ސޭޓަކު ނެތި ހިންގާ ފިހާރަ: އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ ނަމޫނާއެއް

  • ފޮޓޯ / ސޮސައިޓީ ފޮރ އިސްލާމިކް ސްޓަޑީޒް

މުޅި ދުނިޔެއަށް މަޝްހޫރު ޞައްޔާހު މަޤުރިބުކަރައިގެ އިބްނު ބަތޫތާ ދިވެހިރާއްޖޭގެ ރައްޔިތުން ސިފަކުރައްވާފައިވަނީ ތެދުވެރި، އަމާނާތްތެރި ބައެއްގެ ގޮތުގައެވެ. ދިވެހިންގެ މިސިފަތައް ބަޔާންކުރައްވާ އިބްން ބަތޫތާ މިސާލު ޖައްސަވާފައިވަނީ ގަސް ދޮށަށް ވެއްޓިފައި އޮންނަ މޭވާވެސް އޭގެ ވެރިފަރާތްނޫން ފަރާތަކުން ނުގެންދާނެކަމަށެވެ.

ނަމަވެސް މިސިފަތަކަކީ ދިވެހިންގެ ތާރީޚަށްވެ، ދިވެހިންގެ ތެރޭގައި ވައްކަމާއި ފޭރުންފަދަ ކަންކަން އަށަގެންފައިވާ ދުވަސްވަރެއްގައި ބަލަހައްޓާނެ މީހަކުނެތި ފިހާރައެއް ހިނގަމުންދާ ޚަބަރު ލިބުމާއެކު އަޅުގަނޑަށް ލިބުނީ ހައިރާންކަމެކެވެ. މިހައިރާންކަން އިތުރަށް ބޮޑުވެގެން ދިޔައީ މިފިހާރައެއް ހިނގަމުންދަނީ ދިވެހިރާއްޖޭގެ ކުށްކުރުން އެންމެ ގިނަވެފައިވާ ވެރިރަށް މާލޭގައިކަން އެނގުނު ހިސާބުންނެވެ.

ކޮންމެއަކަސް މިއީ ތެދެކެވެ. 2013 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް މިފިހާރަ ހިނގަމުންދަނީ ސޭޓަކު ނެތިއެވެ. ސަޅިކަމަކީ ސޭޓަކު ނެތަސް ދުވަހަކުވެސް މިފިހާރައިން އެއްޗެއް ނުގެއްލޭ ކަމެވެ. އަދި އެމީހަކު ގަންނަ އެއްޗެއްގެ އަގުވެސް ބަރާބަރަށް ފިހާރައަށް ލިބެއެވެ. މިފިހާރަ ހުންނަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ގައެވެ

ފެށިގެން އައިގޮތް

މިމަސައްކަތުގެ ފެށުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން 2013 ވަނަ އަހަރު ސޮސައިޓީ އޮފް އިސްލާމިކް ސްޓަޑީޒް(ސިސް)ގެ ރައީސް އަކަށް ހުންނެވި އަޝްރަފް ވިދާޅުވީ އެއްދުވަހަކު ފެކަލްޓީގެ ޑީން، އަޝްރަފްއާއި ސިސްގެ ނައިބް ރައީސް ޝަހީދު ގެންގޮސް ދަރިވަރުންނަށް ފެކަލްޓީ ތެރެއިން ފެން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ގުޅޭގޮތުން ދެކެވުނު ވާހަކައިގައި މިމަސައްކަތުގެ ޚިޔާލު ދެއްވި ކަމަށާއި މަސައްކަތް ފެށުމަށް ބޭނުންވާނެ މާލީ އެހީތެރިކަން ފޯރުކޮށްދެއްވީވެސް ޑީން ކަމަށެވެ.

ޑީންގެ އެހީތެރިކަމާއެކު ފެންގަނެ ފެން ބަހައްޓާނެ ހަރުގަނޑެއް ތައްޔާރުކޮށް ލާރި އަޅާނެ ފޮށްޓެއް ބަހައްޓާއި މަސައްކަތް ފެށިއެވެ. އަދި އެކި ދުވަސްތަކުގެ މަތިން ލިބެންހުންނަ ވައްތަރުތައް އިތުރުކޮށް، ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރި އައިސްއަލަމާރިއެއްގެ އެހީގައި ދަރިވަރުންނަށް ފިނިކުރި ފެނާއި ފިނިކަންމަތީ ތަފާތު ބުއިންތައް ލިބޭނެ އިންތިޒާމު ހަމަޖެހި އިހުނަށްވުރެ ބޮޑަށް ދަރިވަރުންގެ ކަރުހިއްކުން ފިލައިގެން ދިޔައެވެ.

މިމަސައްކަތާއި ގުޅޭގޮތުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް އަލީ ޒާހިރު ވިދާޅުވީ މިޚިޔާލަކީ މެލޭޝިޔާގައި މާސްޓަރސްއަށް ކިޔަވާ ވިދާޅުވާން އުޅުއްވިއިރު ކުރެވުނު ތަޖުރިބާއަކުން އައި ޚިޔާލެއް ކަމަށެވެ. އެގޮތުން މެލޭޝިޔާގައި މިސްކިތްތަކާއި އެހެންވެސް ބައެއް ތަންތަނުގައި މިގޮތަށް ފޮށްޓަށް ފެންފުޅީގެ އަގުލާފައި ފެންފުޅި ލިބެންހުންނަ ކަމަށް ޝައިޚް ފާހަގަކުރެއްވިއެވެ. އަދި އެތަންތަނުގައިވެސް އެކަން ބަލަހައްޓަން މީހަކު ބަހައްޓާފައެއް ނުހުރެއެވެ.

ދަރިވަރުންގެ މެދުގައި ވަރަށް މަޤްބޫލު

ސޭޓަކު ނެތި ހިންގާ މިފިހާރައަކީ އެފްއައިއެސްގެ ދަރިވަރުންގެ މެދުގައިވެސް ވަރަށް މަޤްބޫލު ތަނަކަށް މިހާރުވަނީ ވެފައެވެ. ފެކަލްޓީގެ ހުރިހާ ދަރިވަރުންހެން ޚިދުމަތްހޯދާ މިފިހާރާގައި ފެނާއި އެކިވައްތަރުގެ ބުއިންތަކުގެ އިތުރުން ދިވެހިން އާއްމުކޮށް ބޭނުންކުރާ ލުއި ކާނާއާއި ހެދިކާ ލިބެން ހުރެއެވެ. އަދި ސޭންޑްވިޗާއި ކިއްލި ފަދަ ތަކެތި ލިބެން ހުންނަ މިފިހާރައިގެ ސަބަބުން ދަރިވަރުންނަށް އެތައް ފަސޭހަތަކެއް ލިބިދެއެވެ.

ދިއިސްލާމާއި ވާހަކަދެއްކި އެފްއައިއެސްގެ ދަރިވަރަކު ވިދާޅުވީ މިފަދަ ޚިދުމަތްދޭތަނެއް ފެކަލްޓީ ތެރޭގައި ހުރުމުގެ ސަބަބުން ވަރަށް ފަސޭހަވާކަމަށާއި ބްރޭކް ގަޑިއަށް ކާލަން ބޭނުންވާ ތަކެތި ފެކަލްޓީ ތެރެއިން ލިބެން ހުރުމުގެ ސަބަބުން އެއްޗެހި ހޯދަން ފެކަލްޓީ ބޭރަށްދާން ނުޖެހި އެތައް ވަގުތެއް ސަލާމާތް ވެގެން ދާކަމަށެވެ.

މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ހާމަކުރާ ގޮތުގައި ދަރިވަރުންގެ ވަރަށް ބޮޑު ތަރުހީބެއް މިކަމަށް ދަނީ ލިބެމުންނެވެ. އަދި ދަރިވަރުންގެ ހުށަހެޅުންތަކަށް ލިބެންހުންނަ ތަކެތީގެ ވައްތަރުތައް އަބަދުވެސް އިތުރުކުރަމުން އަންނަ ކަމަށް އެފަރާތުން ފާހަގަ ކުރެއެވެ.

ފިހާރަ ފެށިގެން އައިދުވަސްވަރު ފޮޓޯ / ސޮސައިޓީ ފޮރ އިސްލާމިކް ސްޓަޑީޒް

އަބަދުވެސްވަނީ ފައިދާ

އާއްމު ފިހާރަތަކާއި ޚިލާފަށް ސޭޓުންނާއި ބޭނުންވާ އެތި ނަގައިދޭނެ އެހީތެރިން ނެތްކަމަކު މިފިހާރައަށް އަބަދުވެސްވަނީ ފައިދާއެވެ. އެގޮތުން މިމަސައްކަތުގައި އެކި ދުވަސްވަރު ހަރަކާތްތެރިވި ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރި ގޮތުގައި ދުވަހަކުވެސް ގެއްލުމެއް ނުދައްކައެވެ. ހަފްތާއަކު އެއްފަހަރު ލާރިއަޅަން ހުންނަ ފޮށި ގުނަމުންގެންދާއިރު ހަފްތާއެއްގެ ތެރޭގައި ވިކުނު އެއްޗިއްސަށްވުރެ ފޮށީގައި ހުންނަ ލާރީގެ އަދަދު ގިނައެވެ.

މަޤްޞަދު ހާސިލްވޭ

ޑީން އަލީ ޒާހިރު ފާހަގަކުރެއްވި ގޮތުގައި މިމަސައްކަތުގެ ސަބަބުން ކުދިންނަށް ފަސޭހަތަކެއް ލިބިގެން ދެއެވެ. އެގޮތުން ފެންފުޅިއެއް ފަދަ އެއްޗެއް ހޯދުމަށް ފެކަލްޓީއިން ބޭރަށް ދާންޖެހޭޖެހުން މިކަމުގެ ސަބަބުން ހައްލުވެގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން މިތަނުގެ ޚިދުމަތްހޯދާ ދަރިވަރުންގެގައިގައި އަމާންތްތެރިކަމާއި ތެދުވެރިކަމުގެ ސިފަ އަށަގަނެގެންދާނެކަމަށް ޑީން ވިދާޅުވިއެވެ. މިކަމުގެ ހެއްކަކަށް މިއަދާ ހަމައަށް މައްސަލައެއް ނުޖެހި މިފިހާރަ ހިނގާހިނގުން ފުދެއެވެ.

މިމޮޑެލް އެހެންތަންތަނުގައިވެސް ހިންގޭނެ

ޝައިޚް އަލީ ޒާހިރު ވިދާޅުވަނީ މިމޮޑެލްއަކީ ރާއްޖޭގެ އެހެން ތަންތަނުގައިވެސް ކާމިޔާބު ކަމާއެކު ހިންގޭނެ މޮޑެލްއެއް ކަމަށެވެ. އެގޮތުން ޔުނިވަރސިޓީގެ އެހެން ފެކަލްޓީތަކާއި ސްކޫލްތަކުގެ އިތުރުން އޮފީސްތަކުގައިވެސް ކާމިޔާބުކަމާއެކު މިމޮޑެލްއަށް ތަކެތި ވިއްކުން ކުރިއަށް ގެންދެވޭނެ ކަމަށް ޤަބޫލުކުރާކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި މިކަމަކީ ވަކިން ހާއްސަކޮށް ސްކޫލްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ގައިގައި ތެދުވެރިކަމާއި އަމާނާތްތެރިކަންފަދަ ސިފަތައް އަށަގެންނެވުމަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެއް ކަމުގައި ޝައިޚް ފާހަގަކުރެއްވިއެވެ.

މިފަދަ ކަމެއް ފަށާއިރުގައި އެއްޗެއް ގެއްލިދާނެކަމުގެ ރިސްކް ފެކްޓަރއަކީ އޮންނާނެ އެއްޗެއްކަން ފާހަގަކުރައްވާ ޝައިޚް ވިދާޅުވީ ކުދިންނަށް މިކަމަކީ އެކުދިންގެ ފައިދާއަށް ހިންގޭ ކަމެއްކަން ޤަބޫލުކުރެވި އެގޮތަށް ތަމްރީންވީމާއި އެއްޗެއް ގެއްލުމުގެ ކަންކަން ކުރިމަތި ނުވާނެ ކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!