ބޭރުޤައުމުތަކަށް ބިންވިއްކާލުން

ރާއްޖޭއަކީ ސައްތައިން ސައްތަ އަމިއްލަވަންތަ ޘަޤާފަތަކާއި ރިވެތި ކުދިކުދި ޖަޒީރާގެ މައްޗައް ބިނާވެފައިވާ ޤައުމެކެވެ. ރާއްޖޭގެ ބިންތަށް ދިވެހިންނޫން އެހެން ފަރާތަކަށް ލިބުމުން އެއިގެ ސަބަބުން ނޭދެވޭ ގިނަގުނަ އަސަރުތަކެއް ކުރާނެކަން ކަށަވަރެވެ.

އެގޮތުން ރާއްޖޭގެ ބިމެއް ބޭރުޤައުމުގެ ފަރާތަކަށް ނުވަތަ ކުންފުންޏަކަށް ވިއްކާލުމުން އެއީ ރާއްޖެ އަޅުވެތި ވެގެންދާނެކަމެކެވެ. ތާރީޚީ ހެކިތަކަށް ބަލާއިރު ފަލަސްތީނުފަދަ ޤައުމުތަށް އިސްލާމްދީނުގެ އަދާވާތްތެރިންގެ އަތްދަށަށް ދިޔައީ މިފަދައިންކަން ފާހަގަކުރެވެއެވެ. ވިޔަފާރީގެ ނަމުގައި އެޤައުމަށް ޔަހޫދީން ޒިޔާރަތްކޮށް އެތަނުގެ ބިންތަށް ގަތުމުގެ ނަތީޖާއަކަށްވެގެންދިޔައީ އެގައުމުގެ ސިޔާދަތާއި އިސްތިޤުލާލު ނަގާލެވި އެޤައުމުގެ އަހުލުވެރިން އަޅުވެތިވުމެވެ.

ރާއްޖޭގެ ބިންތަށް ބޭރުޤައުމުތަކަށް ވިއްކާލުމުގެ ސަބަބުން ޤަނޫނީގޮތުން ދިވެހިރައްޔިތުންނަށް ލިބިދާނެއެންމެ ބޮޑުގެއްލުމަކީ ކޮބައިތޯ ވިސްނާލަންޖެހެއެވެ. ޤައުމެއްގެ ބިމެއް ގަންނަ ފަރާތަކަށް އެފަރާތަކުން އެބިމެއް ގަތުމުގެ މަޤްސަދު ހާސިލުކުރުމަށް އެޅޭ ކޮންމެ ހުރަހަކީ ބައިނަލް އަޤުވާމީގޮތުންވެސް ކުށެއްކަމުގައި ބެލެވޭނެކަން ފާހަގަކުރަމެވެ. މިސާލަކަށް ދަންނަވަނީނަމަ ރާއްޖޭގެ ބިމެއް ބޭރުޤައުމެއްގެ ކުންފުންޏަކަށް ވިއްކާލުމުން އެކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް އެބިމުން މަންފާލިބޭނެ ގޮތުގެ މަތިން ހިއްސާވެސް ވިއްކާލެވިދާނެއެވެ. އެގޮތުން އަވަށްޓެރި ޤައުމެއްގެ ކުންފުންޏަކަށް ބިންވިއްކާލުމުން އެކުންފުނީގެ ބޯޑުން އެކުންފުނީގެ ހިއްސާ ވިއްކުމަށް ޤަސްދުކޮށް އެކުންފުނީގެ ހިއްސާ ވިއްކުމުން އެކުންފުނީގެ އެންމެހައި ރައުސުލް މާލުންވެސް އެފަރާތްތަކަށް ބައިއެޅޭގޮތަށް ހަމަޖެއްސިދާނެއެވެ. އެގޮތުން 20 ފަރާތެއްގެ ޒިންމާގައި އުފެއްދިފައިވާ ކުންފުންޏަކުން ރާއްޖޭގެ ބިމެއް ގަތުމުން އެކުންފުނިން އެކުންފުނީގެ ހިއްސާދާރުންނަށް އެބިމުގެ ހިއްސާވެސް ވިއްކާލެވިދާނެއެވެ. އަދި އެކަމަށް ހުރަސް އެޅޭނެ އެއްވެސް ޤަނޫނެއް އުފެދިފައިނުވެއެވެ. އެއިގެ އިތުރުން ބިންގަންނަ ޤައުމެއް ނިސްބަތްވާ ކުންފުންޏަކުން ކުރާވިޔަފާރީގެ މުޢާމަލާތެއް ހިމާޔަތް ކުރުމަކީ އެކުންފުންޏެއް ނިސްބަތްވާ ސަރުކާރުގެވެސް ޒިންމާއެކެވެ. ނުވަތަ އެކުންފުންޏެއްގެ ހިއްސާއެއް ސަރުކާރުން ގަތުމުން އެކުންފުނީގެ ރައުސުލް މާލުގެ ތެރޭގައި ހިމެނޭ އެންމެހައި ތަކެއްޗެއްގެ މައްޗައް ސަރުކާރުގެ ބާރުވެސް ހިނގާނެކަން ކަށަވަރެވެ. ބައިނަލް އަޤުވާމީގޮތުންވެސް މިކަންތައް އޮންނަނީ މިފަދައިންނެވެ.

ދޭދޭ ޤައުމެއްގެ ދޭތެރޭގައި ކުރެވޭ ކޮންމެ ވިޔަފާރިއަކީ ބައިނަލް އަޤުވާމީ ޤާނޫނު އެދޭދޭ ޤައުމެއްގެ މައްޗައް ތަންފީޛު ކުރެވޭނެ ޤާނޫނެކެވެ. އިސްލާމްދީނުގެ އަދާވާތްތެރިންނަކީ އެއްމިއްލަތެކެވެ. މުސްލިމުންނަށް ގެއްލުން ދިނުމަށް އެކަކު އަނެކަކަށް ބައިވެރިވެ ވާގިވެރިވާނެކަމަކީ ކައުމުސްތަފާގެ ސުންނަތުންވެސް ސާބިތުވާ ހަޤީގަތެކެވެ.

ދިވެހިރާއްޖޭގެ ބިމެއް ގަތުމަށް ފަހުގައި އެބިން ނިސްބަތްވާ ކުންފުނީގެ ހިއްސާދާރުންނަށް އެތަނުގައި ދިރިއުޅުމަށް ފުރުސަތު ދޭން ބޭނުންވެއްޖެ ހާލަތެއްގައި އެފުރަސަތު ފަހިކޮށްދިނުމަކީ  އެއިރެއްގައި ދިވެހިރާއްޖޭގެ ޤާއިމް ވެފައި އޮންނަ ސަރުކާރަށްވެސް ލާޒިމްކަމެއްކަމާއި ، އެކަމަށް ހުރަސް އެޅޭހާލަތްތަކުގައި ބައިނަލް އަޤުވާމީ ފެންވަރުގައި އެހުރަސްތައް ނައްތާލުމަށް ކޮންމެ ފަދަ ފިޔަވަޅެއް އެޅުމުގެ ބާރުލިބިގެންވާކަން ފާހަގަކުރަމެވެ. ބިމެއް ވިއްކާލުމަށް ފަހުގައި އެބިމުގައި ކުރެވޭނެކަންތައް ތަކާއި ، ނުކުރެވޭނެ ކަންތައް ޝަރުޠު ނުކުރެވޭނެކަން އިސްލާމީ ޝަރީޢަތުންވެސް އެނގެން އޮވެއެވެ. ވިއްކާލެވޭ ކޮންމެ އެއްޗެއްގެ މިލްކުވެރި ފަރާތަކީ އެގަންނަ ފަރާތެވެ. ގަންނަފަރާތުން ބޭނުން ކޮންމެ ގޮތެއްގައި އެތަޞައްރުފް ކުރުމުގެ އިޚްތިޔާރު ލިބިގެންނުވާނަމަ އެވިއްކުމަކީ އިސްލާމީ ޝަރީޢަތްވެސް ޤަބޫލުކުރާ ވިއްކުމެއްކަމުގައި ނުބެލެވޭނެއެވެ. ގަނެވިއްކުމުގެ ޤާނޫނުތަށްވެސް މިކަމަށް ތާއިދުކުރާކަން ފާހަގަކުރަމެވެ. މިސާލަކަށް ރާއްޖޭގެ ބިމެއްގަންނަ ކުންފުންޏެއްގެ ހިއްސާދާރުން ރާއްޖޭގައި ދިރިއުޅެން ބޭނުންވެއްޖެ ހާލަތެއްގައި އެފަދަ ފުރުސަތު ފަހިކޮށް ދިނުންނޫން އެހެން ގޮތެއް  ނޮއޮންނާނެއެވެ. އެތަނެއްގައި ދިރިއުޅޭ ބަޔަކަށް އެމީހުން ބޭނުންވާ ކަންތައް ފޯރުކޮށް ނުދެއްވައިފިނަމަ ބިމުގެ ބޭނުން ނުހިފޭކަމުގެ ޝަކުވާ ބައިނަލް އަޤުވާމީފަރާތްތަކަށް އުފުލުމުގެ ބާރުލިބިގެންވެއެވެ. އެތަނެއްގައި ދިރިއުޅޭ ބަޔަކު ވިޔަފާރި ކުރުމާއި އާމްދަނީ އިތުރު ކުރުމަށް ނުވަތަ ކުންފުނީގެ ރައުސުލް މާލު އިތުރު ކުރުމަށް ކުރާއެއްވެސް މަސައްކަތަކަށް ހުރަސް އެޅިގެންނުވާނެއެވެ. އެބިންގަނެފައިވާ ކުންފުނިން އެބިމުގެ ބޭނުން ހިފައި ރާއްޖޭގެ އިންޕޯޓް މާރކެޓަކަށް ހަދަން ބޭނުންވެއްޖެ ހާލަތެއްގައި ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގެ ކުންފުނިތަކަށް ރާއްޖެއިން ބޭރުންލިބޭ އަގަށްވުރެ ކުޑައަގެއްގައި ލިބޭނެ އިންތިޒާމެއްވެސް އެބިން ގަނެފައިވާ ކުންފުންޏައް ހަމަޖެއްސިދާނެއެވެ. އެހެނީ ބިންގަންނަ ކުންފުނި ނިސްބަތްވާ ޤައުމަކުން އުފައްދާ އުފެއްދުން ދިވެހިކުންފުނިތަކަށް ވިއްކާ މިންވަރަށްވުރެ ކުޑައަގެއްގައި އެބިންގަންނަ ކުންފުނި ނިސްބަތްވާ ޤައުމެއްގެ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏައް ނުވަތަ އެޤައުމެއްގެ ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރާބަޔަކަށް ދިނުމަކީ ދުރުކަމެއްނޫނެވެ. އެގޮތުން އެބިންގަންނަ ޤައުމަކުން ރާއްޖެއަށް އެތެރެކުރާ މުދާ ނުވަތަ ދިރިއުޅުމުގެ އަސާސީ ބޭނުމަށް ބޭނުންވާ ތަކެތީގެ މާރކެޓެއް ހުޅުވާ އެތަނުގެ މަސައްކަތް ކުރާ އެންމެހައި ފަރާތްތަކަކީ އެކުންފުނި ނިސްބަތްވާ ޤައުމުގެ ރައްޔިތުންނަށް  ފަރާތްކަމުގައިވެއްޖެ ހާލަތެއްގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބޭއަގުތަކަށް ވުރެ ހެޔޮއަގުގައި ދިނުމުން ރާއްޖޭގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ މުޅި އެންމެންގެ ކޮންޓްރޯލް އެކުންފުންޏަކަށް ލިބިގެން ދިޔުމަކީ އެކަށީގެންވާކަމެކެވެ.

ކުންފުނިން ގަނެފައިވާ ބިމެއްގައި ދިރިއުޅޭ ފަރާތްތަކުން ވަކިމުއްދަތެއްވަންދެން ދިވެހިރާއްޖޭގައި އުޅުމުން އެބައިމީހުންނަށް ރާއްޖޭގެ ރައްވެއްސަކަށް ވުމުގެ ބާރުލިބެންޖެހެއެވެ. އަދި އެއިގެ ޝަރުތެއްގެ ގޮތުގައި ވަނީ އިސްލާމަކަށް ވުން ކަމުގައިވަނީ ނަމަ ، ޝަހާދަތުގެ ދެކަލިމަ ކިޔުމުން އެކަންވެސް ފުރިހަމަވެދާނެއެވެ. ނުވަތަ އެނޫން ގޮތެއް ބޭނުންވާ ހާލަތްތަކުގައި މުޅިރާއްޖޭގެ ކޮންޓްރޯލް އެބަޔެއްގެ ބެލުމުގެ ދަށަށް ދާހާލަތެއްގައި ރާއްޖޭގެ ޤާނޫނު އަސާސީވެސް ބަދަލުކުރުމަކީ ދުރުކަމެއްނޫނެވެ. މީގެ އިތުރުން އެކުންފުނިން ނިސްބަތްވާ މީހުން ދިވެހިންގެ ގޮތުގައި ވުމުން އެމީހުންނަށް ސަރުކާރުން ވަޒީފާ ދިނުމާއި ، އަދި މަޖްލީސް މެންބަރުކަމާއި ، ސިޔާސީ ނުފޫޒުގަދަ މަޤާމަށް ކުރިމަތިލުންވެސް އެކަށީގެންވެއެވެ. އަދި އެމީހުންގެ ކުންފުނީގެ ފައިދާއަށް އެފަދަ ފަރާތްތަކުގެ ގޮނޑިކާމިޔާބު ކުރަން ބޮޑެތި ހޭދަކޮށް އެގޮނޑިކާމިޔާބް ކުރުމުން ރާއްޖެއަޅުވެތި ވުމަކީ ދުރުކަމެއްނޫނެވެ.

ރާއްޖެއަކީ ކުދި ކުދި ޖަޒީރާ ޤައުމަކަށްވެފައި ރާއްޖޭގެ އާބާދީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު ރާއްޖޭގެ ދިރިއުޅެމުންއަންނަ ރާއްޖޭގެ އަހުލުވެރިންނަށް ރާއްޖޭގެ ބިމުގެ ދަތިކަން ތަހައްމަލް ކުރަންޖެހި ،  ބިންހިއްކުމަށް ބޮޑެތި މަޝްރޫޢުތަށް ފައްޓަވާފައިވާއިރު ރާއްޖޭގެ ބިމުން އަކަފޫޓެއްގެ މިންވަރުވެސް ދެވަނަ ފަރާތަކަށް ވިއްކާ ރާއްޖޭގެ ސަތަހައިގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކަށް ރާއްޖޭގެ ޤާނޫނު ނުހިނގާ ގޮތަށް ޤާނޫނު ފާސްކުރުމަކީ ރާއްޖޭގެ ރައްޔިތުން އަޅުވެތިވެގެން ހިނގައިދާނެ ވަސީލަތެއްކަން ދެކެމެވެ.

ކުޑަބިންކޮޅަކުން މުޅިގައުމު އަޅުވެތި ކުރެވި ދިވެހިންގެ ދިވެހިވަންތަކަން ގެއްލި އަޅުވެތިވެދާނެތީ ދުރުވިސްނޭ މުފައްކިރުންގެވިސްނުމަކީ އަސްވިއްކި ނަމަވެސް ލަގަން ނުވިއްކުމެވެ.

 

 

 

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!