އުސްތާޒު އިމާމް ވަކީޢްއަށް ކުރިއެވެ. އެހިނދު އިމާމް ވަކީޢް އިމާމް ޝާފިޢީގެފާނަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުވުމަށެވެ.

شَكَوْتُ إلَى وَكِيعٍ سُوءَ حِفْظِي

فَأرْشَدَنِي إلَى تَرْكِ المعَاصي

وَأخْبَرَنِي بأَنَّ العِلْمَ نُورٌ

ونورُ الله لا يهدى لعاصي

ތިމަންކަލޭގެފާނަށް ފިލާވަޅު ހިތުދަސްކުރަން އުނދަގޫވެ އެކަމުގެ ޝަކުވާ ތިމަންކަލޭގެފާނުގެ އުސްތާޒު ވަކީޢުއަށް ކުރީމެވެ.

އެހިނދު އުސްތާޒު ތިމަންކަލޭގެފާނަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުވުމަށެވެ.

އަދި ޢިލްމަކީ ނޫރެއްކަމަށް ވިދާޅުވިއެވެ.

ﷲ އަށް އުރެދޭމީހުންނަށް ﷲ އެނޫރު ނުދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ގިނައިން މުރާޖަޢާ ކުރުން
ހަނދާންނުނެތޭ ވަރަށް ހިތުދަސްކުރަން ބޭނުންނަމަ އެކަމަށް އޮތް އެންމެ މޮޅު ފަންޑިތައަކީ ތަކުރާރުކޮށް އެއެއްޗެއްކިޔުމާއި، ކޮންމެ ހަފްތާއަކު އެއްފަހަރުހެން އެ އެއްޗެއް ދަސްވެފައިވަނީ ކިހާވަރަކަށްތޯ ބެލުމެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

«إِنَّمَا مَثَلُ صَاحِبِ القُرْآنِ، كَمَثَلِ صَاحِبِ الإِبِلِ المُعَقَّلَةِ، إِنْ عَاهَدَ عَلَيْهَا أَمْسَكَهَا، وَإِنْ أَطْلَقَهَا ذَهَبَتْ»            رواه مسلم

”ހަމަކަށަވަރުން ޤުރުއާނުގެ އަހުލުވެރިޔާގެ މިސާލަކީ ޖަމަލު ގެންގުޅޭ މީހާގެ މިސާލެވެ. އެ އޭގެ ކަރުގައި އެލުވާފައި އޮންނަ ވާ ރަނގަޅަށް އައްސާފައިބާއްވާނަމަ، އެ ފިލައިގެން ނުދެއެވެ. އެކަމަކު އެ ވާ މޮހިއްޖެނަމަ އެ ޖަމަލު ސާހިބުމީހާ ދޫކޮށް ފިލައިދެއެވެ.”

 

ހެނދުނުގެ ވަގުތުތަކުގެ ބޭނުންހިފުން
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށްއެދި ދުޢާކުރައްވާފައެވެ. ޤުރުއާން ހިތުދަސްކުރުމަށް އެންމެ މޮޅު ވަޤުތަކީ ފަތިސްނަމާދު ކޮށްގެން އޮންނަ ވަގުތުތަކެވެ.

ބޭކާރުކަންކަމުގައި ވަގުތު ހޭދަނުކުރުން
ޤުރުއާން ހިތުދަސްކުރުމަކީ އެކަމަށްޓަކައި ވަރަށް ވަޤުތުބޭނުންވާ ކަމެކެވެ. ޤުރުއާން ހިތުދަސްކުރަން މަސައްކަތްނުކުރެވުމުގެ ސަބަބެއްކަމަށް ގިނަ މީހުން ދައްކަނީ ވަގުތު ނުލިބުމެވެ. އެކަމަކު ރަނގަޅަށް ޓައިމް މެނޭޖުކުރާނަމަ މިކަމަށް ބޭނުންވާ ވަގުތު ރަނގަޅަށް ލިބޭނެއެވެ. ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެއް ކަމުގައިވުމުން ޤުރުއާން ކިޔަވަން ތިމާވަގުތު ހޭދަކުރުމަކީ ތިމާގެ އެހެންކަންކަން ފަސޭހައިން ކުރެވެން މަގުފަހިވާނެކަމެކެވެ. ﷲ ތަޢާލާ އެކަމުގެ ސަބަބުން ދުވަހުގެ އެންމެހާ ވަގުތުތަކެއްގަޔާއި ކަމެއްގައި ބަރާކާތް ލައްވަވާނެއެވެ.

كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴿٢٩﴾

(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ.

[38:29]

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

(من حسن إسلام المرء تركه ما لا يعنيه) حديث حسن رواه الترمذي وغيره.

”ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.”

މިހަދީސް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު ވިދާޅުވެފައިވެއެވެ.

ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށްލިބިދޭ ހިތްހަމަޖެހުމެކެވެ. ޢަބުރަށްލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީސްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައިމިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާއި އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލްވެގަތުމަށެވެ.”

“نعمتان مغبون فيهما كثير من الناس: الصحة والفراغ”

އެ ދެނިޢުމަތަކަށް ފަރުވާކުޑަކޮށްލުމުގެ ސަބަބުން މީސްތަކުންނަށް ގެއްލުންލިބޭ ދެ ނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ސިއްޙަތާއި ހުސްވަގުތެވެ. – ސަޙީހް ބުޚާރީ

ޤުރުއާން ހިތުދަސްކުރާއިރު އެކި ދުވަހު އެކި މުސްހަފުން ކިޔުމުގެ ބަދަލުގައި އަބަދުވެސް އެއް މުސްހަފު ގެންގުޅުން
ޤުރުއާން މުދައްރިސެއްގެ ލަފާގެ މަތިން ތިމާއާއި މުނާސަބު ޤާރީ އެއް އިޚްތިޔާރުކޮށް އެ ޤާރީ ގެ ކިޔެވުން ގިނަގިނައިން އަޑުއެހުން
އަވަސްވެ ނުގަންނާށެވެ. އެއް ސަފްޙާ ރަނގަޅަށް ދަސްނުވަނީސް އަނެއް ސަފްހާ ދަސްނުކުރާށެވެ.

 

އާޔަތްތަކުގެ ތަފުސީރުކިޔުން
ތަފްސީރު އިބްނި ކަޘީރު ފަދަ ތަފްސީރަކުން އާޔަތްތަކުގެ ތަފްސީރުކިޔުމުން އާޔަތްތައް ބާއްވައިލެއްވި ސަބަބުތައް އެނގޭނެއެވެ. އަދި އާޔަތްތަކާއިގުޅޭ ގޮތުން ހިނގާފައިވާ ހާދިސާތައްވެސް އެނގޭނެއެވެ. އޭރުން އެއް އާޔަތް އަނެއް އާޔަތާއި ގުޅޭގޮތްވެސް ފަސޭހައިން ނަގައިގަނެވޭނެއެވެ.

މިސާލަކަށް، ބަޤަރާ ސޫރަތުގެ 142 ވަނަ އާޔަތުން ފެށިގެންގޮސް 150 ވަނަ އާޔަތާއި ހަމައަށް ދައްކާފައިވަނީ ޤިބްލަ ބަދަލުކުރެއްވުނު ހާދިސާގެ ވާހަކަތަކެވެ.

ސޫރަތުލް އާލްޢިމްރާންގެ 121 ވަނަ އާޔަތުން ފެށިގެންގޮސް 129 ވަނަ އާޔަތާއި ހަމައަށް ދައްކާފައިވަނީ އުޙުދު ހަނގުރާމައިގެ ވާހަކައެވެ. ހަމައެސޫރަތުގެ 150 ވަނަ އާޔަތުން ފެށިގެންގޮސް 155 ވަނަ އާޔަތާއި ހަމައަށް ދައްކާފައިވަނީވެސް އުޙުދު ހަނގުރާމައިގެ ވާހަކައެވެ.ސޫރަތުއްތައުބާ ގައި ތަބޫކު ހަނގުރާމައާއިގުޅޭ އާޔަތްތައްވެއެވެ.

ސޫރަތުއްނޫރުގައި އިފްކުގެ ހާދިސާއާއި ގުޅޭ އާޔަތްތައްވެއެވެ.

ހިފްޒްކުރުމުގެ ޕްރޮގްރާމް ބައްޓަންކުރެވިދާނެ ގޮތެއް

އެހެންކަންކަމެކޭވެސް އެއްފަދައިން، ޤުރުއާން ހިތުދަސްކުރުމަކީވެސް ރޭވުންތެރިކަމާއެކު ވަކި އިންތިޒާމެއްގެ ދަށުން ގެންދަންޖެހޭނެކަމެކެވެ. ރޭވުންތެރިކަމެއްނެތްނަމަ މިކަމުގައިވެސް ކާމިޔާބެއް ނުލިބޭނެއެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ކަނޑައެޅުމެވެ. މިސާލަކަށް ކޮންމެ ދުވަހަކު އެންމެ މަދުވެގެން އެއް ޞަފްޙާ ދަސްކުރަންޢަޒުމު ކަނޑައެޅިދާނެއެވެ. އަދި ކޮންމެ މަހަކު އެންމެ މަދުވެގެން އެއްފޮތް ދަސްކުރަން ކަނޑައެޅިދާނެއެވެ. މަސްނިމުމުން އުއްމީދުކުރި ނަތިޖާ ޙާސިލްކުރެވުނުތޯ ބަލަންޖެހޭނެއެވެ. ހިތުދަސްކުރާބައި ކިޔާދޭނެ ވަކި މީހަކު ބަހައްޓާ، ޤަވާއިދުން އެމީހަކަށް ދަސްކުރާބައި ކިޔައިދެމުންގެންދަން ޖެހޭނެއެވެ. ޤުރުއާން ހިތުދަސްކުރާ އެހެން ރަޙްމަތްތެރިން އުޅޭނަމަ އެމީހުންނާއި ގުޅިގެން މަސައްކަތްކުރުމަކީ ޤުރުއާން ހިތުދަސްކުރުމުގެ ދަތުރަށް އިތުރު ދިރުމާއި ފޯރި ގެނެސްދޭނެ ކަމެކެވެ. ވަކިބަޔަކާއި ނުގުޅި އަމިއްލައަށް ހިތުދަސްކުރުން ގެންދާނަމަ ފޫހިވުމާއި އެކަމަށް ދެވޭ އިސްކަން(ނުވަތަ (commitment ކުޑަވުން ފަދަ ކަންކަން ކުރިމަތިވާނެއެވެ. އެންމެ މޮޅު އަދި އެންމެ ރަނގަޅު ގޮތަކީ ޤުރުއާން ހިތުދަސްކޮށްދޭ ކުލާހެއްގައި ނުވަތަ ޙަލަޤާއެއްގައި ބައިވެރިވުމެވެ.

ޤުރުއާނުން ސޫރަތެއް ހިތުދަސްކުރަންފެށުމުގެ ކުރިން އެސޫރަތެއްގެ މާނައާއި ތަފްސީރުކިޔުމަކީ ހިތުދަސްކުރުން ފަސޭހަވެގެންދާނެކަމެކެވެ. މެދުކަނޑުމެއްނެތި ކޮންމެ ދުވަހަކުވެސް ޤަވާއިދުން މުރާޖަޢާކުރުމަކީ ކޮންމެހެންވެސް ކުރުން ލާޒިމުކަމެކެވެ.  ހިތުދަސްކުރާބައި ގިނަވާވަރަކަށް މުރާޖަޢާވެސް އިތުރުކުރަންޖެހޭނެއެވެ. މިސާލަކަށް ހިތުދަސްވެފައިވަނީ ތިންފޮތް ކަމުގައިވާނަމަ، ކޮންމެދުވަހަކުވެސް އެއްފޮތް މުރާޖަޢާކުރަން ވާނެއެވެ.  މީގެއިތުރުން މިއަދު ހިތުދަސްކުރިބައި އުސްތާޒަށް ނުވަތަ އެހެންވެސް ގާތްމީހަކަށް ކިޔައިދިނުމުގެ ކުރިން އިއްޔެގެ ފިލާވަޅު މުރާޖަޢާގެ ގޮތުގައި ކިޔައިދިނުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ހިތުދަސްކުރާބައިބައި ގުޅުވާލަން ފަސޭހަވާނީއޭރުންނެވެ.  އިސްވެ ބަޔާންކުރެވުނު ވާހަކަތަކުގެ ޚުލާޞާއަކީ ހިތުދަސްކޮށްފައިވާ ބައިތައް މީހަކަށް ކިޔައިދޭއިރު ތިން ބަޔެއް ކިޔައިދޭން ޖެހޭކަމެވެ. އެއީ:

–  القديم  (ކުރީގެ ދުވަސްތަކުގައި ދަސްކޮށްފައިވާ ބައިތައް)

–   ما قبل الجديد (މިއަދު ދަސްކުރި ބައިގެ ކުރީގައިވާ ޞަފްޙާތައް)

–  الجديد (މިއަދު ހިތުދަސްކުރި ބައި)

ދިގު ސޫރަތްތައް ހިތުދަސްކުރާއިރު ما قبل الجديد ކިޔައިދިނުމުގެ މުހިންމުކަން އިތުރުވެގެންދެއެވެ.

 

ނިންމުން

ޤުރުއާން ހިތުދަސްކުރުމުގެ ދަތުރަކީ ވަރަށް ހީވާގިކަމާއި ކެތްތެރިކަމާއެކު މެނުވީ ނުކުރެވޭނެ ކަމެކެވެ. މިކަމަށް ބޭނުންވަނީ މަތިވެރި ޢަޒުމަކާއި ނުގުޑާފަދަ ސާބިތުކަމެކެވެ. ސާބިތުކަމޭ މިދެންނެވީ ކޮންމެދުވަހަކުވެސް ތިމާ ރާވާފައިވާގޮތަށް އައު ޞަފްޙާތައް ހިތުދަސްކުރުމާއި އަދި ކުރިން ދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރުމެވެ. އެކަމުން ލިބޭ މަތިވެރި އަޖުރު ހަނދާންކޮށް، ޖޯޝާއިއެކު އެމަސައްކަތުގައި ކުރިޔަށްދިޔުމެވެ. ފޮނި ނަތީޖާ ލިބުންވަނީ ހިއްމަތާއިއެކު މިންނެތް މަސައްކަތްކުރާ މީހުންނަށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.

قال رسول الله {صلى الله عليه وسلم} المؤمن القوي خيرٌ وأحب إلى الله من المؤمن الضعيف وفي كل خير احرص على ما ينفعك واستعن بالله ولا تعجز

صحيح مسلم

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. ” (ދުނިޔެއާއި އާޚިރަތުގައި) ތިމާޔަށް ފައިދާލިބޭ ކަންކަންހޯދުމަށް ދަހިވެތިކަމާއިއެކު މަސައްކަތްކުރާށެވެ. އަދި ﷲގެ ވާގިފުޅު އެދޭށެވެ. އަދި ނިކަމެތިވެ ނުގަންނާށެވެ..”

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވާފަދައިން ދުނިޔެއާއި އާޚިރަތުގައި ތިމާޔަށް ފައިދާލިބޭ ކަންކަންހޯދުމަށް ޖޯޝާއިއެކު މިންނެތް މަސައްކަތްކުރާށެވެ. އެކަންކަމުގައި ނިކަމެތިވެނުގަންނާށެވެ.

إذا أنت لم تزرع وأبصرت حاصداً
ندمت على التفريط في زمن البذر

ޢަރަބި ޝާއިރަކު ވިދާޅުވެފައިވެއެވެ. ”ގޮވާންކުރުމުގެ މޫސުމުގައި ތިބާ މުޑުވަށްކޮށް ގޮވާން އިންދާ އެބޮޑުކުރުމަށް ފެންދީ އަދި މިނޫންވެސް މިފަދަ މަސައްކަތްތައް ނުކޮށްހުއްޓާ ގޮވާންކެނޑުމުގެ މޫސުން އައުމުން ރަނގަޅު ގޮވާމެއްނުލިބުމުން ކުރިން ގޮވާންކުރުމުގެ މޫސުމުގައި ފަރުވާކުޑަކުރެވުނުކަމުގެ މައްޗަށް ދެރަވެ ހިތާމަކުރަންޖެހޭނެއެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!