ތާއިފްގެ ހާދިސާ

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ބޮޑުބޭބޭފުޅާއި، އުއްމުލް މުއުމިނީން ޚަދީޖާ ކައިރިކައިރީގައި އަވަހާރަވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް މައްކާގައި ދިރިއުޅެން އުނދަގޫވިއެވެ. އެހެނީ ޤުރައިޝުންގެ އުނދަގޫތަކާއި ދުއްތުރާތަކުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސަލާމަތްކޮށްދެމުންދިޔައީ އަބޫތާލިބުގެފާނެވެ. އަދި އެކަލޭގެފާނަށް ކުރިމަތިވާ ނުތަނަވަސްކަން ފިލުވައިދީ ދަޢުވަތުގައި ކުރިޔަށްދިޔުމަށް ހިތްވަރުދެމުން ގެންދިޔައީ ޚަދީޖަތުގެފާނެވެ. އެހެންކަމުން މި ދެބޭކަލުން އަވަހާރަވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބެމުންދިޔަ ޚާރިޖީ މަދަދާއި ދާޚިލީ މަދަދު ކެނޑިގެންދިޔައެވެ

އަބޫތާލިބުގެފާނު އަވަހާރަވުމުން ވިއްސަކަށް ދުވަސްވަންދެން އަބޫލަހަބު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ހިމާޔަތްދިނެވެ. އެކަމަކު ކުފުރުވެރިކަމާއި ނޭންގާނީކަން އޭނާގެ މައްޗަށް ގަދަވެ ގަނެ، އެކަން ހުއްޓާލިއެވެ. މިހާހިސާބުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޅެއްކަމުގައިވާ ޒައިދު ބިން ހާރިޘް ރަޟިޔަﷲ ޢަންހް އާ އެކީގައި ފައިމަގުގައި ތާއިފަށް ދިޔުމަށް ނިކުންނެވިއެވެ. ތާއިފްޚިޔާރުކުރެއްވީ އެއީ މައްކާއާއި އެންމެ ކައިރި ރަށް ކަމުގައިވުމުންނެވެ. ޒަމާނުއްސުރެ މި ދެރަށުގެ މީހުން އެއްބަޔަކު އަނެއްބަޔަކު ދެކެފަރިތައެވެ. ކައިރިކައިރީގައި ދެރަށްއޮތުމުން ދެރަށުގެ ދެމެދުގައި ވާދަވެރިކަންވެސް އޮތްމެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފައިމަގުގައި ނިކުންނެވީ ސަވާރީއެއްގައި ނުކުތްނަމަ ޤުރައިޝުންނަށް އެކަލޭގެފާނުގެ މަޤްސަދު އެނގި އެކަމަށް ހުރަސްއަޅާނެތީއެވެ. އެއީ ނަބީކަމާއިގެން ފޮނުއްވުނުތާ 10 ވަނައަހަރުގެ ޝައްވާލުމަހުގައެވެ. ތާއިފަކީ މައްކާއާއި 60 ކިލޯމީޓަރ ދުރުގައި އޮންނަ ފަރުބަދަމަތީ ރަށެކެވެ. ފައިމަގުގައި ތާއިފަށް ދިޔުމަށް އެންމެ މަދުވެގެންވެސް ދެ ދުވަސް ހޭދަވާނެއެވެ. ރިސާލަތު ފޯރުކޮށްދެއްވުމަށްޓަކައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފުއްލެވި ބުރަ ނިކަން ތަޞައްވަރު ކޮށްލައްވާށެވެ. ތާއިފަށް ދިޔުމަށް އޮންނަ މަގުގެ ނުރައްކާތެރިކަމާއިއެކު، ފައިމަގުގައި މި މަގު ދަތުރުކުރުން އަދި ކިހާ އުނދަގޫވެފައި ނުރައްކާވާނެތޯއެވެ؟ މިއީ އަދި އެކަލޭގެފާނު އުފުއްލެވި ބުރަ ތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.

ތާއިފްގެ ހާދިސާއާއި ބެހޭގޮތުން ޞަޙީހް ބުޚާރީގައި އައިސްފައިވެއެވެ. ޢާއިޝަތުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ސުވާލުކުރެއްވިއެވެ. އުހުދަށް ވުރެ އުނދަގޫ ދަތިދުވަހެއް ކަލޭގެފާނާއި ކުރިމަތިވިތޯއެވެ؟ (ޢާއިޝަތުގެފާނު އުމުރުފުޅުން ހަގުވުމުން ތާއިފްގެ ހާދިސާގެ މަޢުލޫމާތު އެނގިފަނެތީއެވެ.) ވަގުތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުދެއްވެވިއެވެ. އާއެކެވެ. ކަމަނާގެ ޤައުމުގެ މީހުން ތިމަންކަލޭގެފާނަށް ވަރަށް އުނދަގޫކުރިއެވެ. މިގޮތުން އެންމެ އުނދަގޫ ލިބުނު އެއްދުވަހަކީ ޔައުމުލް ޢަޤަބާއެވެ. އާދެ އެއީ ތާއިފުގެ މޮޔައިންނާއި ކުޑަކުދިން އެކަލޭގެފާނުގެ ގައިކޮޅަށް ގާއުކަމުން އެރަށުން ފައްސާލިދުވަހެވެ. އަދި ތިމަންކަލޭގެފާނު އުންމީދުކުރިގޮތަށް އެރަށުގެ މީހުން ތިމަންކަލޭގެފާނަށް އިޖާބައެއްނުދިނެވެ.

އެދުވަސްވަރު ތާއިފުގެ ވެރިންގެ ގޮތުގައިތިބީ ޢަމްރު ބިންޢުމައިރުގެ ތިން ދަރިންނެވެ. މިތިން މީހުންނަށް އިސްލާމްދީނުގެ ދަޢުވަތު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވުމުން އެމީހުން އެދަޢުވަތަށް އިންކާރުކުރިއެވެ. އިންކާރުކުރީވެސް އޭގެ އެންމެ ހުތުރު ގޮތުގައެވެ. އޭގެތެރެއިން އެކަކު ބުންޏެވެ. ”މާތް ﷲ ކަލޭގެފާނު ނަބިއްޔެއްގެ ގޮތުގައި ފޮނުއްވިނަމަ ތިމަންނަ ކަޢުބާގެ އުރަކޮޅުވީދާލައިފީމުހެވެ.” އަނެކަކު ބުންޏެވެ. ”ކަލެއަށްވުރެ ރަނގަޅުމީހަކު ނަބިއްޔެއްގެ ގޮތުގައި ފޮނުއްވަން މާތް ﷲ އަށް ނޭނގުނީހެވެ.” ތިންވަނަ މީހާ ބުންޏެވެ. ”ﷲ ގަންދީ ބުނަމެވެ. އަހަރެން ކަލެއަކާ ވާހަކައެއް ނުދައްކާނަމެވެ. ކަލެއަކީ ހަމަހަޤީޤަތުގައިވެސް ނަބިއްޔެއްކަމުގައިވާނަމަ، އަހުރެން ކަލެޔާއި ވާހަކަދެކެވޭ ވަރަށްވުރެ ކަލޭގެ ހައިބަތުމާބޮޑެވެ. އަދި ކަލެއަކީ މާތް ﷲ އޭ ކިޔައިގެން ދޮގުހަދާ މީހެއްކަމުގައިވާނަމަ( އެބަހީ މާﷲ ތިމަންކަލެގެފާނު ނަބިއްޔެއްގެ ގޮތުގައި ފޮނުއްވިކަމުގައި ކުރާ ދަޢުވާ)، އަހަރެން ކަލެއަކާ ވާހަކައެއް ނުދައްކާނަމެވެ.  ”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދިހަދުވަހު ތާއިފުގައި މަޑުކުރެއްވެވިއެވެ. އަދި އެކި ފަންތިތަކުގެ އެކިމީހުންނަށް ދަޢުވަތުދެމުން ގެންދިޔައެވެ. އެހެންނަމަވެސް އެކަކުވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދަޢުވަތަށް އިޖާބައެއް ނުދިނެވެ. އަދި ތާއިފްގެ ވެރިންދިޔައީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެރަށުން ފޮނުވާލެވޭނެ ގޮތެއް ރާވަމުންނެވެ. މިގޮތުން އެއްދުވަހަކު އެރަށުގެ މޮޔައިންނާއި ޅަކުދިންނަށް ވަސްވާސްދީ އެމީހުންލައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ޒައިދުގެފާނާއި ދިމާއަށް ގާއުކުވާ، ފުރައްސާރަކުރުވަން ފެށިއެވެ. މިގޮތަށް ގާއުކާ، ފުރައްސާރަކުރަމުންގޮސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ޒައިދުގެފާނު އެރަށުން ބޭރުކޮށްލިއެވެ. އެރަށުން ބޭރުކޮށްލުމަށްފަހުވެސް ދެތިންމޭލުގެ ރާސްތާއަކަށް އެބައިމީހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ޒައިދުގެފާނުގެ ފަހަތްޕުޅުން ގާއުކަމުންދިޔައެވެ. އޭރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ލިބިވަޑައިގަތް ޒަޚަމްތަކުގެ ސަބަބުން އެކަލޭގެފާނުގެ ދެފައިންޕުޅުން ލޭ އޮހެރެމުންދިޔައެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދިފާޢުކުރެއްވުމަށް ޒައިދުގެފާނު މަސައްކަތްކުރެއްވުމުގެ ސަބަބުން ޒައިދުގެފާނުގެ އިސްތަށިފުޅު ފެޅުނެވެ. އެހާނީއްކަތަކުގެ ބޮޑުކަމުގެ ސަބަބުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އެކަލޭގެފާނަށް ހުރެވުނުތަނެއްވެސް ނޭގުނުކަމުގައި އެކަލޭގެފާނު ހަދީސްކުރައްވާފައިވެއެވެ. މިގޮތަށް ދެތިންމޭލަށް ޤަރްން-އަލްޘަޢާލިބާއިހަމައަށްގޮސްފަ އެބައިމީހުން އެނބުރި ތާއިފަށްދިޔައެވެ.

އޭރު  ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ޒައިދުގެފާނުވަނީ ވަރަށްބޮޑަށް ވަރުބަލިފުޅުވެވަޑައިގެންފައެވެ. ލިބިފައިވާ ހާނީއްކަތަކުގެ ސަބަބުން ދެބޭކަލުންގެ ގައިކޮޅުން ލޭ އޮހެރެނީއެވެ. އުފަންރަށުން ލިބޭ ހާނީއްކަތަކާއި ވޭނަށްވުރެވެސް ބޮޑު ވޭނެއްމިރަށުން   ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ލިބިއްޖެއެވެ. މިފަދަ ދަނޑިވަޅެއް އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެނަމަ ކުރެވޭނެ އިޙްސާސް ނިކަން ވިސްނާލައްވަވާށެވެ. ވަރުބަލިފުޅުވެވަޑައިގެންފައިވާލެއް ބޮޑުކަމުން އެހިސާބުގައިހުރި މޭބިސްކަދުރު ބަގީޗާއެއްގެ ހިޔަލުގައި އެ ދެބޭކަލުން އިށީނދެވަޑައިގަތެވެ. ކަންދިމާކުރިގޮތުން، މި ބަގީޗާއަކީ މައްކާގެ މުޝްރިކެއްކަމުގައިވާ ރަބީޢާގެ ދެދަރިންގެ ބަގީޗާއެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނިކަމެތި ހާލުކޮޅުފެނިފައި އެމީހުންގެ ހިތަށް ހަމްދަރުދީވަނެވެ. އަދި މޭބިސްކަދުރުކޮޅެއް ތަބަކަކަށްލާފައި އެމީހުންގެ ނަޞްރާނީ (ކުރިސްޓިއަން) ޚާދިމެއްކަމުގައިވާ ޢައްދާސް ފޮނުއްވިއެވެ. މޭބިސް ކަދުރުފަރިއްކުޅުއްވުމުގެ ކުރިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބިސްމި ކިޔުއްވިއެވެ. މިކަންވީ ޢައްދާސް ވަރަށް ހައިރާން ކުރުވިކަމެއްކަމުގައެވެ. ޢައްދާސް ބުންޏެވެ. “މިއީ މިޢަރަބިކަރައިގެ މީހުން ބޭނުންނުކުރާ ޢިބާރާތެކެވެ.” ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢައްދާސްއާ ސުވާލުކުރެއްވިއެވެ. ”ތިބާއަކީ ކޮންރަށެއްގެ މީހެއްތޯއެވެ؟ އަދި ތިބާގެ ދީނަކީ ކޮބައިތޯއެވެ.؟” ޢައްދާސް ޖަވާބުދިނެވެ. ”ތިމަންނައަކީ ނައިނަވާގެ ނަޞްރާނީއެކެވެ.” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ.  ”އެހެންވީމާ ތިބާއަކީ ޞާލިޙްއަޅާ ޔޫނުސް އިބްނި މައްތާގެ ރަށުގެމީހަކީމުތާއެވެ.” ޢައްދާސް ގެ ހައިރާންކަން ކުރިޔަށްވުރެ އިތުރުވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ޔޫނުސްގެފާނާއި ބެހޭގޮތުން އެނގެނީ ކޮން މަޢުލޫމާތެއްތޯ ސުވާލުކުރިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުދެއްވެވިއެވެ.

((ذاك أخي، كان نبيًّا وأنا نبيٌّ))

”އެއީ ތިމަންކަލޭގެފާނުގެ އަޚެކެވެ. އެއީ ނަބިއްޔެކެވެ. އަދި ތިމަންކަލެގެފާނަކީވެސް ހަމައެފަދައިން ނަބިއްޔެކެވެ.”

އެހިނދު ޢައްދާސް އިސްލާމްވެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ  އިސްތަށިފުޅުގަޔާއި، އަތްޕުޅުގަޔާއި، އަދި ފައިންޕުޅުގައި ބޮސްދެއްވަންފެއްޓެވިއެވެ. މިގޮތަށް ކަންތައްކުރެއްވުމަށްފަހު، ޢައްދާސް އެނބުރި އޭނަގެ ސާހިބުން ކައިރިޔަށް ދިޔުމުން އެކަމާ ނުރުހުންފާޅުކޮށް އިސްލާމްވުމަށްވުރެ، ޢައްދާސް ކުރިން ހުރި ދީނުގައި ހުރުންވެސް މާރަނގަޅުވާނެކަމުގައި ބުންޏެވެ. ނަމަވެސް ޢައްދާސް ރަޟިޔަﷲ ޢަންހް އީމާންކަންމަތީ ސާބިތުވެހުންނެވިއެވެ.

 

 

ތާއިފްގެ ހާދިސާއާއި ބެހޭގޮތުން ޞަޙީހް ބުޚާރީގައި އައިސްފައިވާހަދީސްގައި އިތުރަށްވެއެވެ.

”….(ޤަރްން-އަލްޘަޢާލިބުގައި) ތިމަންކަލޭގެފާނު އިސްއުފުލާލިއިރު ބޯމަތިން ތިމަންކަލެގެފާނަށް ހިޔާދޭ ވިލާގަނޑެއްފެނުނެވެ. އަދި ހަމަ އެވިލާގަނޑުގެ ތެރެއިން ތިމަން ކަލޭގެފާނަށް ޖިބްރީލްގެ ފާނު ފެނިވަޑައިގަތެވެ. ޖިބްރީލްގެފާނު ތިމަންކަލޭގެފާނަށް ގޮވާލެއްވިއެވެ.

ކަލޭގެ ފާނުގެ މީހުން ކަލެގެފާނަށް ދެއްވި ޖަވާބު ﷲ އަޑު އައްސަވާ ވޮޑިގެންފިއެވެ. އަދި މާތް ﷲ ފަރުބަދަތަކުގެ ކަންތައްހަވާލުކުރައްވާފައިވާ މަލާއިކަތާ ފޮނުއްވައިފިއެވެ. ކަލެގެފާނު އެދިލައްވައިފިނަމަ، އަލްއަޚްޝަބައިނިއޭކިޔުނު ދެފަރުބަދައެމީހުންގެ މައްޗަށް ކުނޑިކުނޑިކޮށްލައްވާނެއެވެ.”

އެހިނދު ރަޙްމަތުގެ ނަބިއްޔާދެއްވެވި ޖަވާބު އަދިއަދަށްދާންދެންވެސް އެކި ޖަލްސާތަކުގައި ތަކުރާރުކުރެވެމުންދެއެވެ.

((بل أرجو أن يُخْرِج الله من أصلابهم مَن يعبد الله وحده لا يُشرك به شيئًا))

 

”ނޫނެކެވެ. ތިމަންކަލޭގެފާނު އުއްމީދުކުރައްވަނީ އެމީހުންނަށް ލިބޭ ދަރިން ﷲ އެއްކައުވަންތަކޮށް، އެހެންފަރާތެއް ބައިވެރިކުރުމެއްނެތި އަޅުކަންކުރާނެކަމުގައެވެ.”

ވިސްނާލައްވާށެވެ. އެހާ އިހާނެތިކޮށް އެކަލޭގެފާނާއިމެދު ކަންތައްކުރެވުމުންވެސް، އެކަލޭގެފާނުއެމީހުންނާއިމެދު އިސްކުރެއްވީ އޯގާވެރިކަމެވެ. މި އޯގާވެރިކަމުގެ ނަތީޖާއަކީ ތައުހީދުގެ މަތީގައި ﷲ އަށް އަޅުކަންކުރާ އެތައްޖީލެއް އޭގެފަހުން އެމީހުންގެ ދަރިފަސްކޮޅުން އަދިވެސް އަންނަމުންދިޔުމެވެ. ތާއިފުގައި އެކަލޭގެފާނަށްއެންމެބޮޑަށް ހާނިއްކަކުރެވުނުބިމުގައި މިހާރުހުރީ ބޮޑުމިސްކިތެކެވެ!

ސީރަތުކިޔުމުގެ ނުވަތަ އަޑުއެހުމުގެ އެންމެ ބޮޑު ފައިދާއަކީ އަޅުގަނޑުމެންގެ ހިތްތަކުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާމެދުގައިވާ ލޯބި އާލާވުމެވެ. އަލް އިމާމް އިބްން އަލްޖަވްޒީ ދެކިލައްވާގޮތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދެކެ އޮންނަލޯތްބަކީ އަޅުގަނޑުމެން އަމިއްލައަށް އުފައްދަންޖެހޭލޯތްބެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަޙްޝިއްތާއި މޫރިތި ހަޔާތްޕުޅު އަޅުގަނޑުމެންނަށް އެނގުނުވަރަކަށް އަޅުގަނޑުމެންގެ ހިތުގައި އެކަލެގެފާނާއިމެދުވާ ލޯބި އިތުރުވެ، ތާޒާވަމުންދާނެއެވެ. މީހަކުދެކެ ލޯބިވާނަމަ، އެލޯބިވާފަރާތެއްގެ އަމުރުފުޅުތަކަށްތަބާވެ، ނުރުހޭކަންތައްތަކުން ދުރުވާނެއެވެ. މިކަންބަޔާންކުރައްވާ ކީރިތި ޤުރުޢާނުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ.

قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

آل عمران 31

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއެންމެ ބޮޑަށް އަމުރުކުރައްވާފައިވާ ކަމަކީ ފަރުޟުފަސްނަމާދުކުރުމެވެ. އަދި ތިމާގެ އަނބިދަރިންލައްވާ އެނަމާދުތައް ކުރުވުމެވެ. މީގެއިތުރުން އެންމެހާ ހެޔޮކަންކަމަށާއި، ދިރިޢުޅުމުގެ ހުރިހާމައިދާނެއްގައިވެސް ރިވެތި އަޚްލާޤް އިސްކުރުމަށް އެކަލޭގެފާނު އަމުރުކުރައްވާފައިވެއެވެ. އެންމެހާ ނުބައި ކަންތައްތަކާއި ފާޙިޝް ޢަމަލުތައް އެކަލެގެފާނުވަނީ ނަހީކުރައްވާފައެވެ. ރިބާކާމީހުންނަށާއި، ރިޝްވަތު ހިފާމީހުންނަށާއި ދޭމީހުންނަށް އެކަލޭގެފާނު ވަނީ ލަޢުނަތްލެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

މިއަދު މަތިވެރި ޢަޒުމެއް ކަނޑައަޅަމާތޯއެވެ؟ އާދެ، އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ފުރިހަމައަށް ތަބާވުމުގެ އަޒުމެވެ. މިކަމަށްވުރެ އަޅުގަނޑުމެންގެމައްޗަށް އައުލާވެގެންވާ އެހެންކަމެއް އެބައޮތްތޯއެވެ؟ ދެދުނިޔޭގެ ފަލާޙާއި ކާމިޔާބުލިބުންވަނީ އެކަލޭގެފާނަށް ތަބާވުމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!