• ފޮޓޯ: އައިޑްރޮޕް ނިއުސް

އައިފޯނު ދަރިފަސްކޮޅަށް 10 އަހަރު! މިފަހަރު ކޮންކަހަލަ ބަދަލުތަކެއް؟

    މި އަހަރަކީ އެޕަލްއަށް ބޮޑު އަހަރެއްކަން އެންމެންވެސް ދަނެއެވެ. ސްމާޓްފޯނުގެ ދުނިޔެއަށް ވަރުގަދަ އިންގިލާބެއް ގެނައި އައިފޯން ދަރިފަސްކޮޅުގެ ފުރަތަމަ މެންބަރު އުފަންވިތާ ދިހަވަނަ އަހަރު ފުރޭ އަހަރެވެ. މާ ކުރިއްސުރެ ތުންތުންމަތިން ދައްކަމުންއައި ވާހަކައިގެތެރެއިން ބުރަދަންހުރި އެތައް ޚަބަރެއް ލީކުގެ ގޮތުގައި އައީ ތިލަވަމުންނެވެ. އެއިން ބައެއް ކަންކަމަކީ އަޞްލެއް ނެތް ކަންކަމަށް ވިޔަސް ނިކަން އާރުލާ ޒާތުގެ ވާހަކަތައްވެސް މީގެ ކުރިން ލިބިފައިވާނެއެވެ.

     މިއީ ވަރަށް އިތުބާރުހުރި މަސްދަރުތަކުން ލިބިފައިވާ މަޢުލޫމާތުކަމަށް ބުނެވެއެވެ. ސެމްސަންގުގެ ނޯޓު 7 ’މަރުވުމުގެ‘ ހިތާމައިގައި ލައްކަ ދުވަހު އުޅުމަށްފަހު މިދާކަށްދުވަހު ނެރުނު ގެލެކްސީ އެސް 8 ފެނިފައި ސިއްސައިގެންދިޔަ އެޕަލްގެ ވަފާތެރިންނަށް މިއޮތީ އާ ޚަބަރެކެވެ.

     ދެން ނެރޭ އައިފޯނަށް ކިޔާނީ އައިފޯން 8 ކަމަށް ބުނެވެމުން އައި ބުނުމަށްވުރެ، އެ ފޯނަށް އެޕަލުން ކިޔާނީ ’އައިފޯން އެޑިޝަން‘ ކަމަށް ބުނާ ބުނުންތަކުގެ އަޑު މިހާރު މާ ގަދައެވެ. ދިހަ އަހަރު ފުރޭ މުނާސަބަތުގައި ފޯނުގެ ނަމަށް މިފަދަ ބޮޑު ބަދަލެއް އެޕަލުން ގެނައުމަކީ ހައިރާންވާވަރުގެ ކަމެއް ނޫންކަން ގައިމުވެސް އެޕަލްގެ ވަފާތެރިން ދަންނާނެއެވެ.

     އަނެއް ކަމަކީ އައިފޯނުގެ ފަހަތުގައި ހުންނަ 2 ކެމެރާއަށް ގެނެވޭ ބޮޑު ބަދަލެވެ. އައިފޯން 7 ޕްލަސްގެ ފަހަތުގައި ރަހައަށް ހުރި ދެ ކެމެރާގެ ބަދަލުގައި އަލަށް ނެރޭ ފޯނުގެ ދެ ކެމެރާ ހުންނާނީ އޮލަނބަށް ކަމަށް ބުނެވެއެވެ. ފްލޭޝް ހުންނާނެކަމަށް ބުނެވެނީ ދެ ކެމެރާގެ ތިރިއަށް ވާ ގޮތަށެވެ. ވާދަވެރި އެހެން ކުންފުނިތަކާ އެޕަލްގެ ވިސްނުން އެއްގޮތީކަމެއް، ނޫނީ އިއްތިފާގެއް ކަމެއް ނޭންގެއެވެ. އެންމެންވެގެން ރެޔާދުވާލު ފައްކާކުރަން މަސައްކަތްކުރާ އުންމީދީ ’3ޑީ ސެންސިންގ ޓެކްނޮލޮޖީ‘ އަށް މަގުފަހިކުރުމަށް މިފަހަރުގެ އައިފޯނުގެ ކުރިމަތީގައި ދެ ކެމެރާ ހުންނާނެކަމަށްވެސް ބައެއް ރިޕޯޓުތަކުގައި ވެއެވެ.

     ދެން އޮތީ ސްކްރީނުގެ ވާހަކައެވެ. ގެލެކްސީ އެސް 8 ފަދައިން، ކުރީގެ އައިފޯނުތަކުގެ މަތިންނާއި ތިރިން ހުރި ’ބޭކާރު‘ ބައި ކުޑަކޮށް، ސްކްރީން ބޮޑުކުރާނެކަމަށް ބުނެވެއެވެ. ނަމަވެސް އެޕަލުން ބޭނުންވި ފެންވަރުގައި ސްކްރީނުގެ ދަށުގައި ފިންގަރޕްރިންޓް ސްކޭނަރު އިންދިފައިނުވާތީ، އަލަށް ނެރޭ ފޯނުގައި ފިންގަރޕްރިންޓް ސްކޭނަރު ހުންނާނީ ފޯނުގެ ފަހަތުގައި ކަމަށް ވެއެވެ. ކުރި ޓެސްޓުތަކުން އެދެވޭ ނަތީޖާއެއް މިފަހަރު ނުނުކުތަސް އެޕަލުން އަދި އޮތީ އުންމީދު ކަނޑާލާގޮތަކަށް ނޫނެވެ.

    ސެމްސަންގް ގެލެކްސީ އެސް 8 ނުކުތުމާއެކު، ނޯޓް 7 ގެ ހިތާމައިގައި އިސްދަށަށް ޖަހާލައިގެންތިބި ވަފާތެރިންގެ މޫނުމައްޗަށް ކުރީގެ ހިނިތުންވުން ރުޖޫޢަވެއްޖެއެވެ. އައިފޯނުގައި ނެތް އެތައްކަމެއް، ނުޖެއްސިވާ އެތައް ކުލައެއް އޭގައި އެބަހުއްޓެވެ. ސްމާޓްފޯނުގެ ދުނިޔެ އިހުނަށްވުރެ މިހާރު މާ ވާދަވެރިއެވެ. އެޕަލްއާއި ސެމްސަންގަށް ދޫނުކޮށް، ފަހަތުން ބާރަށް ކުރިއެރުމަށް ދެންތިބި ކުންފުނިތައް ކުރާ މަސައްކަތުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި އާދަޔާޚިލާފު ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ. ކޮފީމޭޒުތަކުގެ ފޯރި ތަންފުކެއްވެސް ކުޑައެއް ނޫނެވެ. އޭރު ދެއްކީ ސައިޒުގެ ވާހަކައެވެ. މިހާރު ދައްކަނީ ފޯނުގެ މޫނުމަތި އެއްކޮށް ސްކްރީނަށް ހަދާ ވާހަކައެވެ.

     ކޮންމެއަކަސް އަދި އޮތީ ނޭވާ ހިފަހައްޓާލައިގެން ތިބުމެވެ. އައިފޯނު އާއިލާއަށް އަލަށް އިތުރުވާ މެންބަރު އުފަންވާނީ މި އަހަރުގެ ސެޕްޓެންބަރުގައި ކަމަށް މިހާތަނަށް ހެދިފައި ހުރި ރިޕޯޓުތަކުން ދައްކައެވެ. ފަހަރެއްގައި އެއަށްވުރެ ތަންކޮޅެއް އަވަސް، ނޫނީ ލަސްވެސް ވެދާނެއެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Apple will always make a difference. Good article

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!