މަސްވެރިންނަށާއި ދަނޑުވެރިންނަށް އެންމެ އެކަށޭނަ ސްމާޓްފޯނަކީ ކޮބާ؟

ތިބާގެ، ނުވަތަ ރައްޓެއްސެއްގެ ފޯނު ދޯނީގެ ވަތަށް ވެއްޓި ހަލާކުވި ހަނދާން އެބަހުރިހެއްޔެވެ؟ ސީލިންގުގައި ޕުޓީ އަޅަން އަރައި ހުއްޓައި ކޮންކުރީޓު ތަޅުންގަނޑުގެ މައްޗަށް ވެއްޓި ފޯނުގެ މޫނުމަތި ތަޅައިގެން ދިޔަހެއްޔެވެ؟ އޮޅަށް ގޮސް އަލަ ކޮންނަން އޮއްވައި ޖީބުން ”ފުންމާލި“ ފޯނު އެތައް މަސައްކަތަކުން ނެގުނުއިރު ޗަކަވަދެ ފުރިފައި އޮތް ހަނދާންވޭހެއްޔެވެ؟

     މިފަހަރު މިއޮތީ ތިޔަ ކަމަށް ޙައްލު ހޯދައިދެވިދާނެ ފޯނުތަކެއްގެ ތެރެއިން ތިން ފޯނެއްގެ ވާހަކައެވެ. މި ތިން ފޯނު ނޫނަސް، މަތީގައި ދެންނެވުނުފަދަ މާޙައުލުތަކަށް ޚާއްޞަ ފޯނުތައް ބާޒާރުގައި އެބަހުއްޓެވެ. އެކި ފޯނުގެ ޤާބިލުކަން ތަފާތެވެ. ސިފަ ތަފާތެވެ. ކުރެވޭ ބޭނުންވެސް ތަފާތެވެ.

ސެމްސަންގ ގެލެކްސީ އެސް 7 އެކްޓިވް

ސެމްސަންގ އެކްޓިވް ސީރީޒްގެ އެސް 7 އަކީ މިވަގުތު ބާޒާރުގައިހުރި އެންމެ މަތީ ޤާބިލުކަންދެވިފައިވާ ފޯނުތަކާ އެއް ފެންވަރެއްގެ ފޯނެކެވެ. ދޮޅުމީޓަރު ފެނުގެ އަޑީގައި ތިރީސް މިނިޓު ބޭއްވިޔަސް ”ނޭވާ ހާސްވެގެން“ ތެޅިފޮޅި ނުގަންނާނެކަމުގެ ޔަޤީންކަން ސެމްސަންގުން ދެއެވެ. 4ޖީބީގެ ބާރުގަދަ ރެމްއެއް ދެވިފައިވާ މި ފޯނުގައި 32ޖީބީގެ އިންޓާރނަލް ސްޓޯރޭޖެއް ހުރެއެވެ. ބޭނުންވެއްޖެނަމަ 256ޖީބީ އާ ހަމައަށް މައިކްރޯ.އެސްޑީ ކާޑެއް މެދުވެރިކޮށް އިތުރުކުރެވިދާނެއެވެ. ވަޔަލެސް ޗާރޖިންގ އަދި ކުއިކް ޗާރޖިންގ ޓެކްނޮލޮޖީ ހިމަނާފައިވުމަކީ މިއީ ތޯތޯ އުފެއްދުމެއް ނޫންކަން ކަށަވަރުކޮށްދޭ އެންމެ ބޮޑު އެއް ޢަލާމާތެވެ. 4000 މިލިއެމްޕަޔަރުގެ ބެޓެރީގެ ސަބަބުން އިތުރު ޕަވަރ ބޭންކެއް ބަނދެގެން އުޅެން ނުޖެހޭނެކަމަށް ސެމްސަންގުން ބުނެއެވެ. 12 މެގަޕިކްސެލްގެ ކެމެރާއެކޭ ބުނީމާ ދެން އިތުރު ސުވާލެއް ނޯންނާނެތާއެވެ.

ކެޓަޕިލާ ކެޓް 60

ގައިމުވެސް މިއީ ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ. ބުލްޑޯޒަރާއި، އެކްސްކަވޭޓަރުފަދަ ބަރު އުޅަނދުތަކާ އަޅުގަނޑުމެން ބީރައްޓެއްސެއް ނޫނެވެ. ގައިމުވެސް ކޮލިޓީގެ ގޮތުން ދިވެހިން އެންމެ އިތުބާރުކުރާ އެއް ނަމެވެ. މިފަހަރު މިއޮތީ އެ ކުންފުނީގެ ކެޓް 60 ފޯނެވެ. ދެ ސިމް ލެއްވޭ މި ފޯނު 5 މީޓަރު ފެނުއަޑީގައި 1 ގަޑިއިރުވަންދެން ގެންގުޅެވޭނެއެވެ. ސީލިންގުގައި ޕުޓީއަޅަން ހުއްޓައި 1.8 މީޓަރު މަތިން ސީދާ ކޮންކްރީޓުގެ މައްޗަށް ވެއްޓުނަސް ”ތައް ކިޔަނީ މަރިޔަނބުހޭ؟“ ވެސް އަހާނުލާނެކަމަށް ވެއެވެ. 30 މިނިޓުން %60 އާ ހަމަޔަށް ބެޓެރި ޗާޖުކުރުމުގެ ޤާބިލުކަން މި ފޯނަށް ވަނީ ދީފައެވެ. ފުރަގަހުގައި 13 މެގަޕިކްސެލް ކެމެރާއެއް ހުންނައިރު، ކުރިމަތީގައި 5 މެގަޕިކްސެލްގެ ނަފްސީ ކެމެރާއެއް ހުރެއެވެ. 3ޖީބީގެ ރެމްއެއް މި ފޯނަށް ވަނީ ޚާއްޞަކޮށްފައެވެ.

ޑީވަލްޓް ފޯނު

މިއީވެސް ކެޓަޕިލާ ފަދައިން ދިވެހިންނަށް އާ ނަމެއް ނޫނެވެ. އިމާރާތްކުރުމާއި ވަޑާމުގެ އެކިކަހަލަ މަސައްކަތް ކުރުމަށް ބޭނުންވާ ޓޫލްސް އުފެއްދުމުގެ ދާއިރާއިން މަޝްހޫރު ޑީވަލްޓް ބްރޭންޑުން އުފައްދާފައިވާ މި ފޯނުން، އޭގެ ވެރިފަރާތް މަސައްކަތުގައި އުޅެނިކޮށް ކުއްލި ޙާލަތެއް ކުރިމަތިވެއްޖެނަމަ ފޯނުގައި ރައްކާކޮށްފައިހުރި ގާތް ރައްޓެހިންނަށާއި ޢާއިލާ މީހުންގެ ނަންބަރުތަކަށް ވަގުތުން ޚަބަރު ފޮނުވައެވެ. 2 މީޓަރު ފެނުއަޑީގައި 30 މިނިޓުވަންދެން ގެންގުޅެވެއެވެ. 2 މީޓަރު މަތިން ކޮންކުރީޓު ތަޅުންގަނޑުމައްޗަށް ވެއްޓުނަސް އެއްވެސް މައްސަލައެއް ނުޖެހޭނެކަމުގެ ކަށަވަރުކަން ޑީވަލްޓުން ވަނީ ދީފައެވެ. ހަމަ އެހެންމެ 2 ސިމް ލެއްވުމުގެ އިތުރުން ވަޔަލެސް ޗާރޖިންގގެ ޤާބިލުކަން މި ފޯނަށް ވަނީ ދީފައެވެ. 13 މެގަޕިކްސެލްގެ ކެމެރާއެއް ފަހަތުގައި ހުންނައިރު، ކުރިމަތީގައި 5 މެގަޕިކްސެލްގެ ކެމެރާއެއް ހުރެއެވެ. ފިނިހޫނުމިން 60 ޑިގްރީ ސެލްސިއަސްއަށް އަރައިގެންދިޔަސް ފަރުވާލެއް ނެތެވެ.

     ކުރާ މަސައްކަތާ ގުޅޭ އެންމެ ފަހުގެ ފޯނުތައް މިހާރު ލިބެން އެބަހުއްޓެވެ. ކުޑަކުޑަ ކަމަކުން އަގުބޮޑު ފޯނު ހަލާކުވުމުގެ ހިތާމަ ނިމުމަކަށް ގެނެވިދާނެއެވެ. ކުރާ މަސައްކަތާ، ގެންގުޅޭ ފޯނާ ގުޅުވާލުމަކީ މިކަން ކުރެވިދާނެ އެއްގޮތެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!