ހުކުރު ޚުޠުބާ ވަގުތު ވާހަކަ ދެއްކުން

ސުވާލު:

ހުކުރު ހުތުބާ ފެށުމަށްފަހު މީހަކު ސަލާމް ގޮވާލުމަށްފަހު އެ ސަލާމް ބަލައިގަތުމަކީ ނަމާދު ގެއްލޭނެ ކަމެއް ތޯއެވެ؟ އަދި ހުކުރު ހުޠުބާ ފެށުމަށްފަހު މިސްކިތްތެރެއަށް ވަނުމުގެ ކުރިން މީހަކާ ވާހަކަ ދަށްކާފި ނަމަ ނަމާދު ގެއްލޭނެ ތޯއެވެ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: މުސްލިމުންގެ މައްޗަށް ލާޒިމްވެގެންވަނީ ހުކުރު ޚުޠުބާ ކިޔާ ގަޑީގައި އެޔަށް ކަނުލާ އަޑު އެހުމެވެ. އެހެން ކަމުން ހުކުރު ޚުޠުބާ ކިޔަމުން ދާ ގަޑިއެއްގައި މީހާކު ސަލާމް ގޮވާފައި އަތްދިއްކުރި ކަމުގައިވީނަމަވެސް، އަނގައިން ސަލާމް ބަލައި ނުގަންނާށެވެ. އަދި އެމީހާގެ އަތުގައި ހިފާ ސަލާމްކޮށްލާށެވެ. ސަބަބަކީ ޚުޠުބާ ކިޔާ ގަޑިގައި ހަނުހުރުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރައްވާފައިވުމެވެ.

ޙަދީޘް ކުރެއްވިއެވެ. (إذا قلت لصاحبك يوم الجمعة : أنصت ، والإمام يخطب فقد لغوت) متفق عليه . މާނައަކީ: “އިމާމާ ހުކުރު ޚުޠުބާ ކިޔަން ހުއްޓާ ތިބާގެ އަޚާގެ ގާތުގައި ހަނުހުންނާށޭ ބުނުމަކީވެސް ބޭކާރުވާހަކަ ދެއްކުން ކަމުގައިވާނެއެވެ”.

ޚުޠުބާ ކިޔަމުން ދާ ގަޑީގައި ހެޔޮކަމަކަށް އަމުރުކޮށް ނުބައި ކަމެއް ނަހީ ކުރުންވެސް މި ޙަދީޘްގައި މިވަނީ ބޭކާރުވާހަކަ ދެއްކުމުގެ ތެރެއަށް ލައްވާފައެވެ. ވީމާ، އެހެން ކަހަލަ ވާހަކަ ތައް ވާނީ އަދި ކިހާ ހިސާބެއްގައިބާވައެވެ. އެހެންކަމުން، މީހަކު މިސްކިތަށް ވަދެ ސަލާމްގޮވި ކަމުގައިވީނަމަވެސް، އަނގަބަހުން ސަލާމް ބަލައި ނުގަނެ އަތުން އިޝާރާތް ކޮށްލާށެވެ. އަދި ނަމާދު ނިމިގެން އެކަން އޮތްގޮތް އޭނާ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރާށެވެ. ޚުޠުބާ ކިޔަމުން ދާ ގަޑީގައި ކިނބިއްސެއް އެޅުނު ކަމުގައިވީނަމަވެސް (الحمد لله) ދުލުން ކިޔުމުގެ ބަދަލުގައި ކިޔާނީ ހިތުން އެކަންޏެވެ. والله أعلم

ގުޅުންހުރި ޖަވާބު: [792]
(http://www.mvislamqa.com/beta/views.asp?questionID=792)

އިސްލާމްކިއޫއޭ.އެމްވީއިން ނަގާފައި

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!