ހަޤީގީ ވާހަކަ: ޓީވީގެ ވަޒީފާ ދޫކޮށްލީ ﷲއަށް ޓަކައެވެ

ދައްކަންމިއުޅެނީ އާދައިގެ މީހެއްގެ ވާހަކައެއް ނޫނެވެ.ދައްކަން މި އުޅެނީ ފަނަރަހާހުން ވިހިހާހުން މުސާރަލިބުނު ވަޒީފާއެއް ދޫކޮށްލި ދިވެހި ޒުވާނެއްގެ ވާހަަކައެވެ.

“އަނބިމީހާ ވިހަން ކައިރިވެފަ އިންދާ، އަތުގަ އެއްވެސް ލާރިއެއް ނެތް ވަގުތަކު، އެވަރުގެ ބޮޑު ވަޒީފާއެއް ދޫކޮށްލާނީ އެއްވެސް ވިސްނުމެއް ފިކުރެއްނެތް ހާދަ މޮޔަ ތާކުންތާކު ނުޖެހޭ މީހެކެވެ” . މިއީ ބައެއް މީހުން ދެކެފާނެ ގޮތެކެވެ. ނަމަވެސް ޤަބޫލު ކުރަންޖެހޭ ހަޤީގަތަކީ މިފަދަ “މޮޔަ” މީހުންވެސް އަހަރެމެންގެ ތެރޭގައި އުޅޭކަމެވެ. އެއީ އުފާ ކުރަންވީ ކަމެކެވެ.

އާދެ! ދައްކަން މި އުޅެނީ ، ދިވެހިރާއްޖޭގެ “މަޝްހޫރު” ޓީވީ ސްޓޭޝަނެއްގައި 8 އަހަރާއި ގާތަށް މަސައްކަތް ކުރި “އަލީ”ގެ ވާހަކައެވެ.

2006 ގައި ޓީވީ ވަޒީފާއާއި ގުޅުނު މި ޒުވާނާ ބަދަލުވެގެންއައި ގޮތުގެ ވާހަަކައެވެ. ލަވައާއި މިއުޒިކުގެ ދުނިޔެއްގައި ދިރިއުޅެމުން އައިސް ފަހުން ލަވައާއި މިއުޒަކަށް ނަފްރަތު ކުރި ގޮތުގެ ވާހަކައެވެ. ހިލޭ އަންހެންކުދިންނާއި ފޮށެ އެކުގައި އުޅެ ، ފަހުން އެކަންކަމާ ދެރަވެ ހިތާމަ ކުރި ގޮތުގެ ވާހަކައެވެ. ވިސްނާ ބަޔަކަށް މި ވާހަކަތަކުގެ ސަބަބުން އިބްރަތެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ. އެެއީ އަލީގެ ވެސް ހުވަފެނެވެ.

“އަހަރެންނަކީ އެހާ ރަނގަޅަށް އުޅެމުން އައި މީހެއް ނޫން. އެއް ކުއްޖަކާާ ރައްޓެހިވެލާ އެހެން ކުއްޖަކާ ރައްޓެހިވެލާ އުޅުނީ މިހާރުގެ ގިނަ ކުދިންވެސް އުޅޭ ގޮތަށް. އެއްފަހަރާ ތިން ހަތަރު ކުދިންނާ ރަށްޓެހި ވެލައިގެންވެސް އުޅެވިދާނެ” އަލީ ކިޔަދިނެވެ.

އަލީ ކިޔައިދިން ގޮތުގައި އޭނަ އަށް ވިސްނެން ފެށުނީވެސް މިހެން ދިމާވި “ހައްދުފަހަނައަޅައިފައިވާ އަޚްލާޤީ ގޮތުންވެސް އެއްވެސް ފެންވަރެއް ނެތް” ކުއްޖެއްގެ ސަބަބުންނެވެ. އެހާ އަޚްލާޤީ ފެންވަރު ދަށް ކުއްޖަކާ އެއްކޮށް ޒަވާޖީ ހަޔާތެއް ފެށުމަކީ އަލީ އެއްވެސް އިރެއްގައި އެދުނު ކަމެއްނޫނެވެ. އެހެންކަމުން އޭނާ އާއި ދުރަށްދާން ވަރަށް މަސައްކަތް ކުރެވުނެވެ. އެ މަސައްކަތް ކާމިޔާބުވީ އެހެން ކާމިޔާބީއަކާއިވެސް އެކުއެވެ. އެއީ “ނަމާދާއި ގާތް ވެވުމެވެ”.

އަލީ ޤަބޫލުކުރާ ގޮތުގައި އެހިސާބުން ފެށިގެން އޭނައަށް ހެޔޮ ވިސްނެން ފަށައިފިއެވެ. ރައްޓެހިންގެ ގޮތުގައި ރަނގަޅު ރައްޓެހިން އިޙްތިޔާރު ކުރެވުމާއި ދީނީ އެކި އެކި ދަރުސްތައް އަޑުއެހުން ވެގެން ދިޔައީ އިތުރު ބާރަކަށެވެ. ޝައިތާނާގެ މަޅިތަކުގެ ތެރޭގައި އޭނާވެސް ޖެހިފައިވާކަން އެނގުނެވެ. އަދި ﷲެގެ ހަޟްރަތުގައި ތައުބާވާން ބޭނުންވިއެވެ. ރޭގަނޑުގެ އަރާމް ނިދި ދޫކޮށް ދަމު ނަމާދާއި ރޭ އަޅުކަމުގައި ވަގުތު ހޭދަ ކުރެވުނެވެ.

” ނަމާދުތަކުގައި ހުންނަ އިރުވެސް އަހަންނަށް އޭރު ގިސްލަ ގިސްލާ ރޮއެ ހެދެނީ، ހޭލައިގެންވެސް ދެވެނީ މިސްކިތަށް ، ފޫހިވެގެންވެސް ދެވެނީ މިސްކިތަށް، މުޅި ހަޔާތް އެއްކޮށްހެން ބަދަލުވީއޭ ބުނެވޭނީ، ބިޓުން ނަގައިގެން އުޅުނުގޮތް ދޫކޮށްލާ ރަނގަޅު ބައިވެރިއަކު ހޯދައިގެން ބޭނުންވީ އިންނަން.” އަލީ އޭނަ އިސްލާޚް ވެގެން އައި ދުވަސްވަރު ސިފަ ކޮށްދެމުން ކިޔައިދިނެވެ.

މިދުވަސްކޮޅަކީ ޓީވީގައި އަލީީ މަސައްކަތް ކުރަމުން އައި ދުވަސްކޮޅެވެ. އަލީ ކިޔައިދިން ގޮތުގައި އޭނަ އިސްލާޚް ވަމުން އައި ދުވަސްކޮޅު ވަޒީފާގައި އުޅެން ވަރަށް އުދަނގޫ ވިއެވެ. ” ނަމާދުކޮށްފައި ގޮސް އަންނަ ގޮތަށް ޖެހެނީ އެތާގެ ބޯ ތަޅުވާ މީހުންގެ ލަވަތަކާ މިއުޒިކުގެ ތެރޭގަ އުޅެން، މިއުޒިކާއި ނުލާ ނުވާނެ އެއްކަމެއްވެސް އެތާ” އަލީގެ ވަޒީފާ ސިފަކޮށްދެމުން ކިޔައިދިނެވެ.

އިތުރަށް އަލީ ކިޔައިދިން ގޮތުގައި ހައްޤު ގޮތުގައި ފައިސާ ހޯދާނެ އެއްވެސް ވަޒިފާއެއް އޭނައަކަށް  އެތަނުން ނުފެނުނުކަމަށެވެ. ” ﷲ ތަޢާލާ ހަރާމްކުރެއްވި މިއުޒިކާ ނުލައި އެތާ އެއްވެސް ކަމެއް ނުވޭ، އެގޮތަށް އަހަންނަށް ވިސްނެން ފެށުނީ” އަލީ ވަރަށް އަސަރާއި އެކު ކިޔައިދިނެވެ.

އަލީ ޓީވީއިން ކެނޑުނީ މިކަންކަމުން ސަލާމަތްވުމަށް ޓަކައެވެ . އަލީ ކިޔައިދިން ގޮތުގައި ޓީވީގެ ވަޒީފާ ދޫކޮށް ނިކުމެގެން ދިޔައީ ލައިވް ޕްރޮގްރާމެއް އޮން އެއާ ކުރަން އިނދެފައެވެ. ﷲ ތަޢާލާގެ އަޒާބަށް ކޮންމެވެސް ދުވަހަކު ކެތްނުކުރެވޭނޭކަން އެނގޭތީއެވެ.

” ޕޮރްޑިއުސަރުވެސް ބުނި ކިހިނެތްހޭ ކަލެއަށް ތި ވަނީވެސް. ޕްރޮގްރާމް ލައިވް ކުރަން އިން ގަޑީގަ އެތާ އިންނަން އަހަންނަށް އުނދަގޫވި. ނުބައި ކެމެރާތައް ނަގާފަ ދެއްކެނީ. ދެން އަހަރެން ބުނިން އަހަރެން ކުރާ ހިތެއް ނުވެއޭ މި މަސައްކަތެއް . އަހަރެން ބޭނުމެއް ނުވެއޭ މިތާ މަސައްކަތް ކުރާކަށް. ދެން ހަމަ ލައިވްގަ އިނދެފަ ނުކުމެގެން ދިޔައީ ، އަހަރެން ބުނިން އަހަރެންނަށް މިތާގަ ކެތެއް ނުވާނެޔޭ” އަލީ މި ވާހަކަތަށް ކިޔައިދިނީ ފެންކަޅިވެ ހުރެއެވެ.

އަލީ ޤަބޫލު ކުރާ ގޮތުގައި އެނިންމުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

” ވަރަށް ޔަޤީން ކަމާއިއެކު ނިކުމެގެން ދިޔައީ ، އަހަރެންނަށް އެނގޭ މިއަށްވުރެ ރަނގަޅު ގޮތް އަދި މެދުވެރިވާނެކަން. އެހެންވެ އެ ހިތްވަރު ލިބުނު ދުވަހު ނިކުމެގެން ދިޔައީ ހަމަ. ” އަލީ މީގެ ދެތިން އަހަރު ކުރިން ވަޒީފާއިން ވަކިވި ގޮތުގެ ވާހަކަ ކިޔަދެމުން ބުންޏެވެ.

އަލީ ކިޔައިދިން ގޮތުގައި ވަޒީފާއިން ކެނޑުނު ދުވަހު އާއިލާއިންވެސް އެކަމާ ދެކޮޅު ހެދިއެވެ. އެހާ “ޝަރަފުވެރި ، ޓައި އެޅި ، މުސާރަ ބޮޑު” މަޤާމެއް މިޒަމާނުގައި ނުލިބޭނެތީ އެވެ. ނަމަވެސް އަލީ އަށް ކުރެވުނު އިޚްސާސްތަށް ތަފާތެވެ.

” ކިތަންމެ މީހަކު އެބައުޅޭތާ ދޯ ނުހައްޤު ގޮތުގައި ހޯދާ ލާރިން. ހަޤީޤަތުގައި އެމީހުންނަށް މިކަމުގެ ނުބައިކަން ނޭނގެނޭއޭ އަހަރެން ބުނާނީ .  ހައްޤުގޮތުގައި ހޯދާ ލާރިއަކީ ހާދަ ބަރަކާތްތެރި އެއްޗެކޭ.” އަލީ ވަަރަށް އަަސަރާއި އެކު ކިޔައިދެމުން ގެންދިޔައެވެ.

އަލީ ކިޔައިދިން ގޮތުގައި އޭރު އެވަރަަަށް މުސާރަ ލިބެމުން ދިޔައިރުވެސް އަތުގައި މަސްނިމެންވާއިރަށް އެކައްޗެއް ވެސް ނޯވެއެވެ. އެ ފައިސާއަށް ވާނުވާއެއް ނޭނގި ހުސްވެދަނީ މަހުގެ 15 އަށް ވެސް ދިއުމުގެ ކުރިންނެވެ.

އޭގެ 3 ވަރަކަށް އަހަރު ފަހުން މިއަދު އަލީ އަކީ އަމިއްލަ ވިޔަފާރިއެއް ކުރަމުން އަންނަ އަމިއްލަ ފިހާރައެއްގެ ވެރިއެކެވެ. ހައްޤު ނޫން ގޮތުގައި އޭރު ލިބުނު ފައިސާ މިއަދު އަލީ އަށް ލިބެނީ ހައްޤު ގޮތުގައި އޭގެ “ޑަބަލް” ކޮށެވެ. ﷲ ސުބްޚާނަހޫ ވަތަޢާލާ އެކަލާނގެއަށް އިޚްލާސްތެރި އަޅުންނަށް ދެއްވަވާގޮތް ނިކަން ބައްލަވާށެވެ. ﷲ އަށް ޓަކާ އެތަނުން ނިކުމެގެން އައީ ޔަޤީންކަމާއިއެކުއެވެ. އަދި މިއަދު ، އަލީ ކިޔައިދިން ގޮތުގައި އޭނާ އުޅެނީ ވަރަށް އުފަލުންނެވެ. ފައިސާގެ ދަތިކަމެއްވެސް ކުރިމައްޗެއް ނުވެއެވެ. ބޭނުންވާ ހުރިހާ ކަމެއް ވެގެންދަނީ ހީވެސް ނުކުރާހާ ފަސޭހަކޮށެވެ. ތިމާއަށް ލިބޭ ފައިސާއަކީ ހަލާލް ފައިސާއަށް ވުމަކީ ތިމާއަށް ލިބޭނޭ އުފަލަކާއި ހިތްހަމަޖެހުމެކެވެ.

އަލީ ކިޔައިދިން ގޮތުގައި އިތުރު ގޮތެއް ނުފެންނާނެކަމަށް ދެކިގެން އެފަދަ ވަޒީފާތަކުގައި އުޅޭ ފަރާތްތަކުން ޤަބޫލުކުރަންވީ ކަމަކީ ﷲއަށް ޓަކައި އެއްޗެއް ދޫކޮށްލާ މީހާއަށް އެއަށްވުރެ އިތުރަށް އެކަލާނގެ ދެއްވަވާނޭކަމެވެ. އަލީ އަކީ ވެސް އޭގެ މިސާލުތަކުގެ ތެރެއިން ދިރިހުރި މިސާލެކެވެ. ތިބާ އަދިވެސް ވިސްނާ ފިކުރުކުރަން ނުވޭހެއްޔެވެ؟

6 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. NAASHID

  2. ތިޔަ ފިހާރަ ފެށިގެޮތްވެސް ކިޔާލަ ދިންނަމަ ހައްޤު ގޮތުގަ ފައިސާ ހޯދާވާހަކަ ދެއްކި އިރު!

  3. nasidh ah rahumai lahvaane insha allah

  4. މާ ޝާ ﷲ

  5. Kihinehbaa fahun laari mi libuny maves beynun thihenvaa

  6. މާ ޝާ ﷲ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!