މިއަށްވުރެ މާކުޑަ ސްޓޯރޭޖެއް ހުރި ލެޕްޓޮޕެއްގެ އަގު މާބޮޑީ ކީއްވެ؟

ލިޔުމާއިގެން ކުރިޔަށްދިއުމުގެ ކުރިން، ކޮމްޕިއުޓަރުގައި އާންމުކޮށް ބޭނުންކުރާ ދެވައްތަރުގެ ސްޓޯރޭޖަކީ ކޮބައިކަން ބަލާލަމާހިންގަވާށެވެ. އާންމުކޮށް ކޮމްޕިއުޓަރުގައި  ބޭނުންކުރާ ދެވައްތަރުގެ ސްޓޯރޭޖަކީ އެޗްޑީޑީ އަދި އެސްއެސްޑީއެވެ. ހާޑް ޑިސްކް ޑްރައިވް (އެޗްޑީޑީ) އެއް އެންމެ ފުރަތަމަ އުފައްދާފައިވަނީ މީގެ 61 އަހަރު ކުރިން IBM ކުންފުނިންނެވެ. މިހާރުގެ އެންމެ ކުޅަދާނަ ސޮލިޑް ސްޓޭޓް ޑްރައިވް (އެސްސެސްޑީ) ވުޖޫދަށް އައުމުގެ އަޞްލަކަށް ވެފައިވަނީވެސް އެ އީޖާދެވެ. އެހެނަސް އެއީ 1995 ވަނަ އަހަރުގެ ފަހުން ސްޓޯރޭޖް ޓެކްނޮލޮޖީއަށް ގެނެވެމުންދިޔަ އިންޤިލާބުގެ ނަތީޖާއެވެ. މި ލިޔުމުގެ ބޭނުމަކީ ދެކަމެއް ތިލަކޮށްދިނުމެވެ. ފުރަތަމަކަމަކީ ބަޔާންކުރެވުނު ދެވައްތަރުގެ ޑްރައިވް ތަފާތުވަނީ ކިހިނެއްކަން ބުނެދިނުމެވެ. ދެވަނަކަމަކީ ފަހުން މިދެންނެވި ޒާތުގެ ޑްރައިވްއެއް އެޅުވީމާ ލެޕްޓޮޕް އަގުބޮޑުވާ ސަބަބު ބަޔާންކޮށްދިނުމެވެ.

ހާޑް ޑިސްކް ޑްރައިވަކީ ދަގައްފާނުގެ އެހީގައި އޭގައި މަޢުލޫމާތު ރައްކާކުރެވޭ ޑިސްކު ހަރުކޮށްފައި ހުންނަ އެއްޗެކެވެ. މިއިން މަޢުލޫމާތު ނެގުމަށާއި މިއަށް މަޢުލޫމާތު އެޅުމަށްޓަކައި އެ ޑިސްކު އަނބުރަންޖެހެއެވެ. މިއީ ހޫނުވުމާއި ކަންފަތިވުން ވަރަށް ބޮޑުވާ ކަމެކެވެ. އަދި އެގޮތަށް މަޢުލޫމާތު ނެގުމާއި އެޅުމަކީ އޭގެ ޒާތުގައި ގިނަ ވަގުތުތަކެއް ނަގާ ކަމެކެވެ. އެންމެ ފަހުގެ 7200 އާރްޕީއެމް (ރިވޮލިއުޝަން ޕަރ މިނިޓް (މިއީ ޑިސްކު އެނބުރޭ ހަލުވިމިން ބަލަން ބޭނުންކުރާ މިންގަނޑެކެވެ.)) ގެ ހާޑް ޑިސްކް ޑްރައިވެއްގެ މަޢުލޫމާތު އެޅޭ އަދި ނެގޭ ސްޕީޑު އާންމުގޮތެއްގައި ހުންނަނީ ސިކުންތަކު 170 މެގަބައިޓަށްވުރެ ދަށުގައެވެ.

ސޮލިޑް ސްޓޭޓް ޑްރައިވް މަސައްކަތްކުރާގޮތް އެއާ ވަރަށް ތަފާތެވެ. ޢާންމު ދިރިއުޅުމުގެ މިސާލަކަށް ދަމާ ހިންގަވާށެވެ. ތިބާ މި ލިޔުން ވިދާޅުވާން ސޯފާގައި އިންނަވާފައި ، ފޮތް ހަރުގަނޑުގައިހުރި ވަކި ފޮތެއް ގެނެސްދިނުމަށް ދަރިފުޅުގާތު ވިދާޅުވުމުން، ދަރިފުޅު އެއްކަލަ ފޮތް ގެނެސްދީފިއެވެ. ފޮތް ހޯދައިގެން ތިބާއާ ހަމައަށް ގެނެސްދިނުމަށް އެ ހޭދަވި ވަގުތަކީ ހާޑް ޑިސްކް ޑްރައިވެއްގެ މިސާލުނަމަ، ސޮލިޑް ސްޓޭޓް ޑްރައިވެއްގެ މިސާލަކީ އެއްކަލަ ފޮތް ހޯދަން ބޭނުންވާ ވާހަކަ ބުނުމާއެކު ކުއްލިޔަކަށް އެއްކަލަ ފޮތް އުނގުމައްޗަށް އައުމެވެ. ހޯދުމަށް ހޭދަވި ވަގުތާއި، ނަގައިގެން ގެންނަން ދިޔަ ވަގުތުން އެތައް ތަނެއް އުނިވުމަށްފަހުގައެވެ. ސަބަބަކީ ސްލިޑް ސްޓޭޓް ޑްރައިވްގައި ވަކިން އެނބުރޭ، ނުވަތަ ހަރަކާތްކުރާ، ހަމަލޮލަށް ފެންނަ ބައިތަކެއް ހުރުމުގެ ބަދަލުގައި މަޢުލޫމާތު ރައްކާކުރަނީ ޗިޕް ތަކެއްގައި ކަމަށްވާތީއެވެ. އާދޭހެވެ! ޖީބުގައި ތިޔަ އޮތް ޕެންޑްރައި ފަދައިންނެވެ.

އެންމެ ފުރަތަމަ ސޮލިޑް ސްޓޭޓް ޑްރައިވްއެއް އުފެއްދުމުން، އޭގެ އުމުރާމެދު ވަރަށްބޮޑެތި ބަހުސް ހިނގިއެވެ. އޭގައި ރައްކާކުރާ މަޢުލޫމާތު ކުރު މުއްދަތެއްގެ ތެރޭގައި ފޮހެވޭނެކަމަށް ބުނެވުނެވެ. އެކަމަކު މިހާރު ފެންނަން މިހުރި ސޮލިޑް ސްޓޭޓް ޑްރައިވްތަކުގައި ރައްކާކުރާ މަޢުލޫމާތު 200 އަހަރުވިޔަސް އެއްވެސް ބަދަލެއް ނައިސް ހުންނާނެކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. ސަތޭކަ އަހަރައްވުރެ ގިނަދުވަހު ދުނިޔޭގައި ހުންނަ މީހަކު މިހާރު ދާދި މަދުވާނެއެވެ.

ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރު ވިއްކާ ފިހާރަޔަކަށްވަދެ ބަލާލައިފިނަމަ، ފާހަގަވާނެ އެއްކަމަކީ، އެހެން ހުރިހާކަމެއް އެއްގޮތްވެފައި، ހަމައެކަނި ސްޓޯރޭޖް ޑްރައިވްގެ ތަފާތުގެ ސަބަބުން ހާހުގެ އަދަދުތަކުން އަގު ތަފާތުވާކަމެވެ. ހާޑް ޑިސްކް ޑްރައިވްއާ އަޅާބަލާއިރު ސޮލިޑް ސްޓޭޓް ޑްރައިވްގެ ގިނަ ފައިދާތަކެއް އެބަހުއްޓެވެ. އެކްސެސް ސްޕީޑް 100 ގުނަ އަވަހެވެ. ގޭނި ކަންފަތިވާނެ ބައެއް ނުހުންނާތީ ފެއިލްވުމުގެ ފުރުޞަތު ހާޑް ޑިސްކް ޑްރައިވް އަކަށްވުރެ އެތައްގުނައެއް ކުޑައެވެ. ކަރަންޓު ޚަރަދު ކުޑަކޮށްދެއެވެ. ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕް އޮންކުރުމުން ތިޔަ އިވޭ އަޑު އެއްކޮށް ކެނޑިގެންދެއެވެ. މި ހުރިހާކަމެއް މިހެން ހުރުމުގެ ސަބަބުން އެސްއެސްޑީގެ އަގު ބޮޑެވެ. ހެޔޮ ޚަބަރަކީ 32 ގިގަބައިޓުން ފެށިގެން 60 ޓެރަބައިޓާ ހަމައަށްވެސް އެސްއެސްޑީ އުފައްދައި ލިބެންހުރިކަމެވެ. އެހެންކަމުން ޖީބަށް އެކަށޭނަ އަގެއްގެ އެއްޗެއް ގަތުންވެސް އުނދަގުލެއް ވާނެކަމަކަށް ނުފެނެއެވެ.

ދެންއޮތީ މި ލިޔުމުގެ ދެވަނަ މަޤްޞަދެވެ. އެސްއެސްޑީއެއް އެޅުވީމާ އަގަށް އެހާ ބޮޑު ބަދަލެއް އެ އަންނަ ސަބަބެވެ. އެ ސުވާލުގެ ޖަވާބުވެސް އިތުރު ތަފްޞީލަކަށް ދާންނުޖެހޭވަރަށް މިހާރުވާނީ ލިބިވަޑައިގެންފައެވެ. އަޖާއިބަކީ ޓެކްނޮލޮޖީ ބަދަލުވުމާއި އަގަށް ބަދަލުއަންނަލެއް އަވަސްކަމެވެ. ”އަތްފިހިދާނެތީ“ އިއްޔެ އަތްލާންނުކެރި ތިއްބާ ފަތިޓީވީއަށް ވާންފެށި ގޮތާއި، އަގަށްއައި ބަދަލު މީގެ ހެއްކަކަށް ފުދޭނެއެވެ. އެސްއެސްޑީ އުފައްދާ އެތައް ކުންފުންޏެއް އެބަހުއްޓެވެ. އެކި ކުންފުނީގެ އަގުތައްވެސް ތަފާތެެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!