• ސޫރިޔާގެ ރައްޔިތުންނަށް އެހީވުމަށް ރަށަކުން ފޮނުވާފަހުރި އެހީގެ ތަކެތި މާލެ ބަނދަރުގައި

ދިވެހިންގެ އެހީތެރިކަން އަނެއްކާވެސް ސޫރިޔާގެ ރައްޔިތުންނަށް

ދިވެހިންނަކީ އަބަދުވެސް ދީލަތި ބައެކެވެ. ހާލުގައި ޖެހޭ މީހާއަށް އެހީވުމަކީ ދިވެހިންގެ ރިވެތި އަޚްލާޤެވެ. މުސްލިމް އުއްމަތް ހާލުގައި ޖެހުނު އެކި ފަހަރުތަކުގައި ދިވެހިންވަނީ ދިވެހިންގެ މިރިވެތި އަޚްލާޤް ދުނިޔެއަށް ދައްކުވައިދީފައެވެ. މީސްކޮޅު ކިތަންމެ މަދުނަމަވެސް ހާލުގައި ޖެހޭ މީހާއަށް އެހީވުމުގައި ދިވެހިން ފަހަތަށް ޖައްސާ ނުލެވޭނެކަން އެތައް ފަހަރެއްގެމަތިން ވަނީ ސާބިތު ކޮށްދީފައެވެ.

 

އެގޮތުން 2010 ވަނައަހަރު އަވަށްޓެރި ޕާކިސްތާނުގައި ފެންބޮޑުވެ އެތައްބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން “ޕާކިސްތާން ރިލީފް ފަންޑު” ނަމުގައި  ހިންގި ހަރަކާތުން 3.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަންވަނީ ޕާކިސްތާނުގެ ރައްޔިތުންނަށް ފޯރު ކޮށްދީފައެވެ. އިސްލާމީ އުއްމަތުގެ ހިތް ކަމުގައި ބެލެވޭ ފަލަސްތީނުގެ ޣައްޒާއަށް ހައްދުފަހަނައެޅި ޔަހޫދީ ލަޝްކަރުތަކުން 2014 ވަނަ އަހަރު ދިން ހަމަލާތަކުގައި ހާލުގައި ޖެހުނު އެތައް ހާސް ރައްޔިތުންނަކަށް ދިވެހިންވަނީ 29.4 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރު ކޮށްދީފައެވެ. ސޫރިޔާގައި ހިނގަމުންދާ ހަނގުރާމާގައި ހާލުގައި ޖެހުނު ރައްޔިތުންނަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނެވެ. ދިވެހިންނަށް އަބަދުވެސް އެހީތެރިވާ ޖަޕާންއަށް 2011 ވަނަ އަހަރުއައި ބިންހެލުމާއި ސުނާމީގެ ސަބަބުން ހާލުގައި ޖެހުނު އެޤައުމުގެ ރައްޔިތުންނަށްވެސް ދިވެހިންގެ ދީލަތި އަތްތަކުންވަނީ އެހީތެރިކަން ފޯރު ކޮށްދީފައެވެ.

 

މިސިލްސިލާއަށް އަނެއްކާވެސް މިވަނީ ބޮޅެއް އިތުރުވެފައެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ނަމުގައި މިއަހަރުގެ ޖެނުއަރީމަހު 13 ގައި ފެށުނު ހަރަކާތުން މިހާރުވަނީ ސޫރިޔާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީގެ ތަކެތި ފޮނުވުމަށް ކޮންޓެއިނަރ ބަރުކުރުމުގެ މަސައްކަތް ފަށާފައެވެ.

 

ކިހިނެއް ފެށިގެންއައި ހަރަކާތެއް؟

މިހަރަކާތް ފެށިގެންދިއުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިހަރަކާތުގައި އިސްކޮށް އުޅުއްވާ ފަރާތެއް ކަމުގައިވާ އާދަމް ނާއިފް ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުންނަށް ހިތްދަތިކަމާއި ދަތިކަން އިހްސާސްކުރަންޖެހިފައިވާ އެތަކެއް ހާލަތްތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން މިހަރަކާތަކީ އެފަދަ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި އެހީތެރިވެވޭނީ ކޮންގަތަކަށްތޯ ދެކެވުނު ވާހަކައާއި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ފެށިގެންއައި ހަރަކާތެއް ކަމަށެވެ.

 

ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ

ނާއިފް ވިދާޅުވީ ޖެނުއަރީމަހު މިހަރަކާތް ފެށުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުން މިހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި ކްލަބް، ޖަމިއްޔާ ޖަމާއަތްތަކުން މިހަރަކާތަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ.

 

ފައިސާ އެއްކުރުމުގެ ބަދަލުގައި މިހަރަކާތުން ގެންދިޔައީ ތަކެތި އެއްކުރަމުންނެވެ. އެގޮތުން މާލޭގައި ތަކެތި ބަލައިގަތުމަށް ވަކި ހާއްސަ ތަނެއް ކަނޑައަޅައި އެތަނުން އެހީގެ ތަކެތި ބަލައިގަންނަމުން ގެންދިޔައެވެ. އެހީގެ ގޮތުގައި ބަލައިގަންނަމުން ގެންދިޔައީ އަންނައުނާއި، ބޫޓް، ފައިވާން، ކުޑަކުދިންގެ ނެޕީ، ސެނިޓަރީ ނެޕްކިން، މަސްދަޅު، ގޮދަޑި، ރަޖާ، ކުޑަކުދިންގެ ކާނާއާއި ހިކިކިރުގެ ބާވަތްތަކެވެ.

މިހަރަކާތުގައި މާލެއިންނާއި ރަށްރަށުން ބައިވެރިވި ފަރާތްތަކުން އެހީގެ ތަކެތި ހޯދުމަށް ތަފާތު ހަރަކާތްތައް ހިންގިއެވެ. އެގޮތުން ކަޕްކޭކް، ހެދިކާ، މާފަދަ ތަކެތި ވިއްކަމުން ގެންދިޔައެވެ. ބައެއް ރަށްރަށުގައި ހަރަކާތަށް އެހީތެރިވުމަށް ފަންޑު ހޯދުމުގެ ގޮތުން ބޯވާ ފަދަ ތަކެތިވެސްވަނީ ވިއްކާފައެވެ. މިގޮތަށް އެއްކުރި ފަންޑުން އެފަރާތްތަކުންވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއިން އެހީގެ ގޮތުގައި ބަލައިގަތުމަށް ހަމަޖައްސާފައިވާ ތަކެތި ގަތުމަށްފަހު އެފަރާތާއި ހަވާލުކޮށްފައެވެ.

 

ނާއިފް ވިދާޅުވީ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވިޔަފާރިވެރިންގެވެސް ދީލަތި އެހީތެރިކަން މިހަރަކާތަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ނެޕީއާއި ސެނިޓަރީ ނެޕްކިންފަދަ ތަކެތި ވިޔަފާރިވެރިން ހަދިޔާ ކޮށްފައިވާ ކަމަށެވެ.

 

ނާއިފް ވިދާޅުވީ މާޗްމަހު އެއްކޮށްކުރި މަސައްކަތަކީ ރާއްޖޭގެއެކި ރަށްރަށުންނާއި މާލެއިން އެއްކުރެވުނު ތަކެތި ސޯޓްއައުޓްކޮށް އައިޓަމްތައްވަކިން ޕެކްކޮށް ޕެކިން ލިސްޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

 

މިފަހަރު އެހީގެ ގޮތުގައި ފޮނުވަނީ ކޮންއެއްޗެއް؟

ނާއިފް ވިދާޅުވީ މިހާރު ބަރުކުރަމުންގެންދަނީ 40 ފޫޓުގެ ކޮންޓެއިނަރއެއް ކަމަށެވެ. އަދި އެހީގެ ގޮތުގައި އެއްކުރެވުނު ތަކެތި ތިން ބުރެއްގެމަތިން ސޫރިޔާގެ ރެފިއުޖީންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިފަހަރުގެ ޝިޕްމަންޓްގައި ހިމެނެނީ:

– 28500 އަށްވުރެ ގިނަ އަންނައުނުގެ ބާވަތްތައް

– 3800 ކުޑަކުދިންގެ ނެޕީ ޕެކެޓް

– 3800 ސެނިޓަރީ ނެޕްކިން ޕެކެޓް

– 1200 ބޫޓާއި ފައިވާން ޖޯޑު

– 600 އަށްވުރެ ގިނަ ރަޖާ

– 70 ގޮދަޑި

 

ނާއިފް ވިދާޅުވީ އެހީގެ ގޮތުގައި ލިބުނު ހުރިހާ މަސްދަޅެއް ފޮނުވުމަށް ހަމަޖެހިފައިވަނީ ފަހު ޝިޕްމަންޓްގައި ރަމަޟާންމަހާއި ދިމާކޮށް ކަމަށެވެ.

 

ޙައްޤުވެރިންނަށް ރައްދުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް

މިފަދަ ކޮންމެ ހަރަކާތެއް ކުރިއަށް ގެންދާއިރުވެސް އަބަދުވެސް ކުރިމަތިލާންޖެހޭ ތުހުމަތެއް އޮވެއެވެ. އެއީ ފަންޑު އެއްކުރުމުގައި އުޅޭ މީހުން އެފަންޑުގެ ހައްޤުވެރިނަށް ރައްދުނުކޮށް ނުވަތަ ކުރިޔަސް އޭގެ ބޭނުން ކުރާނެކަމުގެ ތުހުމަތެވެ. ނަމަވެސް މިއީ ހަމައެކަނި ބަޔަކު އެއްވެސް އަސްލެއްނެތި ކުރާ ތުހުމަތެއްކަން މާޒީގައި ކުރިއަށް ގެންގޮސްފައިވާ މިފަދަ ހަރަކާތްތަކުން އެހުރީ ފެންނާށެވެ.

ނާއިފްވެސް ވިދާޅުވަނީ މިހަރަކާތް ފެށިގެންއައިރު އެފަދަ ބަސްތައް ރައްދުވެގެން ދިޔަ ކަމަށާއި ނަމަވެސް މިހަރަކާތުގައި އެއްކުރެވޭ ހުރިހާ އެއްޗެއްވެސް އޭގެ ހައްޤުވެރިންނަށް އިންޝާ ﷲ ރައްދުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިފަހަރު ސޫރިޔާގެ ރައްޔިތުންނަށް ފޮނުވާ އެހީގެތަކެތި އެފަރާތްތަކާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ތުރުކީގެ ޖަމިއްޔާއެއް ކަމަށްވާ “އީހާހާ” އާއި ގުޅިގެން ކަމަށެވެ. އަދި އެމަސައްކަތުގައި ބައިވެރިވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ތުރުކީއަށް ދިޔުމުގެ އިންތިޒާމް ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާކަމަށް ނާއިފް ވިދާޅުވިއެވެ.

 

ކީއްވެ ސޫރިޔާގެ ރައްޔިތުން؟

ދުނިޔޭގެ އެކި ޤައުމުތަކުގައި މުސްލިމުންދަނީ އެތަކެއްވޭނާއި ދަތިކަން ތަހައްމަލު ކުރަމުންނެވެ. ބަރުމާގެ ރޮހިންގިޔާ މުސްލިމުންނާއި ކަޝްމީރުގައި ދިރިއުޅޭ މުސްލިމުން އެތަކެއް އަނިޔާވެރިކަމެއް ތަހައްމަލު ކުރަމުންދާއިރު ސޯމާލިޔާގެ އެތައް މިލިޔަން މުސްލިމުންނެއްވަނީ ހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައެވެ. ޔަމަނާއި އިރާޤު ފަދަ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ހަމަނުޖެހުންތަކާއެކު އެތަކެއް މުސްލިމް ރައްޔިތުންވަނީ ހާލުގައި ޖެހިފައެވެ.

 

މިފަދަ ހާލަތެއްގައި މުސްލިމު އުއްމަތުގެ އެތައް ޤައުމެއްވާއިރު މިފަހަރުގެ އެހީ ސޫރިޔާގެ ރައްޔިތުންނަށް ފޮނުވުމާއި ގުޅޭގޮތުން ނާއިފް ވިދާޅުވީ، އަދި މަސައްކަތްކުރަންތިބީ ނިސްބަތުން މަދުއަދަދެއްގެ ވޮލަންޓިއަރުން ކަމަށްވާތީ ހުރިހާ ދިމާއަކަށް އެއްފަހަރާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލްކަން ނެތްކަމަށާއި ވަކިތަނެއް ކަނޑައެޅުމަށްފަހު މަސައްކަތް ފެށުމަށް ނިންމި ދަނޑިވަޅަކީ ސޫރިޔާގެ ހަލަބަށް ބައްޝާރުގެ ހަނގުރާމަވެރިން އެންމެ ވަރުގަދަޔަށް ހަމަލާދެމުންދިޔަ ދަނޑިވަޅަށްވުމުން ސުރިޔާ ކަނޑައެޅިގެން ދިޔައީ ކަމަށެވެ.

 

ދިވެހިންގެ ދީލަތިކަމާއި ބުރަ މަސައްކަތުން މިއަދު މިވަނީ ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އެހީގެ ތަކެއްޗާއެކު ބޯޓު ފުރުމަށް ތައްޔާރުވެފައެވެ. މިއެހީގެ ސަބަބުން އެރައްޔިތުންގެ ދަތި ހާލަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދިޔުމަކީ މިމަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތެއްގެވެސް އުއްމީދަކަށްވާނެއެވެ. މިއީ ނިމުމެއް ނޫނެވެ. މިއާއެކު އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އޮތީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އެހީތެރިވުމަށް އަތުކުރި އޮޅާލައިގެންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!