ރަފާ ބޯޑަރ ތިންދުވަހަށް ހުޅުވައިފި

ފަލަސްތީނުގެ ޣައްޒާއަށް މިޞްރުން އެތެރެވެވެން އޮންނަ ރަފާ ބޯޑަރ މިޞްރުން ތިންދުވަހަށް ހުޅުވައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރަފާ ބޯޑަރުގެ ޣައްޒާއާއިވީ ފަޅިއަށް، ހޯމަ ދުވަހުގެ ހެނދުނުންފެށިގެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޖަމާވަމުން ކަމަށާއި ބޯޑަރު ހުރަސްކޮށް މިޞްރަށް އެތެރެވުމަށް އެތައްހާސް ބަޔަކު ރަޖިސްޓްރީކޮށް އިންތިޒާރުގައި ތިބިކަމަށެވެ.

މިތިންދުވަހުގެ މުއްދަތުގައި ކިޔަވާ ދަރިވަރުންނާއި ބަލިމީހުންގެ އިތުރުން އެހެން ޤައުމުތަކުގެ ރަށްވެހިކަން ލިބިފައިވާ ފަރާތްތަކަށް ބޯޑަރު ހުރަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

2013 ވަނަ އަހަރު މިޞްރަށްގެނައި ބަޣާވާތަކުން އޭރު ވެރިކަމުގައި ހުންނެވި ޑރ މުހައްމަދު މުރްސީ ވެރިކަމުން ދުރުކުރުމަށްފަހު، މިޞްރުގެ ސަރުކާރުން ރަފާ ބޯޑަރު އޮންނަނީ ބަންދުކޮށްފައެވެ. ރަފާ ބޯޑަރަކީ އިޒްރޭލުގެ ކޮންޓްރޯލްނެތި، ޣައްޒާާގެ ރައްޔިތުން ދުނިޔެއާއި ގުޅުވައިދޭ ހަމައެކަނި ދޮރޯއްޓެވެ. ގިނަ ދުވަސްތަކަކަށް އިޒްރާއިލްއިން ޣައްޒާ ހިޞާރުކޮށްފައި އޮތުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ 2 މިލިއަނެއްހާ ރައްޔިތުންވަނީ އިންސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!