ޝައިޚް އިމްރާންގެ އިސްތިއުނާފު އަޑުއެހުމެއް ތާވަލުކޮށްފި

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފި އެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ހައިކޯޓުގައި މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް އަލުން ބާއްވަން ނިންމާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:15 ގައެވެ.

މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ނިންމައި، ޝައިޚް އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުން އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އޭގެ 10 މަސްފަހުން މިދިޔަ ފެބްރުއަރީމަހުގެ އަށްވަނަދުވަހު އިސްތިއުނާފު އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކުރުމަށްފަހު ފަހުންވަނީ ކެންސަލް ކޮށްފައެވެ.

އިސްތިއުނާފު އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު އެމައްސަލަ ބަލާ ފަނޑިޔާުރުންގެ ބެންޗަށްވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ކުރިން އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާނުވަނީ ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފައެވެ. ޝުޖާއުގެ ބަދަލުގައި އެ ބެންޗުގައި މިހާރު އިންނަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ޝުޖާއުގެ އިތުރުން އެ ބެންޗުގައި އޭރު ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މިހާރު ރިޔާސަތު ބަލަހައްޓަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!