މުސްލިމް އަންހެނާއީ……

އިންސާނާ ޚަލްޤުކުރެއްވުމުގައި ދެޖިންސަށްވާނޭ ގޮތުގައި ލެއްވެވި އިިލާހުގެ ކުޅަދުންވަންތަ ކަމާއެވެ. އަންހެނެއްގެ ގޮތުގައި ތިބާ ޚަލްޤު ކުރެއްވެވީތީ ޝުކުރުވެރިވާށެވެ. އަދި ޙާއްސަ ގޮތެއްގައި މުސްލިމް އަންހެނެއްގެ ގޮތުގައި ތިބާ ލެއްވެވި ކަމަށްޓަކައި ތިބާ ހެއްދެވި އިލާހަށް ކޮޅުނެތް ކޮޅަށް ޙަމްދު ކުރާށެވެ. އެހެނީ މުސްލިމް އަންހެނާއީ ޤަދަރުވެރިއެކެވެ. އޭނާގެ ގޭހައި އޭނާއަކީ ރާނީއެކެވެ. އޭނާގެ ބައްޕަގެ ފަރާތުން އޭނާއަސް ރައްކާތެރިކަން ލިބެއެވެ. ފިރިމީހާގެ ފަރާތުން އަޅާލުމާއި ޚަރަދު އަދި ރައްކާތެރިކަން އޭނާއަށް ލިބުން ވާޖިބުވެގެން ވެއެވެ.

ތިބާއީ މުސްލިމް އަންހެނެއްނަމަ ތިބާއީ ނަސީބުވެރިއެކެވެ. އެެހެނީ ތިބާއަށް ކޮންމެ ހާލަތެއްގައިވެސް ރައްކާތެރިކަން ދިނުން ކޮންމެވެސް ފިރިހެނެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަންހެން ދަރިއެއްގެ ގޮތުގައި ވާހިނދު ބައްޕައަކީ ރައްކާތެރިކަމުގެ ފާރެވެ. ބައްޕަ ނެތް ހާލަތެއްނަމަ ތިބާގެ އަޚުންނީ ތިބާގެ ރައްކާތެރިކުރުން އެބައެއްގެ ބޮލުގައި އެޅިފައިވާ މީހުންނެވެ. އެއަށް ފަހު ޒަވާޖުގެ ގޮށް ޖަހައިފިނަމަ ފިރިމީހާއަށް އަނބިމީހާ ރައްކާތެރިކުރުން ވާޖިބުވެގެންވެއެވެ.

މުސްލިމް އަންހެނާއީ މަތިވެރި ދަރަޖައެއްގެ ވެރި ބަޔަެކެވެ. މަންމައެއްގެ ހައިސިއްޔަތުން މާތްކޮށް ހިތައި އިޙްތިރާމް ކުރަންޖެހެއެވެ. އެމަންމައަށް ﷲއަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި މަންމައަށް ކިޔަމަންވެ ބޯލަނބަން ޖެހެއެވެ. އޯގާތެރިވުމުގައި ބައްޕައަށް ވުރެ  މަންމަ ތިން ދަރަޖަ އުފުއްލެވިފައިވެއެވެ. އެމަންމަ އަށް އިޙްސާންތެރިވުން ކޮންމެ ދަރައްކުގެ މައްޗަށް ވާޖިބު ކުރެއްވެވިއެވެ. އެމަންމަގެ ރުޙުމާއި ނުލައި ސުވަރުގެ ނުވަދެއެވެ. މުސްލިމް މަންމައަކީ މަތިވެރި އަންހެނެކެވެ.

އަނތްބެއްގެ ހައިސިއްޔަތުން މުސްލިމް އަންހެނާއީ ރާނީއެކެވެ. އޭނާގެ ގޭގައި އޭނާއަކީ ރަނިކަން ކުރާ ރާނީއެކެވެ. ފިރިމީހާގެ ހިތްހަމަޖެހުމެވެ. ދަރިންގެ އުފަލެވެ. ފިރިމީހާއަށް އަނބިމީހާގެ ހައްޤުތަށް ބަރާބަރަށް އަދާ ކޮށްދޭން ޖެހެއެވެ. އަންހެނާގެ މައްްޗަށް އަނިޔާވެރިވުން ފިރިމީހާގެ މައްޗަށް ޙަރާމް ކުރެއްވިއެވެ. ފިރިހެނާ އަންހެނާ ދޫކޮށްލަން ބޭނުންނަމަ އަނިޔާވެރިވުން ނުވާ ގޮތުގައި އެކަން ކުރުމަށް އިސްލާމްދީނުގައި ބާރުއަޅައެވެ.

މުސްލިމް އަންހެނާއީ ރަންރިހި ޖަވާހިރަށް ވުރެ އަގުބޮޑު ބަޔެކެވެ. އިތާގެ މުތްޖަހައި ޖަރީކުރި ގަހަނާ އަޅައި ޒީނަތްތެރިވަނީ އަންހެނުންނެވެ. އެފަދަ ގަހަނާ އަޅުގަނޑުމެން ރައްކާތެރިކޮށް ފޮރުވައި ހަދަމެވެ. އެގަހަނާއަށްވުރެ އެގަހަނާއިން ޒީނަތްތެރިވާ އަންހެނުން ފޮރުވާ ރައްކާކުރަންޖެހެއެވެ. މުސްލިމް އަންހެނާ ޢަބުރުވެރި ޢިއްފަތްތެރި ރާނީއަކަށް ހަދަނީ އަޅާ ހެދުމާއި އޭނާގެ އަޚްލާގާއި އީމާންތެރިކަމުންނެވެ.

މުސްލިމް އަންހެނާ އިތާމުތަށް ވުރެ އަގުބޮޑެވެ. އިތާގެ މުތަކީ އަގުބޮޑު އެއްޗެކެވެ. އެފޮރުވާ ރައްކާތެރިކޮށްގެން ގެންގުޅޭ އެއްޗެކެވެ. ގެއްލިދާނެތީއެވެ. ބެލުންތަކުން އެއްކިބާ ކުރުމަށެވެ. ބެލުން ތަކުން ނުނިޔަތް ލެވި އަތްދަށު ވިޔަނުދިނުމަށެވެ. މިފަދައިން މުސްލިމް އަންހެނާގެ ހަށިގަނޑަކީ ނުނިޔަތް ލެވި ބެލޭ ބެލުންތަކުން ރައްކާތެރިވެގެން ވާއެއްޗަކަށް ވާންޖެހެއެވެ. މިކަމަށްޓަކައި މުސްލިމް އަންހެނާއަށް ހިޖާބު ފަރުޟުވެގެންވެއެވެ.

ފިނިމެންމާ ރީއްޗެވެ. ނަލައެވެ. ހިތްދަމައި ގަންނަ ރީތި ސިފަ ލިބިގެންވާ ފިނިފެންމާ ވަނީ ރައްކާތެރިކުރެވިފައެވެ. ވަށައިގެންވާ ކަށިތަކުންނެވެ. މުސްލިމް އަންހެނާއަށް މިފަދަ ރައްކާތެރިކަން ލިބިފައިވެއެވެ. އޭނާގެ ހިޖާބެވެ. އެނާގެ މައްޗަށް ރައްކާތެރިވާން އަންގަވާފައިވާ މީހުން އެނާއާމެދު ވާ ރައްކާތެރިކަމެވެ. ކިޔަމަން ގަތް އަޅަކަށް ނަމަ ﷲގެ ޙާއްސަ އިނާޔަތުން ދެއްވާ ރައްކާތެރިކަމެވެ. މުސްލިމް އަންހެނާއީ ފިނިމެންމަލެކެވެ. ރައްކާތެރިކަން ލިބޭ ލިބިދޭންޖެހޭ ރިވެތި ފިނިފެންމަލެކެވެ.

(ނިމުނީ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!