ސިޔާސީ ފަސާދަ (ހަތްވަނަ ބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.


އިސްވެ ދެންނެވުނު ނާތަހުޒީބު ސަގާފަތް ވޭތުވެދިޔަ ޤަރުނާއި ހަމައިން ވަނީ ނިމިގެން ގޮސްފައެވެ. އަޅުގަނޑުމެންގެ ބައެއް ޤައުމުތަކުގައި ބައެއް އަންހެނުން އެއްގޮތަކަށް ވެސް މިސްކިތަށް ނަމާދަށް ނާރައެވެ. އަދި ބައެއް ރަށްރަށުގައި އަންހެނުން ވަނީ ތަޢްލީމު އުނގެނުމުން މަޙްރޫމް ކުރެވިފައެވެ. މުދައްރިސާއެއްގެ ގޮތުގައި ވެސް މަސައްކަތެއް ނުކުރެވެއެވެ. މަދު ފަހަރެއްގައި ނޫނީ ކައިވެނީގައި އެ ކަނބަލުންގެ ރުހުން އޮތްތޯ ނުވަތަ ނޫންތޯ ވެސް ބަލާ ނުލެވެއެވެ. ވާރުތަމުދަލުން އޭނާއަށް ލިބެންޖެހޭ ބައި ނުޙައްޤުން އަތުލައިގަނެވެއެވެ. ފިރިހެންކުއްޖަކު މަގުން އެއްކިބާ ވެގެން ދިޔަ ކަމުގައި ވީނަމަވެސް ގިނަ ފަހަރަށް އެއީ މާ ބޮޑު ކަމަށް ނުބެލެވެއެވެ. އެހެނަސް އަންހެންކުއްޖަކު ކުޑަކޮށް ވެސް މަގުން ކަސިޔާރުވެގެން ހިނގައްޖެ ނަމަ އޭނާގެ އަދަބަކީ ޤަތުލުކުރުމެވެ. އާދޭހެވެ. އަންހެނާއަށް ވެސް އޭނާގެ ކުށާއި އެކަށީގެންވާ އަދަބު ދެވެންޖެހޭނެ ކަމަށް އަޅުގަނޑު ވެސް އެއްބަހެވެ. އެހެނަސް، އަންހެނާ އާއި ދެކޮޅަށް ހިނގޭ ޤަބޫލުނުކުރެވޭ މިފަދަ ގިނަ ޢަމަލުތަކަކީ ޙަޤީޤަތުގައި ވެސް އިސްލާމްދީނަށް ނިސްބަތްވާ ޢަމަލުތަކެއް ހެއްޔެވެ؟ ނޫނެކެވެ. މިކަަމުން އިސްލާމްދީން ބަރީއަވެގެންވާކަންް ﷲ ތަޢާލާ ދެނެވޮޑިގެންނަވައެވެ. ހަމައެފަދައިން، ޔޫރަޕާއި އެމެރިކާ ފަދަ ޤައުމުތަކުގައި ހިންގޭ ޖިންސީ ހަޑިމުޑުދާރު ޢަމަލުތަކަކީ ވެސް އިސްލާމްދީން އެކަންކަމުން މުޅިން ބަރީއަވެގެންވާ ކަންކަމެވެ. މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ. ނަމަވެސް އިސްލާމްދީނަށް ނިސްބަތްވާ ބައެއްމީހުން އަންހެނާ އާއި މެދު ހިންގޭ މިފަދަ ޖަރީމާތަކާއި މެދު ރުހި ޤަބޫލުވެއެވެ. މި ޙާލަތު ބަދަލުކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތެއް ނުކުރެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގައި އަޅުގަނޑު ދިން މުޙާޟަރާއެއްގައި، އަންހެނާގެ މޫނާއި އަޑަކީ ޢައުރަ ނޫން ކަމުގައި ބުނެގެން އަޅުގަނޑާއި ދެކޮޅަށް މުޒާހަރާ ކުރި ހަނދާން އަޅުގަނޑު އެބަހުއްޓެވެެ. އޭގެ ތެރެއިން ކުއްޖަކު އޭނާގެ އެކުވެރިޔާއާއި މުޚާޠަބުކޮށް އަޅުގަނޑާއި ދިމާލަށް ބުނި އަޑުއެހީމެވެ. މި މީހާއާއި މެދު އަހަރުމެން ކުރިން ވެސް ހީކުރި ހީކުރުން ހަމަ ރަނގަޅެވެ. މީނާއަކީ ހަމަ ޤާސިމްއަމީންގެ ނުބައިކަމުން ބައެކެވެ. اﷲ ގަންދީ ބުނަމެވެ. އަޅުގަނޑަކީ اﷲ ތަޢާލާގެ ދީނުގެ ކަންކަމުގައި ފަރުވާކުޑަކޮށްފައިވާ މީހެއް ނޫނީމެވެ. އެއާއި ޚިލާފަށް އަޅުގަނޑަކީ، އިސްލާމްދީނުގެ އުޞޫލުތަކާއި ހަމަތައް ނުދަތުމާއި، ފަރުވާ ކުޑަކުރުމާއި މެދު، އޯގާތެރިކަމާއި ހަމްދަރުދީގެ ލޮލަކުން، އެ ދީނުގެ އެހާރާއި މިހާރާއި މެދު ބަލާ ފުންކޮށް ވިސްނާ މީހަކީމެވެ. 1399ހ. ގައި އޮސްޓްރޭލިޔާގައި ބޭއްވުނު، އިސްލާމްދީނާއި، ނަޞާރާދީނުގެ ޢިލްމުވެރިންގެ ސެމިނާރެއްގައި ހިނގައިދިޔަ ޙާދިސާއެއް، އަޅުގަޑު ތިޔަ ކިޔުންތެރިންނާއި ޙިއްސާކޮށްލާނަމެވެ. މިވާހަކަ ވިދާޅުވެދެއްވީ ފެކަލްޓީ އޮފްް ޝަރީޢާ އިސްލާމިއްޔާގެ ހަޔަރ އެޑިޔުކޭޝަން އިން އެރެބިކް ޑިޕާރޓްމަންޓުގެ ރައީސް ޑރ. ޙަސަން ބާޖޫދާއެވެ. އޭނާ ވިދާޅުވިއެވެ. އަޅުގަޑު ސެމިނަރ ހޯލްތެރެއަށް ނަޒަރު ހިންގާލި ހިނދު، މޫނުން ފެށިގެން ފައިތިލައާއި ހަމައަށް ނިވާކޮށްގެން ހުރި މީހަކު ފެނުނެވެ. މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑުން ދެލޮލަށްވާ ބަޔަށް ދެލޯވަޅު އަޅާފައި ހުއްޓެވެ. އެ ހިނދު އަޅުގަޑު ދެންނެވީމެވެ. މިއީ ކޮންކަމެއް ހެއްޔެވެ. އެތާންގައި ތިބި ބަޔަކު ދެންނެވިއެވެ. އެއީ ނަޞާރާދީނުގެ އަންހެނެކެވެ. އޭނާ އިސްލާމީ ޝަރްޢީ ހެދުން އަޅައިގެން އައިސް އެހުރީ އިސްލާމްދީނާއި ދެކޮޅަށް އެއިން ޙުއްޖަތް ދެއްކުމަށްޓަކައެވެ. އޮސްޓްރޭލިޔާގައި އިސްލާމްދީން ފެތުރިއްޖެނަމަ، އެތާނގެ އަންހެނުންނަށް ދަތިއުނދަގޫތަކާއި ކުރިމަތިލާންޖެހޭނެކަމާއި، އިސްލާމްދީނުގައި އަންހެނާގެ ޙައްޤުތަކަށް އަރައިގެންފައިވާކަން ދައްކައި އިސްލާމްދީނާއި ދެކޮޅަށް ޙުއްޖަތް ދެއްކުމަށްޓަކައެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި އިސްލާމީ ޙިޖާބަކީ މުސްލިމް އަންހެނާގެ ޝަރަފް ރައްކާތެރިކޮށްދޭ އެއްޗެކެވެ. “މިނިކާ ލޯތަކުން” އެކަނބަލުން ސަލާމަތްކޮށްދޭ އެއްޗެކެވެ. އެކަނބަލުންނަކީ، އެއްވެސް ޙާލެއްގައި، ދީނާއި މެދު އިހްމާލުވެފައި ތިބޭ މީހުން އެ ސިފަކުރާ ފަދަ ބައެއްނޫނެވެ. އަދި އެހެން ވާހަކައެއް ވެސް ޙިއްސާކޮށްލާނަމެވެ. ލަންޑަނުގައި ތިބި ވަފުދެއްގެ ބޭފުޅަކު އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ. އިނގިރޭސިވިލާތުގެ މީހަކު، އެބޭފުޅާގެ އަރިހުގައި އޭނާ އިސްލާމްވާން ބޭނުންކަމުގައި ބުނިކަމަށާއި އެހެނަސް އިސްލާމްވުމަށްޓަކައި އޭނާގެ އަންހެނުންނާއި އެކު އޭނާ ދާނީ ފައްޅިއަކަށް ކަމަށް ވެސް ބުންޏެވެ. އޭނާ ބުނިކަމުގައި އެ ބޭފުޅާ އިތުރަށް ވިދާޅުވިއެވެ. އިސްލާމްވާން އަހަރެންގެ އަންހެނުން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. މުސްލިމުން އެކަނބަލުން މިސްކިތަށް ވަނުން ހުއްދައެއް ނުކުރަމުއެވެ. އެހެންވެ މުޅި ހަފްތާ ވެސް އޭނަ ހޭދަކުރީ މިސްކިތަށް ނުވަދެއެވެ. އެ ބޭފުޅާ އެ ވިދާޅުވި، ވާހަކަތައް އަޑު އިވުމުން އަޅުގަނޑު ދެންނެވީމެވެ. އޮސްޓރޭލިޔާ އާއި އިނގިރޭސިވިލާތުގައި އެ ހިނގާދިޔަ ކަންތަކަކީ ބައެއް މުސްލިމުންގެ މައްޗަށް އޮތް ޙުއްޖަތަކަށް ވެދާނެއެވެ. އެހެނަސް އެއީ އިސްލާމްދީނާއި ދެކޮޅަށް އޮތް ޙުއްޖަތެއް ނޫނެވެ. އެހެނީ ކީރިތި ޤުރްއާނުގައި ވެސް މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ވެސް އަންހެނާގެ މޫނު ފޮރުވުން ނުވަތަ ނިވާ ކުރުމަކީ ވާޖިބު ކަމެއްކަމުގައި އައިސްފައި ނެތެވެ. އަދި ހަމަ އެހެންމެ މި ދެ މަޞްދަރުންކުރެ މަޞްދަރެއްގައި އަންހެނުން މިސްކިތަށްވަނުން މަނާކުރައްވާފައި ވެސް ނެތެވެ. އަދި އެ މަޛްހަބުތަކުގެ އިމާމުންގެ ޢިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވާ ހަތަރު އިމާމުންގެ ފަރާތުން ވެސް މިއިން ކަމަކަށް ޤުރްއާނާއި ސުންނަތުން ދަލީލު ލިބޭ ކަމުގައި ބަޔާން ވެފައި ނެތެވެ. މާލިކީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އަލްއިމާމް އައްޝަންޤީޠީ، އެއްދުވަހަކު މިސްކިތުގައި ދަރުސް ދެއްވަމުން ވިދާޅުވެފައި ވެއެވެ. ” އަލްއިމާމް މާލިކް ބިން އަނަސް ވިދާޅުވެއެވެ. އަންހެނާގެ މޫނަކީ ޢައުރައެއް ނޫނެވެ. އަޅުގަނޑު އެކަމާއި ދެކޮޅެވެ. އަންހެނާގެ މޫނަކީ ޢައުރައެވެ. ” އަންހެނާގެ މޫނަކީ ޢައުރަ ނޫން ކަމުގައި ވިދާޅުވަނީ ހަމައެކަނި އިމާމް މަލިކް އެކަންޏެއް ނޫނެވެ. އިމާމް އަޙްމަދު ބިން ޙަންބަލްގެ އަރިހުން އައިސްފައިވާ އިތުބާރު ކުރެވެންނެތް ރައުޔެއް ފިޔަވައި ހަތަރު މަޛްހަބުގެ އިމާމުން ވެސް އެފަދައިން ވިދާޅުވެއެވެ. އެހެނީ އިމާމް އަޙްމަދު ބިން ޙަންބަލް އެކަލޭގެފާނުގެ މަޛްހަބުގައި  ކަނޑައެޅިފައި އޮތް ގޮތާއި ޚިލާފަށް (ޙަންބަލީ މަޛްހަބުގެ ގިނަ ދަންބޭކަލުން އަންހެނާގެ މޫނަކީ ޢައުރަ ނޫން ކަމުގައި) ވިދާޅުވެފައި ވާތީ އެކަލޭގެފާނުގެ އަރިހުން އައިސްފައިވާ އެ ބުނުމަކީ އިތުބާރުކުރެވޭ ބުނުމެއްކަމުގައި ނުބެލެވޭތީއެވެ.

(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!