ދޮގު ވާހަކަ ފެތުރުން ހައްދުފަހަނައަޅާފައި

ދިވެހީންނަކީ އަޚްލާޤީގޮތުން ވަރަށް ރަގަޅު، މެހުމާނުންނަށް ހެޔޮކޮށްހިތާ، އިޖްތިމާޢީ ގުޅުން އިންތިހާއަށް ރަގަޅު އަދި ބޮޑެތި ކުށް  މަދު ބައެއްގެ ގޮތުގައި ދިރިއުޅުނު ބައެކެވެ. ނަމަވެސް އާ ސާސްކަފެއް ފެށިގެން އައިއިރު ދިވެހީންނަށްވެސް ދިޔައީ ‘ޑިމޮކްރަސީ’ ކަމަށްބުނެ ހުޅަނގުގެ ގޮތްތައް ތައާރަފުވަމުންނެވެ. މި ދެންނެވި ‘ޑިމޮކްރަސީ’ ގެ ހިޔަނީގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުކުރަމުން ދިޔައީ ދީނީ ކަންކަމަށެވެ. އިސްލާމް ދީނުގެ ކަންކަމަކީ ޒަމާނާ ނުގުޅޭ ‘ކަޓު’ ކަންކަން ކަމުގައި ދިޔައީ ބުނެ އަޑުއުފުލަމުންނެވެ. މިއާއެކު ދެން އެންމެ ބޮޑަށް ދިވެހިރާއްޖޭގައި ވަކިހިއްޕާލި އެއް އާދައަކީ ދޮގު ވާހަކަ ފެތުރުމާއި މީހުންގެ އަބުރަށް އެރުމެވެ. މީހުންނާ ގުޅޭގޮތުން ރޯބުތާނުދޮގު ވާހަކަ ފެތުރުމަކީ އެއްވެސް މައްސަލައެއްނޫންކަމަށް އެތައްބަޔަކު ޤަބޫލުކުރާ ހިސާބަށް ކަންކަން ދިޔުމުން އަޅުގަނޑުމެން މިތިބަ ހިސާބާމެދު ހަޤީގަތުގައިވެސް ފުންކޮށް ވިސްނާލަން ޖެހެއެވެ.

ދޮގު ވާހަކަ ފެތުރުން ރާއްޖޭގައި މިހާ ބޮޑު މިންވަރަކަށް ފުޅާވެފައިވަނީ އެއްކަލަ ‘ޑިމޮކްރަސީ’ ގެ ތެރެއިން ރާއްޖެއަށް ޒަމާނީ ޕާރޓީ ސިސްޓަމެއް ތައާރަފުވެގެން ދިޔުމާއެކުގައެވެ. ކޮންމެ ޕާރޓީއަކުންވެސް އަނެއް ޕާރޓީ ސިފަކުރީ ހަމަ ސީދާ ‘ޢަދުއްވުން’ ގެ ގޮތުގައެވެ. ސިޔާސީ ޕާރޓީތަކުގެ މެންބަރުން ވަކީން ޚާއްޞަކޮށް ޕާރޓީތަކުގެ ލީޑަރުންގެ އަރިސްމީހުން އެމީހުންގެ ލީޑަރުގެ ޒާތީ އެޖެންޑާތައް ޙާޞިލުކޮށްދިނުމަށް އަނެއް ޕާރޓީގެ އިސްމީހުންގެ އަބުރަށް އަރައިގަންނަމުންދިޔައީ ހައިރާންވާހާ ބޮޑަށެވެ. އެކަންކަން ކުރުމަށް ހިތްވަރުދީ، މާލީ އެހީތެރިކަން ފޯރުކޮށްދީ، އަދި އެފަދަ ކަމެއް ފުލުހަށް ހުށަހެޅިއްޖެނަމަ ނުވަތަ ޝަރީޢަތަށް ހުށަހެޅިއްޖެނަމަ ޤާނޫނީ ވަކީލުންގެ އެހީތެރިކަންވެސް ފޯރުކޮށްދެމުން ގެންދަނީ ފާޅުކަން ބޮޑުކޮށެވެ.

މިގޮތުން އެކިއެކި ވެބްސައިޓްތައް ހަަދައި ޒާތްޒާތުގެ ކާޓޫން ކުރަހައި އެއްވެސް އަޞްލެއްނެތް އަދި ހަޤީގަތެއްނެތް ވާހަކަ ފަތުރަމުން ގެންދިޔައެވެ. އިހުގެ ބުއްދިވެރިޔަކު ބުނެފައިވެއެވެ. “ތެދު ވާހަކަތަކަށްވުރެ، ދޮގު ވާހަކަ އަސަރުގަދަވެފައި މީހުން ޤަބޫލުކުރާލެއް ބޮޑުވާނެއެވެ”. މިއީ ވަރަށް ބޮޑު ހަޤީގަތެކެވެ. އެހެނީ ދޮގު ވާހަކައިގެ ގޮތުގައި ގިނައިން ފަތުރާފަ ހުންނަނީ އެ އަމާޒުކުރެވޭ މީހަކާ ގުޅޭގޮތުން އެހެން މީހުންނަށް ނޭނގޭ ކަމެކެވެ. ވަކީން ޚާއްޞަކޮށް ސޯޝަލްމީޑިއާގެ ވަަޞީލަތްތައް ތަޢާރަފުވުމުން މިކަންކަން ވޭތުވެދިޔަ 10 އަހަރުތެރޭގައި ވަކިން ބޮޑަށް ވަނީ ހައްދުފަހަނައަޅާފައެވެ. އެޑޯބް ފޮޓޯޝޮޕް ފަދަ ފޮޓޯ އެޑިޓިންގ ސޮފްޓްވެއަރތަކުން އެކިއެކި ފޮޓޯތައް ބަދަލުކޮށް މީހުންގެ ބުއްދިވެސް ޤަބޫލުނުކުރާ މިންވަރަށް ބަދަލުކޮށްލުމަކީ މިހާރު ދާދި ފަސޭހަކަމެކެވެ. ދޮގު މަންޒަރުތައް ހިމަނައިގެން ވީޑިއޯތައްވެސް ތައްޔާރުކޮށްލުމަކީ ދާދިފަސޭހަަކަމަކަށް މިވަނީ ވެފައެވެ.

މިކަންކަން އެންމެ ގިނައިން ހިނގަނީ ނުވަތަ ހިންގަނީ ހަމަ ހަޤީގަތުގައިވެސް ސިޔާސީ މަންފާ ޙާޞިލުކުރުމަށެވެ. މިސާލަކަށް ތިމާގެ ޕާރޓީއަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހަކަށް ނުވަތަ ޕާރޓީން ކުރާ ކަންކަމުގެ ހަޤީގަތް ބަޔާންކުރާ މީހެއްގެ އަޑު ކަނޑުވާލަން އެންމެ ފަސޭހަވާނީ އޭނާ ބަދުނާމުކޮށްގެނެވެ. މިހެންކަމުން މިފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް އެއަށް ހެކި ދެއްކުމަށް ވީޑިއޯ އާއި ފޮޓޯ ތައްޔާރުކޮށް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ދާދިއަވަހަށް ފަތުރާލައެވެ. މިފަދަ މަންޒަރުތައް ފެނުމުން އެކަމެއް އަމާޒުވި މީހާގެ އާއިލާއާއި އޭނާ ދަންނަ އެންމެންގެ ކުރިމަތީގައި އެމީހެއްގެ އަގު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވެއްޓިގެންދާނެއެވެ. ކަމުގެ ހަޤީގަތް ކިތަންމެ ވަރަކަށް ބަޔާންކުރިޔަސް ޤަބޫލުކުރުން އެހިނދު އޮންނާނީ ވަރަށް ދުރުގައެވެ. އެއީ އިސްވެދެންނެވިހެން “ތެދު ވާހަކަތަކަށްވުރެ ދޮގު ވާހަކަ އަސަރުގަދަވެފައި މީހުން ޤަބޫލުކުރާލެއް ބޮޑުވާނެ” ތީއެވެ.

ދޮގު ވާހަކަތައް ފެތުރިގެން ދިޔުމަކީ ޤައުމީ މައްސަލައެކެވެ. އެހެނީ އެފަދަ ކަންކަން ފުޅާވެ ގިނަވެގެން ދިޔުމުގެ ނަތީޖާއަކަށް ވެގެންދާނީ އިތުބާރުކުރަންވީ ކާކަށްކަން އޮޅުމެވެ. ޒިންމާދާރު އިސް މަޤާމްތަކުގައި ތިބޭ މީހުންގެ ޤަދަރާއި ކަރާމާތް އެމީހުންގެ މުވައްޒަފުންނާއި ޚިދުމަތް ހޯދާ މީހުން އަދި އިޖުމާލީގޮތުގައި މުޅި މުޖުތަމަޢުގެ ކުރިމަތީގައި ވެއްޓިގެންދިޔުމެވެ. މިހެންކަމުން މިފަދަ މީހުން ނިންމާ ނިންމުންތަކާއި ތަންފީޒުކުރާ ކަންކަން ކިތަންމެ ހަރުދަނާވެފައި ރަގަޅުނަމަވެސް އެކަން ބަލައިގަންނާނޭ މީހުން މަދުވެގެންދިޔުމެވެ. މިކަންކަން މިހެން ދިޔުމުގެ ސަބަބުން އިޖުތިމާޢީ ގުޅުން ހީނަރުވެ، މާރާމާރީއާއި ޖިނާޢީ ބޮޑެތި ކުށްތައް އިތުރުވެެގެންދާނެއެވެ. އަދި ޤައުމުގެ އަގު ބޭރުމީހުންގެ ކުރިމަތީގައި ވެއްޓިގެންދިޔުމެވެ.

މިހެންކަމުން މިފަދަ ކަމެއް ތިމާއަށް އަމާޒުވެއްޖެނަމަ ތިމާއަށް ކުރާނެ އަސަރާއި އެކަމުން ތިމާގެ އާއިލާ ކުރާނޭ ހިތާމަ ތަޞައްވަރުކޮށްލައްވާށެވެ. ދޮގު ވާހަކައަކާހުރެ، އެތައް އަހަރެންވަންދެން އާރާސްކުރި ދިރިއުޅުން ބަރުބާދުވުމުން އެކަމުގެ ހިތިކަން ތިމާގެ އަރުތެރޭގައި ލާނެ މިންވަރު އިހުސާސުކުރައްވާށެވެ. އެހެންނަމަވެސް އާދައިގެ ކަމެކޭ ފަހަރެއްގައިވެސް ހީނުކުރައްވާށެވެ! ދަންނާށެވެ! މީހުންނާ ބެހޭގޮތުން ދޮގު ވާހަކަ ފެތުރުމަކީ ‘ކޫލް’ ކަމެއްނޫނެވެ. އެހެނެއްކަމަކު އެއީ ތިމާގެ އަމިއްލަ ނަފުސަށް ތިމާ ދޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެހެނީ މިފަދަ ކަންކަން ކުރާ މީހުންނަށް ކީރިތި ޤުރުއާނުގައި ﷲ ވަނީ ވަޢީދުގެ ބަސްފުޅު ވަޙީކުރައްވާފައެވެ. އެފަދަ މީހުންނަށް ޤިޔާމަތްދުވަހުން ހުންނާނެ ވޭންދެނިވި ޢަޛާބު ޤުރުއާނުންނާއި ޙަދީޘް ބަސްފުޅުތަކުުން އެއްވެސް ޝައްކެއްނެތް މިންވަރަށް އެހެރީ ޘާބިތުވާށެވެ.

މިހެންކަމުން މަޖަލަކަށްވެސް ނުވަތަ މީހަކު ބުނެގެންނަމަވެސް މިފަދަ ކަމެއް ކުރުން މުސްލިކަމަށް ހުއްދައެއްނުވާނެއެވެ. އެހެނީ މަލަކުލްމައުތު ތިމާގެ ފުރާނަ ހިއްޕަވާ ހިނދުން ފެށިގެންގޮސް މަޙްޝަރުގެ މައިދާނާ ހަމައަށް އަދި ﷲ ގެ ޙަޟްރަތުގައި ތިމާއާ މިކަންކަމާ މެދު ސުވާލުވެވި އެކަމުގެ ޢަޒާބުތިމާއަށް އަމާޒުވުމުން އެކަމުގެ ޒިންމާ އެހެންމީހަކަށް ނުނެގޭނެއެވެ. އެކަމުގެ ހިތި ޢަޛާބުގެ ރަހަ ދެކޭނީ ޚުދު ތިމާއެވެ. ތިބާގެވެސް ހުރީ އެހެން މީހުންގެވެސް ހުރިފަދަ ބުއްދިއެކެވެ. ވިސްނަންވީ ތިބާގެ ބުއްދިންނެވެ. ހިނގަންވީ މަގު ﷲ ވަނީ ދައްކަވާފައެވެ. ދިރިއުޅުމުގެ އިންތައްވަނީ ކަނޑައަޅުއްފާއެވެ. އެއްވެސް މުދަލަކުން މަންފާއެއް ނުކުރާނޭ ދުވަސް އައުމުގެ ކުރިން ދޮގު ވާހަކަ ފަތުރައި މީހުންގެ ޢިއްޒަތާއި އަބުރު ކަތިލުމުގެ މަސައްކަތް ހުއްޓާލައި ތައުބާވާށެވެ. ޙަޔާތަކީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!