ވަގުންގެ ކިބައިން ވައިފައި ރައްކާތެރިކުރާނެ ގޮތް

ސްމާޓް ފޯނުތަކެވެ. ސްމާޓް މީހުންނެވެ. ސްމާޓް ޚިދުމަތްތަކެވެ. ޢާންމު ޚިދުމަތްދޭ ތަންތަނާއި، އޮފީސްތަކާއި ގެތައް ވައިފައި ކުރެވިއްޖެއެވެ. ދެން ވާންފެށީ މާ ދެރަ ގޮތެކެވެ. ފައިބަރ ޕެކޭޖުގެ ކޮޅު ގެއަށް ވައްދައިގެން ޕެކޭޖް އައުކޮށްލިތާ ދެވަނައަށްވީދުވަހު އާދަޔާޚިލާފަށް ސްޕީޑު ދަށްވީއެވެ. ޚިދުމަތްދޭ ފަރާތަށް ގުޅުމުން އެނގުނީ، އެއީ ކަނޑައެޅިފައިވާ ލިމިޓް ހުސްވުމުގެ ސަބަބުން އައި ބަދަލުކަމެވެ. އައިސްފައި ހުރި ރުޅިވެސް ބިރުން ދުވެ ރައްކާވާހާވިއެވެ. ޔަގީނުންވެސް އެނގޭކަމަކީ އެއާ ގާތަށްވެސް ގޭތެރެއިން އިންޓަރނެޓް ބޭނުން ނުކުރާކަމެވެ. މިވީ ކިހިނެއްހެއްޔެވެ؟

ގެ ވައިފައިކުރުމާއެކު ވަގުންނަށް އޮންނަ ފުރުޞަތު އެތައް ގުނަޔަކުން އިތުރުވެއެވެ. ގެޔާ ޖެހިގެން ހުންނަ ހިސާބަށް ވައިފައި ސިގްނަލް ރަނގަޅަށް ލިބޭނަމަ އަދި ވަކީންބޮޑަށް ނުރައްކާވީއެވެ. މިކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން ބަޔާންކޮށްދިނުމަކީ މި ލިޔުމުގެ މައިގަނޑު ބޭނުމެވެ. އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދުނިޔޭގައި މުސްތަޙީލުކަމެއް ނުވެޔޭ ބުނާ ބުނުމެވެ.

ނެޓްވޯކުގެ ނަން ބަދަލުކޮށްލާ!

އާންމުކޮށް ވަޔަރލެސް ރައުޓަރެއް ގަންނައިރު އޭގައި ހުންނަ ސަރވިސް ސެޓް އައިޑެންޓިފަޔަރ (އެސް.އެސް.އައި.ޑީ – SSID) ފެންނަ މީހަކަށް، އެއީ ކޮން ބްރޭންޑެއްގެ ކޮން ކަހަލަ ރައުޓަރެއްކަން ދެނެގަންނަން ވަރަށް ފަސޭހަވާނެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ވައިފައިގެ ނަން ބަދަލުކޮށްލާށެވެ. މިހެން ހެދުމުން ކުރިން ދެންނެވުނުހާ ފަސޭހައިން ރައުޓަރުގެ ވައްތަރު ހޯދައިގަތުމަށް އުނދަގޫވާނެއެވެ.

އެންކްރިޕްޝަން އެކްޓިވޭޓް ކުރުން

ރައުޓަރުގެ ސެޓިންގްސް އަށް ވަދެ ސެކިއުރިޓީ އޮޕްޝަން ހޯއްދަވާށެވެ. އެއަށްފަހު WPA2 Personal (ބައެއް ރައުޓަރުގައި WPA2-PSK) ނަންގަވާށެވެ. އެ އިޚްތިޔާރު ރައުޓަރުގައި ދީފައި ނެތްނަމަ WPA Personal ނަންގަވާށެވެ. (ނަމަވެސް މިފަދަ ޙާލަތެއްގައި WPA2 Personal އިޚްތިޔާރު ލިބޭ ރައުޓަރެއް ހޯއްދެވުން ބުއްދިވެރިއެވެ.) އެންކްރިޕްޝަން ޓައިޕްގެ ގޮތުގައި AES ނަންގަވާށެވެ. އެއަށްފަހު ޕާސްވޯޑް ޖަހަން އެރުމުން، އެހެން މީހުންނަށް ފަސޭހައިން ލަފާކޮށްލަން ނޭނގޭކަހަލަ، ސިމްޕަލް އަކުރާއި ކެޕިޓަލް އަކުރު، އަދި ހިސާބު ޢަދަދާއި ކެރެކްޓަރ ބޭނުންކޮށްގެން ނިކަން އުނދަގޫ ޕާސްވޯޑެއް ޖަހާށެވެ. މިއީ ވައިފައި ނެޓްވޯކަށް ޑިވައިސްއެއް ކަނެކްޓް ކުރުމަށް ބޭނުންކުރަންޖެހޭ ޕާސްވޯޑެވެ. އެހެންކަމުން އުނދަގޫކަމުންގޮސް ދެވަނަ ފަހަރު ޖަހަން ނޭނގޭ ވަރުގެ ޕާސްވޯޑެއް ނަމަނަމަ ނުޖަހައްޗެވެ.

ފަޔަރވޯލް އެކްޓިވޭޓް ކުރުން

މިހާރުގެ ގިނަ ރައުޓަރުތަކުގައި އެއާއެކު ހުންނަ ފަޔަރވޯލް ހުރެއެވެ. ކުރަންޖެހޭހާވެސް ކަމަކީ ސެޓިންގްސް އަށް ވަދެ، ފަޔަރވޯލް އޮޓަމެޓިކްކޮށް ނެތްނަމަ އެކްޓިވޭޓްކޮށްލުމެވެ. SPI ނުވަތަ NAT ގެ ނަމުގައިވެސް ބައެއް ރައުޓަރުތަކުގައި ހުރެދާނެއެވެ. ކުޑަކުޑަ ކަމެކޭ ހީވިޔަސް މި ފާރަކީ ވަގުން ތިޔަ ގޭގެ އިންޓަރނެޓް ބޭނުންކުރުމަށް އެޅޭނެ ބޮޑު ހުރަހެކެވެ.

ނެޓްވޯކުގެ ނަން،  އެހެންމީހުންނަށް ނުފެންނަގޮތް ހެދުން

މިހެން ހެދުމުން ހުއްދަ ނުދޭ ޑިވައިސްތަކަށް ތިޔަގޭ ވައިފައިގެ ނަންވެސް ފެންނާކަށް ނުހުންނާނެއެވެ. ގޭގެ ކޮންމެ މީހެއްގެ ފޯނާއި ލެޕްޓޮޕްގައިވެސް ޖެހޭނީ SSID އަދި ޕާސްވޯޑް ވަކިވަކީން ޖަހާށެވެ. އުނދަގޫ ކަމެއް އެހެންނޫންތޯއެވެ؟ ދެން އަދި ހުއްދަ ނެތް، ވަގުންނަށް މާ އުނދަގޫވާނެނޫންހެއްޔެވެ؟ ހާސްނުވާށެވެ! އެއްފަހަރު ޖެހުމަށްފަހު އޮޓޮމެޓިކުން ކަނެކްޓްވާގޮތް ހެދީމާ ދެން އިރުކޮޅުކޮޅުން ޕާސްވޯޑް ޖަހާކަށް ނުޖެހޭނެއެވެ. މިހެން ހެދިނަމަވެސް ފަހުގެ ބައެއް ޑިވައިސްތަކަށް، ”ވަސް ބަލައިގެން“ އެ ސަރަޙައްދުގައި ވައިފައި ހުރިކަން އެނގޭނެއެވެ. އެހާ ފަސޭހައިން ނަން ފެންނާކަށް ނުހުންނާނެއެވެ. ކުރުކޮށްބުނާނަމަ މިހެން ހެދުމުން ވައިފައި ކެމަފްލާޖް ކުރެވުނީއެވެ. ވަރަށް މަސައްކަތުން ނޫނީ ނޭނގޭނެއެވެ.

ވައިފައި ސިގްނަލް ލިބޭ ރޭންޖް ދަށްކޮށްލުން

މިހާރު ވިއްކަންހުންނަ ގިނަ ރައުޓަރުތަކުގައި އޭގެ ރޭންޖް ފޯރާ ހިސާބު ބަދަލުކުރެވެން ހުރެއެވެ. ރައުޓަރުގެ ފަހަތުގައި ނުވަތަ އަރިމަތީގައި އޮބާލާގޮތަށް ހުންނަ ފިތެއްގެ ޒަރީއާއިންނެވެ. ތިޔަ ގެއަށް ލާފައިހުރި ވައިފައި ގޭގެ ހުރިހާ ކޮޓަރިއަކާއި ސިޓިންގ ރޫމަށް ލިބޭވަރުވުމުން ފުދޭނަމަ، ދެން ވަށައިގެންހުރި ގެތަކާއި، ކުރިމަތީގައި ތިޔައޮތް ޕާކިންގ އޭރިޔާއަށް ލިބޭވަރަށް ދޫކޮށްފައި ހުރުމުގެ ބޭނުމެއް ނެތެވެ. އެއީ ސައިކަލުގައި އައިސް މަޑުކޮށްލާ މީހަކަށް ރަނގަޅަށް ލިބޭވަރަށް ދޫކޮށްފައިހުރިނަމަ ނުރައްކަލަށް ހުށަހެޅުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ދެދުވަހުން އަނެއްކާވެސް ޕެކޭޖް ހުސްވެދާނެއެވެ.

މީގެ އިތުރުންވެސް، މެކް އެޑްރެސް ބަދަލުކުރުމާއި، ޑީ.އެޗް.ސީ.ޕީ ޑިސޭބަލްކުރުންފަދަ ކަންކަމުންވެސް ވައިފައި އިތުރައް ރައްކާތެރިކުރެވިދާނެއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!