“އެންމެ އަގުބޮޑު އެއްޗެހި ހުންނަނީ ރައްކާތެރިކަމާއެކު ފޮރުވިފައެވެ.”

ފަހުގެ ތާރީޚުގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެންމެން ބަލައިގަތް އެންމެ މަޝްހޫރު މުސްލިމަކީ އެމެރިކާގެ މުޙައްމަދު ޢަލީ (ރަޙިމަޙުﷲ) ކަން ކަށަވަރެވެ. ޢަލީވަނީ ބޮކްސިިން ތެޅުމުން ދުނިޔޭގެ ހެވީވެއިޓް ޗެމްޕިއަންކަން 3 ފަހަރު ހޯދައި އޮލިމްޕިކް ރަންމެޑަލް ހޯދާފައެވެ. މީގެ އިތުރުން ބީބީސީ އިން ހޮވި 20 ވަނަ ޤަރުނުގެ ކުޅިވަރު ޝަޚްސިއްޔަތަކީވެސް ޢަލީއެވެ.

ތިރީގައި އެވަނީ މުޙައްމަދު ޢަލީ އޭނާގެ ދަރިިފުޅު ހަނާ ޢަލީ އަށް ދިން އަސަރުން ފުރިގެންވާ ނަސޭހަތެކެވެ. (ނޯޓް: ޙަނާ ޢަލީ އަކީ މުޙައްމަދު ޢަލީ އެކިފަހަރުމަތިން ކައިވެނިކުރެއްވި 4 އަނބިންގެ ތެރެއިން އެކަކަށް ލިބުނު ދެކުދިންގެ ތެރެއިން އެކެކެވެ. ޙަނާ އުޅެމުންދިޔައީ މަންމަގެ ގޭގައެވެ.)

—-

އެއީ އަހަރެން ކުޑައިރުއެވެ. އަހަންނާއި އަހަރެންގެ ކޮއްކޮ ލައިލާ އާއި ދެމީހުން އެއްދުވަހަކު ބައްޕަކައިރިއަށް ޒިޔާރަތްކުރީމެވެ. އަހަރުމެން އަންނަކަން އެނގިގެން، އާދައިގެ މަތިން އަހަރުމެން ބިރުގަންނަވަންވެގެން ގޭގެ މައިދޮރުގެ ބިއްދޮށުގައި ބައްޕަ ހުއްޓެވެ. ގެއަށް ވަނުމާއެކު އަހަރުމެން ދެކުދިންގެ ގައިގާ ބައްދާލާ އަހަރުމެން ހެއްވާލިއެވެ. ދަރިންތަކަކަށް ބައްޕައަކު މަރުޙަބާކިޔާނެ އެންމެ އުފާވެރިކޮށް އަހަރުމެންނަށް ބައްޕަ މަރުޙަބާކިޔެވެ. އެއަށްފަހު އަހަރުމެން ގޮވައިގެން ގޭތެރެއަށް ވަނެވެ. އަދި ބައްޕަގެ އުނގުގައި އަހަރެން ބައިންދާފައި އަހަރެންގެ ލޮލަށް ބަލަހައްޓައިގެން ހުރެ އަހަންނަށް އަސަރުން ފުރިގެންވާ ނަސޭޙަތެއް ދިނެވެ. އެ ބަސްކޮޅު ދުވަހަކުވެސް އަހަރެން ހަނދާނެއް ނުނެތޭނެއެވެ.

ބައްޕަ ބުންޏެވެ. “ހަނާއެވެ. ﷲ މި ދުނިޔޭގައި ލައްވާފައިވާ އަގުބޮޑު ކޮންމެ އެއްޗެއްވެސް ވަނީ ރައްކާތެރިކަމާއެކު ނިވާވެ ފޮރުވިފައެވެ. އެ އެއްޗެއް ހޯދެނީ ވަރަށް އުނދަގުލުންނެވެ. އަލިމަސް ހޯދަނީ ކޮންތާކުން؟ ބިމުގެ ވަރަށް އަޑިންނެވެ. އޭތިވަނީ ނިވާވެ ފޮރުވިގެން ރައްކާތެރިކަމާއެކުގައެވެ. މުތް ހޯދަނީ ކޮންތާކުން؟ ކަނޑުގެ އެންމެ އަޑިންނެވެ. އޭތިވަނީ ނުހަނު ރީތި ތޮށިގަނޑެއްގެ ތެރޭގައި ނިވާވެ ފޮރުވިގެން ރައްކާތެރިކަމާއެކުގައެވެ. ރަން ހޯދަނީ ކޮންތާކުން؟ ބިމުގެ ވަރަށް އަޑިންނެވެ. ގަލުގެ އެތަކެއް ލޭޔަރުތަކެއްގެ ދަށުގައި ނިވާވެ ފޮރުވިގެން ރައްކާތެރިކަމާއެކުގައެވެ. ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މެނުވީ އޭގެ (ރަނުގެ) އެތިކޮޅެއްވެސް ނުލިބޭނެއެވެ.”

މިހެން ބުނުމަށްފަހު ބައްޕަ އަސަރުން ފުރިގެންވާ ބެލުމަކުން އަނެއްކާވެސް އަހަންނާދިމާލަށް ބަލަހައްޓައިގެންހުރެ ބުންޏެވެ. “ދަރިފުޅުގެ ހަށިގަނޑަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. މުތާއި އަލިމަހަށްވުރެންވެސްމެއެވެ. ވީމާ ދަރިފުޅުވެސް ނިވާވެ ރައްކާތެރިކަން ހޯދާށެވެ.”

—-

ލޮބުވެތި އުޚުތާއެވެ! އަހަރުމެން އެންމެންނަކީވެސް މަރުގެ ރަހަ ދެކޭނެ މީހުންނެވެ. ތިބާވެސް ދާދިއަވަހަށް އެދުވަހާ ކުރިމަތިލާނެއެވެ. ޖަލާލުވަންތަ ﷲ ގެ ހަޟްރަތަށް އެނބުރިދާއިރު، ނިވާނުވެ އޮރިޔާން ހާލުގައި ތިމާގެ ހަށިގަނޑު ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނީލަންކިޔައި، އެކަލާންގެ އަންގަވާފައިވާ ރައްކާތެރިކަމުގައި ނުހިފައި، އެކަލާންގެ ހަޟްރަތުގައި ތިބާ ޖަވާބުދާރީވާނީ ކޮންފަދައަކުންތޯއެވެ؟  ފެޝަނާއި ރީތި ޑިޒައިންތަކުގެ އަވައިގާ ތިމާ މިހިރަގެންދަނީ ޖަހަންނަމައާއި ދިމާލަށްކަން ޔަޤީންކުރާށެވެ. ނިވާވާށެވެ. ރައްކާތެރިކަމަކީ އެއީއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!