މާޔޫސް ނުވާށެވެ.

ދިރިއުޅުމުގައި މާޔޫސް ވީހެއްޔެވެ؟ އެހެންވީ ކީއްވެތޯ؟ މިހެންވީ ކީއްވެތޯ؟ ސުވާލުކުރެވެނީ ހެއްޔެވެ؟ އެކަން އެހެންވީމާ މާޔޫސްވީދޯއެވެ. އަހަރެންނަށް މިހެންވާންވީ ކީއްވެތޯ ސުވާލުކުރެވެނީ ހެއްޔެވެ؟ ދިރިއުންމަތިން ފޫހިވެ ކަންކަމާމެދު އުންމީދު ކަނޑާލެވެނީ ހެއްޔެވެ؟ ތިބާ ހެއްދެވި ފަރާތުން ތިބާ ދޫކޮށްލެއްވީ ކަމަށް ހީވަނީދޯއެވެ؟ އަޚާއެވެ. އުޚްތާއެވެ. މާޔޫސްނުވާށެވެ.

ﷲ ތިބާ ހެއްދެވީ އެކަނލާންގެ އަޅެއްގެ ގޮތުގައެވެ. ޚަލްޤު ކުރެއްވުމުގައި ތިބާއަށް އުނިވީ ކޮންކަމެއްތޯ ވިސްނާލާށެވެ. ތިބާއަށް ފެނޭހެެއްޔެވެ؟ އެކަމަށް ޙަމްދު ކޮށްލާށެވެ. އެހެނީ ނުފެންނަ މީހުން އެބައުޅެއެވެ. ތިބާއަށް އަޑު އިވޭހެއްޔެވެ؟ އެކަމަށް ޙަމްދު ކޮށްލާށެވެ. އެހެނީ އަޑު ނީވޭ މީހުންވެސް އެބައުޅެއެވެ. ތިބާއަށް ވާހަކަ ދެކެވޭ ހެއްޔެވެ؟ އެކަމަށް ޙަމްދު ކޮށްލާށެވެ؟ ހިތުގެ ޖަޒުބާތުތަށް ކިޔާދޭން ދުލަށް ކުޅަދާނަކަން ލިބިގެން ނުވާ ކިތަށް މީހުން އެބަތިބިތޯ ބަލައިލަާށެވެ.

ތިބާގެ ދެފައިން ނުހިނގޭ ހެއްޔެވެ. ތިބާގެ ވަށައިގެން ނިޢުމަތްތަށް ފުރިފައިނުވޭ ހެއްޔެވެ؟ ވިސްނާލާށެވެ. ތިބާއަށް ލިބިފައިވާ ކިތައް ނިޢުމަތް އަނެކާއަށް ނުލިބި އުނިވެފައި ވޭތޯއެވެ.

ތިބާގެ މައްސަލައަކީ ކޮބާހެއްޔެވެ؟ ތިބާ މާޔޫސްވީ ކޮންކަމަކާ ހެއްޔެވެ؟ ކައިވެންޏެއް ނުކުރެވި ލަސްވާތީ ހެއްޔެވެ؟ ނޫނީ ކައިވެނި ކުރެވި ކާމިޔާބުނުވެ ބައިވެރިޔާ ތިބާއާ ވަކިވީހެއްޔެވެ؟ ދަރިއަކު ނުލިބުން އެއީ ތިބާ މާޔޫސްވި ސަބަބު ހެއްޔެވެ؟ މަތީ ތަޢުލީމަށް ފުރުޞަތު ނުލިބުން ހެއްޔެވެ؟ ވަޒީފާއެއް ނެތުން ހެއްޔެވެ؟ ހުރިހާކަމަކާ ހާސްވެ މާޔޫސްވީމައި ހައްލެއްހޯދަން ކުރަންވި ކަމަކީ ކޮބައިކަން ނޭގުނީ ހެއްޔެވެ؟

ކައިވެންޏެއް ނުކުރެވި ލަސްވެ މާޔޫސްވާ ޒުވާނުން ވިސްނާލާށެވެ. ތިބާއަށްޓަކައި ތިބާގެ ވެރި އިލާހު ލައްވާފައިވާ ނިޢުމަތް ތިބާއަށް އަންދާޒާކޮށް ނުލެވޭހާ ބޮޑުވެދާނެއެވެ. އެކަން ލަސްވުމުގައި ލައްވަވާފައިވާ ޙިކްމަތް ތިބާ ހިތަށް ނުގެނެވޭފަދަ ބޮޑު ކަމަކަށް ވެދާނެއެވެ. ޝުކުރުވެރިވެލާށެވެ. ﷲއަށް ޙަމްދުކޮށް ތިބާގެ ހިތުގެ އެދުން އެކަލާންގެ ހަޞްރަތަށް ދަންނަވާށެވެ. ދުޢާ ކުރާށެވެ. އަބަދުވެސް ހަނދާން ކުރާށެވެ. އެކަލާންގެ ރަޙްމަތް ފުޅާވެ ތަނަވަސްވެގެންވެއެވެ. ތިބާފަދައިން އެކަމަށް އެދިތިބި އެހެން މީހުންވެސް ވާނެއެވެ. ކައިވެނި ކުރެވި ކައިވެނީގެ މަޤްސަދު ހާސިލް ނުވެ ތިބި މީހުންވެސް ތިބޭނެއެވެ. ތިބާގެ ހާލަތަށްވުރެ ދެރަ ހާލަތެއްގައި ތިބި މީހުންވެސް ތިބެދާނެ ކަން ދަންނާށެވެ. ކައިވެނި ކުރުމުގެ ކުޅަދާނަކަން ތިބާއަށް ދެއްވިކަމަށްޓަކައި އެއިލާހަށް ޝުކުރުވެރިވާށެވެ. އެކުޅަދާނަކަން ނެތްމީހުން ވެސް އެބަތިއްބެވެ. ތިބާގެ ޙަލަތަކީ ތިބާއަށް ކުރިމަތިވެފައިވާ އިމްތިޙާނެއްކަމުގައި ދެކޭށެވެ. ކެތްތެރިވެ އިމްތިޙާނާ ކުރިމަތިލާށެވެ. ތިބާގެ ދުވަސް ކައިރީގައިވާކަމަށް އުންމީދު ކުރާށެވެ. ﷲއަށް އުރެދުމަކީ ތިބާގެ މައްސަްލައަށް އޮތް ހައްލެއްނޫނެވެ. އޯގާވަންތަ އެއިލާހަށް ނުއުރެދޭށެވެ.

ކައިވެނިކޮށް ކާމިޔާބު ނުވެ ވަކިވާން ޖެހުނީހެއްޔެވެ؟ އެއީ މާޔޫސްވާންވި ކަމެއްނޫނެވެ. އިންސާނެއްގެ ހައިސިއްޔަތުން ދެރަވުން އެއީ ތަބީޢީ ކަމެކެވެ. އެހެން ނަމަވެސް މާޔޫސް ނުވާށެވެ. ތިބާގެ ޒަވާޖުގެ ގޮށް އެދުވަހު މޮހެލަން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ތިބާގެ ހަޔާތް ބާއްޖަވެރިވެ އުޖާލާ ވެގެންދާނީ ކޮންފަދަ ގޮތަކަށްކަން ތިބާއަށްނުވެސްއެނގޭނެއެވެ. ﷲގެ މަގު ޚިޔާރު ކުރާށެވެ. އެއިލާހުގެ ހަޞްރަތަށް ދުޢާ ދަންނަވާށެވެ. ތިބާގެ ރަޙްމަތަށް އިންތިޒާރު ކުރާށެވެ. އުރެދުމުގެ މަގު ޝައިޠަނާ އަމާން ކޮށްދޭނެއެވެ. އެމަގު އޭނާ ޒީނަތްތެރި ކޮށްދޭނެއެވެ. ފުރެދުމުގެ މަގުން ހިނގުން ޒަމާނަށް ރީތި ވެދާނެއެވެ. ނަމަވެސް ﷲގެ އަޅާއެވެ. ތިބާ އެއިލާހަށް ނުއުރެދޭށެވެ.

ދަރިއަކުނުލިބުން ތިބާ މާޔޫސްވި ސަބަބެއް ކަމުގައިވީނަމަ ހަނދުމަކުރާށެވެ. ޒަކަރިއްޔާ  عليه السلام ގެ ވާހަކައިން ޢިބްރަތެއް ލިބޭތޯބަލާށޭވެ. އެކަލޭގެފާނަށް  ދަރިކަލަކު ލިބިނުލައްވާނެއުމުރުފުޅާ ހަމައަށް އެކަލޭގެފަނު ކެތްތެރިވެލެއްވިއެވެ. އެކަމުގެ ވަގުތު ޖެހެންދެން ދުޢާ ކުރެއްވުމާ ކެތްތެރިވުމާއި ނަމާދުން އުއްމީދު އާކުރެއްވެވިއެވެ. އެކަލޭގެފާނުގެ އެކަލޭގެފާނުގެ އިލާހުގެ ރަޙްމަތާމެދު އުއްމީދު ކަނޑާނުލައްވައެވެ. އެކަލޭގެފާނުގެ ވާހަކައިން ޢިބްރަތް ލިބިގަންނާށެވެ. ތިބާގެ ވަގުތު އަދި ނުޖެހެނީ ކަމަށް ވެދާނެއެވެ. ދަރިން ލިބިގެން އެދަރިންގެ ބަލިމަޑު ކަމުގެ ސަބަބުން ރޮމުން ކަރުނަ އަޅަމުންދާ ކިތަންމެ ބަޔަކު އެބަ އުޅެއެވެ. ތިބާއަށް އެކަން ތަހައްމަލް ކުރަންނުޖެހޭ ކަމަށްޓަކައި ޙަމްދުކޮށްލާށެވެ. ދަރިން ބަލައި ބޮޑު ކުރުމަކީ ފަސޭހަ ކަމެއްނޫނެވެ. އެކަން އިޙްސާސްކުރެވޭނީ މަޔަކަށް ނުވަތަ ބައްޕަޔަކަށް ވީމައެވެ. އަދި ތިބާއަށް އެކަން އިޙްސާސް ކުރަން ނުޖެހޭތީ ޙަމްދުކޮށްލާށެވެ. އެއީވެސް ރަޙްމަތެއްކަމުގައި ދެކޭށެވެ. ތިބާގެ މާޔޫސްވުން ފިލައި ހިނގައިދާނެއެވެ. ﷲއަށް ދުޢާ ކުރުމާއި އިސްތިޣްފާރު ކުރުމަކީ ތިބާގެ މާޔޫސްކަމުގެ ހައްލުކަމުގައި ހަދާށެވެ. އާދަޔާ ޚިލާފް އުފާވެރިކަމެއް އިޙްސާސްވާނެއެވެ.

ތިބާ މާޔޫސްވީ އެކީގާ އުޅުނު ރަޙްމަތްތެރިން މަތީ ތަޢުލީމް ހާސިލްކޮށް ނިންމީމާހެއްޔެވެ؟ ތިބާއަށްވެސް ވާނެއެވެ. ނުވާނެ ކަމަށް ނުނިންމާށެވެ. އެއްފަހަރު ފަށައިގެން ކާމިޔާބުނުވީ ހެއްޔެވެ؟ ދެވަނަ ފަހަރު ފަށާށެވެ. ﷲގެ ހަޟްރަތުން މަދަދު އެދިގެންނެވެ. އަމުރުފުޅު ތަކަށް ކިޔަމަށްވުމާއި އެކަލާންގެ ރަޙްމަތަށް އުއްމީދު ކުރުމާއެކެއެވެ. އަބަދުވެސް ޔަޤީން ކަން ބާއްވާށޭވެ. ﷲގެ ރަޙްމަތްފުޅާއި މެދުއެވެ. އެކަމާއިމެދު ތިބާ މާޔޫސް ނުވާށެވެ. އެރަޙްމަތް ފުޅާ މެދު އުއްމީދު ތާއަބަދުވެސް އުއްމީދު ކުރާށެވެ. މާތް ﷲ އެކަލާންގެ ވަޙީ ބަސްޅުން އެކަން އަންގަވައިފައިވެއެވެ. ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ” قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ” މާނައީ  ކަލޭގެފާނު ވިދާޅުވާށެވެ!  އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ!  ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ.  ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ  .

ތިބާ މާޔޫސްވެ ބޭޤަރާރުވީ ކޮންމެކަމާއި ވިޔަސް ދަންނާށެވެ. ތިބާގެ ވެރިރަސްކަނލާންގެ ތިބާ ހެއްދެވީ އެކަނލާންގެއަށް ތިބާ އަޅުކަން ކުރުމަށެވެ. އެކަނލާންގެ އަމުރުފުޅުތަކަށް ތަބަޢަ ވުމަށެވެ. ތިބާގެ ހަށިގަނޑަކި ތިބާއާއި ހަވާލުވެވުނު އަމާނާތެކެވެ. މާޔޫސްެވެ ކަންބޮޑުވާ ކޮންމެ ފަހަރަކު ހަށިގަނޑަށް ގެއްލުންދިނުމަކީ ނުވަތަ މަރުވުމަކީ ހައްލެއްނޫނެވެ. އެއީ މޮޔަކަމެކެވެ. ތިމާގެ ފިނޑިކަމެވެ. ދިމާވާކަންކަމަށް ކުރިމަތިނުލެވޭހާ ފިނޑިމީހަކަށް ތިބާ ވުމީ ތިބާގެ ނުކެރޭކަމެވެ. މާޔޫސްނުވާށެވެ. އެކަކު ތިބާއާއެކު ނުވިޔަސް ތިބާގެ ވެރިއިލާހު ތިބާއާއެކު ވޮޑިގެންވެއެވެ. ހެއްދެވިފަރާތަުން ދެއްވާނެ ރަޙްމަތަށް މާޔޫސްނުވާށެވެ. އެއީ ހެދޭ ގޯހެކެވެ. މާޔޫސްނުވާށެވެ.

ނިމުނީ

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. maai Allah barakaai lahwaashi. <3

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!