ނަތަންޔާހޫގެ އަންހެނުންގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާކުރަނީ

ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަންހެނުންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ތައްޔާރުވަމުން ދާކަމަށް އިޒްރޭލުގެ ޗެނަލް 10 ން ހުކުރުދުވަހު ހާމަކޮށްފިއެވެ.

ޗެނަލް 10 ހާމަކޮށްފައިވާ ގޮތުގައި ނަތަންޔާހޫގެ އަންހެނުން ސާރަ ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަނީ އަމިއްލަ ބޭނުންތަކަށް ދައުލަތުގެ މާލިއްޔަތު ބޭނުން ކުރުމުގެ ތުހުމަތުގައެވެ.

ނަތަންޔާހޫގެ ރިއަލް އެސްޓޭޓުގެ މައްސަލައިގެ ތަހްޤީގުގެ ތެރޭގައި ފެންމަތިވި ކަންކަމަށް ބަލާފައި ޖެރޫސަލަމް އަވަށުގެ ޕްރޮސެކިއުޓަރ ނޫރިތް ލިތްމަންވަނީ ސާރާ ނަތަންޔާހޫގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭނާ ކޯޓުގެ ކުރިމައްޗަށް ހާޟިރުކުރަންޖެހޭ ކަމަށް ބުނެފައެވެ.

ޗެނަލް 10 ހާމަކޮށްފައިވާ ގޮތުގައި މިމައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާނީ ދައުލަތުގެ ބަންޑާރަނައިބާއި ޖުޑީޝަލް ކަންކަމުގައި ލަފާދޭ ބޭފުޅުންގެ ލަފައަށް ފަހުގައެވެ.

މިކަމާއި ގުޅޭގޮތުން ނަަތަންޔާހޫ ބުނެފައިވަނީ ބޮޑުވަޒީރުގެ އަންހެނުންގެ މައްޗަށްކުރާ ދޮގު ތުހުމަތުތަކަކަށް ބިނާކޮށް މިފަދަ ދައުވާއެއް ކުރުމަކީ ލަދުވެތިކަމެއް ކަމަށެވެ.

ސާރަ ނަތަންޔާހޫގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބޮޑުވަޒީރުގެ ރަސްމީގެއަށް އައު ފަރުނީޗަރ ގެނައުމަށް އޯޑަރ ކުރުމަށްފަހު އެފަރުނީޗަރ އޭނާގެ އަމިއްލަގެއަށް ބަދަލުކޮށް އަމިއްލަ ގޭގައިހުރި ބައު ފަރުނީޗަރތައް ބޮޑުވަޒީގެ ރަސްމީގެއަށް ބަދަލުކުރުމާއި އޭނާގެ ބައްޕަގެ ޚަރަދުތަކެއް ބޮޑުވަޒީރުގެ ރަސްމީގޭގެ ބަޖެޓުން ކުރުންފަދަ ކަންކަން ހިމެނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!