ދަރިން ތަރުބިއްޔަތުކުރުމުގެ ޤަވާޢިދުތައް (ދެވަނަ ބައި)

ދެވަނަ ޤަވާޢިދު:

ދަރީންނަށް ހެޔޮދުޢާކުރުން

ދުޢާ އަކީ؛ ﷲ ތަޢާލާގެ ޙަޟްރަތުން އެދި ދެންނެވުމުގައި އިބްތިހާލުވުމާއިއެކު، އެއިލާހުގެ ޙަޟްރަތުގައިވާ ހެޔޮކަންތައް ލިބުމަށް އެދުމެވެ. ދުޢާއަކީ ދަރީން ހެޔޮލަފާ ޞާލިޙް ބައެއްގެ ގޮތުގައިވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ވަރަށް މުހިންމު ސަބަބެކެވެ. ﷲ އަށް ދުޢާ ދެންނެވުމުގެ ސަބަބުން ދުރު ގާތްވެ، ތިމާ ބޭނުންވާ މަންޒިލަށް ވާޞިލުވެއެވެ. އެގޮތުން ދުޢާކުރުމުގެ ސަބަބުން އެތައް ބައެއްގެ ޙާލަތު ބަދަލުވެ އެބައިމީހުންގެ ދަރީން ހެޔޮލަފާ ބައެއްކަމުގައި ވެފައިވާކަން އެނގި ސާބިތުވެއެވެ. ކޮންމެ މުސްލިމަކު ވެސް އޭނާގެ ދަރީންނަކީ ހެޔޮލަފާ ބައެއްކަމުގައި ވުމަށް އެދި ﷲ ގެ ޙަޟްރަތުން ދުޢާ ދެންނެވުމުގައި ފަރުވާތެރިވާންވާނެއެވެ.

ރަޙުމަތްތެރިއަކު އޭނާގެ އަނބިމީހާގެ ޢުމުރުން ފަސް އަހަރުގައި ހިނގާފައިވާ ޙާދިޘާއެއް ކިޔައިދިނެވެ.  އެއްދުވަހަކު އޭނާ ގޭގެ ފައިސާ ރައްކާކުރާ ތިޖޫރީ މަތީގައި ކުޅެން ހުއްޓާ އޭނާގެ މަންމަ ތަކުރާރުކޮށް އޭގެމަތިން ފޭބުމަށް އެދުމުން ވެސް ނުފޭބިއެވެ. އެހިނދު އޭނާގެ މަންމަ ނުރުހުންވެފައި ބުންޏެވެ. “ފައިބާ، ﷲ ތިބާގެ ދޫ ބުރިކުރައްވާށި!”، އޭނާގެ މަންމަ މިހެން ބުނެލި ވަގުތު ތިޖޫރީމަތިން އޭނާ ވެއްޓި ދޫ ބުރިވުމުގެ ސަބަބުން ދުލަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަންޖެހުނެވެ. މިކުޑަކުޑަ ޙާދިޘާ އާއި މެދު ނިކަން ވިސްނާލާށެވެ. މިޙާދިޘާ އާއި ދުޢާ އާއި އޮތީ ކިހާވަރެއްގެ ގުޅުމެއްތޯ އަދި މިދުޢާގެ އަސަރު ރަނގަޅުތޯ ވެސް ފިކުރު ހިންގާލާށެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެބައިމީހުން ޤަޞްދަކާއިނުލައި ދަރީންނަށް ކޮށްލާ ދުޢާ ﷲ ސުބްޙާނަހޫ ވަތަޢާލާ އިޖާބަނުކުރައްވާނެއެވެ. ނަމަވެސް މިއީ މިކަމުގައި ކަން އޮތްގޮތެއްނޫނެވެ. އެހެނީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “لا تدعوا على أنفسكم، ولا تدعوا على أولادكم، ولا تدعوا على أموالكم، لا توافقوا من الله ساعة يسأل فيها عطاء فيستجيب لكم” رواه مسلم. މާނައަކީ: “ތިޔަބައިމީހުންގެ އަމިއްލަ ނަފްސާއި، ދަރީންގެ މައްޗަށް އަދި އަމިއްލަ މުދަލުގެމައްޗަށް ބަދުދުޢާ ނުކުރާހުށިކަމެވެ. އެހެނީ ﷲ ތަޢާލާ ދުޢާ އިޖާބަކުރައްވާ ވަގުތަކާއި އެފަދަ ދުޢާއެއްކުރެވޭ ވަގުތު ދިމާވެއްޖެނަމަ އެއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވަވާނެއެވެ.”

އެއްދުވަހަކު ބައްޕައަކު އޭނާގެ ފިރިހެން ދަރިއެއްގެ ކިބައިން ދިރިއުޅުމުގެ ކަމެއްގައި ފައިސާގެ އެހީތެރިކަމަކަށް އެދުނެވެ. އެހެންނަމަވެސް އެދަރިފުޅުގެ އަތުގައި އެވަގުތު ފައިސާ ނެތުމުގެ ސަބަބުން އޭނާގެ ބައްޕަގެ އެދުން އެވަގުތު ފުއްދައިނުދެވުނެވެ. އެހިނދު އޭނާގެ ބައްޕަ ވުޟޫކޮށް ނަމާދެއްކުރުމަށްފަހު ދެއަތް އުފުލައި އޭނާގެ ދަރިފުޅު ފަޤީރުވުމަށް އެދި ދުޢާކުރުމުގެ ސަބަބުން އެދަރިފުޅު މަރުވެދިއުމާއި ހަމައަށް ވެސް ދިރިއުޅެމުންގޮސްފައިވަނީ ފަޤީރުޙާލުގައެވެ.

ރަނގަޅު ޞާލިޙް ޒުވާނުންނާއި ވެސް ބައްދަލުވެފައިވެއެވެ. ﷲ އެޒުވާނުން ޞާލިޙްކަންމަތީ ދަމަހައްޓަވާށި! ﷲ ތަޢާލާގެ ވާގިފުޅަށްފަހު އެކުދިން ހެޔޮލަފާ ބަޔަކަށް ވުމުގެ މައިގަނޑު ސަބަބެއްކަމުގައި ވެފައިވަނީ އެކުދިންގެ މައިންބަފައިންގެ ހެޔޮ ދުޢާއެވެ. އޭގެތެރެއިން ކުއްޖަކު ކިޔައިދިނެވެ. އަހަރެންގެ މަންމަގެ އަޑު އިވޭހިނދު އަހަރެން މަންމައަށް ސަލާމް ގޮވާލަމެވެ. އަދި އަހަރެން ގެއިން ބޭރަށް ދާ ކޮންމެފަހަރަކު އަހަރެންގެ މަންމަ އަހަރެންނަށް ހެޔޮދުޢާކޮށް އަހަރެން އެނބުރި އައުމަށް އެދެއެވެ. އަދި އަހަރެންނާއި އެކު މަންމަ އަހަރެން ގެއިން ނިކުންނަންދެން ދޮރާއިހަމައަށް އަބަދުވެސް އާދެއެވެ. އަހަރެންގެ މުޅި ޙަޔާތުގައި ދުޢާތަކުގެ އަސަރު ވަރަށްބޮޑަށް ފެނިފައިވެއެވެ.

ދަރީންނަށް ހެޔޮދުޢާ ކުރުމަކީ މައިންބަފައިން އަބަދުމެ ކުރަންޖެހޭ ކަމެކެވެ. ނަބީ ރަސޫލުން ވެސް އެބޭބޭކަލުންގެ ދަރީން ތެދުމަގުގައި ސާބިތުވެ ﷲ ރުއްސަވާފަދަ ދަރިންކަމުގައި ވުމަށް ދުޢާކުރައްވާފައިވެއެވެ. އެހެންކަމުން އަހަރެމެންފަދަ ކުށްތަކަށް އަރައިގަނެވޭ ޙާލަތެއްގައިވާ ބަޔަކު އަބަދުމެ ތިމާއާއި ތިމާގެ އަހުލުން ހިދާޔަތުގެ މަގުގައި ދެމެހެއްޓެވުމަށް އެދި ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވުމަކީ ލާޒިމުކަމެކެވެ. ވީމާ، ތިމާމެންގެ ދަރީން ގޯސް ބައެއްކަމުގައި ވުމުގެ ކުރިން އެކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާ އެންމެ މުހިންމު ވަސީލަތަކީ އެކުދިންނަކީ ހެޔޮލަފާ ބަޔަކު ކަމުގައި ވުމަށް އެދި ކުރާ ދުޢާކަމުގައި ހަދަންޖެހެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!