ސައުދީން ޓެރަރިސްޓުން އުފައްދައޭ ބުނާ ބުނުމަށް ޢިލްމުވެރިންގެ ރައްދު

ޤައުމުގައި މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކަށް ފ އަތޮޅު ސައުދީ އަރަބިޔާއަށް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަވާނެއެވެ. ފ އަތޮޅު ވިއްކާލަނީ ކަމަށް ދެކެވޭ ތުހުމަތުތައް ސަރުކާރުން އެކިއެކި ޕްލެޓްފޯމްތަކުގައި ދޮގުކުރަމުން ދާއިރު، ސާރުކާރާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރުން ފ އަތޮޅު ވިއްކާލަން އުޅޭކަމަށް ބުނަމުންނެވެ.

މިއާއެކު މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިމައްސަލާގައި ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން ޖަރުމަންވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ “ޑީޑަބްލިއު” އަށް ދެއްވި އިންޓަވިއުއެއްގައި ދިވެހިން “ޖިހާދު ކުރުމުގެ ނަމުގައި” އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރަމުންދާތީ އެކަމާއި ކަންބޮޑުވާކަމަށާއި އައިއެސް އާއި ގުޅެން ދިވެހިން ދަނީ ސައުދީ އަރަބިއްޔާގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. އަދި ސައުދީ އަރަބިއްޔާގެ ޔުނިވަސިޓީތަކުގައި ވަރަށް ގިނަ ދިވެހިން ތައުލީމް ހާސިލް ކުރާކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވެފައިވަނީ ދިވެހިން ޓްރޭނިން ވަނީ ސައުދީއިން ކަމަށާއި ސައުދީ އަރަބިޔާއަކީ ޓެރަރިސްޓުން އުފައްދާ ތަނެއްކަމަށެވެ.

މީގެއިތުރުން އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ޓައިމްސް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފ އަތޮޅު ސައުދީއަށް ދިފިނަމަ ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރޭނެކަމަށް ވިދާޅުވެފައިވެއެވެ.

މިބޭފޫޅުންގެ ވާހަކަތަކާއެކު މަޝްރަހު އިތުރަށް ހޫނުވެ ދީނީ ޢިލްމުވެރިންވެސް މިވަނީ މިކަމާއި ގުޅޭގޮތުން ބަސް ވިދާޅުވާން ފައްޓަވާފައެވެ.

އެގޮތުން ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައުދީ އަރަބިޔާއަކީ ޓެރަރިސްޓުން އުފައްދާ ޤައުމެއްނޫން ކަމަށާއި އެގައުމު ފާހަގަ ކުރެވެނީ ދުނިޔޭގެ ފެންވަރުގައި، ޓެރަރިޒަމާއި ހަރުކަށި އުސޫލުތަކާ ދެކޮޅަށް ވަކާލާތުކޮށް އަމަލީ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ، އެކަމުގައި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ގައުމެއްގެ ގޮތުގައި ކަމުގައެވެ. އަދި ސައުދީ އަރަބިޔާއިން ކިޔަވާ ވިދާޅުވެގެން އައިސް ރާއްޖޭގެ ސަރުކާރާއި އެނޫންވެސް ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންގެ ފަރާތުން އިސްލާމީ ހަރުކަށި އުސޫލުތަކެއް އެއްވެސް ވަރަކަށް ނުފެންނަ ކަމަށެވެ.

އަދި ގާނޫނީ އުސޫލުތަކުގެ މަތިން ސައުދީން ރާއްޖޭގައި އިންވެސްޓު ކުރުމަކީ މައްސަލައެއް ނޫން ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ އިސްލާމިކް އެފެއަރޒް މިނިސްޓަރު ޑރ އަބްދުލް މަޖީދު އަބްދުލްބާރީގެ ވާހަކަފުޅުވެސް ހުރީ މިމައްސަލާގައި ނަޝީދުއާއި ނަސީމްގެ ވާހަކަތަކާއި ދެކޮޅަށެވެ. އެގޮތުން “މިހާރު” އަށް ދެއްވާފައިވާ އިންޓަރވިއު އެއްގައި ޑރ މަޖީދުވެސް ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާ އިން ތައުލީމް ހާސިލްކޮށްގެން ތިބި ގިނަ ބޭފުޅުންތަކެއް ރާއްޖޭގެ އިސް އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ ކަމަށާއި އެއިން، އެއްވެސް ބޭފުޅަކީ ޓެރަރިސްޓު ހަރަކާތެއްގައި ނުވަތަ އައިއެސްއާ ގުޅިގެން އެއްވެސް ކަމެއް ކޮށްފައިވާ ބައެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކާއި އެއްގޮތަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ސައުދީ އަށް ވެސް ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް ޑރ މަޖީދު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލިސްގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިންވެސް ވިދާޅުވެފައިވަނީ ސައުދީ އަރަބިޔާއަކީ ޓެރަރިސްޓުން އުފައްދާ ޤައުމެއް ނޫންކަމަށާއި އަދި މިފަދަ ދޮގު ތުހުމަތުތައް އަޅުވާ ތިމާމެން ހިތްހަމަނުޖެހޭ ޤައުމުތަކާއި މީހުން ބަދުނާމުކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކިބައިން ފެންނަމުންދާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ. އަދި އެކަމުން ދައްކުވައިދެނީ އެފަދައިން މަސައްކަތްކުރާ މީހުންގެ ކިބައިގައި އިސްލާމީ އުސޫލުތަކާއި އަޚްލާޤް ނެތްކަމުގެ އަލާމާތް ކަމަށް މިކަމާއި ގުޅޭގޮތުން ޝައިޚް އިލްޔާސް އެފްބީގައި ހިއްސާކޮށްފައިވާ ޕޯސްޓްގައިވެއެވެ.

ސައުދީއަކީ ޓެރަރިސްޓުން އުފައްދާ ޤައުމެކޭ ކިޔާ ދައްކާވާހަކަތަކަށް ރައްދު ދެއްވާ ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ އެގޮތަށް ސިފަކުރަމުންދަނީ ރާއްޖޭގައި ކުރިއަރަމުންދާ ދީނީ ހޭލުންތެރިކަމާމެދުގައި ހަސަދަވެރިވާ ބަޔަކު ކަމަށެވެ.

“ސައުދީއަރަބިޔާއަކީ ޓެރަރިސްޓުން އުފައްދާ ޤައުމެއް ކަމަށް ސިފަކުރަނީ ރާއްޖޭގައި ކުރިއަރަމުންދާ ދީނީ ހޭލުންތެރިކަމުގެ މައްޗަށް ހަސަދަވެރިވާ ބަޔަކު” ޝައިޚް އަބްދުﷲ ޓުވިޓަރގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް ގިނަ ޢިލްމުވެރިންތަކެއް ދަނީ ސައުދީ އަރަބިޔާއާއި ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް އެބޭކަލުން ސައުދީގައި ކިޔަވަން އުޅުއްވި ދުވަސްވަރާއި މިހާރުގެވެސް ސައުދީގެ ހާލަތު ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ހިއްސާކުރަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!