ސިޔާސީ ފަސާދަ (ދެވަނަ ބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.

ދެވަނަ ބައި

ދީނީ ވިސްނުން:

ބައެއް ކަހަލަ ބަލިމީހުންނަށް އެބައިމީހުންގެ ހޭވެރިކަން އިޢާދަކުރުމަށްޓަކާ ނުވަތަ ވެފައިވާ މަސްތުކަން ފިލުވާލުމަށްޓަކައި ކަރަންޓު ޝޮކް ދެވެއެވެ. މިއަދުގެ މުސްލިމުންނަށް ވެސް އެބައިމީހުންގެ މައްޗަށް ވެރިވެފައިވާ ޣާފިލުކަމުގެ ނިދިން ހޭލެއްވުމަށްޓަކައި މިފަދަ ކަރަންޓު ޝޮކްތަކެއް ދޭން އެބަޖެހެއެވެ. ޚުލަފާއުއްރާޝިދޫން އާއި އޭގެ ފަހުން، އެ މަތިވެރި މަގުން ހިނގިހާ ބައެއްގެ މަންހަޖަށް ރުޖޫޢަ ކުރުވުމަށްޓަކައެވެ.

ތިންވަނަ ދުނިޔޭގެ ނުވަތަ ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމުތަކުގެ ބޮޑު ބައެއް ޙިއްސާ ކުރަނީ އިސްލާމީ ދުނިޔެއެވެ. ސަބަބަކީ ޙަޟާރީ ގޮތުން ފަހަތުގައި ތިބުމެވެ. މިއަދު އެބައިމީހުންގެ ކިބައިން ތަރައްޤީގެ ފޭރާން ވަނީ ނިގުޅައި ގަނެވިފައެވެ. އެހެނަސް އެއީ އެބައިމީހުންގެ އަޞްލު މައިފުށުން ވާރުތަ ވެފައިވާ ކަމެއް ނޫނެވެ.

މި ދަރަޖަ އަށް އަޅުގަނޑުމެން ވެއްޓުނީ ކީއްވެގެން ތޯއެވެ؟ ތަރައްޤީވުމާއި ތަރައްޤީ ނުވުމަކީ ” ޔަހްޔާ ކާޅު ހިފުން ” ފަދަ ކަމެއް ނޫނެވެ. މި ޙާލަތަށް އަޅުގަނޑުމެން ވެއްޓިފައިވާތާ މިހާރު ޒަމާންތަކެއް ވެއްޖެއެވެ. ވަކި ހިސާބަކުން، ޖީލަކަށް ފަހު ޖީލަކަށް އެކަމުގެ އަސަރު ވަނީ ކޮށްފައެވެ. ބައެއް ޖީލުތަކަށް ވަރަށް ޅަ ޢުމުރުގައި މި ބަލީގެ އަސަރު ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. އެހެނަސް ޒުވާންކަމުގެ ޅަދޮޅުކަން އެ ބައްޔާއި ހަނގުރާމަކޮށް ބަލިކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން ދުވަސްތަކަކަށް އޭގެ އަސަރު ކެނޑިގެން ދިޔައެވެ. އަލުން އެ އާލާވުމަށް ބޭނުންވާ ވަގުތު އަންނަން ދެނެވެ.

މި ބަލީގައި އުންމަތް ވަރަށް ބޮޑަށް ބަލިވެ އެނދުމަތިވި އެވެ. އަދި އެއާއި ދެކޮޅަށް އުންމަތުގެ އެންމެ ރަންޒަމާން ވަނީ ތެދުވެ، ކުރިމަތިލާފައެވެ. ދެން އިސާހިތަކު އަނެއްކާ ވެސް  އަޅުގަނޑުމެންގެ ލޯތަކަށް، އެ ބަލިން ފަސޭހަ ވެއްޖެހެން ހީވުމާއި ގާތަށް ބަލި ފިލައިގެން ދިޔައެވެ. އެހެނަސް ވަގުތީގޮތުން (އޭގެ އަސަރު) ނެތިގެންދިޔަ ޖަރާސީމު އަލުން އަނެއްކާ ވެސް ފަހުގެ ޤަރުނު ތަކުގައި ވަނީ އާލާވެފައެވެ. އާއެކެވެ. އަޅުގަނޑުމެންގެ ޢަދާވާތްތެރި ބާރުތައް އަޅުގަނޑުމެންނާއި ދެކޮޅަށް ސަފުތައް ރުކުރުވާލައި ހަނގުރާމަ ކުރަން ފެށި ހިސާބުން، އެ ހަނގުރާމަ ތަކުގައި، ހުރިހާ މައިދާނެއްގައި އަޅުގަނޑުމެން ބަލިވެ ފަޟީޙަތް ވެގެން ދިޔައެވެ. އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑުގެ ދެމެދާއި، މެދުތެރޭ ޔޫރަޕް، އަދި ދެކުނުން އޭޝިޔާ، އުތުރުން ޖަޒާއިރު، އިންޑޮނޭޝިޔާ، ފިލޕީންސް،އަދި އިންޑިޔާ ކަނޑާއި، ބޮޑު ސަހަރާ އާއި ހަމަ އަށް މުސްލިމުންގެ ބާރު ކެނޑިގެން ދިޔައެވެ. މިއީ ޙަޤީޤަތުގައި ވެސް ހިނގައި ދިޔަ، އަދި އޭރު އަޅުގަނޑުމެންގެ ޙާލަތުހުރި ގޮތުގެ ސަބަބުން ހިނގާން ޖެހޭ ވެސް ކަމެކެވެ. އެހެނީ ބިންބިމުގެ މައްޗަށް ބާރު ހިނގުމަށް ދައްކާނޭ މާ ގިނަ ސަބަބުތަކެއް އޭރަކު މުސްލިމުންގެ އަތަކު ނެތެވެ.

މި ވަރުގަދަ އިސްލާމީ ދައުލަތާއި މެދު ޙަސަދަވެރިވި ބައެއްގެ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ލޮޅުން އައިސް އެންމެ ފަހުން އެ ދައުލަތް ބިމާއި ހަމަވެ، އޭގެ މައްޗަށް ފަސްއެޅި ބިމުއަޑިގައި “ވަޅުލެވުނެވެ”. ރެޔަކާއި ދުވާލެއްގެ ތެރޭގައި ބައެއްގެ އަތްދަށުވެ މަލާމާތާއި ފުރައްސާރައަށް ހުށަހޮޅިގެންދިޔައެވެ. މިއީ ޙަޤީޤަތުގައި ވެސް ހިނގައި ދިޔަ، އަދި، އޭރު އަޅުގަނޑުމެންގެ ޙާލަތުހުރި ގޮތުގެ ސަބަބުން ހިނގާން ޖެހޭ ކަމެއް ވެސް މެއެވެ. އެހެނީ ބިންމަތީގައި އަޅުގަނޑުމެންނަށް ސާބިތުވެ ތިބުމުގެ ސަބަބުތައް ނެތިވެ، ޖެހުނު ގަދަވަޔަށް ކެތްނުވެގެން  ބުރުއްސައިގެން ދިޔައެވެ. އާއެކެވެ. ކިތަންމެ ވަރުގަދަ ވައިރޯޅިއަކަށް ވެސް ފަރުބަދަތައް މުލުން ލުހެ އެއްތަނަށް ގެންދިޔުމަކީ ވާނޭ ކަމެއްނޫނެވެ. އެހެނަސް ހިމުން ވެލިގަނޑު ބުރުއްސާލުމަކީ އެއްވެސް ކަމެއް ނުވާފަދައިންނެވެ.  (ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!