ކަންފަތުގައި ޖައްސާނެ ސްޕީކަރެއްނެތި އަޑުއިވޭ ފޯނު

  • ޝޯމީގެ މީ މިކްސް

ސްމާޓް އާލާތްތައް އުފައްދާ ކުންފުނިތަކުން އެންމެ ބޮޑަށް މައްސަލަޖައްސާ އެއްކަމަކީ އެއްބަޔަކު އަނެއްބައެއްގެ ޓެކްނޮލޮޖީ ހުއްދަ ނުހޯދާ ބޭނުންކުރުމެވެ. މިހާރުވެސް ބޮޑެތި ބައެއް ކުންފުނިތަކުގެ ވަކީލުން އަވަދިނެތި އެއުޅެނީ ކޯޓުތަކުގައެވެ. އެއްފަހަރު ސެމްސަންގ ކުއްވެރިވާކަމަށް ކޯޓުން ނިންމައިފާނެއެވެ. އަނެއް ފަހަރު އެހެން މައްސަލައެއްގައި އެޕަލް ކުއްވެރިވާކަމަށް ނިންމައިފާނެއެވެ. މިފަދަ ދަނޑިވަޅުތަކުގެ ފައިދާ އެންމެ ބޮޑަށް ނަގާބަޔަކީ ފަހަތުން އަރަމުންއަންނަ ކުންފުނިތަކެވެ.

ޗައިނާގެ ޝޯމީ މަޝްހޫރުވެފައިވަނީ ވަރުހުރި އާލާތްތައް ހެޔޮ އަގުގައި ވިއްކާ ބައެއްގެ ގޮތުގައެވެ. އެންމެ ވާދަވެރިކަންބޮޑު ޗައިނާގެ މާކެޓުގައި ދެވަނައިގައި ހަމަޖެހިލައިގެން އޮންނަތާ މިހާރު އެތައް ދުވަހެކެވެ. ނިމިގެންދިޔަ އަހަރު މުޅި އިންޑަސްޓްރީއަށް އެންމެ އާދަޔާޚިލާފު ފޯނެއް ނެރުނު އެއްކުންފުންޏަކަށް ޝޯމީ ވެގެންދިޔައެވެ. ކަންފަތުގައި ޖައްސާނެ ސްޕީކަރެއްނެތި އަނެއްކޮޅުން ދައްކާ ވާހަކަ އަޑުއިވޭ ފެބްލެޓެއް ނެރުމާއެކު މައިދާން ހީވީ ގުޑައިގެންދިޔަހެންނެވެ. މަޑުން އިންނަ ގުރާ ބާރަށް ދައިގަންނަހެން، ހަމަޖެހިލައިގެންތިބެ ނެރުނު ’މީ މިކްސް‘ ވެގެންދިޔައީ އެންމެން ހައިރާންވި އުފެއްދުމަކަށެވެ. އެލްޖީ އަކީ ”ސްކްރީން ޓު ބޮޑީ ރޭޝިއޯ“ އެންމެ ބާރަށް ރަނގަޅުކުރަމުންއައި ކުންފުންޏަށްވީނަމަވެސް، ޚުދު އެލްޖީއަށްވެސް ނުކުރެވިފައި އޮތްކަމެއް ކުރި ކުންފުނީގެ ޝަރަފް ހޯދުމާއެކުގައެވެ. ފޯނުގެ ޑިސްޕްލޭގެ މަތީގައި ހުރި ސްޕީކަރާއި، ޕްރޮކްސިމިޓީ ސެންސަރު މުޅިން ގެއްލުވާލައި، ނަފްސީ ކެމެރާ ފޯނުގެ ތިޔިއަށް ބަދަލުކޮށް، މަތީގައި އެހުންނަ ބައި އެއްކޮށް ސްކްރީނަށް ހަދިޔާކުރި ފުރަތަމަ ފޯނުގެގޮތުގައެވެ.

 މަޝްހޫރު ޑިޒައިނަރު ފިލިޕޭ ސްޓާކް ޑިޒައިންކުރި މި ފޯނުގައި ސްޕީކަރު ނެތަސް ބަރާބަރަށް އަޑުއިވޭގޮތް ވަނީ ހަދާފައެވެ. އެކޮޅުން ދައްކާ ވާހަކައިން ވައިބްރޭޝަން އުފައްދައިގެން، އެ ވައިބްރޭޝަން އަޑަށް ބަދަލުކޮށްގެންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ އިލެކްޓްރިކް ސިގްނަލްތައް މެކޭނިކަލް ސިގްނަލްތަކަކަށް ބަދަލުކޮށްގެންނެވެ. އެއާއެކު އަޑު އިވެނީ ފޯނުގެ ފްރޭމުންނެވެ. މިހެން ހެދުމުން ސްޕީކަރުން ހިފަމުންއައި ބޮޑު ޖާގަ އިތުރަށް ދެން އެގޮތުގައި ބޭނުންކުރަން ނުޖެހުމުގެ ނަތީޖާއަކަށްވީ، 6 ޖީބީގެ ބޮޑު ރެމެއް އަޅުވައި، 16 މެގަޕިކްސަލްގެ ކެމެރާއެއްހުރި މި ފޯނުގެ ޚާއްޞަކަން ދައްކާލައި ކުންފުނީގެ ބާރު ހުރިވަރު ދައްކާލަން ލިބުނު އަގުހުރި ފުރުޞަތަކަށެވެ. ހަމައެހެންމެ، މީ މިކްސްގެ ޕްރޮކްސިމިޓީ ސެންސަރުވެސް ވަނީ ސްކްރީންގެ ދަށުގައި އިންދާފައެވެ. ވަރަށް ތޫނުފިލިކަމާއެކު މަސައްކަތްކުރާގޮތަށެވެ.

ދާދިފަހުން އެލްޖީން ނެރުނު ޖީ6 އަދި ސެމްސަންގުން ނެރުނު ގެލެކްސީ އެސް 8 ގައިވެސް މި ޓެކްނޮލޮޖީ ހިމެނިފައެއް ނުވެއެވެ. ވާދަވެރިން އެގޮތަށް ތިއްބައި މިހާރު އިވެނީ ޝޯމީން މީ މިކްސް 2 ނެރެން ތައްޔާރުވާ ޚަބަރެވެ. މިފަހަރުގެ ފޯނުގައި 8 ޖީބީގެ ރެމަކާއި 19 މެގަޕިކްސެލްގެ ކެމެރާއެއް އަޅުވާފައިހުންނާނެކަމަށް މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މޮބައިލްފޯނު މާކެޓުގައި ފައި ހަރުކޮށްލަން ބޭނުން ކޮންމެ ކުންފުންޏަކުންވެސް މިއަދު ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ އައު އީޖާދުތައް ކުރުމެވެ. އެހެންމީހުން އަތުގައި ނެތް އެއްޗެއް ނުވަތަ ކަމެއް ތަޢާރަފްނުކޮށް މާކެޓިންގ އޮފިޝަލުން ކިތަންމެ މަސައްކަތެއް ކުރިޔަސް މިއަދު އެނބުރި ދާންޖެހޭނީ ހުސްއަތާކަން ނޮކިޔާ، ބްލެކްބެރީ އަދި އެޗްޓީސީ ފަދަ ކުންފުނިތައްކައިރިން އަހާލީމައި އެނގޭނެއެވެ.

މިއަހަރު ކުރިޔަށް ނެރެން ހުރި ފޯނުތަކުގެ ތެރެއިން އައިފޯނުގެ އައު ފޯނާއި، ސެމްސަންގ ގެލެކްސީ ނޯޓު 8 ނެރޭއިރު އެ ފޯނުތަކުގައި މި ޓެކްނޮލޮޖީ ހިމެނިދާނެކަމަށް އިތުބާރުހުރި އެއްވެސް ފަރާތަކުން މިހާތަނަށް ބުނެފައި ނުވިޔަސް، މި ނޫން އެހެން އައު ކަންތައްތައް ހިމެނުމަކީ ވަރަށް ގާތް ކަމެކެވެ. ބަލަންތިބެމާހެއްޔެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!