އިންޑޮނޭޝިއާއަށް އިތުރު 10،000 ހައްޖު ކޯޓާ

އިންޑޮނޭޝީއާއަށް ދެމުންގެންދިޔަ ހައްޖު ކޯޓާ އިތުރުކުރަންނިންމާ އިތުރު 10،000 ހައްޖު ކޯޓާ އެޤައުމަށްދޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މިގޮތަށް ހަމަޖެހިގެންދިޔައީ ސައުދި އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އޭޝިއާގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑޮނޭޝިއާގައި ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.

އިންޑޮނޭޝިއާގެ ރައީސްގެ ގަނޑުވަރުގައި އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު އިތުރަށް 10،000 ކޯޓާ އިންޑޮނޭޝިއާއަށް ދިނުމަށް ސަލްމާން ރަސްގެފާނު ނިންމެވިކަން އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ވިދޯދޯގެ ފޭސްބުކް ޕޭޖުގައި ވަނީ އިއުލާނުކުރައްވާފަ އެވެ.

މިހާރު 211،000 ހައްޖު ކޯޓާ ލިބޭ އިންޑޮނޭޝިއާއަށް އިތުރު 10،000 ކޯޓާ ލިބުން ޖުމްލަ 221،000 މީހުންނަށް ހައްޖަށް ދިއުމުގެ ފުރުޞަތު އޮންނާނެއެވެ.

ސަލްމާން ރަސްގެފާނުގެ މިދަތުރުފުޅުގައި އިންޑޮނޭޝިއާގެ އިތުރުން ޗައިނާ، ޖަޕާން، ޖޯޑަން އަދި ރާއްޖެއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!