އޯޓިޒަމް ޖެހެނީ ވެކްސިނުގެ ސަބަބުންތަ؟

އޯޓިޒަމްއޭ ބުނެވޭ ކޮންމެ ތަނެއްގައި މިބަހުސެއް ފެށުމަކީ ވަރަށް އާއްމުކޮށް ހިނގާ ކަމަކެވެ. އެއްބަޔަކު ވެކްސިނުގެ ސަބަބުން ޖެހޭ އެއްޗެއް ކަމަށް ދައުވާ ކުރަމުންދާއިރު އަނެއްބަޔަކު ބުނަނީ އޯޓިޒަމްއަކީ ވެކްސިނާއި ގުޅުން ހުރި ކަމެއް ނޫންކަމެވެ.

އޯޓިޒަމްއަކީ ކޮބާ؟
އޯޓިޒަމްއަކީ ނިއުރޮލޮޖިކަލް ޑިސްއޯރޑަރ އެއްގެ ސަބަބުން ކުއްޖާގެ ސިކުޑިއަށް އަސަރުކޮށްފައިވުމުން، ވާހަކަދެއްކުމާއި އިޖުތިމާޢީގުޅުން ހީނަރު ކޮށްލުވާ ކަމެކެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ ޙަރަކާތުން ވާހަކަދެއްކުމާއި، އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުމާއި އަދި އެކިއެކި އެއްޗެހި ބޭނުންކުރުމުގައި ތަފާތު ގޮތްތަކެއް ގެންގުޅޭ ކުދިބައެކެވެ. ސިއްޚީދާއިރާގެ ބޭފުޅުން ފާހަގަކުރާ ގޮތުގައި ކުއްޖާގެ އުމުރުން ފުރަތަމަ ތިން އަހަރު ތެރޭގައި އޯޓިޒަމްގެ އަސަރުތައް ކުއްޖާގެ ކިބައިން ފާޅުވާން ފަށައެވެ.

އެމްއެމްއާރު ވެކްސިނާއި އޯޓިޒަމް
ތުއްތު ކުދިންނަށް ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ޅަފަތުގައި ދެވޭ އެކިއެކި ވެކްސިންތަކާއި ގުޅޭ ތަފާތު ކޮންސްޕިރަސީތައް އުޅެއެވެ. ކޮންމެ ބަޔަކުވެސް އެބަޔަކު ޤަބޫލުކުރާ ފަޅިއެއްގެ ވާހަކަތައް ހެކިތަކުގެ މައްޗަށް ބިނާކޮށް ދައްކަމުންގެންދާއިރު މިމައްސަލައަކީ މިއޭ މިކަން އޮތް ގޮތަކީ ބުނެ ވަކިގޮތެއް ނިންމިފައިނުވާ މައްސަލައެކެވެ.

ވެކްސިންއާ އޯޓިޒަމްއާ ގުޅުން ވާކަމަށް ބުނެ އެކަމާ ގުޅޭގޮތުން ދިރާސާއެއްގެ ސިފައިގައި ފުރަތަމަ ލިޔުމެއް ޝާއިއު ކޮށްފައިވަނީ 1998 ވަނަ އަހަރުއެވެ. އެއީ އިނގިރޭސިވިލާތުގެ މެޑިކަލް ޖާރނަލްއެއް ކަމަށްވާ “ދަ ލޭންސެޓް” ގައި ވެކްސިންއާ އޯޓިޒަމްއާ ހުރި ގުޅުން ދިރާސާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިދިރާސާއިން ބުނާގޮތުންނަމަ ގޮހޮރުގައި އުފެދޭ މައްސަލަތަކެއްގެ ސަބަބުން ވައިރަލް އިންފެކްޝަން ޖެހި އޯޓިޒަމް ޖެހުމަށް މަގުފަހިވެދެއެވެ.

މިދިރާސާ މީޑީއާގައި އާއްމުވުމާއި ގުޅިގެން އެމެރިކާ އަދި އިނގިރޭސިވިލާތުގައި ތުއްތު ކުދިންނަށް ވެކްސިންދޭ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. މިއާއެކު މިދިރާސާއާއި ގުޅޭ ތަފާތު ވާހަކަތައްވެސް ފެންމަތިވާން ފެށިއެވެ.

އެގޮތުން “ސަންޑޭ ޓައިމްސް” ގެ ނޫސްވެރިއެއް ކަމަށްވާ ބްރިއަން ޑިއަރ ކުރި ތަހުގީގަކަށްފަހު ހާމަކޮށްފައިވަނީ މިދިރާސާ ނެރުނު ޑރ އެންޑްރޫ ވޭކްފީލްޑް ދިރާސާގެ ނަތީޖާތައް އޮޅުވާލާފައިވާ ކަމަށާއި އެފަދަ ރިޕޯޓެއް ޝާއިއުކުރުމަގައި ބަލަންޖެހޭ އެތިކަލް އެތައް ކަމެއް މުގުރާލާފައިވާ ކަމަށެވެ. އަދި ހަތަރު މަސްދުވަހުގެ ތަހުގީގަކަށްފަހު 2004 ވަނަ އަހަރުގެ ފެބްރުއަރީމަހު ބްރިއަން ޑިއަރ “ސްންޑޭ ޓައިމްސް”ގައި ބުނެފައިވަނީ އެމްއެމްއާރު ވެކްސިންއިން އޯޓިޒަމްޖެހޭ ކަމަށް ނެރުނު ދިރާސާ ނެރުމުގެކުރިން ޑރ އެންޑްރޫވަނީ ވަކީލުންތަކެއްގެ އަތުން ރިޝްވަތުގެ ގޮތުގައި 55،000 ޕައުންޑް ނަގާފައެވެ. ވަކީލުން ޑރ އެންޑްރޫއަށް މިފައިސާ ދީފައިވަނީ އެމީހުން ވެކްސިން އުފައްދާ ފަރާތްތަކާއި ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގެ ހެކީގެ ގޮތުގައި ޑރ އެންޑްރޫގެ ރިޕޯޓު ބޭނުންކުރުމަށެވެ.

މިކަމާއި ގުޅިގެން ޑރ އެންޑްރޫގެ މައްޗަށް ކުރެވުނު ތުހުމަތުތައް ތަހުޤީގު ކުރުމަށްފަހު އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލުންވަނީ އެންޑްރޫ ޑރ އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ލައިސަންސް ބާތިލްކޮށްފައެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ އަހުމަދު ފައިސަލްއާއި ހަވާލާދީ ސިއްހަތު ބްލޮގުގައި ލިޔެފައިވެއެވެ.

“އޯޓިޒަމްގެ ހުންނަ މައިގަނޑު ކަންތައްތަކުގެ ތެރެއިން ބެލެނެވެރިންނަށް އެންމެ ފަސޭހައިން ދެނެގަނެވޭ ކަމަކީ ވާހަކަ ދެއްކުމުގައި ދިމާވާ ދަތިތައް! އެއުމުރަކީ ދޮޅު އަހަރު! އެމްއެމްއާރު ވެކްސިން ޖަހަނީ ދޮޅު އަހަރުގައި! ވެކުސިން ޖަހާތާ ގިނަ ދުވަސްތަކެއް ނުވަނީސް މިކަންތައްތައް ފާހަގަވަނީ! އެހެންވީމާ ވެކުސިނާ ގުޅުވެނީ! ކަމަކާ ގުޅުވުނީމާ ސައިންސްވެރިންގެ މަސައްކަތަކީ ދިރާސާކުރުން!”

ދިރާސާތަކުން ދައްކަނީ އެހެން ނަތީޖާއެއް

12 ކުދިން ހިމަނައިގެން ހެދި ކުޑަކުޑަ ދިރާސާއެއްގެ މައްޗަށް ޑރ އެންޑްރޫ ނެރުނު ރިޕޯޓާއި ވިދިގެން ވެކްސިނާއި އޯޓިޒަމްއާއި ގުޅުމެއް ވޭތޯ އެތަކެއް ދިރާސާތަކެއް ކުރެވުނެވެ.

އެގޮތުން 1999 ވަނަ އަހަރު 500 ކުދިން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން އޯޓިޒަމްއާއި ވެކްސިނާއި ގުޅުމެއް ނެތްކަން ފެނިފައިވާ ވާއިރު، 2001 ވަނަ އަހަރު 10،000 ކުދިން ބައިވެރިކޮށްގެން ހެދި ދިރާސާއިންވެސް ގުޅުމެއްވާކަމެއް ފާހަގަކުރެވިފައި ނުވެއެވެ. މީގެ އިތުރުން 2002 ވަނަ އަހަރު ޑެންމާކުގައި 537،000 ކުދިން އަދި ހަމަ އެއަހަރު ފިންލޭންޑްގައި 535،000 ކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއިންވެސް އޯޓިޒަމް ޖެހެނީ ވެކްސިނުގެ ސަބަބުން ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ. ޑީ. ސީ) އިން 2013 ވަނަ އަހަރު އާއްމުކުރި ދިރާސާއަކުން ދެއްކިގޮތުގައި އެއްދުވަހަކު ކިތަންމެ ގިނަ ވެކްސިންޖެހި ކަމުގައިވިޔަސް އެޖެހި ވެކްސިންގެ ސަބަބުން އޯޓިޒަމްއެއް ނުޖެހޭނެއެވެ.

މިގޮތުން “ޖާނަލް އޮފް ޕީޑިއަރޓްރިކްސް“ގައި ހާމަކޮށްފައިވާ މިރިޕޯޓުގައި ޑރ. ފްރޭންކް ޑިސްޓެފެނޯ، އެން. ބީ. ސީ ގެ ޗީފް މެޑިކަލް އެޑިޓަރ އާ ހަވާލާދީ ބުނެފައިވަނީ “އަހަރުމެންނަށް ވެކްސިންއާ އޯޓިޒަމްއާ ދެމެދު އެއްވެސް ގުޅުމެއްފެނިފައެއްނުވެއެވެ.” އަދި ވެކްސިން ނުޖެހުމުގެ ސަބަބުން ދަރިފުޅު މާނުރައްކާތެރި ބަލިތަކަށް ހުށަހެޅިގެންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި މިނިންގިޓިސް (ސިކުނޑީގެ ދުލިފަށް ދުޅަވުން) އަދި ހޫޕިންގ ކަފްސް (ހޯއްގޮވާ ކެއްސުން) ފަދަ ބަލިތައް ޖެހުމަށް މަގުފަހިވާކަމަށް މިރިޕޯޓުގައި ވެއެވެ.

ކަންއޮތީ މިހެންކަމުގައި ވީނަމަވެސް، ތުއްތު ދަރިފުޅަށް ޅަފަތުގައި ދެވޭ ވެކްސިނުގެ ސަބަބުން އެކުއްޖާއަށް އޯޓިޒަމްފަދަ ތަފާތު ބަލިތައް ޖެހުމަށް މަގުފަހިވާކަމަށް ޤަބޫލުކުރާ ސިއްޚީ މާހިރުންވެސް އުޅުއްވައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!