މަޝްރަހު: މިޞްރުގެ “ފިރުޢައުނާއި” އޭނާގެ ދަރިންގެ އެނބުރިއައުން

މިޞްރުގައި 29 އަހަރު ވެރިކަން ކުރެއްވި މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ ސައްޔިދު މުބާރަކު އެނާގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކުން މިފެށޭ ހަފްތާ ތެރޭގައި މިނިވަން ވެގެންދާނެއެވެ. މުބާރަކުގެ މިމިނިވަންވުމަކީ މިޞްރުގެ ޝަރުއީ ދާއިރާއަށް ހުރި މަލާމާތެއް ކަމަށް ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ.

ހުސްނީ މުބާރަކް މިނިވަންކޮށް ދޫކޮށްލަނީ، އޭނާގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު މިސްރުގެ ރައްޔިތުން ކުރި މުޒާހަރާތަކުގައި އެތައްސަތޭކަ އާންމުން މަރުވި މައްސަލާގައި ހުސްނީ މުބާރަކްގެ އެއްވެސް ކުށެއް ނެތްކަމަށް މިމާޗްމަހުގެ 2 ވަނަ ދުވަހު މިސްރުގެ އިސްތިއުނާފީ ކޯޓުން ކަނޑައަޅާފައިވާތީ އޭނާ މިނިވަން ކޮށްދިނުމަށް އެދި ހުސްނީ މުބާރަކްގެ ގާނޫނީ ވަކީލު ހުށަހެޅުމާ ގުޅިގެންނެވެ. މިހުށަހެޅުމާ ގުޅިގެން، މިސްރުގެ ޕްރޮސެކިއުޓަރަކުވަނީ އެ ހުށަހެޅުން ގަބޫލު ކުރައްވައި ހުސްނީ މުބާރަކް މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ.

މުޒާހަރާގައި އެތައް ސަތޭކަ މީހުންނެއް މެރިކަމުގެ ކުށުގައި މުބާރަކުގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އޭނާއަށް އިއްވި ހުކުމް ތަންފީޒުކުރަމުންއައީ ބަލި ހާލަތު ހުރިގޮތުން ކަމަށްބުނެ މިޞްރުގެ އަސްކަރީ ހޮސްޕިޓަލެއްގައި ފުރިހަމަ އިއްޒަތުގައެވެ. މިއާއި ޚިލާފަށް މިޞްރުގެ ރައްޔިތުންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގަތް ޑރ މުހައްމަދު މުރްސީއާއި އިޚްވާނުލް މުސްލިމޫންގެ އެތައް ބަޔަކުދަނީ ބޭއިންސާފުން އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކުގައި ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި އެތައް އަނިޔާއެއް ތަހައްމަލު ކުރަމުންނެވެ.

ހުސްނީ މުބާރަކާއި އޭނާގެ ދެފިރިހެން ދަރިކަލުން ކަމަށްވާ އަލާއާއި ޖަމާލްއާ ދެކޮޅަށް އުފުލުނު ކޮރަޕްޝަންގެ މައްސަލަތަކުގައި އެ ތިން ބޭފުޅުންވެސް 3 އަހަރަށް ޖަލަށް ލުމަށް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފީ ކޯޓުން މިދިޔަ 2016 ވަނަ އަހަރު ވަނީ ދަމަހައްޓާފައެވެ. އެކަމަކު، 2011 ވަނަ އަހަރުން ފެށިގެން ހުސްނީ މުބާރަކާއި އޭނާގެ ދެ ފިރިހެން ދަރިކަލުންވެސް ބަންދުގައި ތިއްބެވުމުގެ ސަބަބުން ޖަލަށް ލުމަށް ކުރި ހުކުމްވެސް ފުރިހަމަ ވެފައިވާ ކަމަށް ކަނޑައަޅައި އިސްތިއުނާފީ ކޯޓުންވަނީ ހުސްނީ މުބާރަކާއެކު އޭނާގެ ދެ ދަރިކަލުންވެސް މިނިވަން ކޮށްފައެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ 2018 ވަނަ އަހަރުގެ މިޞްރުގެ ރިޔާސީ އިންތިހާބުގައި މުބާރަކުގެ ދަރިކަލުން ވާދަކުރައްވާނެތޯ އުފެދޭ ސުވާލެވެ.

މިޞްރުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުރަވާ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މުބާރަކުގެ ދަރިކަލަކު ވާދަކުރެއްވުމަކީ މިހާރު ކަން ހިނގަމުންދާ ހާލަތަށް ބަލާފައިވުން ވަރަށް ގާތްކަމެކެވެ.

އެގޮތުން 2010 ވަނަ އަހަރުވެސް މުބާރަކުވަނީ މިސުރުގެ ރައީސްކަމުގެ މަޤާމަށް އޭނާގެ ދަރިކަލުން ޖަމާލް މުބާރަކު ގެންނެވުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިންނާއި ބޭރުން އެކިއެކި ފިޔަވަޅުތައް އަޅުއްވާފައެވެ. ނަމަވެސް މުބާރަކުގެ 29 އަހަރު ވަންދެން ކުރެއްވި އަނިޔާވެރި، ޚުދުމުޚުތާރު ވެރިކަމަށްފަހު، ރިޔާސަތުގެ ގޮނޑިއަށް ޖަމާލް ގެނައުމަށް އޭރު ކުރެވުނު މަސައްކަތްތަކާމެދު ރައްޔިތުންގެ ގިނަ މީހުން ދެކުނީ ފޫހިކަމާއި ރުޅިވެރިކަމުގެ ނަޒަރުންނެވެ.

މިޞްރުގެ ޤާނޫނުތައް ބުނާ ގޮތުން މުބާރަކުގެ އެއްވެސް ދަރިކަލަކަށް ކުރިއަށް އޮތް ހައަހަރު ދުވަހުގެ ތެރޭގައި ވެރިކަމުގެ މަޤާމަކަށް ކުރިމަތި ނުލެވޭނެއެވެ. ނަމަވެސް ހެދިފައިވާ ޤާނޫނުތަކަށް އެއްވެސް ވަރަކަށް ބެލުމެއްނެތި މިހާރުވެސް ކަންކަން ކުރަމުންދާ މިޞްރުގައި މުބާރަކުގެ ދަރިންނަށް ވެރިކަމަށް ކުރިމަތިލުމަށް އޮތް ޤާނޫނީ ހުރަސް ނެތިގެން ދިއުމަކީވުން ވަރަށް ގާތްކަމެކެވެ.

މިޞްރުގެ ރައްޔިތުންނަށް އެތައް ޚިދުމަތްތަކެއް ކޮށްދިން މުސްލިމް ބްރަދަރހުޑް ފިޔަ ކޮށާލާފައިވާއިރު، އެފަދަ ހާލަތެއްގައި މިޞްރުގެ ރައްޔިތުންނަށް އޮތީ ދެގޮތެކެވެ. އެއީ ބަޣާވާތަކުން ވެރިކަމަށްއެރި މިހާރުގެ އަނިޔާޥެރި ރައީސް އަބްދުލް ފައްތާހު ސިސީ އަނެއްކާވެސް ވެރިކަމުގައި ބެހެއްޓުން ނުވަތަ 29 އަހަރު ޤައުމުގައި ކުއްލި ހާލަތު އިޢުލާނުކޮށްގެން ވެރިކަން ހިންގި، މިޞްރު ރައްޔިތުންގެ ބަހުންނަމަ “ފިރުޢައުނުގެ” ދަރިކަލުން ވެރިކަމަށް ގެނައުމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!