ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކުގެ މައުލޫމާތު ދިނުމަށް އެކޯޕަރޭޝަންގެ ޓީމެއް ދ އަތޮޅުގައި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއިން ދެމުންގެންދާ ޚިދުމަތްކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި އެކޯޕަރޭޝަންގެ ވަފުދެއް ދ އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެކޯޕަރޭޝަންގެ ހެޑް އޮފް މާކެޓިންގ އެންޑް ޕީއާރު ހަސަން ޝިނާން ވިދާޅުވީ މިދަތުރަކީ ހައްޖު ކޯޕަރޭޝަންއިން ދެމުން ގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްދާ ދަތުރެއް ކަމަށެވެ.

އެގޮތުން މިދަތުރުގައި މިމަހުގެ 13 ވަނަ ދުވަހުދިޔައީ ދ އަތޮޅު ކުޑަހުވަދޫއަށާއި އެރަށުގައި ބެލެނިވެރިންނާއި މުދައްރިސުންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހައްޖު ކޯޕަރޭޝަނުން ދެމުންގެންދާ ޚިދުމަތްތަކާއި ތަޢާރަފް ކޮށްފައިވާ ޕެކޭޖްތަކާއި ގުޅޭ މައުލޫމާތު ދީފައިވާ ކަމަށް ޝިނާން ވިދާޅުވިއެވެ.

މިދަތުރުގައި އެއަތޮޅު މާއެނބޫދޫ، ހުޅުދެލީގައިވެސް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިއަދު މައުލޫމާތު ދިނުން ކުރިއަށްދާނީ ބަނޑިދޫގައި ކަމަށް ޝިނާން ފާހަގަ ކުރެއްވިއެވެ.

މިދަތުރުގެ އެންމެފަހު މަންޒިލަކީ ދ މީދޫއެވެ. މިރަށުގައިވެސް މައުލޫމާތު ދިނުމުގެ ގޮތުން ދޮރުން ދޮރަށް ކެމްޕެއިންއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޝިނާން ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންއިން މީގެ ކުރިން ހއ އަދި ޅ އަތޮޅުގައިވެސް މިފަދަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިފަހަރުގެ ތަރުހީބު ވަރަށް ރަނގަޅުކަމަށް އެފަރާތުން ފާހަގަކުރިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!