ސިޔާސީ ފަސާދަ (ފުރަތަމަ ބައި)

ނޯޓު: މިއީ އަޅުގަނޑު ތަރުޖަމާކުރަމުންގެންދާ ފޮތެއް ކަމުގައިވާ “އަލްފަސާދުއްސިޔާސީ” މި ފޮތުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުޙަންމަދުލްޣަޒާލީގެ މި ފޮތުން މިހާތަނަށް އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބައި ސިލްސިލާ މަޒުމޫނުތަކެއްގެ ގޮތުގައި މި ޝާއިޢުކުރަނީ، އަޞްލު ފޮތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހި އިސްލާމީ މުޖްތަމަޢާއި ބޮޑަށް ގުޅުންހުރި ބައިތައް ހިމަނައިގެންނެވެ.

 

އަޅުގަނޑުމެން މުސްލިމުންނަށް ލިބިފައިވާ ކުޅަދާނަކަމާއި އެކި ބާވަތް ބާވަތުގެ ހުނަރުތަކުގެ މުއްސަދިކަން ވަރަށް ބޮޑެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ އެ އަގުބޮޑު މަޢްދަންތަކުގެ މިންވަރު ދުނިޔޭގެ މުއްސަނދި، ބޮޑެތި ޤައުމުތަކަށް ލިބިފައިވާ މުއްސަނދި ކަމަށް ވުރެ ވަކި ކުޑައެއް ނޫނެވެ. ހަމަ އެކަނި ތަފާތަކީ އެ ޤައުމުތަކުން އެ މުއްސަދިކަމުގެ ބޭނުންހިފާ ގޮތެވެ. އަދި ދެމެހެއްޓެނިވި ގޮތުގައި އޭގެ ބޭނުން ހިފޭނޭ ވަސީލަތްތަކާއި ފުރުސަތު ތަނަވަސްކުރާ ގޮތެވެ. މޭވާ ދޮންވެ ފައްކާވުމަށް އަލި  ބޭނުންވާ އިރު، އެޔަށް ބޭނުންވާ ތާޒާ ކަމާއި ދިރުން ގެނެސްދިނުމަށް ފެން ބޭނުން ވެއެވެ. މިދެންނެވި ދެ ބަހާ، މޭވާ ދޮންވެ ފައްކާވުމުގައި އަދާކުރާ ދައުރު، އެބައިމީހުންގެ ދިރިއުޅުން އާރާސްތުކޮށް ތަރައްޤީވުމުގައި އަދާކުރީ އެބައިމީހުންނަށް ލިބިފައިވާ މިނިވަންކަމެވެ. ޚާއްޞަކޮށް ފަރުދީ މިނިވަންކަމެވެ.

އިސްލާމީ ދުނިޔޭގައި ކަންއޮތީ ކިހިނަކުންތޯ ބަލާލަމާތޯއެވެ. އިސްލާމީ ދުނިޔޭގައި ކަންއޮތީ މިއާއި މުޅިން ތަފާތުކޮށެވެ. އަދި ވެސް އޮތީ ފަރުދީ ވެރިކަމެކެވެ. މުޑުވައް ވަނީ ހަލާކުވެފައެވެ. ފިކުރީ ހަނަފަސް ކަމާއި އަދަބީ ވާވަނުމަކުން އުންމަތް ވަނީ ވާވަދެފައެވެ. އުންމަތްވަނީ ބަލިކަށިވެފައެވެ. އުންމީދުތައް ވަނީ މުސްކުޅިވެފައެވެ. މުލައްދަނޑިތައް ވަނީ ނުކުޅެދުންތެރިވެފައެވެ. އަދި އެންމެ އަޖައިބުވަނިވި ކަމަކީ މި ހަނަފަސްކަމާއި ވީރާނާ ކަމަކީ ކޮންމެ ދިމާލަކުން ބެލި ކަމުގައި ވީ ނަމަވެސް އިސްލާމްދީން ގެނެސްދީފައިވާ މަންހަޖާއި މުޅިން ފުށުއަރާ ކަންކަމަށް ވުމެވެ. ވަރަށް އާދައިގެ ސުވާލެއް ކޮށްލާނަމެވެ. اﷲ ތަޢާލާގެ ދީނުގައި ޢަޤީދާ އަށް ވުރެ ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވާ އެހެން ކަމެއް އެބަ އޮތްތޯއެވެ؟ ޔަޤީނެވެ. ނެތެވެ. ޢަޤީދާއަކީ ކީރިތި ޤުރްއާނުގައި އެންމެ މުހިންމު ކަމެއް ދެއްވާފައިވާ ކަމެވެ. ވިސްނައި ފިކުރުކުރުމަށާއި ހޯދައި ބަލައި ކަންކަމުގެ ޙަޤީޤަތަށް ވާޞިލުވުމަށް، ކީރިތި ޤުރްއާން ވަނީ ނުހަނު މަތީ ދަރަޖައަކަށް އަމުރުކުރައްވާފައެވެ. މުޝްރިކުންނާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި އައިސްފައިވާ ބަސްފުޅުތަކަށް ނަޒަރު ހިންގައި، މިބައިމީހުންނާއިގެން ކީރިތި ޤުރްއާން ދަތުރުކޮށްފައިވާ މަގަށް ފިކުރު ހިންގަވާށެވެ. އަލްއަންބިޔާއު ސޫރަތުގެ 24 ވަނަ އާޔަތުގައި اﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿أَمِ اتَّخَذُوا مِن دُونِهِ آلِهَةً ۖ قُلْ هَاتُوا بُرْهَانَكُمْ ۖ هَـٰذَا ذِكْرُ مَن مَّعِيَ وَذِكْرُ مَن قَبْلِي ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ الْحَقَّ ۖ فَهُم مُّعْرِضُونَ ﴾ –

މާނައަކީ: ” ނުވަތަ އެކަލާނގެ ފިޔަވައި، އެއުރެން إله ންތަކެއް ހިފީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! މިއޮތީ، ތިމަންކަލޭގެފާނާ އެކުގައިވާ މީހުންގެ ފޮތާއި، ތިމަންކަލޭގެފާނުގެ ކުރީގެ މީހުންގެ ފޮތެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން حق އެއް ނުދަނެތެވެ. ފަހެ، އެއުރެންނީ (އެއަށް) ފުރަގަސްދޭ ބަޔެކެވެ.”

މި އާޔަތަށް ފުންކޮށް ވިސްނާލާއިރު، އެނގިގެންދާ ޙަޤީޤަތަކީ ، ބުއްދި އާއި އަނެކާގެ ރައުޔަށް ފުރަގަސް ދެވޭނޭ ނުވަތަ އެ ރައުޔު ނަފީ ކުރެވޭނޭ އެއްވެސް ގޮތެއް ނެތްކަމެވެ. އެހެންކަމުން، ޙުއްޖަތް ޤާއިމްކޮށް، އާޚިރުގައި ޙަޤީޤަތާއި ހަމައަށް ވާޞީލް ވާން ޖެހެއެވެ. އަނެކުންގެ އަނގަތައް ބަންދުކޮށް އެންމެ ވިސްނުމެއް ނުވަތަ އެންމެ ރައުޔެއްގެ މައްޗަށް ބުރަވުމެއް ނެތެވެ. އެހެނީ ހެޔޮ ރައުޔެއްގެ ވެރިފަރާތް ބަހުސަކަށް ބިރެއް ނުގަންނާނެ އެވެ. ޙައްޤު ބަސް އަބަދުވެސް މަޖްލިސްތަކަށް ބާރު ފޯރުވާނެއެވެ. ކަންފަތްތަކުގެ ހިނދުރީގައި ހަރުލާފައި ހުންނާނެއެވެ. އެހެނަސް ހިތާމައަކީ މުގުރުބުރީގެ ބާރުން ފަރުދުންގެ އަނގަތައް ބަނދުކުރުވުމަށް މަސައްކަތްކުރެވޭ ކަމެވެ. ފިރުޢައުނު ބުނިކަމުގައި، ކީރިތި ޤުރްއާނުގެ ޣާފިރު ސޫރަތުގެ 29 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ﴿ قَالَ فِرْعَوْنُ مَا أُرِيكُمْ إِلَّا مَا أَرَىٰ وَمَا أَهْدِيكُمْ إِلَّا سَبِيلَ الرَّشَادِ ﴾ މާނައަކީ: “ފިރްޢައުނު ބުންޏެވެ. ތިމަންނާއަށް ފެންނައެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ، ތިޔަބައިމީހުންނަކަށް މަގެއް ނުދައްކަމެވެ.” ދެން ފަހެ ވިސްނަވާށެވެ. މި ދުނިޔޭގައި، މާސިންގާ ކަނޑަކަށް ޣަރަޤުވެގެން ދިޔުން ފިޔަވާ، އެބައިމީހުންނަށް ލިބުނީ ކޮންއެއްޗެއް ތޯއެވެ. އެބައިމީހުންގެ ނިމުމަކަށް ވީ އާޚިރަތުގައި އަނދައަދާ ހުރި އަލިފާނަށް އެއްލާލެވުމެވެ.

އެއްވެސް ޝައްކެއްނެތެވެ. ހުދުމުޚްތާރުކަމަކީ، ތަރައްޤީ އާއި ތަމައްދުނު އަދި ތަހްޒީބަށް ހުރަސްއަޅާ ކަމެކެވެ. ތިމާ ނޫން އެހެން މީހުންނަކީ އެއްވެސް އެއްޗެއް ނޭނގޭ، ތަންދޮރު ނުދަންނަ ބައެއް ކަމުގައި ތުހުމަތު ކޮށް، ހުރިހާ އެއްޗެއް އެންމެ ދަންނަ މީހަކީ ތިމާ ކަމުގައި ދެކޭ މީހެއްގެ ޙަޔާތް ބާއްޖަވެރިއެއް ނުވާނެއެވެ. އިސްލާމީ ޚިލާފަތު ބިނާވެގެން ގޮސްފައި ވަނީ މިއާއި މުޅިން ޚިލާފަށެވެ. އިސްލާމީ ޚިލާފަތު ބިނާވެގެން ގޮސްފައިވަނީ މަޝްވަރާގެ މަތިވެރި އުޞޫލުގެ މައްޗަށެވެ. ކޮންމެ ޚަލީފާއެއްގެ ވެސް އެންމެ ފުރަތަމަ ބަސްފުޅެއް ކަމުގައި ވެގެން ގޮސްފައިވަނީ މި މޮޓޯއެވެ. “ތިޔަބައިމީހުންނަށް އަހުރެންގެ ކިބައިން ހެޔޮ ކަމެއް ފެނިއްޖެނަމަ އަހުރެންނަށް ވާގިވެރިވާށެވެ. އަދި ނުބައި ކަމެއް ފެނިއްޖެނަމަ ހެޔޮމަގަށް އަޅުވާށެވެ.” ޤިޔާމަތާއި ޖެހެންދެން ވެސް ޙައްޤުގެ ބަސް މި ގޮތުގެ މަތިން މަތިވެރިވެގެން ދާނެއެވެ.

ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ބައިބައިވުމަކަށް މަގެއް ނެތެވެ. ތާކުންތާކު ނުޖެހޭ ގޮވެލިތަކަކަށް ފުރުޞަތެއް ނެތެވެ. މި ބަލި ބޮޑުވެގެން ގޮސްފައި ވަނީ ކުދި ޤައުމު ތަކުގައެވެ. ތަރައްޤީ ނުވާ، އެ ޤައުމުތަކުގެ “ޖައްލާދުންނަށް” އަމާން ދީފައިވާ ރައްޔިތުން ތިބި ޤައުމުތަކުގައެވެ. މި ފޮތުގައި ތިޔަބޭފުޅުންނަށް އިވިގެން ދާނީ ޝޫރާގެ އުޞޫލު ނެތިގެން ދިޔުމާއި، ޢާންމު މިނިވަންކަން ނައްތާލުމާއި، ރައްޔިތުންގެ ކަރާމާތަށް އިހާނެތިކޮށްހިތުމާއި ދެކޮޅުހެދުމުގެ ގޮތުން ފުމެވޭ ތާޅަފިއްޔެއްގެ އަޑެވެ. (ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!