ސިޔާސީ ފަސާދަ (ހަތަރުވަނަ ބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.

 

ދުސްތޫރުތަކުގައި ހުރި އުނިކަން

ބައެއް ޤައުމުތަކުގައި، އެކުލަވާލެވިފައިވާ ދުސްތޫރުތަކަށް ބަލާއިރު، އެ ދުސްތޫރުތަކުގައި ސަރުކާރުގެ އެންމެ އިސް ވެރިޔާއަށް ތާކުންތާކު ނުޖެހޭ ބޮޑެތި ބާރުތައް ވަނީ ދީފައެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، “ޝޫރާ”ގެ މަފްހޫމް މިބައިމީހުންނަށް އޮޅިފައި ވުމެވެ. ދެވަނަ ކަމަކީ، ހުދުމުޚްތާރު ގޮތުގައި ކުރެވެމުންދިޔަ ވެރިކަން ޢާންމުވެ، ޝޫރާގެ މަޖްލިސްތައް ނެތިގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ދިގު މާޒީގައި މުސްލިމުންނަށް ލިބިގެންދިޔަ ގެއްލުންތައް މިބައިމީހުންގެ ހަނދާނުން ކައްސާލާފައިވުމެވެ. ކުރުކޮށް ދަންނަވާނަމަ، “ޝޫރާ”ގެ މަޖުލިސްތައް އެއްކޮށް ނެތިގެންދިޔުމެވެ. ތިންވަނަ ކަމަކީ، އިންސާނީ ޙަޟާރަތު އޭގެ މައްޗަށް ބިނާވެފައިވާ، ރިވެތި އުސޫލުތަކާއި ހަމަތަކަށް މިބައިމީހުން އަހުލުވެރިވެފައި ނެތުމެވެ. އާއެކެވެ. ވެރިމީހާއާއި ސަރުކާރުގެ އެންމެ އިސްފަރާތްތަކުގެ ޢަމަލުތައް ބަލައި މުރާޖަޢާ ކުރެވޭނޭ ނިޒާމްތަކުގެ މަތިން ވެސް ހަނދާން ނައްތާލެވިފައި ވުމެވެ.

އާއެކެވެ. ފަސްއެނބުރި، މީލާދީން ފަނަރަ ވަނަ ޤަރުނުގެ ތެރެއަށް ވަދެ، އޭރުގައި ވެރިޔާއަށް ދެވިފައި އޮތް ބާރުތަކުގެ ދާއިރާ ފަހަނައަޅައި ނުނުކުންނަ ނަމަ، މިއަދު އަޅުގަނޑުމެންނަށް އެ މިސްރާބު ޖެހެނީ ކޮން ދިމާލަކަށްބާއެވެ؟ އަޅުގަނޑުމެންގެ އުންމަތުގެ ދުސްތޫރީ ނިޒާމަށް ޙައްޖާޖު ބިން ޔޫސުފާއި، ޢުބައިދުاﷲ ބިން ޒިޔާދު ފަދަ ވެރިންގެ ހިޔަނިން ހިޔަނިއެޅިގެން ނުވާނެއެވެ. ޢައްބާސީ ދައުލަތުގެ ބައެއް ވެރިންނާއި ޢުސްމާނީ ޚިލާފަތުގެ ބައެއް ރަސްރަސްކަލުން ވެސް މި ލިސްޓުން އިސްތިސްނާވެގެން ނުވެއެވެ. ހަމަ އެފަދައިން ޙުދައިބިއްޔާގައި، ކީރިތި ރަސޫލާ صلى الله عليه وسلم، ޞަޙާބީންނާއި މަޝްވަރާ ކުރެއްވުމެއްނެތި، އެކަލޭގެފާނުގެ އަމިއްލަފުޅު ރައުޔަށް ކަންތައް ނިންމަވާފައިވެޔޭ ބުނެ، އެއީ އެކަލޭގެފާނު ނޫން އެހެން ފަރާތްތަކަށް ވެސް އޮތް ޙައްޤެކޭ ބުނާ ޝައިޚުންގެ ހިޔަނި ވެސް އެޅުނަދީގެން ނުވާނެއެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި، މި “ކަނުއަނދިރިކަން” އިސްލާމްދީނަށް ނިސްބަތްކޮށްފި ނަމަ ފިތުރީގޮތުން އެ ދީނަށް ލިބިގެންވާ، އަބަދަށް ދެމިއޮތުމުގެ ޙައްްޤު ގެއްލިގެންދެއެވެ. ދެބަސްވެވެން ނެތް ފަދައިން ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ މަޝްވަރާގެ އުޞޫލަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވާފައެވެ. އެކަމަކާއި މެދު ވަޙީ ބާވައިނުލެއްވޭ ކޮންމެ ކަމެއްގައި އެކަލޭގެފާނު ވަނީ މަޝްވަރާއަށް ޢަމަލުކުރައްވާފައެވެ. “ޞުލްޙުލްޙުދައިބިއްޔާ”ގައި އެކަލޭގެފާނުގެ ޢަމަލުކުރައްވާފައިވާ ގޮތާއިމެދު ވިސްނާލުމުން ދޭހަވާ އެއްޗަކީ، އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވާފައިވަނީ، ދެފަރާތުގެ ދެމެދުގައި ހިނގާފާނެ ވަރުގަދަ ހަނގުރާމައެއްގެ ސަބަބުން ނުކުމެދާނެ ދެރަ ނަތީޖާއަކުން، ޙަރަމްފުޅު ސަލާމަތްކުރެއްވުން ކަމެވެ. މައްކާގައި ހަނގުރާމަކުރުން މަނާކުރެއްވި ސަބަބު ބަޔާންކުރައްވާ އަލްފަތްޙު ސޫރަތުގެ 24 އަދި 25 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ وَهُوَ الَّذِي كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِن بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ اللَّـهُ بِمَا تَعْمَلُونَ بَصِيرًا ﴿٢٤﴾ هُمُ الَّذِينَ كَفَرُوا وَصَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ وَالْهَدْيَ مَعْكُوفًا أَن يَبْلُغَ مَحِلَّهُ ۚ وَلَوْلَا رِجَالٌ مُّؤْمِنُونَ وَنِسَاءٌ مُّؤْمِنَاتٌ لَّمْ تَعْلَمُوهُمْ أَن تَطَئُوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌ بِغَيْرِ عِلْمٍ ۖ لِّيُدْخِلَ اللَّـهُ فِي رَحْمَتِهِ مَن يَشَاءُ ۚ لَوْ تَزَيَّلُوا لَعَذَّبْنَا الَّذِينَ كَفَرُوا مِنْهُمْ عَذَابًا أَلِيمًا﴾

މާނައަކީ “ތިޔަބައިމީހުންގެ ކިބައިން އެބައިމީހުންގެ އަތްތައް ދުރުކުރައްވައި ރައްކާތެރިކުރެއްވީ އެކަލާނގެއެވެ. އަދި މައްކާގެ ތެރޭގައި (ޙުދައިބިއްޔާގައި) އެބައިމީހުންގެ މައްޗަށް ތިޔަބައިމީހުންނަށް ނަޞްރުދެއްވައި، ބާރުވެރިކުރެއްވުމަށްފަހު ވެސް، އެކަލާނގެ، އެބައިމީހުންގެ ކިބައިން ތިޔަބައިމީހުންގެ އަތްތައް ދުރުކުރައްވައި ރައްކާތެރިކޮށްދެއްވިއެވެ. ތިޔަބައިމީހުން ޢަމަލުކުރާގޮތް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި މާތްاﷲ ވޮޑިގެންވެއެވެ. ކާފިރުވެ އަދި ޙުރުމަތްތެރިވެގެންވާ މިސްކިތާއި(ގެފުޅު) ހަމައަށް ދިއުމުން ތިޔަބައިމީހުން އެއްކިބާކޮށް، އެކަން މަނާކުރި ބަޔަކީ އެބައިމީހުންނެވެ. އަދި ހަދްޔު ކަތިލާންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި ބަޔަކީ ވެސް އެބައިމީހުންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގި އެބައިމީހުން ގަތުލުކުރެވިދާފަދަ ގޮތުގައި، ތިޔަބައިމީހުންނަށް އެނގިގެންނުވާ މުއުމިން ފިރިހެނުންތަކަކާއި މުއުމިން އަންހެނުންތަކެއް ނެތްނަމައެވެ. ފަހެ، އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، އެބައިމީހުންނާއި މެދު ތިޔަބައިމީހުންނަށް ނޭނގިތިއްބައި، ފާފަވެރިވުމެއް އައިސް ކުރިމަތިވެދާނެއެވެ. އެއީ اﷲ ގެ އިރާދަކުރެއްވި މީހަކު، އެކަލާނގެ ރަޙުމަތުގެ ތެރެއަށް ވެއްދެވުމަށްޓަކައެވެ. އަދި ކާފިރުވީ މީހުން ވަކިވެ އެނގުނުނަމަ، ތިމަން اﷲ އެބައިމީހުންނަށް ވޭންދެނިވި ޢަޒާބަކުން އެބައިމީހުންނަށް ޢަޒާބު ދެއްވީމުސްކަން ކަށަވަރެވެ.”

މިއާޔަތުން އެނގޭ ގޮތުގޮތުގައި، މާތް ނަބިއްޔާ صلى الله عليه وسلمގެ އެ ނިންމެވުމަކީ އިލާހީ އެންގެވުމަށް ނިންމެވި ނިންމެވުމެކެވެ. އަދި މި އާޔަތުން އަޅުގަނޑުމެން ޙާޞިލުކުރަންޖެހޭ ވަރަށް މުހިންމު ފިލާވަޅެއް ވެސް އެބައޮތެވެ. އެއީ، މަޝްވަރާއަށް ޢަމަލުކުރެވޭނީ އެކަމެއްގައި ނައްޞެއް ނެތް ކަންކަމުގައި ކަމާއި އަދި އެފަދަ ޙާލަތުގައި، އެކަމެއްގައި ގޮތެއް ނިންމުމުގެ ފުރިހަމަ ބާރު އުންމަތަށް (އުންމަތުގެ ޢިލްމުވެރިންނަށް) ލިބިގެންވާކަމެވެ. އެހެނަސް، ހިތާމައަކީ އަޅުގަނޑުމެންގެ ޤައުމުތަކުގައި ދައުލަތް ހިންގުމާއި ޙަވާލުވެފައި ތިބި މީހުންނަކީ ވިސްނުންތެރިކަމުގެ ގޮތުން ޅަ، އީމާންތެރިކަމުގެ ގޮތުން ބަލިކަށި، ދުނިޔަވީ އެދުންތައް ގިނަ ބަޔަކަށް ވުމެވެ. ދަންނަވަންތޯއެވެ. ސިޔާސީ އަދި އިޤްތިޞާދީގޮތުން، ޢިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެންނަން އެދޭނަމަ، އެކަމަށް ބޭނުންވާ އެންމެ މުހިންމު ބަޔަކީ ތަޤްވާވެރި، ވިސްނުންތެރި، ފިޤުހުވެރިންނެވެ.

(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!