މޫނުބުރުގާ: އަސާސީ މިނިވަންކަމެއް

ބައެއް މީހުނަށް އަޑުއަހާލަން ތަންކޮޅެއް ތަފާތުވެދާނެއެވެ. ކުރިން އަޑުއަހާފައިވާ ވާހަކައަކަށް ނުވާތީއެވެ. ބައެއް މީހުން ހިތްހަމަ ނުޖެހިދާނެއެވެ. ކޮންމެހެން ބަހުސަކަށް ދާން ޖެހޭ ކަމަކަށް ނުވާތީއެވެ. ބައެއް މީހުން ރުންކުރުވެދާނެއެވެ. އައު ވާހަކައެއް ތިލަ ކުރާތީއެވެ. ބައެއް މީހުން އިންކާރުކޮށްފާނެއެވެ. ކޮންމެހެން ލާޒިމުކަމަށް ނުދެކޭތީއެވެ. ހުރިހާ ޖަޒުބާތުތަކެއް އެކަހެރިކޮށްލާށެވެ! ހަމަޖެހިލައި، އަޅުގަނޑާ އެކު މަޢުޟޫއަށް އިންސާފުކޮށްލަމާތޯއެވެ. ދީނީ ނަޒަރަކުންނެއް ނޫނެވެ. މިފަހަރު ޤާނޫނީ ނަޒަރަކުންނެވެ.

2004 ވަނަ އަހަރު އިޢުލާންކުރެވުނު އިސްލާޙީ އެޖެންޑާއާ އެކުގައި، ދިވެހި ރައްޔިތުންގެ އުއްމީދުތައް ގޮސް ހުއްޓުނީ ޒަމާނީ ޑިމޮކްރަޓިކް ނިޒާމަކާ ހިސާބުގައެވެ. ކަށަވަރު ކުރެވިފައިވާ ގިނަގުނަ ޙައްޤުތަކާއެކު، ވުޖޫދުކުރެވެން އުޅުނު ޤާނޫނު އަސާސީއާ ހިސާބުގައެވެ. ގާތްނގަނޑަކަށް ހަތަރު އަހަރުގެ ބުރަ މަސައްކަތަށް ފަހު 2008 ވަނަ އަހަރުގެ އޮގަސްޓު 07 ވަނަ ދުވަހު އަމަލުކުރަން ފެށުނު ޤާނޫނު އަސާސީވެގެން ދިޔައީ، ރައްޔިތުންގެ އުއްމީދުތަކާ ގުޅިލާމެހުނު ނިޒާމީ ދުސްތޫރަކާއެވެ. ވަކީން ޚާއްސަކޮށް، ޤާނޫނު އަސާސީގެ ދެވަނަ ބާބު ވެގެން ދިޔައީ ރައްޔިތުންގެ ހިތްތަކަށް ލިބިގެން ދިޔަ ފިނިކަމެއްކަމުގައެވެ. މި ދެންނެވީ، އަސާސީ ޙައްޤުތަކާ މިނިވަންކަމުގެ ބާބުގެ ވާހަކައެވެ.

ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި ޒާތީ ދިރިއުޅުމާއި މިފަދައިން މުޠްލަޤަށް ބަޔާންކުރެވިފައިވާ ގިނަ ގުނަ ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކަ އަޅުގަނޑުމެންގެ ތެރެއިން އަޑުނާހާ ދިވެއްސަކު އެބަހުއްޓޭ ބުނެ މީހަކު ވަކާލާތުކޮށްލުމަކީ މިއަދު މުސްތަޙީލުކަމެކެވެ. އަސާސީ ޙައްޤުތަކާއި މިނިވަން ކަމަކީ ކޮންމެ ޤައުމެއްގެ ޤާނޫނު އަސާސީއިން ކަނޑައަޅާން ޖެހިފައިވާ ކަންކަމަށް ވެފައިވާ މި ޒަމާނުގައި، އެފަދަ ޙައްޤުތަކާއި މިނިވަން ކަންކަންތަކެއް އަޅުގަނޑުމެން ވެސް މިތިބީ ޤާއިމުކޮށްގެނެވެ. އެހެނަސް، ދައްކަން މިއުޅެނީ އަދި މާތާކުންތާކު ޖެހޭ ވާހަކައެއްކަމުގައި ނުދެކޭ ބަޔަކު ވެސް ތިބެދާނެއެވެ. ސަބަބަކީ، ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 54 މާއްދާއިން ކުރެ އެންމެ މާއްދާއެއްގައި ވެސް، މޫނު ބުރުގާގެ ވާހަކަ ބަޔާންކުރެވިފައި ނެތުމެވެ.

މޫނު ބުރުގާގެ މައްސަލައެއް ޤާނޫނީ ގޮތުން ފެންމަތިވެ، އެކަމުގެ ބަހުސެއްގެ ތެރޭގައި ވަނިކޮށް، މޫނު ބުރުގާ އަކީ އަސާސީ މިނިވަންކަމެއް ކަމުގެ ދަޢުވާ މަތިކުރުމުގެ ކުރީން، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއަށް ޖެހިލާނަމެވެ. އަސާސީ ޙާއްޤުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ ހުރިހާ ޙައްޤުތަކާއި މިނިވަންކަމެއް، އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭ ގޮތުގެ މަތީން ކޮންމެ ރައްޔިތަކަށް އެވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެފަދަ ޙައްޤެއް ނިގުޅައި ގަނެވޭނެ ގޮތް ވެސް އެވަނީ ބަޔާންކޮށްފައެވެ. އެވާހަކައަށް ފަހުން އަދި އަލިއަޅުވާލާނަމެވެ.

އަސާސީ ޙައްޤުތަކާއި މިނިވަންކަން ތަރުތީބުކުރެވެމުން އައިސް ޤާނޫނު އަސާސީގެ 19 ވަނަ މާއްދާ ލިޔެވިފައިވަނީކީއެއް އިއްތިފާޤަކުންނޫނެވެ. ހަމައެހެނިހެން، ހުރިހާ ޙައްޤުތަކާއި މިނިވަންކަމެއް ލިޔެވިފައިވާ އުސޫލުގެ މަތީންނެވެ. މާބާރަށް ޒިކުރުކުރެވޭ ޙައްޤެއް ނުވަތަ މިނިވަންކަމެއް ކަމުގައި ނުވިޔަސް، އެއީ އަތްނުލާ ދޫކޮށްލެވޭ ވަރުގެ މާއްދާއެއް ނޫނެވެ.

“އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ. އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ، އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެނެއް ނުވާނެއެވެ.”

އާދޭހެވެ! މޫނު ބުރުގާ އެޅުމަކީ ހަމަގައިމުވެސް، އިސްލާމީ ޝަރީޢަތް މަނާ ކުރާކަމެއް ނޫނެވެ. އެކަމަށް ޝަރީޢަތުގައި ބާރުއަޅުއްވާފައިވަނީ، ހުއްދަ ކަމެއްގެ ގޮތުގައިތޯ، ނުވަތަ ސުންނަތެއްގެ ދަރަޖައިގަތޯ، ނުވަތަ ލާޒިމްކަމެއްގެ ގޮތުގައިތޯ، މި ސުވާލުތައް ދީނީ ޢިލްމުވެރިންގެ އަރިހަށް ދޫކޮށްލަމާތޯއެވެ. ދެންއޮތީ ޤާނޫނެވެ. ޤާނޫނުގައި އެކަން މަނާކުރެވިފައި އެބައޮތްތޯއެވެ. ޤާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މާނައިގައި ބެލިކަމުގައި ވިޔަސް، މޫނު ބުރުގާ އެޅުމަކީ މަނާކަމެއްކަމުގައި ކަނޑައަޅާފައިވާ އެއްވެސް ޤާނޫނެއް މި ދިވެހިރާއްޖޭގައެއްނުވެއެވެ. އެހެންކަމުން، މޫނުބުރުގާ އެޅުމަކީ، ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ އަސާސީ މިނިވަންކެމެކެވެ. އަދި ހަމަ އެ މާއްދާގެ ދެވަނަ ޖުމުލާގައިވާފަދައިން، އެކަމަށް ހަމަ އެކަކު ވެސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެއެވެ. އެއީ، ދައުލަތުން ކަމަށް ވިޔަސް، އަދި ވަކިވަކި ފަރުދުންކަމަށް ވިޔަސްމެއެވެ.

އަނެއްކާ ވެސް، 16 ވަނަ މާއްދާއަށް ޖެހިލަމާތޯއެވެ. އިސްވެ ބަޔާންކުރެވިފައިވާ ފަދައިން، އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނެ ގޮތް ވެސް އެމާއްދާގައި ބަޔާންކުރެވިފައިވެއެވެ. އެއްވެސް، އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. އެހެންކަމުން، 274 ވަނަ މާއްދާގައި، ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަކީ ވެސް ޤާނޫނުގެ މާނައިގެ ތެރޭގައި ހިމެނޭ އެއްޗެއްކަމުގައި ބަޔާންކުރެވިފައިވީ ނަމަވެސް، އެފަދަ ޤަވާޢިދެއް ނުވަތަ އުސޫލެއް ވިޔަސް ނުވަތަ އިދާރީ އަމުރަކުން ވިޔަސް އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ނުހިފެހެއްޓޭނެއެވެ. ތަންކޮޅެއް ތިލަކޮށްލާނަމެވެ. މޫނުބުރުގާ އަކީ އަސާސީ މިނިވަންކަމެއް ކަމުން، މަޖިލީހުން ފާސްކުރާ ޤާނޫނަކުން މެނުވީ އެކަން މަނާކުރުމަކީ ބާޠިލްކަމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!