ޤަބުރުފެނުމާއި ގުޅިގެން ބިހުރޯޒު މިސްކިތުގެ ގޯތިތެރޭގައި ނަމާދުކުރުން މަނާކޮށްފި

ރަށްދެބައިމަގާއި ނީލޯފަރުމަގާ ގުޅުނު، އިރުދެކުނު ކަންމަތީގައި ހުންނަ ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިފައިވާތީ އެ ގޯތިތެރޭގައި ނަމާދުކުރުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީއިން އަންގައިފި އެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތިތެރޭގައި މަސައްކަތެއް ކުރަން ކޮންނަމުން ދަނިކޮށް ދެތަނަކުން މިނިކަށިތަކެއް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމާއި ގުޅިގެން އެމިސްކިތުގެ ގޯތިތެރޭގައި ނަމާދު ނުކުރުމަށް އަންގާފައިވާ ކަމަށެވެ.

މިކަން އަންގައި އެމިސްކިތުގައި މިހާރުވަނީ ނޯޓިސްއެއްވެސް ހަރުކޮށްފައެވެ.

ގޯތިތެރޭގައި ނަމާދުކުރުން މަނާކުރިޔަސް މިސްކިތުގެ ތެރޭގައި ކުރިޔެކޭވެސް އެއްގޮތަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަ ކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!