ސަޢޫދީ ޢަރަބިއްޔާ: އިސްލާމީ ދުނިޔޭގެ ހިތް

ސަޢޫދީ ޢަރަބިއްޔާ އަކީ ދުނިޔޭގައި އޮތް އެންމެ މުހިންމު އަދި ނުފޫޒު ގަދަ އިސްލާމީ ޤައުމެވެ. މުސްލިމުންގެ މުޤައްދަސް ބިންތަށް ކަމުގައިވާ މައްކާއާއި މަދީނާ ވެސް ހިމެނެނީ ސަޢޫދީ ޢަރަބިއްޔާގެ ބެލުމުގެ ދަށުގައެވެ. ކޮންމެ އަހަރަކު އެތަށް މިލިޔަން މުސްލިމުން އެތަންތަނަށް ޒިޔާތްކުރެއެވެ. އަދި ދެޙަރަމަށް ޚިދުމަތްކުރުމުގައި ސަޢޫދީ ޢަރަބިއްޔާއިންވަނީ އިސްލާމީ ތާރީޚުގައި އެއްވެސް ދައުލަތަކުން ކޮށްފައި ނުވާ ފަދަ ނަމޫނާ އަގުހުރި ޚިދުމަތްތަކެއް އަދާ ކޮށްފައެވެ. އަދި ޙައްޖާޖީންނާއި ޢުމްރާވެރިންނަށް އެތަށް ފަސޭހަތަކެއް ފަހިކޮށްދީފައެވެ. އަދި ދެ ޙަރަމްގެ ޚިދުމަތުގައި ސަޢޫދީ ޢަރަބިއްޔާގެ ޢަސްކަރިއްޔާއާއި، ފުލުހުންގެ މުއައްސަސާއާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ދަނީ ޝުކުރު ޙައްޤުވާފަދަ ޚިދުމަތްތަކެއް ކުރަމުންނެވެ. އަދި ދައުލަތުން ދެ ޙަރަމަށް ބޭނުންވާ ޚަރަދުތައް ކުރުމާއި މީގެ އިތުރުން ޙަރަމްފުޅުތަކަށް ޚަރަދުކުރަންބޭނުންވާ ފައިސާ ހޯދުމަށް ދުނިޔޭގެ އެހެން ޤައުމެއްގައި އުފައްދާފައި ނުވާ ވަރުގެ ބޮޑެތި އައުޤާފުތައްވެސް ވަނީ އުފައްދާފައެވެ. އަދި މައްކާގެ ޙަރަމްފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް ޚާއްޞަ ކާރު ޚާނާއެއް ޤާއިމުކޮށް ކޮންމެ އަހަރަކު ދެފަހަރު އެތަށް މިލިޔަން ޑޮލަރުގެ އަގުހުރި އުރަކޮޅެއް ތައްޔާރުކުރެވެއެވެ. ޒަމްޒަމް ފެން އެންމެހާ ޙާޖީންނަށް ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމުކޮށް މިިކަމުގައި އެތަށް ފަސޭހަތަކެއްވަނީ ކޮށްދީފައެވެ. އަދި މައްކާއާއި މަދީނާ ދެމެދު ވަނީ ޒަމާނީ މުވާޞަލާތުގެ ޚިދުމަތް ވެސް ފަށާފައެވެ. އަދި ދެ ޙަރަމްފުޅުގެ ތާރީޚުގައި އެތަންތަން ބޮޑު ކޮށްފައިނުވާ ވަރަށް ބޮޑުކޮށް އެއް ފަހަރާ އެތަށް މިލިޔަން މުސްލިމުންނަށް ނަމާދުކުރެވޭނެ ގޮތްތަށް ހަދައި ޙަޟާރީ ގޮތުން ޤަދަރު އުފުލިގެންވާ ބިނާތަކެއްވަނީ ޤާއިމުކޮށްފައެވެ. އަދި އެތަންތަން ބެލެހެއްޓުމަށް އެތަށް ހާސް މުވައްޒަފުން ޢައްޔަންކޮށްފައިވެއެވެ. އޭގެ ތެރޭގައި ތަފާތު ދާއިރާތަކުގެ މީހުން ހިމެނެއެވެ.

ތަޢުލީމީ ގޮތުން ބަލާއިރު ސަޢޫދީ ޢަރަބިއްޔާގެ ކޮންމެ ސިޓީއެއްގައިހެން އެތަށް ޔުނިވަރސިޓީއެއްވަނީ ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންނަށް ތަޢުލީމު ދިނުމަށްޓަކަައި އުފައްދާފައިވާ ދުނިޔޭގައި ވެސް ހުރި އެންމެ ބޮޑު ޔުނިވަރސިޓީ ހުރީ ސަޢޫދީ ޢަރަބިއްޔާގައެވެ. އެތަނުގައި އެންމެ މިޒަމާނުގެ ވަސީލަތްތައްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި އިސްލާމީ ތަޢުލީމުގެ އިތުރުން މަދަނީ ތަޢުލީމާއި ސައެންސާއި ޓެކްނޮލޮޖީއާއި އިންސާނީ ޢިލްމުގައި އިސްލާމީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަޢުލީމީ އެތައް މުއައްސަސާތައްވަނީ ސަޢޫދީ ޢަރަބިއްޔާގައި ޤާއިމުކޮށްފައެވެ. އަދި އިސްލާމީ ދުނިޔޭގެ ޒުވާނުންނަށް ސްކޯލަރޝިޕްތައް ފޯރުކޮށްދީ އިސްލާމީ އުންމަތަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމުގައި ސަޢޫދީ ޢަރަބިއްޔާއިން އަދާކޮށްފައިވަނީ ނަމޫނާ ދައުރެކެވެ.
ޒަމާނީ ތަރައްޤީއަށް ބަލާއިރު ސަޢުދީ ޢަރަބިއްޔާ ހިމެނެނީ އިސްލާމީ ޤައުމުތަކުގެތެރެއިން ހުރިހާގޮތަކުން ކުރިއަރަމުން އަންނަ ޤައުމެއްގެ ގޮތުގައެވެ. ޚާއްޞަކޮށް މުޖުތަމަޢު ބިނާކުރުމުގައި އަންހެނުންނަށް ފަހި ފުރުޞަތުތައް ހޯދައި ދިނުމާއި ސަޢޫދީ ޢަރަބިއްޔާގެ ޝޫރާ ކައުންސިލްގެ މެންބަރުންގެ ގޮތުގައި އަންހެނުން ޢައްޔަންކުރުމާއި ވިޔަފާރިއާއި ސިޔާސީ ދާއިރާގައި ވެސް އަންހެނުންނަށް ފުރުސަތުތައްވަނީ ހޯދާ ދީފައެވެ. އަދި 2030 އަށް ކަނޑައަޅުއްވާފައިވާ އަމާޒުތަކަށް ވާޞިލްވުމަށްޓަކައި މުހިންމު ބޮޑެތި ބަދަލުތަކެއްދަނީ ގެންނަމުނެވެ. އޭގެ ތެރޭގައި ތަޢުލީމާއި ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާއިން ގެންނަ ބަދަކުތަކާއި ޖުޑިޝަރީ އަށް ގެންނަ ޒަމާނީ ބަދަލުތައް ހިމެނެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަ ބޭކަލުންގެ މަޖިލިސް ވެސް ތަރައްޤީކޮށް އިސްލާމީ ތަފާތު ދާއިރާތަކުން ތަޚައްޞުޞުވެފައިވާ ޒުވާން ބޭފުޅުންނަށް އެމަޖިލިހުން ވަނީ ޖާގަހޯދަ ދީފައެވެ.

ސަޢޫދީ ޢަރަބިއްޔާ ފާހަގަވަނީ އިސްލާމީ ޤައުމުތަކުގެތެެރެއިން ޓެރަރިޒަމާ ދެކޮޅަށް އެންމެ ވަރުގަދައަށް ޙަރަކާތްތެރިވާ އެއް ޤައުމަށެވެ. މިކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ޤާއިމުކޮށްފައިވާ ހަރުދަނާ ނިޒާމު އެހެން ޤައުމެއްގައި ޤާއިމުކޮށްފައި ނުވެއެވެ. ހަރުކަށި ފިކުރު ގެންގުޅޭ މީހުން ފިކުރީ ގޮތުން ރިހެބިލިޓޭޓް ކުރުމަށް ސަޢޫދީގެ ދާޚިލީ މުޒާރާގެ ދަށުގައި ޚާއްޞަ މަރުކަޒެއް ޤާއިމުކޮށްފައި ހުރެއެވެ. އެ މަރުކަޒުން ކުރާ މަސައްކަތްތަކުގެ ނަތީޖާގޮތުން ވަރަށް ގިނަ ބަޔަކު ވަނީ ހެޔޮމަގަށް އައިސްފައެވެ.

ބައިނަލްއަޤުވާމީ ގުޅުންތަކަށް ބަލާއިރު ސަޢޫދީ ޢަރަބިއްޔާ އިސްލާމީ އުންމަތާ ގުޅުން ބަދަހިކުރަމުންދާކަން ފާހަގަކުރެވެއެވެ. ޚާއްޞަގޮތެއްގައި ސަލްމާން ރަސްގެފާނު ވެރިކަމަށްވަޑައިގެން ފަހުން އިސްލާމީ ޤައުމުތަށް އެކަތިގަނޑަކަށް ހެދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަވެއެވެ. އަދި ސޫރިއާއަށް މެދުވެރިވެފައިވާ ހިތާމަވެރި ޙާލަތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސަޢުދީ ސާބިތުވެ އޮތީ ސީރީޔާގެ ރައްޔިތުންނާ އެކުގައެވެ. މިގޮތުން އެތަށް ސަތޭކަ މިލިއަން ޑޮލަރެއް ރައްޔިތުންނަށް ޚަރަދުކޮށްފައިވެއެވެ. އަދި ސީރިޔާގެ ރައްޔިތުންގެ ތެރެއިން ތިން މިލިއަނަށްވުރެ ގިނަ މީހުނަށް ސަޢޫދީ ޢަރަބިއްޔާގެ ހިޔާވަހިކަން ދީފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާއިން އެރައްޔިތުންނާ މެދު ދެކެނީ ސަޢުދީ ރައްޔިތުން ފަދައިންނެވެ. ފަހަރެއްގައި ވެސް ރެފިއުޖީންގެ ގޮތުގައެއްނޫނެވެ. އެމީހުންނަށް ދޭންޖެހޭ އެންމެހާ ޙައްޤުތަކެއް ތަފާތުކުރުމެއްނެތި ދަނީ ދެމުންނެވެ. މިކަން ސަޢޫދީ ޢަރަބިއްޔާ ޚާރިޖީވަޒީރު ޢާދިލް ޖުބައިރު ވަނީ މީޑިޔާގައި ވެސް ފާހަގަކުރައްވާފައެވެ.

ސަލްމާން ރަސްގެފާނު ވެރިކަމަށް ވަޑައިގެން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި މައްކާގައި މަރުކަޒީވެފައިވާ މުސްލިމު ވޯލްޑް ލީގުގެ މަސައްކަތް ހަރުދަނާކުރައްވައި އިސްލާމީ ދުނިޔޭގައި އެ މުއައްސަސާގެ ޚިދުމަތް ފުޅާކުރައްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އަދި އޯއައިސީގެ މެންބަރު ޤައުމުތަކާ ގުޅުން ބަދަހިކޮށް އިސްލާމީ އެއްބައިވަންކަން ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އަދި އިސްލާމީ ޤައުމުތަކުގައި އިސްވެސްޓްކުރުމުގެ ފުރުޞަތުތައް އިތުރުކޮށް ޤައުމުތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަވެއެވެ.

ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ އޮންނަ ގުޅުމަށް ބަލާއިރު، ދެ ޤައުމުގެ ދެމެދުގައި އޮތީ ޒަމާންވީ އަޚުވަންތަކަމުގެ ގުޅުމެކެވެ. ރާއްޖޭގެ އިސްލާމީ މަރުކަޒު ބިނާކުރުމުން ފެށިގެން ކުއްލިއްޔާގެ ބިލްޑިނގއާއި، އެތަށް މިސްކިތްތަކެއް ސަޢޫދީއިން އަޅާފައިވެއެވެ. ޙައްޖުގެ ކޯޓާ ޚާއްޞަ ގޮތަކުން ރާއްޖެއަށް އިތުރުކޮށްދީފައިވެއެވެ. އަދި ޖިއްދާގައި ހުންނަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުންވަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފައެވެ. މި ގޮތުން ރަށްރަށުގެ ބަދަރުތައް ހެދުމަށް ލުއިގޮތެއްގައި ލޯންތައް ފޯރުކޮށްދީފައިވެއެވެ. ސުނާމީގެ ޙާލުގައި ޖެހުނު ރައްޔިތުންނަށް ގެދޮރު ބިނާކޮށްދީފައިވެއެވެ. ތަޢުލީމީ ގޮތުން ހިލޭ އެތަށް ފުރުޞަތެއް ފަހިކޮށްދީ، މިހާރުވެސް ސަޢޫދީގައި ރާއްޖޭގެ ސަތޭކަ ފަންސާހެންހާ ދަރިވަރުން ތަފާތު ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރަމުން އެބަ ދެއެވެ. ސަލްމާން ރަސްގެފާނު ވެރިކަމަށް ވަޑައިގެން ފަހުން މި ގުޅުންތައް ހަރުދަނީ ކުރެއްވިއެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ރާއްޖޭގައި މިހާރުވެސް މިސްކިތްތަކުގެ ދިހަ މަޝްރޫޢެއް ހިނގާނެއެވެ. އަދި ރާއްޖޭގައި ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީއެއް ޤާއިމުކުރައްވައި ވިސާ ޚިދުމަތް ފަހިކޮށްދެއްވާފައިވެއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ސަޢޫދީ އެއާލައިންގެ ޚިދުމަތް ފައްޓަވައި ދަތުރުތައް ސީދާކޮށް ކުރެވޭނެ މަގު ހުޅުވާލަދެއްވިއެވެ. ޙައްޖު ކޯޓާ އިތުރު ކުރެއްވިއެވެ. މީގެ ކުރިން މާާލޭގެ ފެންކުންފުނީގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިން، އެންމެ އަވަހަށް މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ސަޢޫދީ ޢަރަބިއްޔާއިންނެވެ. އަދި ރާއްޖޭގައި ޢަރަބި ބަސް ކިޔަވައި ދިނުމަށް ބޭނުންވާ މުދައްރިސުން ފޯރުކޮށްދީ ބަސް ކިޔަވަން ބޭނުންވާ ޓެކްސް ފޮތްތައް ވެސް ފޯރުކޮށްދީފައިވެއެވެ. އަދި ކޮންމެ އަހަރަކު ވެސް ރަސްގެފާނު ދެއްވާ ޙައްޖުގެ ޚާއްޞަ ފުރުޞަތުތައް ވެސް މިހާރުވަނީ އިތުރުކުރައްވާފައެވެ. އަދި އިޤުތިޞާދީ ގޮތުން ރާއްޖޭގެ މަޝްރޫޢުތަކަށް ފަސޭހަ ގޮތްތަކެއްގެ މަތިން ސަޢޫދީ ފަނޑުން ގިނަ އެހީތެރިކަމެއް ވެދީފައިވެއެވެ.

ސަޢުދީ ޢަރަބިއްޔާއިން ތަޢުލީމު ޙާޞިލްކޮށްފައިވާ ދަރިވަރުންވަނީ ދިވެހިރާއްޖެއަށް ނުހަނުގިނަ ޚިދުމަތްތަކެއްކޮށްފައެވެ. ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި ތަޢުލީމީ ގޮތުން އެ ދަރިވަރުންދަނީ ޤައުމަށް ނުހަނު ގިނަ ގުނަ ޚިދުމަތްތަކެއް ކުރަމުނެވެ. މިގޮތުން ދައުލަތުގެ މުހިންމު މަޤާމުތަކެއް އެދަރިވަރުން ދަނީ އަދާކުރަމުންނެވެ. ތަފާތު ދާއިރާތަކުން ޚިދުމަތް ދެމުންނެވެ. މިއީ އެކަމުގެ މައްޗަށް ދިވެހި އެންމެހާ ރައްޔިތުން ހެކިވާނެކަމެކެވެ.

ސަޢޫދީ ޢަރަބިއްޔާއިން ދިވެހިންނާ މެދު އަޚުވަންތަ ނަޒަރުން ދެކޭ ހިނދު، އަދި އިސްލާމީ އުންމަތަށް ޚިދުމަތް ކުރަމުންދާއިރު ސަޢޫދީ ޢަރަބިއްޔާ ބަދުނާމުކޮށް އެޤައުމުގެ އަގުވައްޓާލާ އެޤައުމުން ކިޔަވަމުންދާ ދަރިވަރުންގެ ކަރާމަތަށް އުނިކަން އަންނަ ޒާތުގެ ވާހަކަތަކަށް ޖާގަ ދީގެންނުވާނެއެވެ. ދިވެހިންގެ އިޙުތިރާމާ ޤަދަރު މާތް ﷲ އިރާދަކުރެއްވިއްޔާ އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއަށް އޮންނާނެއެވެ!

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. bodhan othee gondi difaau kurumuge bai

  2. ސައުދީން ޔަމަނުގަ ހިންގާ ޖަރީމަ ތަކުގެ ވާހަކަވެސް ޖަހާލީނަމަ ވަރައްފުރިހަމަ ވާނެ… އަދި މުޅި އުންމަތް އަނދާ އަޅިޔައްހަދާލިވާހަކަވެސް ފާހަގަ ކޮއްލިނަމަ ވ ފުރިހަމަވީސް..

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!