ހުސް ފިރިހެނުންތިބި އަންހެނުންގެ ކައުންސިލްގެ ހަޤީގަތް މިއޮތީ

އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ މީހުންގެ އެންމެ ބޮޑު އެއްވާހަކައަކަށް ވެފައި އޮންނަނީ އިސްލާމް ދީނަކީ އަންހެނުން ނިކަމެތި ކުރާ އަންހެނުންގެ ހައްޤުތައް ހިފަހައްޓާ އޮބި އަޅައިގެން އުޅޭ ދިނެއްގެ ގޮތުގައެވެ.

މިފަދަ މީހުން އަންހެންނުން ބާރުވެރިކުރުމާއި އަންހެނުންނަށް ހައްުޤުތައް ހޯދަދިނުމުގެ ނަމުގައި ތަފާތު މޮޅެތި ޝިއާރުތައް ހިފައިން ނިކުމެ މީސްތަކުންގެ ލޮލުގައި އަނދުން އަޅުވައި އިސްލާމްދީން އަންހެނުންނަށް ގެނެސްދިން ކަރާމާތައި އިއްޒަތް ވެއްޔާ މޮޑެލެވޭތޯ ދަނީ ކެނޑި ނޭޅި އެތައް މަސައްކަތެއް ކުރަމުންނެވެ.

މިބައިގަނޑަށް މިފަހުން ލޮލުގައި އަޅައިގަތް އެންމެ ބޮޑު ކަމަކަށްވީ ސައުދީ އަރަބިޔާގެ ޤަސީމްގައި އަންހެނުންގެ ކައުންސިލެއް އިފްތިތާހުވެގެންދިޔައިރު ސްޓޭޖްމަތިން ހުސް ފިރިހެނުން ފެންނަން ތިބުމުންނެވެ.

މިއާއެކު ހިއުމަން ރައިޓްސް ވޮޗްއާއި ފެމިނިސްޓުންގެ ޖަމާއަތްތަކާއި އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި އަޑުއުފުލާ ޖަމާއަތްތައް ހީވީ ފަޔަށް ހިނި އަރައިގެން ހެންނެވެ. އެބަޔަކަށް ގޮވުނު އެއްޗެއް ސޯޝަލްމީޑިއާގެ ވަސީލަތްތަކުގައި ގޮވަމުން ދިޔައީ ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ އެއްޗެއް ނޭނގޭ ހާލަތުގައެވެ. ވާނީވެސް އެހެންތާއެވެ. ތިބެނީ މިފަދަ ދަނޑިވަޅެއް ނުލިބިފައި ވިއްޔާއެވެ.

ނަމަވެސް ކަންވެގެންދިޔައީ މިބައިމީހުން ހީކުރިގޮތާއި ދެއްކި ވާހަކައާއި މުޅިން ދިމާ އިދިކޮޅަށެވެ. އަންހެނުންގެ ކައުންސިލް އިފްތިތާހު ވެގެންދިޔައިރު އަންހެން ކަނބަލުން ތިއްބެވީ ފިރިހެނުންނާއި މަސްހުނި ނުވާނެހެން ވަކިން އެހެން ހޯލެއްގައި އެކަނބަލުންގެ ފުރިހަމަ އިއްޒަތާއި ޝަރަފުގައެވެ. ކައުންސިލް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ އެކަނބަލުންނަށް ދިޔައީ ވީޑިއޯގެ އެހިގާއި ވަގުތުން ވަގުތަށް ފެންނަމުންނެވެ.
މިފަދަ ހާދިސާތަކުން އެނގިގެންދަނީ އަންހެނުންގެ ހައްޤޭ އިންސާނީ ހައްޤޭ ކިޔައިން ވަކާލާތުކުރާ ޖަމާއަތް ޖަމާއަތުގެ މުނާފިޤުކަމެވެ. މިފަދަ މީހުންނާއި މެދު އަޅުގަނޑުމެން ހޭއަރަން ވެއްޖެއެވެ. އެމީހުންގެ ދަޅަތަކަށް ހެއްލުން ހުއްޓާލަން ވެއްޖެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!