ރޭގަނޑު ކެއުން ހުއްޓާލުމުން ހަމަ އަސްލުވެސް ހިކޭތަ؟

ހިކެން ފަށަންވީއޭ ހަމަ ރަށްޓެއްސެއްގާތު ބުނާއިރަށް ބުނާނެ ރޭގަނޑުކެއުން ހުއްޓާލާށެވެ. ތިމަންނަވެސް މިހާރު ހިކެންވެގެން ރޭގަނޑު ނުކަމެވެ. އެކަމުވެސް ރޭގަނޑު ނުކައި ހުންނާނީ ކިހިނެއް ހެއްޔެވެ؟ ކައި ބަނޑު ފުރައިން ނޫނީ ލޮލަށް ނިންޖެއްވެސް ނާދެއެވެ. އެކަމުވެސް ރޭގަނޑު ނުކައި ހިކެންޏާ ދެންއެވީ އެކަންވެސް ކުރަންތާއެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު އެމެރިކާގެ ލޫސިއާނާގައި ދަ އޮބޭސިޓީ ސޮސައިޓީއިން ބޭއްވި އެޖަމިއްޔާގެ އަހަރީ ޖަލްސާގައި ރޭގަނޑު ކެއުން ހުއްޓާލުމުން ހަށިގަނޑުގެ ބަރުދަނަށް އަންނަ ބަދަލުތައް ދިރާސާކޮށް ރިޕޯޓެއް ނެރެފައިވެއެވެ.

މިރިޕޯޓުގައި ބުނެފައިވާ ގޮތުން މެންދުރުފަހު ދޭއްޖަހާއިރު ކެއުމަށްފަހު އަނެއްދުވަހުގެ ހެނދުނު އަށަކާއި ހަމައަށް ކެއުން ހުއްޓާލައި ކެއުމާއި ދުރުވެ ހުރުމުގެ ސަބަބުން ހަށިގަނޑުގެ ސަރުބީ ވިރުވުމުގެ ކުޅަދާނަކަން އިތުރުކޮށްދީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމަށް މަގުފަހިކޮށްދެއެވެ.

މިދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ބަރުދަން ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެފައިވާ 11 ފިރިހެނުންނާއި 11 އަންހެނުން ހިމަނައިގެންނެވެ. އެގޮތުން ހަތަރު ދުވަސް ވަންދެން ހެނދުނު އަށަކުން މެންދުރުފަހު ދޭކަށް ކެއުމަށާއި އަނެއް ހަތަރުދުވަހު ހެނދުރު އަށަކުން ރޭގަނޑު އަށަކަށް ކެއުމަށް މި 22 މީހުންނަށް އިރުޝާދު ދީފައިވެއެވެ. އަދި މިމުއްދަތުގައި މިމީހުންގެ ކަންކަން ކައިރިން ބަލާ މޮނިޓަރ ކުރަމުންދިޔައެވެ. އަދި ނަތީޖާތައް ދެއްކިގޮތުން ރޭގަނޑު ނުކައި ހުރުމުގެ ސަބަބުން މީހާގެ ބަރުދަން ލުއިކޮށްދެއެވެ.

ދިރާސާގެ ނަތީޖާ މިގޮތަށް ދެއްކިޔަސް މިދިރާސާ ކުރިއަށް ގެންދިޔަ ފަރާތުން ހިކެން ބޭނުންނަމަ މިގޮތަށް ކަންތައް ކުރުމަށް އިރުޝާދެއް ނުދެއްވައެވެ. އެފަރާތުން ހާމަކުރި ގޮތުގައި އޭގެކުރިން މިފަދަ ދިރާސާއެއް މިއަށްވުރެ ފުޅާ ދާއިރާއެއްގައި އަދި ކުރަންޖެހެއެވެ.

ހިކެން މަސައްކަތްކުރާނަމަ ރަނގަޅު ގޮތަކީ ޑައިޓީޝަނެއްގެ އިރުޝާދާއެކު ކެއުމަށް ބަދަލުތައް ގެނެސް ހިކެން މަސައްކަތް ކުރުމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!