ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު އާއްމުކޮށްފި

ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު އެކުލަވާލައި، އިސްލާމިކް މިނިސްޓްރީން ހޯމަދުވަހު ގެޒެޓްގައި އާންމުކޮށްފި އެވެ.

މިއުސޫލުގެ ބޭނުމަކީ، ޙައްޖަށްދާ މީހުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތައް، ލުއި ފަސޭހަގޮތެއްގައި ލިބިދިނުމާއި، ޙައްޖަށްދާ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމެވެ.

މިއުސޫލު އެކުލަވާލާފައި ވަނީ ގައުމުތަކުން މީހުން ހައްޖަށް ގެންދިއުމުގައި އަމަލުކުރުމަށް ސައުދީ އަރަބިއްޔާގެ ހައްޖާބެހޭ މިނިސްޓްރީން ނެރުއްވާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖެއިން ހައްޖަށް މީހުން ގެންދާ ހުރިހާ ފަރާތްތަކުން އެ އުސޫލަށް އަމަލުކުރަންވާނެ ކަމަށް މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި މައިގަނޑު 23 ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ޢާންމުކުރި އުސޫލުގައި، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ޙުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ 100 އިންސައްތަ ޙާޖީންނަށް ޙައްޖުގެ ޚިދުމަތް ދިނުމަށް އެކުންފުންޏަކުން ހުށަހަޅާ އަގުގެ 3 އިންސައްތައިގެ ބޭންކް ގެރެންޓީއެއް، މަދުވެގެން ތިން މަސްދުވަހުގެ މުއްދަތަށް ހުށަހަޅާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

މިއުސޫލުގައި ރާއްޖެއިން ހައްޖަށް މީހުން ގެންދާ ހުރިހާ ފަރާތްތަކުންވެސް ކޮށްގެންނުވާނެ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި، ރާއްޖެއިން ޙައްޖަށް މީހުން ގެންދާ ކުންފުނިތަކާއި، އެކުންފުނިތަކުގެ ޙަވާލުގައި ޙައްޖަށްދާ މީހުން ސަޢުދީ އަރަބިއްޔާގެ ދާޚިލީ އަދި ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިވެގެން ނުވާނެކަން ބަޔާންކޮށްފައިވެއެވެ. އަދި ހުއްދަދޭ ޢަދަދަށްވުރެ އިތުރަށް ޙައްޖަށް މީހުން ގެންގޮސްގެން ނުވާނެ ކަމަށާ، ރާއްޖެއަށް ލިބިފައިވާ ކޯޓާގެ ދަށުން މިނިސްޓްރީގެ ހުއްދަނެތި ބިދޭސީއަކު ޙައްޖަށް ގެންގޮސްގެން ނުވާނެ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މީހުން ފުރަނީ މިއަހަރުގެ އޮގަސްޓް މަހުއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!