ރަޖަބު މަސް ހާއްސަކޮށްގެން ރޯދަ ހިފުމުގެ ހުކުމް

ސުވާލު: ރަޖަބް މަހުގެ ފުރަތަމަ ހަފްތާގައި ރޯދަ ހިފުމަކީ ސުންނަތެއްތޯއެވެ؟. ހުކުމް ބަޔާން ކޮށްދޭށެވެ. އަދި ރަޖަބު މަހުގެ ރޯދަ ހިފުމަށް އެއްވެސް ދުވަހެއް ހާއްސަ ކުރެވިފައިވޭހެއްޔެވެ؟ ރާއްޖޭގައި ރަޖަބް ރޯދަހިފުމަކީ ކޮށްއުޅޭކަމެކެވެ. ވީމާ، މިކަމުގެ ހުކުމަކީ ކޮބަހެއްޔެވެ.

 

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ރަޖަބު މަހަކީ ﷲ ޙުރުމަތްތެރި ކުރެއްވި މަސްތަކުގެ ތެރެއިން މަހެކެވެ. ސޫރަތުއްތައުބާގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ) މާނައަކީ: ” ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެعدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ. އެއީحق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! އަދި އެންމެހާ مشرك ންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ،تقوى ވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ!”.

ޙުރުމަތްތެރިވެގެންވާ މައްސަރުތަކަކީ ރަޖަބު، ޛުލްގަޢްދާ، ޛުލްޙައްޖާ، މުޙައްރަމް އެވެ.

وروى البخاري (4662) ومسلم (1679) عَنْ أَبِي بَكْرَةَ رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( السَّنَةُ اثْنَا عَشَرَ شَهْرًا , مِنْهَا أَرْبَعَةٌ حُرُمٌ , ثَلاثٌ مُتَوَالِيَاتٌ : ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ , وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ) މާނައަކީ: އިމާމް ބުޚާރީ އާއި މުސްލިމް އަބީބަކްރާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “އަހަރެއްގައި ވަނީ ބާރަމަސްދުވަހެވެ. އޭގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެކެވެ. ތިންމަހެއް އަންނަނީ ވިދިވިދިގެންނެވެ. އެއީ ޛުލްގައްދާ، ޛުލްޙައްޖާ، އަދި މުޙައްރަމެވެ. އަދި ދެޖިމާދައި ޝަޢްބާނާއި ދެމެދުގައިވާ ރަޖަބެވެ”.

މިމައްސަރު ތަކަށް ޙުރުމަތްތެރިވެގެންވާ މައްސަރުތަކޭ ކިޔުނު ގޮތަކީ: މި މައްސަރުގައި ޢަދުއްވުން ހަނގުރާމަ ފެށުމުން މެނުވީ ޙަނގުރާމަ ކުރުން ޙަރާމްވުން، އަދި މިމައްސަރުގައި ޙަރާމްކަންތަކަށް އަރައިގަތުމަކީ އެހެން މައްސަރެއްގައި ޙަރާމް ކަމަކަށް އަރައިގަތުމަށްވުރެ ނުބައިކަން ބޮޑު ކަމަކަށްވީތީވެއެވެ. މިމައްސަރުގައި ނުބައިކަންތަކަށް އަރައިނުގަތުމަށް ކީރިތި ގުރްއާނުގައި އަންގަވާފައިވަނީ އެހެންވެގެންނެވެ. ސޫރަތުއް ތައުބާގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ) މާނައަކީ: ” ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ!”.

ރަޖަބު މަސް ޚާއްޞަކޮށްގެން ރޯދަ ހިފުމަށް އެއްވެސް ޞައްޙަ ޙަދީޘެއްގައި އައިސްފައެއް ނުވެއެވެ. ރަޖަބު މަހުގެ ބައެއް ދުވަސްތައް ޚާއްޞަކޮށްގެން ބައެއް މީސްމީހުން ރޯދަ ހިފާ އުޅުނު ނަމަވެސް އެއީ އެއްވެސް އަޞްލެއްގެ ނުވަތަ ދަލީލެއްގެ މައްޗަށް ބިނާކޮށްގެން ކޮށް އުޅޭ ކަމެއް ނޫނެވެ. އެހެންނަމަވެސް މިކަން ކުރައްވާ ބޭފުޅުން ޟައީފް ޙަދީޘަކުން ދަލީލު ނަންގަވައެވެ. އެއީ : (صُمْ مِنْ الْحُرُمِ وَاتْرُكْ ) މާނައަކީ: “ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ރޯދަ ހިފައި އަދި ރޯދަ ދޫކޮށްލާ އުޅޭށެވެ”. ޔަޢުނީ: މުޅި މައްސަރު އެއްކޮށް ރޯދަ ނުހިފިނަމަވެސް މިމައްސަރުގައި ރޯދަ ހިފުން ގިނަ ކުރާށެވެ. މި ޙަދީޘަކީ ޝައިޚް އަލްބާނީ ޟަޢީފް އަބީދާވޫދް ގައި ގެންނަވާފައިވާ ޙަދީޘެކެވެ.

މި ޙަދީޘަކީ ޞައްޙަ ޙަދީޘެއް ކަމުގައި ބެލިނަމަވެސް މަގްޞަދަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ރޯދަ ހިފުމެވެ. ހަމައެކަނި ރަޖަބު މަސް ޚާއްޞަ ކުރުމެއް ނޫނެވެ.

އިބްނު ތައިމިއްޔާ- ރަޙިމަހުﷲ- ވިދާޅުވިއެވެ. “ރަޖަބު މަހު ޚާއްޞަކޮށް ރޯދަ ހިފުމާއި ބެހޭ ގޮތުން އައިސްފައިވަނީ ޟަޢީފް ޙަދީޘްތަކެކެވެ. އަދިކިއެއްތަ އޭގެ ތެރެއިން ބައެއް ޙަދީޘް ތަކަކީ މައުޟޫޢު (އަމިއްލަ އަށް ހަދާފައިވާ) ޙަދީޘްތަކެކެވެ. މިއިން އެއްވެސް ޙަދީޘަކުން ޢިލްމުވެރިން ދަލީލެއް ނުނަންގަވައެވެ”.

އިބްނުލް ގައްޔިމް- ރަޙިމަހުﷲ- ވިދާޅުވިއެވެ. “ރަޖަބު މަހު ރޯދަ ހިފުމަށާއި އެމައްސަރުގެ ރޭތަކުގައި ރޭއަޅުކަން ކުރުން ޚާއްޞަ ކުރުމާއި ބެހޭ ގޮތުން އައިސްފައިވަނީ ދޮގުވާޙަކަ ތަކެކެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތްކޮށް ބަޔަކު މީހުން ހަދާފައިވާ ދޮގުތަކެކެވެ”.

އިބްނު ޙަޖަރު- ރަޙިމަހުﷲ- ވިދާޅުވިއެވެ.

“ރަޖަބު މަހުގެ މާތް ކަމާއި ބެހޭ ގޮތުން، ނުވަތަ އެމައްސަރުގައި ނުވަތަ އެމައްސަރުން ބައެއްގައި ރޯދަ ހިފުމާއި ބެހޭ ގޮތުން، ނުވަތަ އެމައްސަރުން ރެއެއްގައި ރޭ އަޅުކަން ކުރުމާއި ބެހޭ ގޮތުން ޙުއްޖަތް ނެގޭވަރުގެ ޞައްޙަ ޙަދީޘެއް އައިސްފައި ނުވެއެވެ”.والله أعلم

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!