މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަން

الحمد لله رب العالمين. والصلاة و السلام على أشرف الأنبياء والمرسلين. و بعد:

މައިންބަފައިންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި ވަރަށް މުހިންމު މަތިވެރި ދަރަޖައެއް ދެއްވާފައިވާ ކަމެކެވެ. އެހެނީ މައިންބަފައިންނަކީ އިންސާނުން މިދުނިޔެއަށް ފޮނުއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ ސަބަބެވެ. އެހެންކަމުން މަންމައާއި ބައްޕައަށް އިޙުތިރާމްކޮށް އެބައިމީހުންނަށް އަޅާލުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. މިދީ ދީނީގޮތުންނާއި ދުނިޔަވީ ގޮތުންވެސް އަޅުގަނޑުމެން އަދާކުރަން ޒިންމާއެކެވެ.

އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ.

سَألْتُ النَّبِيَّ صلى الله عليه وسلم أيُّ العَمَلِ أحَبُّ إلَى الله؟ قال: «الصَّلاةُ عَلَى وَقْتِهَا». قال: ثُمَّ أيٌّ؟ قال: «ثُمَّ بِرُّ الوَالِدَيْنِ». قال: ثُمَّ أيٌّ؟ قال: «الجِهَادُ فِي سَبِيلِ الله». متفق عليه.

މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ. “ﷲއަށް އެންމެ ލޮބުވެތިވެގެންވަނީ ކޮން ޢަމަލެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ.” ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެޔަށްފަހު މައިންބަފައިންނަށް އޯގާތެރިކޮށް ހިތުމެވެ.” ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟. ޙަދީޘްކުރެއްވިއެވެ. “ﷲގެ މަގުގައި ޖިހާދުކުރުމެވެ”

ނަމާދަށްފަހު އެންމެ ބޮޑު ހެޔޮވެގެންވާ ކަމެއްގެ ގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވީ މައިންބަފައިންނަށް ހެޔޮކޮށްހިތައި އަޅާލުމުގެ ވާހަކައެވެ. މިކަމުން  މަންމައަށާއި ބައްޕައަށް އޯގާތެރިވުމުގެ މުހިންމުކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ. މަތީގައި އެވާ ހަދީޘްގައި ބަޔާން ކުރެވިފައި އެވަނީ މިމައުޟޫއާއި ގުޅޭ ތަންކޮޅެވެ. ކީރިތި ޤުރުއާނުގައިވެސް މައިންބަފައިންނަށް އޯގާތެރިވުމަށާއި އިޙްތިރާމް ކުރުމަށް އަމުރުފުޅު އައިސްފައިވާއިރު، މަންމައަށް ޚާއްޞަކޮށް އޯގާތެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރުކުރައްވައެވެ. އަދި މި އަމުރުފުޅު އައިސްފައިވަނީ މުޅި އިންސާނިއްޔަތަށެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

)وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ( (سورة لقمان: 14)

މާނައީ: “އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ. އަދި(މަންމަގެ ގާތުން)ކިރުބުއިން ހުއްޓާލުން ވަނީ ދެއަހަރުގެ ތެރޭގައެވެ. ތިމަންއިލާހަށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށް ވެސްމެއެވެ.  އަދިތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ.”

 

އެއްދުވަހަކު ބޭކަލަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދުރުވެ ދެންނެވިއެވެ.
قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي قَالَ ‏”‏ أُمُّكَ ‏”‏ ‏.‏ قَالَ ثُمَّ مَنْ قَالَ ‏”‏ ثُمَّ أُمُّكَ ‏”‏ ‏.‏ قَالَ ثُمَّ مَنْ قَالَ ‏”‏ ثُمَّ أُمُّكَ ‏”‏ ‏.‏ قَالَ ثُمَّ مَنْ قَالَ ‏”‏ ثُمَّ أَبُوكَ ‏”‏  (رواه مسلم: 2548)
މާނައީ: “އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ އެމީހެއްގެ މައްޗަށް އޯގާތެރިވުމާއި އަޅާލުންދިނުން އެންމެ އަޢުލާކަން ބޮޑުވެގެންވަނީ ކާކުގެ މައްޗަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައެވެ.” އަނެއްކާވެސް އެބޭފުޅާ ސުވާލުކުރެއްވިއެވެ. “ދެންކާކުހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “ދެންވެސް ތިބާގެ މަންމައެވެ.” އަނެއްކާވެސް ސުވާލުކުރެއްވިއެވެ. “ދެންކާކުގެމައްޗަށް ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ދެންވެސް ތިބާގެ މަންމައެވެ.” އަނެއްކާވެސް ސުވާލުކުރެއްވިއެވެ. “ދެންކާކުގެމައްޗަށް ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. ތިބާގެ ބައްޕައެވެ.”

އަދިވެސް އެތައް އެތައް ނައްޞެއްގައި މައިންބަފައިންނަށް އަޅާލުމާއި އޯގާތެރިވުމަށް އިސްލާމްދީނުގައި ބަޔާންކޮށް އަމުރުކުރައްވާފައިވެއެވެ. ނަމަވެސް މިޒަމާނުގައި މައިންފަބައިންނަށް އަޅާލުން އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވޭތަން އެބަފެނެއެވެ. މިކަމަށް އެހެން ލިޔުމެއްގައި އަލިއަޅުވާލުމަށް ޤަޞްދުކުރަމެވެ. ދުޢާއަކީ މައިންބަފައިންނަށް އަޅާލާ އޯގާތެރިވާ ހެޔޮލަފާ ދަރިންތަކެއް ކަމުގައި އަޅުގަނޑުމެން ލެއްވުމެވެ.

وصلى الله وسلم على نبينا محمد و آله صحبه أجمعين. آمين.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!