ތުރުކީ ރިޔާސީ ނިޒާމަށް އާނބަސް ބުނެފި، އުރުދުޣާންއަށް ތާރީޚީ ކާމިޔާބެއް

ސަރުކާރު ހިންގުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކޮށް ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަށް ތުރުކީގެ ރައްޔިތުން އާނބަސް ބުނެފިއެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހްތަކާމެދު އިއްޔެ ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި، އިސްލާހްތަކަށް ފެންނަ ކަމަށް ވޯޓްލީ މީހުންގެ %51.3 މީހުން ތާއީދު ކޮށްފައިވާ ކަމަށް މިހާތަނަށް ހާމަކުރެވުނު ވަގުތީ ނަތީޖާތަކުން ދައްކާފައި ވެއެވެ. އަދި މިއިސްލާހުތަކަށް ވޯޓުލީ މީހުންގެ %48.7 މީހުން ނޫނެކޭ ބުނެފައިވާކަމަށް ނަތީޖާތަކުން ދައްކައެވެ.

އޭކޭ ޕާޓީގެ މައިމަރުކަޒުކުރިމަތީ ސަޕޯޓަރުން އުފާފާޅުކުރަނީ

ތުރުކީގެ މިހާރުގެ ބޮޑުވަޒީރު ބިންއަލީ ޔިލްޑިރިމްވަނީ އިއްޔެގެ ވޯޓް ސަރުކާރަށް ކާމިޔާބުވެއްޖެކަން އިޢުލާން ކުރައްވާފައެވެ. އަންކާރާގައި ހުންނަ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) ގެ މައި މަރުކަޒު ކުރިމައްޗަށް އެއްވެފައިވާ ސަޕޯޓަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޔިލްޑިރިމްވަނީ ވިދާޅުވީ މިހާރު ލިބުނު ނަތީޖާއަށް ބަލާއިރު ރިޔާސީ ނިޒާމަށް ރައްޔިތުން އާނބަސް ބުނެފިކަމަށާއި މިއީ ރައްޔިތުންގެ ނިންމުން ކަމަށެވެ. އަދި މިއީ ތުރުކީގެ ޑިމޮކްރަސީގެ ތާރީޚްގައި މި ހުޅުވުނު މުޅީން އާ ސަފްހާއެއް ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

މިނަތީޖާ ވެފައިވަނީ ރައިސް އުރުދުޣާންއަށާއި ވެރިކަންކުރާ އޭކޭ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބަކަށެވެ. މުސްތަފާ ކަމާލް އަތާތުރުކު ތުރުކީގައި އިންދި އަލްމާނިއްޔަތުގެ އޮށުން ފެޅި ގަސްތައް މުލުން ލުހެލާއި އިސްލާމީ އުސޫލްތައް ތުރުކީގައި ޤާއިމްކުރައްވަން މަސައްކަތް ކުރައްވާ ރައީސް އުރުދުޣާން ވެފައިވަނީ ހުޅަނގުން ޖެހިލުންވާ ލީޑަރަކަށެވެ. ހުޅަނގުގެ ހަންފެތުރުމާއި ވަކިތައް ތުރުކީގައި ހިއްޕަން މަސައްކަތްކުރާ ސިޔާސީ ލީޑަރުންނަށް ވޯޓުގެ ނަތީޖާއިން އުރުދުޣާންވަނީ ވަރުގަދަ މެސެޖެއް ދެއްވާފައެވެ. މިއިސްލާހަށް ތާއީދު ހޯދުމަށް ކެމްޕެއިންކުރި ދުވަސްވަރުވެސް ހުޅަނގުންވަނީ ކެނޑިނޭޅި މިކަމާއި ދެކޮޅުހަދާ ފައެވެ. އަދި މިއިސްލާހު ފާސްވެއްޖެނަމަ އުރުދުޣާންގެ އަތްމައްޗަށް ބާރުތައް ނަންގަވައި ޚުދުމުޚްތާރު ވެރިޔަކަށް ވެގެންދާނެކަމަށް ހުޅަނގުގެ ސިޔާސީ ލީޑަރުން ބުނަމުން ގެންދިޔައެވެ.

އުރުދުޣާންގެ ބޮޑުވަޒީރުކަމުގެ ތިން ދައުރާއި ރައީސް ކަމުގައި މިވީ ދުވަސްތަކުގައި ތުރުކީއަށް ވަނީ އިގްތިސާދީ ބޮޑެތި ކުރިއެރުންތަކެއް ގެނެސް ދެއްވާފައެވެ. އިގްތިސާދީ ކުރިއެރުންތަކާ އެކު އުފެއްދުންތެރި ސިނާޢީ ގައުމަކަށް ތުރުކީ ބަދަލުކޮށްލެއްވުމުގައި ކާމިޔާބު ހޯއްދެވިއެވެ. ރައްޔިތުންގެ މުސާރަތައް ބޮޑުވެ ވަޒީފާގެ ފުރުޞަތުތައް އިތުރުވެ ރައްޔިތުންނަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެން ދިޔައެވެ.

ރައްޔިތުންގެ އާނބަސްބުނުމާއެކު ދެންއޮންނާނީ ތުރުކީގެ ގާނޫނު އަސާސީގެ 18 ވަނަ މާއްދާއަށް ޤާނޫނު ހަދާ މަޖްލިސްއިން ބަދަލުގެނައުމެވެ. މިމާއްދާގައި ބުނާގޮތުން ތުރުކީގެ ވެރިކަންކުރުމުގެ ނިޒާމް ކަނޑައަޅާނީ ރައްޔިތުންގެ ރުހުމާއެކު ޤާނޫނު ހަދާ މަޖްލިސްއިންނެވެ. މިއިސްލާހާއެކު ރައީސް އުރުދުޣާންއަށް އަދި އިތުރު ދެދައުރު ރައީސްކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!