ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމާބެހޭ ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވަނީ

  • ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުރުދުންގެ ވެރިރަށް އައްމާނުގައި ކުރިއަށްދާ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމާބެހޭ ބައްދަލުވުމެއްގައި ދިވެހި ރާއްޖޭގެ ވަފުދެއް ބައިވެރިވަމުން އެބަދެއެވެ.

މިބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރުގެ ނައިބް އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނައިބް ރައީސް އައްޝައިޚް އިބްރާހީމް އަޙްމަދާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު އަލްއުސްތާޛު މޫސާ އަންވަރު ޙަސަން އެވެ.

ރިސާލަތު ޢައްމާންގެ ނަމުގައި ކުރިއަށްދާ މިބައްދަލުވުމަކީ ދީނީ ޢިލްމުވެރިން ތާޒާކުރެއްވުމަށްޓަކައި އުރުދުންގެ ޢަބްދުﷲ ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.

މިފަހަރުގެ ބައްދަލުވުމުގެ ލަނޑުދަނިޑއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓެރަރިޒަމާއި ކާފަރުކުރުން ނުވަތަ ޝަރުޢީ ޙުއްޖަތެއް ނެތި މީހުންނާއި ދިމާލަށް ކާފަރެކޭ ބުނުން ހުއްޓުވުމާއި އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ފެތުރުމެވެ.

ދުނިޔޭގެ އިސްލާމީ ޤައުމުތަކާއި ފަތުވާދޭ ޢިލްމުވެރިންނަށް އަމާޒުކޮށްގެން ބާއްވާ މިބައްދަލުވުމުގައި 14 ޤައުމަކުން 35 ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އިއްޔެ ފެށި މިބައްދަލުވުން މިމަހުގެ 26 ގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!