އެމެރިކާއިން ސޫރިޔާއަށް ހަމަލާދިނުން: މުސްލިމުންގެ ލޮލުގައި އެޅުވި އަނދުނެއްބާ؟

މިދިޔަ އަންގާރަދުވަހު މުޅި އިސްލާމީ އުއްމަތް ރޮއްވާލީ ސޫރިޔާގެ އިދްލިބްގައި ބައްޝާރުއާއި ދެކޮޅު ހަނގުރާމަވެރިން ކޮންޓްރޯލްކުރަމުންދިޔަ ސަރަހައްދަކަށް ދިން ކެމިކަލް ހަމަލާގައި އެތައް ފުރާނައެއް މިދުނިޔެއާއި އަލްވަދާއު ކިޔުމުންނެވެ.

އެތައް މުސްލިމުންގެ ލޯތައް ކަރުނުން ފުރާލި މިހަމަލާގައި 99 އަކަށްވުރެ ގިނަ މީހުން ނިޔަާވެފައިވާއިރު މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ. އަދި މިހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލަކަށްވެސް ބައްޝާރުގެ ހައްދު ފަހަނަ އަޅާފައިވާ ލަޝްކަރުތަކުންވަނީ ހަމަލާ ދީފައެވެ.

މިހަމަލާއާއެކު އ.ދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްވެސްވަނީ ބާއްވާފައެވެ.

މިއާއެކު އެންމެހައިރާންކަން ގެނުވި ކަމަކީ ބައްޝާރާއި ރަޝިޔާގެ ލަޝްކަރުތަކުން ދިން ކެމިކަލް ހަމަލާގެ ބަދަލު ހިފަން އެމެރިކާ އިން ސޫރިޔާ އަށް މިސައިލް ހަމަލާތަކެއްދޭން ފެށުމެވެ. އެގޮތުން މެޑިޓެރޭނިއަންގައިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުން ވަނީ 59 ޓޮމަހޯކް ކްރޫޒް މިސައިލް ސޫރިޔާގެ ވައިގެ މަރުޒަރުތަކަށް ފޮނުވާލައިފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ދިން މިސައިލް ހަމަލާ އަރާފައި ވަނީ ޝޭރާތު ވައިގެ މަރުޒަށް ކަމަށެވެ. އަދި އެ ތަނަކީ އަންގާރަ ދުވަހު ކެމިކަލް ހަމަލާ ފޮނުވާލިތަން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މިއީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ބައްޝާރުގެ ލަޝްކަރުތަކާއި ދެކޮޅަށްދީފައިވާ މިފަދަ ފުރަތަމަ ހަމަލާއަށްވީއިރު، މިހަމަލާތަކާއެކު ސޫރިޔާގެ އެތައް ރައްޔިތުންނެއް ޓްރަމްޕަށް ޝުކުރު އަދާކުރަމުންދާއިރު އަނެއް ބަޔަކު އަންނަނީ އެމެރިކާގެ މިހަމަލާތަކާމެދު އެތަކެއް ސުވާލުތަކެއް އުފައްދަމުންނެވެ.

އެގޮތުން ސޫރިޔާގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރަމުންދާ އެކްޓިވިސްޓެއް ކަމަށްވާ މާޖިދު ފްރީމޭން އޭނާގެ ފޭސްބުކް ޕޭޖުގައި ތުހުމަތުކޮށްފައިވަނީ އެމެރިކާގެ މިހަމަލާއަކީ ކުރިން އެކަމުގެ މައުލޫމާތު ރަޝިޔާއާއި ބައްޝާރާއި ހިއްސާކުރުމަށްފަހު ދީފައިވާ ހަމަލާއެއް ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެމެރިކާއިން ހަމަލާދިނުމުގެކުރިން ހަމަލާގެ މައުލޫމާތު ރަޝިޔާއާއި ހިއްސާކޮށްފައިވާ ކަމަށާއި އެއާއެކު ހަމަލާގެކުރިން ސޫރިޔާގެ ވައިގެ މަރުކަޒުތައް ދޫކޮށް ބައްޝާރުގެ ހަނގުރާމަވެރިން ގޮސްފައިވާ ކަމަށެވެ. އަދި އެމެރިކާގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މަދުވީ ކީއްވެތޯ ސުވާލު އުފައްދާ އޭނާ ބުނެފައިވަނީ 50 އަށްވުރެ ގިނަ މިސައިލުން މަރުވީ އެންމެ 4 މީހުން ހެއްޔެވެ.؟ އެމެރިކާއިން އޮޅިގެންދެވޭ ހަމަލާތަކުގައިވެސް އެއަށްވުރެ ގިނައިން މީހުން މަރުވާކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. އަދި ހަމަލާ ދިނުމުގައިވެސް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް ހަމަލާދިނުމަށް އެމެރިކާއާއި ރަޝިޔާއިން މަޝްވަރާކޮށްފައިވާ ކަމަށް ބުނެއެވެ.

މިކަމަށް ބާރުލިބޭ ގޮތަށް އެމެރިކާގެ އޭބީސީ ނޫހުންވެސްވަނީ ޚަބަރު ގެނެސްދީފައެވެ. އެގޮތުން އެނޫހުން މަންޒަރުދުން މީހަކާއި ހަވާލާދީ ބުނެފައިވަނީ ހަމަލާ ދިނުމުގެކުރިން ވައިގެ މަރުކަޒުގައި ހުރި އުފުލޭ ތަކެތި އެހެން ސަރަހައްދަކަށް ގެންގޮސްފައިވާ ކަމަށެވެ.

އެމެރިކާއިން ހުކުރުދުވަހު މިސައިލް ހަމަލާދިންގެ ވައިގެ މަރުކަޒު މިއަދުވަނީ ބައްޝާރުގެ ހަނގުރާމަވެރިން ބޭނުން ކުރަންފަށާފައެވެ.

ރަޝިޔާގެ މިތުރެއްގޮތުގައި އަބަދުވެސް ބެލެމުން އަންނަ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާއާއި އޮތް ގުޅުން ކިލަނބުވާފަދަ ކަމެއް ކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމަކެވެ. އެހެންކަމުން ސޫރިޔާގެ ވައިގެ މަރުކަޒަށް އެމެރިކާއިން ދިން ވައިގެ ހަމަލާއަކީ ހަޤީގަތް ފޮރުވަން މުސްލިމުންގެ ލޮލުގައި އެޅުވި އަނދުނެއްކަމަށް ބެލޭނެ ޖާގަ އެބައޮތެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!