ސިޔާސީ ފަސާދަ (ތިންވަނަ ބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.

 

ޙަޤީޤީ ކުރިއެރުމަކުން ކުރިއަރައިދާން އަޅުގަނޑުމެން އެދޭ ނަމަ، އަޅުގަނޑުމެންނަށް ވެގެން މި ދިޔަ ގޮތާއި މެދު ވިސްނައި ފިކުރު ކުރަން ޖެހެއެވެ. ދުރާލާ ފޯރުކޮށް ނުދެވޭ ބޭހަކުން ޝިފާ ލިބުމެއް ނެތެވެ. ހަމައެފަދައިން ރޭވުންތެރިކަމެއްނެތި ހަމައެކަނި ހުށަހަޅާލެވޭ ހުށަހެޅުމަކުން ނަސްރެއް ވެސް ނުލިބޭނެއެވެ. މާޒީގައި އެ ނަސްރު އަޅުގަނޑުމެންނަށް ލިބިގެން ދިޔައެވެ. ސަބަބަކީ އުންމަތުގެ ސަލަފުން އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ. އެހެނަސް ޚަލަފުން ވަނީ އެކަމުގައި އިންތިހާއަށް އިހުމާލުވެފައެވެ. އެކި ދިމަ ދިމާލުން އިސްލާމް ދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަނގުރާމަކުރާ މީސްމީހުން އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ފެނެއެވެ. އެހެނަސް އޭގެ ތެރެއިން ވެސް ގިނަ ބައެއްގެ ލެއަށް، ކުރިން އަޅުގަނޑު ދެންނެވި ބާވަތުގެ ޖަރާސީމުގެ އަސަރު ވަނީ ކޮށްފައެވެ. އެ މިސްރާބުގައި، އެބައިމީހުން ކުރިޔަށްދާ މިންވަރަށް ވުރެ ބޮޑަށް، ގާތީ ފަހަތަށް ދިއުމެވެ. އަދި ކީއްހެއްޔެވެ. ކޮންމެވެސް ދުވަހަކުން، މާޒީގައި ވެފައިވާ ފަޟީޙަތުގެ މައްޗަށް ފަޟީޙަތް އިތުރު ކުރުވާނޭ ބަޔަކު ކަމުގައި މިބައިމީހުން ވެސް ވެގެންދާނެ އެވެ.

އަޅުގަނޑު ދެކޭގޮތުގައި، އަލުން އާފެށުމަކުން ފެށުމަށްޓަކައި، މުޅިން އާ ހިއްވަރެއްލާފައި، އިސްވެދިޔަ ކަންކަމުގެ މައްޗަށް އުންމަތް ހޭލައްވާލަން އެބަ ޖެހެއެވެ. ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ބާރު ލިބިގަނެގެންނެވެ. އަދި ވޭތިވެ ދިޔަ 14 ޤަރުނުން ލިބިގެން ދިޔަ ތަޖްރިބާ އިން ޢިބްރަތް ލިބިގެންނެވެ. ފަހަރެއްގައި މީހަކު ސުވާލު ކޮށްފާނެ އެވެ. އަހަރެމެން ޙަޤީގަތުގައި ވެސް މި ދެންނެވި މަންހަޖު ތަކާއި (ކީރިތި ޤުރްއާނާއި ސުންނަތް) ޚިލާފު ވެއްޖެ ހެއްޔެވެ؟ އާއެކެވެ. އަޅުގަނޑުމެން އެ މަންހަޖުތަކާއި، އަޅުގަނޑުމެންގެ އަނގަބަހުން ޚިލާފެއް ނުވެއެވެ. އެހެނަސް އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރަށް ވެރިވެފައިވާ ހުސްކަމަށް ނަޒަރު ހިންގަވާށެވެ. އަޅުގަނޑުމެންގެ ނަސްފުތައް ފަސާދަ ވެފައިވާ ފަސާދަވުމަށް ބައްލަވާލައްވާށެވެ. މި ކަންކަން އަޅުގަނޑުމެން އެ މަންހަޖު ތަކާއި ޚިލާފުވި ކަމުގެ ހެއްކަކަށް ފުދެއެވެ.

ދެވަނަބައި

ތާރީޚުގެ ތެރެއަށް ފުންކޮށް ނަޒަރު ހިންގާލައިފިނަމަ ދެންނެވޭނީ، ސިޔާސީ ފަސާދަ އަކީ އަޅުގަނޑުމެންގެ މުޖްތަމަޢުތަކުގައި ވަރަށް ޒަމާނުއްސުރެ އަށަގެންފައިވާ ބައްޔެއް ކަމުގައެވެ. ތާރީޚު ހެކިދޭ ގޮތުގައި، ބައެއް ވެރިން ވަނީ، އެބައިމީހުންނާއި ރައްޔިތުންނާއި ދެމެދުގައި ބޮޑެތި ޚަންދަޤުތައް ކޮނެ، ރައްޔިތުންނަށް އެމީހުންނާއި ހަމައަށް ވާޞިލު ނުވެވޭނެ ގޮތް ހަދާފައެވެ. އެފަދަ ވެރިންގެ އަމިއްލަ އެދުންތަކާއި ޝަހުވަތްތައް ގިނަގުނައެވެ. ދުނިޔަވީ ބޭނުންތައް ވަނީ ފުނި ޖެހިފައެވެ. މިބައިމީހުން ﷲ ތަޢާލާގެ ދީނަށް އެއްވެސް އަމާންކަމެއް ނުދެއެވެ. އަދި އެމީހުންގެ ރައްޔިތުންނާއި މެދު ރަހުމެއް ހަމްދަރުދީއެއް ވެސް ނުބަހައްޓައެވެ. މި ޙާލުގައި އެ ޤައުމުތަކުގެ ރައްޔިތުން ވަނީ އެތަކެއް ޒަމާންތަކެއް ހޭދަކޮށްފައެވެ. މިފަދަ ވެރިންގެ މިސާލަކީ، އެ ރައްޔިތުންގެ މޭމައްޗަށް އެރުވިފައިވާ ބަރު ހިލައެއްގެ މިސާލެވެ.

އިރުމައްޗާއި ހުޅަނގުގެ އިސްތިޢްމާރީ ބާރުތަކުން، އެބައިމީހުން އިސްތިޢުމާރުކޮށްގެން ތިބި ޤައުމުތަކުގެ ރައްޔިތުން އޮބަހައްޓައި މައިތިރިކުރުމަށްޓަކައި މިފަދަ ވެރިންގެެ ބޭނުންހިފަމުން ދިޔައެވެ. އިސްލާމް ދީނާއި އެދީނުގެ ޙުކުމްތައް ތަންފީޒުކުރުން މަނާ ކުރުމަށްޓަކައެވެ. އަދި ކީއްހެއްޔެވެ؟ އެއްވެސް ފަރުދެއްގެ އިންސާނީ ކަރާމާތެއް، ނުވަތަ އިޖްތިމާޢީ މިނިވަން ކަމެއް ނޯންނާނެހެން އެ ޤައުމުތަކުގެ ވެށި ފަސާދަކުރުމުގައި ވެސް އިސްތިޢުމާރީ ބާރުތަކުން ދިޔައީ މިބައިމީހުންގެ އެހީތެރިކަން ހޯދަމުންނެވެ. ކޮންމެއަކަސް، މިބައިމީހުން ވެސް ދަޢުވާކުރަމުން ދިޔައީ، ތިމަންމެންނަކީ އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް ޢަމަލު ކުރާ ބައެއް ކަމުގައެވެ. މިފަދަ މީހުން ދެކޭގޮތުގައި ގިނަ ބައެއްގެ ރައުޔާއި އެއްގޮތަށް ވެސް އަދި މަދު ބައެއްގެ ރައުޔާއި އެއް ގޮތަށް ވެސް، ޢަމަލުކުރުމުގެ ބާރު ޙާކިމަށް ނުވަތަ ވެރިޔާއަށް އޮވެއެވެ. އަދި ކީއްހެއްޔެވެ. އަދި ބޭނުންވެއްޖެ ހިދެއްގައި ބަޔަކާއި މަޝްވަރާކުރުމެއް ނެތި، އޭނާގެ އަމިއްލަ ރައުޔާއި އެއްގޮތަށް ވެސް ޢަމަލުކުރަންވީއެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ “ޝޫރާ”ގެ އުޞޫލަކީ މީތޯއެވެ. އިސްލާމީ ޝަރީޢަތުގައި ބަޔާންވެފައިވާ “ޝޫރާ”ގެ އުޞޫލަކީ މީ ކަމުގައި ވާނަމަ ހުދުމުޚްތާރުކަމަކީ ފަހެ ކޮބާ ހެއްޔެވެ؟ މިއީ ރަނގަޅު ދަޢުވާއެއްކަމުގައި ވާނަމަ، މި ދެ ނިޒާމުގެ ތަފާތަކީ ފަހެ ކޮބާ ހެއްޔެވެ؟

(ނުނިމޭ)

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!