ސިޔާސީ ފަސާދަ (ފަސްވަނަ ބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.

އިސްލާމީދުނިޔޭގެ އިޤްތިޞާދަށް ބަލާލަމާތޯއެވެ؟ އިސްލާމީދުނިޔޭގެ އިޤްތިޞާދީ ޙާލަތު ބަލައި ދިރާސާކުރުމަށް އެކަނި ވެސް އެތަކެއް އަހަރެއް ބޭނުންވެއެވެ. ނަސޭހަތުގެ އަހުލުވެރިންނާއި، ވާޢިޘުން ނުވަތަ މުރައްބީން، ޙަރާމްކަންތަކުން ދުރުވެތިބުމަށް މީސްތަކުންނަށް ގޮވާލުމުން އެއްކިބާވެ ތިބެ، އާދައިގެ ދެރަ، ނިކަމެތި ދިރިއުޅުމެއް އުޅުމަށް މީސްތަކުންނަށް ވަޞިއްޔަތްކުރުމުގައި ދެމިތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ތަރައްޤީ އަކީ އަޅުގަނޑުމެންގެ ނަސީބުގައި ނެތް އެއްޗެއް ކަމުގައި ދެކިގެން ތިބެންވީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ މިދުނިޔެ އަބަދު އޮންނަންވީ ޢަދުއްވުންގެ މުށުތެރޭގައި ފިތިފައި ހެއްޔެވެ؟ ވީމާ، ބަލިކަށި ޣަރީޒާއާއި ނުވަތަ ނުބައި އެދުންތަކާއި ކުރިމަތިލުމުގައި މިފަދަ ވާހަކައަކުން ކުރާނޭ ފައިދާއެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.

ދަނޑުވެރިކަން ކުރުމަށް ނުވަތަ ޢިމާރާތެއްކުރުމަށް ތައްޔާރުކުރެވިފައިވާ ބިމެއްގެ، ކޮންމެ އަކަކިލޯ މީޓަރަކަށް ދަތުރުކޮށް، އެތަންތަން މިލްކު ކުރެވިފައިވަނީ ޙަލާލު ގޮތުގައިތޯ ނުވަތަ ޙަރާމް ގޮތުގައިތޯ ސުވާލުކޮށްފިނަމަ، ހަމަ ޔަޤީނުން ވެސް އޭގެ ޖަވާބު ވެގެންދާނީ ވަރަށް ބިރުވެރި ޖަވާބަކަށެވެ. އެހެނީ، ތަންތަން މިލްކުކުރުމުގެ ތާރީޚަށް އަޅުގަނޑުމެން ބެލިކަމުގައި ވީނަމަވެސް، ނުބައި ގޮތްގޮތަށް މިލްކުކުރެވިފައިވާ ތަންތަން ގިނަކަމުގައި ތަރީޚު ވެސް ހެކިވާނެއެވެ. ހަމަ އެކަނި ބިމެއް ވެސް ނޫނެވެ. ހުރިހާ ބާވަތެއްގެ މުދަލަށް ބެލިކަމުގައި ވީ ނަމަވެސް ކަންއޮތީ މިހެންނެވެ. މިކަންކަން މިގޮތަށް މެދުވެރިވާންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ، އެބައެއްގެ ދީނުގެ ޙުކުމްތަކާއި ހަމަތަކުގެ މައްޗަށް ރިޢާޔަތްކުރެވިގެން ހެދިފައިވާ ޤާނޫނުތަކުގެ ގޮތުން ބަލާއިރު، މި ދުނިޔޭގައި ތިބި އެންމެ ފަޤީރު ބަޔަކީ މުސްލިމުން ކަމުގައި ވުމެވެ. ޙަޤީޤީ މައްސަލަ އަކީ މިއެވެ.

އިސްލަމީ ދައުލަތް ފެށިގެންއައި ދުވަސްވަރު، ޒަކާތް ނެގުމަށް ބާރުއެޅިފައިވާ މިންވަރަށް ވިސްނަވާށެވެ. އެ ދައުލަތުގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ނެގުން ހިމެނިގެން ދިޔައެވެ. ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނާއި އޭގެ ފަހުން ވަޑައިގެންނެވި، މާތް ރަސޫލާ صلى الله عليه وسلم ގެ އެހެނިހެން ޚަލީފާއިންނާއި، ޞަޙާބީން ވެސް ޢަމަލުކުރެއްވީ އެގޮތަށެވެ. މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ މާނައަކީ ދައުލަތުން ރައްޔިތުންނަށް ޚަރަދުކުރުމުގެ ޒިންމާ އާއި ޙަވާލުވުމެވެ. ޒަކާތް ނެގުމަކީ اﷲ ތަޢާލާގެ ޙަޟްރަތުގައްޔާއި މުސްލިމް ޖަމާޢަތުގެ ކުރިމަތީގައި ވެސް ބޮޑުވެގެންވާ މަސްއޫލިއްޔަތެކެވެ. ކަންމިހެން އޮތްއިރު، އަޅުގަނޑުމެން މި ދިރިއުޅޭ މުޖުތަމަޢުގެ އެކި ފަންތި ތަކުގައި، މުދާ ދައުރުވަމުންދާ ގޮތާއިމެދު ވިސްނަނީ ކިތައް މީހުން ބާވައެވެ. އެއްބަޔަކު މާ ބޮޑަށް މުއްސަނދިވެ ދެރަ ނިކަމެތިންގެ ލޯތައް ފަހަނައަޅައި ދާއިރު، ނިކަމެތިން ދަނީ އިތުރަށް ނިކަމެތިވަމުން ފަޤީރުވަމުންނެވެ. އަންދަލުސް ގައި އަޅުގަނޑުމެންގެ ވުޖޫދިއްޔަތު ނެތިގެން ދިޔައިރު، މާއްދީ މުއްސަނދިކަމާއި ޖާހާއި މުދާވެރިކަމުގެ ތެރޭގައި ޣާފިލުވެފައި ތިބިތިބުމުގެ ނަތީޖާއެއްގެ ގޮތުން ހިނގާދިޔަ ހިތާމަވެރި ކަންކަމުގެ މަތިން އަޅުގަނޑުމެން ހަދާންނެތުނީތޯއެވެ. މިއަދު ވެސް އަޅުގަނޑުމެން  ދަތުރުކުރަމުން މި ދަނީ ހަމަ އެ މިސްރާބަށެވެ.

ޝައްކެއްނެތެވެ. މުދަލަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެކައްޗެވެ. އެހެނަސް، އެއީ މުރުއްވަތްތެރިކަމާއި އިންސާނާ އާއި ދެމެދުގައިވާ ފާރެކެވެ. ވަކިވަކި ޖަމާޢަތްތައް ނުވަތަ މުޖްތަމަޢުގެ އެކި ފަންތިތަކުގެ މެދުގައި ތަފާތުކުރުންތަކެއް ހުރެއްޖެނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އެތަނެއް ހަލާކުވުމެވެ. އެއީ ކޮމިޔުނިޒަމް ދުނިޔެއަށް ތަޢާރަފް ކުރި އުސޫލެކެވެ. اﷲ ތަޢާލާގެ އަމުރުފުޅުތަކާއި ޙުދޫދުތަކަށް ތަބާވުމަށް ފުރަގަސް ދިނުން ފިޔަވާ އެހެން ކަމެއް މިކަމުގައި ނުވެއެވެ. ޙަޤީޤަތަކީ މިއީ ކަމުގައި ވާއިރު، ހިތުގައި އުފެދޭ ސުއާލަކީ މުސްލިމުން އެބައިމީހުންގެ އިހުގެ ކުށްތައް ތަކުރާރުކުރުންމަތީ ދެމިތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

ޔޫރަޕުގެ ޤައުމުތަކަށް ނަޒަރު ހިންގާލާއިރު ފެންނަމުން ދަނީ އިޤްތިޞާދާއި ވެރިކަން ހިނގުމުގެ ސިޔާސަތު ހަރުދަނާ ކުރުމަށްޓަކައި ޤާނޫނުތައް ހަދައި، ހަރުދަނާ އުޞޫލުތައް ޤާއިިމް ކުރެވެމުންދާ މަންޒަރެވެ. އެބައިމީހުން ވަނީ، ފޫނުބެދޭ ސިޔާސަތުތަކުން ލިބިގެންދިޔަ ގެއްލުންތަކުން ދުރުވެ، ދުރު މުސްތަޤުބަލަށް އަމާޒުކޮށް، ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅަން ފަށާފައެވެ. މިފަދަ ޤައުމުތަކުގެ ތަޖުރިބާ ހިއްސާކޮށް، އެބައިމީހުން ހިފާފައިވާ ރަނގަޅުކަންކަމުގައި އަޅުގަނޑުމެން އެބައިމީހުންނާއި ތަބާނުވާންވީ ކީއްވެހެއްޔެވެ؟ އަޅުގަނޑު ގާތުގައި މީހަކު ބުންޔެވެ. ކަލޭ ދެކެ އަހަރެމެން ބިރުގަންނަ ސަބަބަކީ ތިއީ އެވެ. ކަލޭ ތިޔަ އެތެރެކުރަން ބޭނުންވާ ކަންކަމަކީ އަޅުގަނޑުމެންގެ ދީނާއި ކާބަފައިންގެ ޤަދީމީ އުޞޫލުތަކާއި ޚިލާފު ކަންކަމެވެ. ކަލޭ ތިޔަ ހުށަހަޅާ ކަންކަމަށް ވުރެ އަހަރެމެން މާ މުއްސަންޖެވެ. އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ ދީނަށްޓަކައި އަޅުގަނޑު ނުހަނު ފަޚުރުވެރިވަމެވެ. އެހެނަސް، ޖިހާދުކުރުން ފަދަ ކަންކަމުގައި މިސައިލާއި، ޞިނާޢީ ހަނދުތަކާއި، މި ޒަމާނުގެ ޓެކްނޮލަޖީގެ ބޭނުންކުރުމަކީ ބިދުޢައެކޭ ބުނެ، އެކަމަށް ދެކޮޅު ހެދުމަކީ އަޅުގަނޑު ފަޚުރުވެރިވާ ކަމެއް ނޫނެވެ.

(ނުނިމޭ)

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!