އެހެނަސް ވަންނަން ބޭނުންވަނީ ސުވަރުގެއެވެ.

މިއަދުގެ ދުނިޔެއަކީ ބަވަނަވަމުން އަންނަ ދުނިޔެއެއްކަމާއި، ދުނިޔޭގެ އެކި ޘަޤާފަތްތަކުގެ އަސަރު އެކި ގޮތްގޮތުން ހުރިހާ ޘަޤާފަތަކަށްވެސް ކުރާނެކަމީ ދެކޮޅުހެދެން ނެތް ޙަޤީޤަތެކެވެ. ނަމަވެސް އެހެނިހެން ޘަޤާފަތްތަކުގެ ކުނޑިބުނޑި އަމިއްލަ މޫނަށް ބުރޭ މިންވަރަކީ ކޮންމެ މީހަކަށްވެސް ކޮންމެވެސް މިންވަރަކަށް ކޮންޓްރޯލް ކުރެވޭނެ ކަމެކެވެ. މޫނުމަތީ އެނބުރޭ ކޮންމެ އާދަކާދައަކަށް މީހާ ބޯލަނބަން ނުޖެހޭ ބީދައިން ޖަހާ ކޮންމެ ބެރަކަށް ނަށާކަށްވެސް ނުޖެހެއެވެ. އަމިއްލަ ގޮަތްތަކާއި އަމިއްލަ އުޞޫލުތަކުގައި އިހަށް ވުރެ ބާރަށް މިއަދު މިވަނީ ކޮލު ދަތްތަކުން ހިފަހައްޓަން ޖެހިފައެވެ.

އެހެނަސް، މިއަދު ފެންނަ މަންޒަރު ހިއްޗެވެ. މީހުން އުޅެނީ ހެއްދެވި ނުހެއްދެވި އެއް ނޭނގޭ ހާލުއެވެ. އުޅޭނެ ނޫޅޭނެ ގޮތެއް ނޭނގިގެން އުޅޭއިރު، އުޅެންވީ ގޮތާއި ފޮތެއް މިވެރިންނަށް ބާއްވާލެއްވިކަން ނުދަންނަ ކަހަލައެވެ. އެހެނަސް، ބޭނުން ގޮތަކަށް އުޅެފައި އެންމެން ވެސް އެންމެ ފަހުން ހަމަ ވަންނަން ބޭނުންވަނީ ގޮތާއި ފޮތުން ސިފަކުރާ ސުވަރުގެއަށެވެ.

ދިރިއުޅުމުގެ އާދަތައް

މިއަދުގެ ޒުވާނުންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަނީ އޭނާ ނަމޫނާއެއް ގޮތުގައި ދެކޭ ކޮންމެވެސް ދުނިޔަވީ ތަރިއެއްގެ ދިރިއުޅުމަށެވެ. އޭނާ އުޅެނީ އެތަރިން އުޅޭ ގޮތަށެވެ. ހެދުން އަޅަނީ އެތަރިން އަޅާ ގޮތަށެވެ. ކަނީ އެތަރިން ކާގޮތަށް ވާއަތުން ވެއްޖެޔާ ވާއަތުންނެވެ. ވާހަކަ ދައްކަނީ އެތަރިންގެ ބަހުރުވައިން އެތަރިންގެ ބުރަކި ބަސްތަކެވެ. ނަމޫނާއެއްކަމުގައި އަދި އުޅޭނެ މަގެއްކަމުގައި ބަލަނީ އެތަރިންގެ މަގުތަކެވެ. އެކި ކަތި ގޯޅިތަކެވެ. ހިދާޔަތުގެ މާތް މަގާއިގެން ވަޑައިގެންނެވި މާތް ނަބީކަލޭގެފާނުގެ މަގު ނުވެސް ދަނެެއެވެ. ދަތަސް ދަންނަނީ އެއީ ދުވަސް ހަަމަވެފައިވާ ވައްޓަފާޅިއެއްކަމުގައެވެ. އެއަށް ލޯތްބެއް ނުކުރެއެވެ. އެއަށް ތަބަޢެއްނުވެއެވެ. އެހެނަސް މިޒުވާނާވެސް އުޅޭނެ ގޮތަކަށް އުޅެފައި، ހަމަ އެންމެފަހުން ވަންނަން ބޭނުންވަނީ ސުވަރުގެއެވެ.

މުނިފޫހިފިލުވުމުގެ އާދަތައް

މުނިފޫހިފިލުވުމަކީވެސް ދުނިޔެވީ ދިރިއުޅުމުގެ ވަރަށް ބޮޑު ބައެކެވެ. ﷲގެ ޛިކުރުކުރުމުން ހިތްތައް ހަމަޖައްސަން ޣާފިލުވެފައިވާ ހިތްތަކަށް، ހިތްހަމަޖެހުން ހޯދައިދޭނެ އަވާމެންދުރެއްގެ ގޮތުގައި އަދި މިކަންތައް މާބޮޑަށް ބޭނުންވެއެވެ. ނަމަވެސް މިކަމުގައިވެސް ހައްދެއް އޮވެއެވެ. މިނެއް އަދި މިންގަނޑެއް އޮވެއެވެ. މިއަދު މުނިފޫހިފިލުވާލަން ޝައިޠާނާގެ ދުންމާރިކަމުގައިވާ މިޔުޒިކަށް މީސްތަކުން ކުރުނީސްކުރާތަން ފެނުން އެއީ ޢާއްމު އާދައެވެ. ދެޖިންސުގެ ދެމެދުން، ކައިވެނިން ބޭރުން ވިޔަސް، އުފާހޯދުމަކީ އިންސާނީ ފިޠުރަތުކަމުގައި ދެކޭ ކަހަލައެވެ. މުނިފޫހިފިލުވުމާއި އުފާވެރިކަން ލިބެން އޮތްގޮތަކަށް ހޯދުމީ ދިރިއުޅުމުގެ މައިގަނޑު މަޤްޞަދުކަމުގައި ދެކޭ ކަހަލައެވެ. އެއްވެސް މިންގަނޑެއް ހައްދެއް އުސޫލެއް، އުޅެންވީ ގޮތެއް، ތަބާވާންވީ ފޮތެއް، ދީނެއް ބާއްވާލައްވާފައިވާ ބައެއް ނޫން ކަހަލައެވެ. ނަމަވެސް ހިތުހުރިގޮތަކަށް ހިތްއުފާކޮށްފައި، ހަމަ އެންމެ ފަހުން މިމީހުންވެސް ވަންނަން ބޭނުންވަނީ ސުވަރުގެއެވެ.

ކައިވެންޏާއި ވަރި

ދުނިޔޭގެ މުސްލިމް އަޣްލަބިއްޔަތު އޮންނަ ޤައުމުތަކަކީ ބޮލުގެ ނިސްބަތުން މުސްލިމް ޤައުމުތަކޭ ކިޔަސް، އެޤައުމުތަކުގައި ޤާނޫނުތައް ލިޔަނީ ހުޅަނގުގެ މަޣްރިބީ ގަލަންތަކުންނެވެ. ނުވަތަ އެގަލަންތަކުގައި ހިނގާ ހުޅަނގުގެ ކަޅު ދެލިންނެވެ. ހައްދުތަކާއި އަދަބުތައް ހުޅަނގުގެ އުޞޫލުތަކަށް ބަދަލުކުރިޔަސް، ބަދަލުކުރަން މާބޮޑަށް ވިސްނާފައިނުވާ ޤާނޫނެއް އޮވެއެވެ. އެއީ ވަރިކައިވެނީގެ މައްސަލަތަކެވެ. ކިތަންމެ ސެކިޔުލަރ ވިޔަސް ވަރިކައިވެނީގެ ކަންކަން ގިނަ ގައުމުތަކުގައި ނިންމަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށެވެ. ނުވަތަ ހަމަ އަސްލުވެސް ހެއްޔެވެ؟ މިހާރު މިސުވާލުވެސް އުފެދިއްޖެއެވެ.

ސުވާލު ނުއުފެދެންވީ ކީއްވެހެއްޔެވެ؟ ޒުވާނުންނަށް ހޮލީވުޑުން ފެންނަނީ އެއްކަލަ ބުނާ ތަރިން ނަޞާރާއިންގެ ފައްޅިތަކުގައި އެމީހުންގެ “ކަފުނުގައި” ތިބެގެން ކައިވެނި ކުރާތަނެވެ. ނުވަތަ ބޮލީވުޑުން ފެންނަނީ ރަތާއި ރަނުގެ ކުލަތަކުން ހިންދޫންގެ ފައްޅިތަކުގައި ތިބެ ނަށަމުން ދިގު ކައިވެންޏެއް ކުރާތަނެވެ. ދެން މިފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް އުފަން މުސްލިމް މަންމައަކާއި ބައްޕައަކަށް ލިބޭ މުސްލިމް 2 ކުދިން ކައިވެނި ކުރަން މިފަދަ ބޮލީވުޑާއި ހޮލީވުޑުގެ ތީމްތަކަށް ހެނދުން އަޅައިގެން ކައިވެނި ކުރުން އެއީ ފިކުރު އޮޔާދިޔުން ނޫން ކޮން ކަމެއް ހެއްޔެވެ؟ އަމިއްލަ ދީނުގައި ކަން ކުރަންވީ ގޮތެއް ނެތީ ހެއްޔެވެ؟ ނަމޫނާއެއް ނެތީ ހެއްޔެވެ؟ ނުވަތަ ބެލެނީ އެހެން ދިމާއަކަށް ހެއްޔެވެ؟ އެދިމާތަކަށް ބަލާފައި އެކަން ރަނގަޅުވެ ރީތިވެ، އެގޮތަށް އުޅެފައިވެސް، މިކުދިންވެސް މަރުވެގެން ދާން ބޭނުންވަނީ ހަމަ ސުވަރުގެއެވެ.

މަރާއި ނިމުން

މިފަދަ ގޮތްގޮތަށް އުޅެން ބޭނުން ގޮތަކަށް އުޅެ އުޅެފައި އެންމެންވެސް ވަނީ މަރެވެ. ދާން ޖެހެނީ އާޚިރަތުގެ ގޮވެއްޗަށެވެ. ބައްދަލުކުރަން ޖެހެނީ ހެއްދެވި ރައްބަށެވެ. ދިރިތިބީން އަދި އިހަށް މަޑުކުރަނީ މައްޔިތާއަށް ހެޔޮދުޢާކުރާށެވެ. އަދާ ހިސާބަށް މާތް ކަލާނގެ ރަޙުމަތުން ކަށުކަމާކެމީގެ ކަންތައްތައް އަދި ގެންދަނީ އިސްލާމީ އިރުޝާދުތަކާ އެއްގޮތަށެވެ. ނުވަތަ އިސްލާމީ ގޮތްކަމަށް މީހުންނަށް އެނގޭ ގޮތަށެވެ. މީހަކު މަރުވީމާ ހެޔޮ ދުޢާ ކުރެއެވެެ. ހަމަ އެކަނި “ރިޕަކުން” ފުއްދާލާ ބަޔަކުވެސް އެބަ ގިނަވެއެވެ. ނަމަވެސް ވަޅުލަނީ ކަށުނަމާދުކޮށްފައެވެ. މައްޔިތާ ކަފުންކުރަނީ އިސްލާމީ ކަފުނުންނެވެ. ނަޞާރާއިންގެ “ކައިވެނި ހެދުމަކު” ނޫނެވެ. ނަމަވެސް މިކަން ބަދަލުނުވެ އޮންނާނީ ކިތައް ދުވަހު ކަމެއް ނޭނގެއެވެ. އޭގެ ކުރިން އަހަރެމެންގެ ފިކުރު ހެޔޮ ގޮތަށް ބަދަލުކުރަން އެބަ ޖެހެއެވެ.

އޭ މަރުވެގެން ސުވަރުގެ ވަންނަން އެދޭ އަޚާއެވެ! އުޚުތާއެވެ! ސުވަރުގެ ވަންނަން އެދޭ ނަމަ ސުވަރުގެ ވަންނާނެ މީހުން ޢަމަލުކުރާ ގޮތަށް ދުނިޔޭގައި އުޅޭއިރު ޢަމަލުކުރާށެވެ. އެފަދަ މީހުންނަަށް ލޯބިކުރާށެވެ. އެފަދަ މީހުންނަށް ތަބާވާށެވެ. އެނޫން މީހުންގެ ގޮތްތަކަށް ނޫޅޭށެވެ.

އަނަސް ބުން މާލިކް ރިވާކުރެއްވި ޙަދީޘެއްގެ މާނާގައި ވެއެވެ.

އަޢުރާބީންގެ މީހަކު އައިސް ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ދެންނެވިއެވެ. “ގިޔާމަތް ވަނީ ކޮން އިރަކުން ތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “އެކަމަށްޓަކައި ތިބާ ތައްޔާރުކުރީ ކޮންކަމެއްތޯއެވެ؟” އޭނާ ދެންނެވިއެވެ. “ﷲ އާއި ރަސޫލާ އަށް ލޯބި ކުރުމުވެ.” ޙަދީޘް ކުރެއްވިއެވެ. “ތިބާ ވަނީ ތިބާ ލޯބިވީ މީހުންނާއި އެކުގައެވެ.”

ތިބާ އެބަޔަކަށް ލޯބިކޮށް އެބައެއްގެ ގޮތަށް އުޅެން މަސައްކަތްކުރި މީހުން ސުވަރުގެ ވަންނަ ނަމަ ތިބާ ވާނީ އެމީހުންނާއެކު ސުވަރުގޭގައެވެ. އެބަޔަކީ ނަރަކައަށް ވަންނާނެ ބައެއް ނަމަ ތިބާވެސް ވާނެ ތަނަކީ އެއީ ކަމުގައި ނުވެނުދާނެތޯއެވެ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!