ރަމަޟާންމަހަށް ތައްޔާރުވުމަށް މީދޫ އިސްލާމިކް ފައުންޑޭޝަންއިން ހަރަކާތްތަކެއް ހިންގަނީ

ކުރިއަށް އޮތް ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުންނާއި ދިނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރ މީދޫ އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން އެރަށުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަމުން އެބަދެއެވެ.

މިހަރަކާތްތަކާއި ގުޅޭގޮތުން މީދޫ އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ވާހަކަދެއްކި އަލީ ރަޝީދު ވިދާޅުވީ މިހަރަކަތްތަކުގައި އާންމުންނާއި ސްކޫލް ދަރިވަރުން އަދި ޒުވާނުންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށާއި މިހަރަކާތްތައް ކުރިއަށް ގެންގޮސްދެއްވަނީ އައްޝައިޚް އަލީ ޒައިދު އަދި އައްޝައިޚް ނިމާލު މުހައްމަދު ކަމަށެވެ.

މިހަރަކާތްތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭވަނީ މީދޫ ޖަމިޢިއްޔަތުއް ޞަލާހުގެ އިޖުތިމާޢީ މަރުކަޒުގައި އައްޝައިހް އަލީ ޒައިދު އަދި އައްޝައިހް ނިމާލް މުހައްމަދުގެ ދަރުހެއް ބާއްވާފައެވެ. މި ދަރުސްގެ މަޢުޟޫއަކީ “އަޖުރުން ފުރިގެންވާ މަހަށް މަރުޙަބާ ކިޔާށެވެ.” އަދި ހުކުރުދުވަހު ހެނދުނުވަނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑު 10، 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން “ޢިލްމު އުނގެނުމުގެ މުހިންމުކަން” ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އާއްމުންނަށް ހުޅުވާލައިގެން ސުވާލާ ޖަވާބު ސެޝަނެއްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

މީދޫގެ އިތުރުން، މީދޫ ކައިރި އޮންނަ މީދުއްޕަރު ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ވަނީ ދީނީ ހޭލުންތެރިކުމުގެ ހަރަކާތެއް މީގެ ތެރެއިން ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުންވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މީދޫ އިސްލާމިކް ފައުންޑޭޝަންއިން އިތުރު ހަރަކާތްތަކެއް ދަނީ ރާވަމުން ކަމުގައި އަލީ ރަޝީދު ފާހަގަކުރިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!