ހައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކޮށްފައިވާ އިޢުލާނެއްގައިވަނީ މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި ހައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭގޮތުން 2017 އޭޕްރީލް 17 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ޕްރޮޕޯސަލް ފޮތް 2017 އޭޕްރީލް 19 ވާ ބުދަ ދުވަހުން ފެށިގެން 2017 އޭޕްރީލް 23 ވާ އާދިއްތަ ދުވަހަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 8:00 އިން 12:30އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެކަމަށްވެސް އެފަރާތުން ހާމަކޮށްފައިވެއެވެ.

ޕްރޮޕޯސަލްފޮތް ހުށަހެޅުމާ ބެހޭގޮތުން ބާއްވާ ޕްރީ-ބިޑް މީޓިން 2017 އޭޕްރީލް 24 ވާ ހޯމަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގައި އޮންނާނެ ކަމަށާއި ޕްރޮޕޯސަލްތައް ހުޅުވާގޮތަށް ހަމަޖެހިފައިވަނީ 2017 އޭޕްރީލް 30 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ގައި، ޕްރޮޕޯސަލް ހުށަހަޅުއްވާ ކުންފުނިތަކުގެ ހާޒިރުގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!