ސިޔާސީ ފަސާދަ (ހަވަނަ ބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.

——————————————————————————————————————–

އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިސްލާމީ ފިޤްހުގައި މަސައްކަތްކުރާ ކޮންމެ މީހަކީ ހުޅުވިފައިވާ ސިކުނޑިއެއްގެ ވެރިއަކަށް ވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މިސާލަކަށް ބަލާލަމާތޯއެވެ. ދަރިޔަކު އުފަންވުމާއި ހަމައިން، އެ ކުއްޖާއަށް ޚާއްޞަ ދަފްތަރެއް ހަދައި، ތަފާތު ބަލިތަކުން ސަލާމަތްކުރުމަށްޓަކައި އެ ކުއްޖާއަށް ވެކްސިންދީ، ޒަމާނީ ތަޢުލީމުގެ ތެރެއިން މަދަރުސީ އެކި މަރުޙަލާތައް ފުރިހަމަކޮށް ތަޢުލީމުދީ، ހަނގުރާމައިގެ ތަމްރީނުދީ ހަދަނީ ވެސް، އެހެނިހެން ޤައުމުތަކުގައި އެކަންކަމުގައި ޢަމަލުކުރާ އުޞޫލުތައް ބަލައި ދިރާސާކޮށްގެންނެވެ. ކަން މިހެން އޮތްއިރު ދީނީ ޙުކުމަކާއި ފުށުނާރާނަމަ، ފިޤުހުވެރިޔަކު، ދުނިޔަވީ ކަންކަމުގައި ޒަމާނީ އުފެއްދުންތެރިކަން ނުވަތަ ޒަމާނީ ވަސީލަތްތަކުގައި (ބޭރުން އެތެރެކުރެވިފައިވާ ވަސީލަތެއް ނުވަތަ ފިކުރެއް ކަމުގައި ވީ ނަމަވެސް) ނުހިފަންވީ ކޮން ސަބަބަކާއިހެދި ހެއްޔެވެ؟ އެ ވަސީލަތްތަކުގެ ބޭނުންކުރެވެނީ ދީނީ ހަމަތަކަށް ފެތޭ، ދީން ކަނޑައަޅާފައިވާ މަޤްޞަދުތަކެއް ޙާޞިލުކުރުމުގެ ގޮތުން ކަމުގައި ވާނަމަ، އެކަމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އަޅުގަނޑުމެން ހިފާ އުޞޫލުތަކަކީ ކޮންމެ ބައެއްގެ އުޞޫލުތަކެއް ކަމުގައި ވިޔަސް، ދީނާ ޚިލާފުނުވާހާ ހިނދަކު، އެއީ އެންމެންގެ މަޞްލަޙަތަށްޓަކައި ކުރެވިދާނެ ކަމެކެވެ. އަދި ކީއްތޯއެވެ؟ ހެޔޮކަންކަމުގައި އެއީ ހަމައެކަނި ހުއްދަކަމަކަށް ވުމުގެ އިތުރުން، ވާޖިބުގެ ދަރަޖައަށް އުފުލިގެންދާ ކަމެއް ވެސް މެއެވެ.

މި މޭރުމުން ބަލާއިރު، އިސްލާމީ ފިޤްހީ މުޢާމަލާތްތަކުގެ ތެރެއިން ކައިވެންޏާއި ވިޔާފާރިއަށް ބައްލަވާށެވެ. މި ދެ މުޢާމަލާތުގައި ވެސް އިސްލާމީ ޝަރީޢަތުގެ މަސައްކަތް ބިނާވެފައި އޮތީ، އަލްއިމާމް އިބްނުލް ޤައްޔިމް(ރަޙިމަހުﷲ) ވިދާޅުވެފައިވާ ފަދައިން، އެކަންކަން އުފެއްދުމަށްވުރެ ބޮޑަށް އެކަންކަން އިޞްލާހުކުރުމަށެވެ. އެކަލޭގެފާނު ވިދާޅުވާފަދައިން ވިޔަފާރީގެ މުޢާމާލާތާއި ކައިވެންޔަކީ ސައްތައިންސައްތަ އިސްލާމީ މުޢާމަލާތްތަކެއް ނޫނެވެ. އެހެނަސް ޤަބޫލުކުރެވޭ ހަމަހަމަ އުސޫލުތަކެއްގެ މަތީގައި މި ދެ މުޢާމަލާތް ޤާއިމުވެ، ފުރިހަމަވެގެން ދިޔައީ އިސްލާމީ ތަޢްލީމު އޭގެ ތެރެއަށް ވަނުމުގެ ސަބަބުންނެވެ. އިސްލާމްދީނުގައި ވިޔަފާރި ކުރުމުގައި މަކަރު ހެދުމާއި، ރިބާކެއުމާއި، މޮނަޕޮލައިޒް ކުރުމެއްނެތެވެ. ހަމަ އެފަދައިން ކައިވެނީގެ އެއްބަސްވުން އޭގެ ޙަޤީޤީ މަޤްޞަދަށް ރުޖޫޢަ ކޮށްދެނީ އިސްލާމީ އުޞޫލުތަކުން ޒީނަތްތެރިވުމުންނެވެ. އެހެނީ، އިސްލާމްދީން ވަނީ ކައިވެނީގެ އިންތަކެއް ކަނޑައަޅާފައެވެ. ތިމާގެ އެއްބަނޑު އެއްބަފާ މިހާކާއި، ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އަޚުން ނުވަތަ އުޚްތުންނާއި ކައިވެނި ހުއްދަވެގެން ނުވެއެވެ. ވަލީހޯދަން ޖެހެއެވެ. ކައިވެނި އިޢްލާނުކުރަން ޖެހެއެވެ. އެހެންކަމުން މުޢާމަލާތުގެ ހުރިހާ ކަމެއްގައި ވެސް، އިސްލާމީ ޝަރީޢަތުގައ އިސްކަން ދީފައިވަނީ ޢާންމު މަޞްލަޙަތަށެވެ. ޢާންމު މަޞްލަހަތު ފުރިހަމަވެއްޖެނަމަ، ޝަރީޢަތުގައި އެ މުޢާމަލާތް ފުރިހަމަވެއެވެ. އަދި މީގެ އިތުރުން، އިސްލާމީ ފިޤްހަކީ ހުރިހާ ޒަމާނަކާއި ތަނަކަށް ފެތޭ އެއްޗެކެވެ. ވީއިރު އަޅުގަނޑުމެން، އެއީ ތާއަބަދަށް ގަނޑުވެފައިވާ ނުވަތަ ދިރުމެއްނެތް އެއްޗެއް ކަމުގައި ދެކިގެން ތިބެންވީ ސަބަބެއް ނެތެވެ.

މީގެ އެއްހާސް އަހަރު ކުރިން އަޅުގަނޑުމެން، އިޖްތިހާދުކުރުމުގެ ދޮރު ބަންދުކުރީމުއެވެ. އަޅުގަނޑުމެން އެކަމުގައި ނުކުޅެދިފައި ތިބިއިރު، ސިޔާސީ ފަސާދައާއި ދެކޮޅަށް ނުވަތަ އިޤްތިޞާދީ ބަލިކަށިކަމުން އަރައިގަތުމަށްޓަކައި، އެބައިމީހުން ބޭނުންކުރާ ވަސީލަތްތަކުގެ ތެރެއިން އިސްލާމީ ޝަރީޢަތާއި ފުށުނާރާ ކަންކަމުގައި ހިފުން އަޅުގަނޑުމެންނަށް މަނާކުރަނީ ކޮންކަމެއް ހެއްޔެވެ؟ ތެދުތެދަށް ދަންނަވާނަމަ، ދެންނެވޭނީ އިޖްތިހާދުކުރުމުގައި ފަސްޖެހުމަކީ، މީގެ ޤަރުނުތަކެއް ކުރީއްސުރެ އިސްލާމީ އުންމަތުގެ ސިކުނޑިތައް ފިކުރީ ގޮތުން ކަންނެތްވެއްޖެ ކަމުގެ ވަރަށް ފުރިހަމަ ހެއްކެކެވެ.

ތިންވަނަބައި

އަންހެނުންނާއި މެދު އަނިޔާވެރިވުން

އެ ދުވަސްވަރުގައި، އިސްލާމްދީނުގެ ނަމުގައި އަންހެނުންނާއި މެދު އަނިޔާވެރިވުން ފަދަ ކަންތައް ދިޔައީ ޢާންމުވަމުންނެވެ. އިޖުތިމާޢީ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް އެކަންކަން ބިނާވުމަށްޓަކައި، ބަލައި މުރާޖަޢާ ކުރަން ޖެހޭ މިފަދަ އެތައް ކަމެއް އަޅުގަނޑުމެންގެ އާދަކާދައިގެ ތެރޭގައި އެބަހުއްޓެވެ. ޚާއްޞަގޮތެއްގައި އަންހެނުންނާއި ނުވަތަ ޢާއިލާ ބިނާކުރުމާއި ގުޅިފައި ހުރި އާދަކާދަތަކެވެ.

އަޅުގަނޑަކީ، ހުޅަނގުގެ ޤައުމުތަކުގައި ޖިންސީ ޣަރީޒާ ފުއްދުމުގައި ގެންގުޅޭ ހަޑިމުޑުދާރު އާދަކާދަތަކާއި މެދު ވަރަށް ނަފުރަތުކުރާ އަދި އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް ހަނގުރާމަކުރި އެކަކީމެވެ. އެހެނަސް، ދެ ޖިންސުގެ ދެމެދުގައި އޮންނަ ގުޅުމާއި، މުޖްތަމަޢުގައި އަންހެނާގެ މަޤާމާއި މެދު ބައެއް މުސްލިމު އަޚުންނާއި އަޅުގަނޑުގެ ޚިޔާލު ތަފާތެވެ. ބައެއްމީހުން ދެކޭ ގޮތުގައި އަންހެނާ އަކީ ތާއަބަދު ގޭގައި އިންނަންޖެހޭ މީހެކެވެ. އަންހެނާގެ ޙަޔާތުގައި ގެއިން ބޭރަށް ނުކުންނަން ޖެހޭނީ އޭނާގެ މުޅި ޢުމުރުގައި ވެސް އެންމެ ދެފަހަރު އެވެ. އެއީ ކައިވެނިކޮށްގެން ފިރިމީހާގެ ގެޔަށް ދާ ދިޔުމާއި، މަރުވުމުން ކަށްވަޅަށް ގެންދާ ދިޔުމެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ހުޅަނގުގެ ޤައުމުތަކުގައި އަންހެނުންނަށް ޖެހިފައިވާ ޙާލުގެ ބަދަލު، އަޅުގަނޑުމެންގެ އަންހެނުންނަށް ދޭންވީ މިގޮތަށް ހެއްޔެވެ؟ އަންހެނުންނަށް ރައްކާތެރިކަމާއި ހިޔާވަހިކަން ހޯދައިދިނުމުގައި އަޅުގަނޑުމެން ޢަމަލުކުރަންވީ ގޮތަކީ މިއީ ހެއްޔެވެ؟ ނޫނެކެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި، އިސްލާމްދީން އުނގަންނައިދީފައި ވަނީ މިއާ މުޅިން ޚިލާފަށެވެ.

(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!