އެެއްކަލަ “ފަކުރު” ތުނބުޅި މިހާރު ކޮބާ؟

ދީނުގައި ބަޔާންކޮށްފައިވާ ގޮތްތަކަށް އުޅޭ މީހުންގެ ވާހަކަތަކަކީ އަބަދުވެސް ރާއްޖޭގައި ނިކަން ގަދަޔަށް ދެކެވޭ ވާހަކަތަކެވެ. މީގެ 17 އަހަރުކުރިން އާ ސާސްކަފެއް ފެށިިގެން އައިިއިރު ރާއްޖޭގައި މިފަދައިން އެންމެ ފުޅާކޮށް ވާހަކަދެކެވުނީ “ތުނބުޅި” އެއްގެ ވާހަކައެވެ. ކޮންމެ ދިމާލަކަށް ބެލިނަމަވެސް އެވާހަކައެވެ. ތުނބުޅި ބަހައްޓާ މީހުންނާއި ކުދިންނަށް ފުރައްސާރަކުުރާ މީހުން އިންތިހާއަށް ގިނައެވެ. މަގުމަތިން ދިމާކުރުމާއި ޒުވާބުކުރުމާއި ޖަދަލުކުރުން އޭރުވަނީ ހަޤީގަތުގައި ހައްދުފަހަނައަޅާފައެވެ.

 

“އެހެރަދަނީ ހާބީއެއް!”

ތުނބުޅި ބަހައްޓާ މީހުންނާ ދިމާލަށް އޭރު އެންމެ ގިނައިން އަމާޒުކުރި ބަހަކީ މިހާރުވެސް އިވޭ އަޑެވެެ. އެއީ “ހައްދުފަހަނައަޅާފައިވާ މީހެއް” މިފަދައިންނެވެ. ނުވަތަ “ވައްޙާބީ” އެކެވެ. އޭރުގެ ހާލަތަށް ބަލާއިރު ތުނބުޅި ބަހައްޓާ މީހުންގެ ޢަދަދު އިންތިހާއަށް މަދެވެ. ނަމަވެސް މަތިމަސް ބަހައްޓާ މީހުން ވަަރަށް ގިނައެވެ. ސިފައިންނާއި ފުލުހުންގެ ތެރޭގައިވެސް ތުނބުޅި ބެހެއްޓުމަކީ މަނާކަމެކެވެ. ނަމަވެސް ފޯމެއް ހުށަހަޅައިގެން ވަކި ހުއްދައެއްގެ ދަށުން މަތިމަސް ބެހެއްޓެއެވެ. ވަކީން ޚާއްޞަކޮށް ތުނބުޅި ހުރެފައި ފަޓުލޫނުގެ ފައިކުރި ބިމުގައި ނުހޭކޭ ނަމަ އެއީ ވަރަށް ބޮޑަށް ހައްދުފަހަނައަޅާފައިވާ މީހެކެވެ. ތުނބުޅި ހުންނަ މީހަކު ކިރިޔާ ފެންނަ ހިސާބަކުން ދިޔަނަމަވެސް އިނގިލިދިގުކޮށް އެމީހާއާ ދިމާލަށް ވައްހާބީއެކޭ ނުވަތަ ހާބީއެކޭ ގޮވުމަކީ އާންމުކަމެކެވެ. މިގޮތަށް ކިޔުމަށް ބައެއްމީހުން އެމީހުންގެ ދަރިންނަށް ބާރުއަޅާފައިވެސް އެބަހުއްޓެވެ.

 

ގޯހީ ކޮންކަހަލަ ތުނބުޅިއެއް؟

އޭރު ރާއްޖޭގައި އޮތް މާހައުލަށް ބަލާއިރު ގޯހީ ވަކިވައްތަރެއްގެ ތުނބުޅިއެއްނޫނެވެ. ކޮންމެ ފަދަ ގޮތަކަށް ބެހެއްޓިނަމަވެސް، އިސްތަށި ކޮޅެއް ހުރެއްޖެނަމަ އެއީ އެއްކަހަލަ “ވައްޙާބީ” ގުރޫޕްގެ މީހެކެވެ. ނުވަތަ “ހާބީ” އެކެވެ. މިއީ ސުންނަތާއެއްގޮތަށް ޢަމަލުކުރުމަށް ޢަޒުމްކަނޑައަޅާފައިވާ މީހުން އޭރު ލޭބަލްވީގޮތެވެ. މިގޮތުން އަޅުގަނޑު މަޖީދިއްޔާގައި 2000 ވަނަ އަހަރު ކިޔަވަން އުޅުނުއިރު ސްކޫލުގައި އުޅުނު ކުއްޖެއްގެ ތުނބުޅީގައި ދެތިން އިސްތަށި ހުރެގެން (16 އަހަރުގެ ކުއްޖެއްގެ ތުނބުޅީގައި އިސްތަށި ހުންނާނެ ވަރު އަޅުގަނޑު ނުބުންޏަސް އެނގިވަޑައިގަންނަވާނެއެވެ.) އެ ދެތިން އިސްތަށި ބާލަންވެގެން މުޅި މެނޭޖްމަންޓް އުޅުނުގޮތް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. މީގެއިތުރުން ތުނބުޅި ޓްރިމްކޮށްގެން ބެހެއްޓިނަމަވެސް ނުވަތަ އެއްކޮށް ދޫކޮށްލާފައި ބެހެއްޓިނަމަވެސް ތަފާތެއްނެތެވެ. މިއީ ހަޤީގަތެވެ. އެފަދަ ތުނބުޅިއަކީ ވަރަށް ބޮޑު ފަކުރެކެވެ. ނަޖިހެކެވެ. މުޑުދާރު އެއްޗެކެވެ. އެފަދަ މީހަކު އިން މޭޒެއްގެ ކައިރީގައި ސައިބޯން އިނުމަކީވެސް ބައެއް މީހުން ރުޅިއަންނަކަމަކަށް އޭރު އޮތީވެފައެވެ.

 

ތުނބުޅީގައި ޗިލީ ސޯސް ހޭކުމާއި ގަދަކަމުން ބޭލުން

މިވެސް އޭރު ހަޤީގަތުގައިވެސް ހިނގާފައިވާ ކަންކަމެވެ. ކުރިން ދެންނެވިހެން ތުނބުޅި ބަހައްޓާ މީހުންނަށް ފުރައްސާރަކުރުން ހައްދުފަހަނައަޅާގޮސް އެމީހުން އެކިގޮތްގޮތަށް “ލޭބަލް” ކުރެވި “ފްރޭމް” ކުރެވި ފުލުހަށްވެސް ހާޒިރުކުުރެވެން ފަށައިފިއެވެ. ތުނބުޅި ހުންނަ މީހަކު ކޮންމެ ފަދަ މައްސަލައެއްގައި ނަމަވެސް ބަންދުކުރެވިއްޖެނަމަ އެންމެ އިސްކަންދޭ ކަމަކަށް އޮންނަނީ އޭނާގެ ތުނބުޅި ބޭލުމުގެ މަސައްކަތެވެ. އަމުރުކޮށްގެން އަމިއްލައަށް އެކަން ނުކޮށްފިނަމަ ގަދަކަމުން ބާލުވަނީއެވެ. މިގޮތުން އަދަބުދިނުމުގެ ނިޔަތުގައި ޗިލީ ސޯސް އުނގުޅާފައިވެސް ބައެއް މީހުންގެ ތުނބުޅި ޖަލުގައިި ބާލާފައި އެބަހުއްޓެވެ. މިއީ ހަދައިގެން ދައްކާ ވާހަކައެއްނޫނެވެ. އެކަން އަމާޒުުވެ އަދަބުލިބުނު މީހުން އަދިވެސް އެތިބީއެވެ.

 

ތުނބުޅި ބަހައްޓާނަމަ ވަޒީފާ ނުލިބޭނެ

ތުނބުޅިި ބަހައްޓާ މީހުންނަށް ވަޒީފާ ނުލިބޭނެ ވާހަކަ ސަރުކާރުގެ ސިޔާސަތުތަކުގައި އޭރު ބަޔާންކޮށްފައި އޮންނަނީއެއްނޫނެވެ. ނަމަވެސް އިންޓަވިޔު މަރުހަލާގައި އެފަދަ އެފަރާތްތަށް ބާކީ ކުރަނީއެވެ. ތުނބުުޅި ހުރި މީހަކު އިިންޓަވިއުއަކަށް ހާޒިިރުވާނަމަ ޕެނަލްގައި ތިބޭ މީހުންނަށް އެފަދަ މީހާ ސިފަކުރެވެނީ ކުރިން ބުނިހެން “ވައްހާބީ” އެއްގެ ގޮތަށެވެ. ނަޖިސް ނުވަތަ މުޑުދާރު މީހެއްގެ ގޮތަށެވެ. އެހެންކަމުން އެފަދަ މީހަކު ވަޒީފާއަށް “އިންޑައިރެކްޓް” ކޮށް ކުފޫހަމަނުވާނެއެވެ. ތުނބުޅި ހުރުމުގެ ސަބަބުން ސަރުކާރުގެ ވަޒީފާތަކަށް ތަކުރާރުކޮށްވެސް ކުރިމަތިލައިގެން ވަޒީފާ ނުލިބުމުން މިފަދަ ގިނަކުދިން އޭރު ވަޒީފާ އަދާކުރަމުންގެންދިޔައީ ފިހާރަތަކުގެ ސޭލްސްމަނުންގެ ގޮތުގައެވެ.

 

ޢިލްމުވެރިން ހަޤީގަތް ބަޔާންކޮށް ނުދެއްވަނީތަ؟

އޭރުގެ ނިޞްބަތުން ރާއްޖޭގައި ދީނީ ޢިލްމުވެރިންވެސް ތިއްބެވިއެވެ. ދީނުގެ ކަންކަން ބަޔާންކޮށްދެއްވައެވެ. ފާޅުގައި ދީނީ ދަރުސްދިނުމަކީ އެއް ޒަމާނެއްގައި ރާއްޖޭގައި މަނާކަމެކެވެ. ނަމަވެސް އެބޭފުޅުންނަށް ކުރެއްވުނު ވަރަކުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރެއްވިއެވެ. ތުނބުޅި ބެހެއްޓުމަކީ ސުންނަތުން ސާބިތުވާކަމެއް ކަމަށާއި އެއީ ސިއްހީގޮތުން ބެލިނަމަވެސް ފައިދާހުރިކަމެއްކަމަށް ކެނޑިނޭޅި ބަޔާންކޮށްދެއްވައެވެ. ނަމަވެސް އެންމެ ބޮޑު މައްސަލައަކަށް ދިމާވިކަމަކީ، ފުރައްސާރައާއި ޖެއްސުންކުރުން އެންމެ ބޮޑަށް އަމާޒުކުރެވެނީ ޢިލްމުވެރިންނަށް ކަމުގައިވުމެވެ. ޖަލުގައި ބަންދުވާންޖެހުނު ދީނީ ޢިލްމުވެރިން އޭރު ވަރަށް ގިނައެވެ. މައިގަނޑު ބޭނުމަކީ ތުނބުޅި ބެހެއްޓުންފަދަ ކަންކަމުގެ ހަޤީގަތް ފޮރުވުމެވެ.

 

ތުނބުޅި ފެޝަނަކަށްވުން

ރާއްޖެއެކޭ އެއްގޮތަށް ބޭރުގެ ޤައުމުތަކުގައިވެސް ދީނަށް ލޯބިކުރާ ބަޔަކު ފިޔަވައި ތުނބުޅި ބަހައްޓަނީ މަދުބައެކެވެ. މިހެންކަމުން ރާއްޖެއެކޭ އެއްގޮތަށް ބޭރުގެ ބޮޑެތި ޤައުމުތަކުގައިވެސް ތުނބުޅި ބަހައްޓާ މީހުންނަށް ދިޔައީ ފާރަލަމުުންނެވެ. ނަމަވެސް ހުޅަނގުގެ ފެޝަނަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން ފިލްމް ސްޓާރުންނާއި ވަރުގަދަ އާޓިސްޓުން ތުނބުޅި ބަހައްޓަން ފެށިއެވެ. އެފަދަ ސްޓާރުން ފޮލޯ ކުރާ މީހުން ސްޓާރުންނަށް ތަބާވުމުގެ ގޮތުން ނުވަތަ އެމީހުންނާ ވައްތަރުވުމުގެ ގޮތުން ތުނބުޅި ބަހައްޓަން ފެށިއެވެ. އެ އޮއިވަރު ބޮޑެތި ކަނޑުތައް ހުރަސްކޮށް ރާއްޖެއަށްވެސް އައީއެވެ.

 

އެ ފަކުރު ތުނބުޅި މިހާރު ތާހިރުވީތަ؟

އޭރުގެ ޢިލްމުވެރިންގެ ތުނބުޅި ދިގުވެފައި ހުރުމުން ކުރި މަލާމަތް ފެޝާނާއެކު ނިމުނީއެވެ. ތުނބުޅި ބެހެއްޓުމަކީ މިހާރު ކޮންމެ މީހަކުވެސް ކުރާކަމެކެވެ. ބޭނުންވަރަަކަށް ދިގުކުރަންވީއެވެ. މިހާރު އެއީ މައްސަލައެއްނޫނެވެ. މިހާރު ތުނބުޅިއަކުން ވަހެއްވެސް ނުދުވައެވެ. ތުނބުޅި ހުރުމަކީ ވަރަށް “ސެކްސީ” “ރޮމޭންޓިކް” ކަމަކަށްވެސް ކަަމަކަށް ވެއްޖެއެވެ. ތުނބުޅީގެ މައުޟޫއަކީ މިހާރު ވާހަކަދެކެވޭ މައުޟޫއެއްވެސް ނޫނެވެ. ހުޅަނގުގެ މީހުން ތުނބުޅި ބަހައްޓަން ފެށުމުން އެކަމަކީ ސިއްޙީގޮތުން ފައިދާހުރިކަމެއްކަމަށްވެސް ދިރާސާތަކުން ކުއްލިއަކަށް ދައްކަން ފަށައިފިއެވެ. ތުނބުޅިއަކީ ވަރަށް ގަޓުހުރި މީހުން ކުރާކަމެއްކަމަށް އަންހެންކުދިންވެސް ދެކެން ފަށައިފިއެވެ. ވިލާތުގެ ޤައުމުތަކުގައިވެސް މިހާރު ތުނބުޅި ހުރި މީހަކު ފެނުމުން އެއީ ސަމާލުކަން ދެވޭކަމެއްނޫނެވެ. ފެޝަނަކަށް ހަދައިގެން ތުނބުޅި ދިގުކުރާ ޣައިރު މުސްލިމުން އެތައް މިލިޔަނަކަށް އަރައެވެ. އެތައް އަހަރުތަކެއްގެ ފަހުން ތުނބުޅި ތާހިރުވީއެވެ. މީރުވަސް ދުވީއެވެ. ސަޅިކަމަކަށް ބަދަލުވީއެވެ.

 

ފޮލޯ ކުރަނީ ފެޝަން، ދީނެއްނޫން

ތުނބުޅީގެ މައްސަލައަށް އެކަނި ބަލާލުމުންވެސް އެނގެނީ ގިނަ މީހުން ލޯބިކުރަނީ ފެޝަނަށްކަމެވެ. ދީނުގައި ކަން އޮތްގޮތް ބަޔާންކުރުމުން ހަޤީގަތްވެސް ބެލުމެއްނެތި އެކަމާ ޖަދަލުކުރަނީއެވެ. ނަމަވެސް އެކަން ފެޝަނުން ސާބިތުވެއްޖެނަމަ ކުރަންވީއެވެ. ތުނބުޅި ބަހައްޓާ މީހުންނަށް ފުރައްސާރަކޮށް އެއީ ދީނުގައި އޮތްކަމެއްނޫންކަަމަށް ބުނެ އަދި ތުނބުޅި ބަހައްޓާ މީހުންނަކީ ވައްހާބީން ކަމަށް ބުނި ސަރުކާރުގެ އިސްވެރިންގެ ބޭފުޅުންވެސް މިއަދުވަނީ ތުނބުޅި ބަހައްޓާފައެވެ. އެފަދަ ބޭފުޅުންނަށް މިއަދު އެއީ މައްސަލައެއްނޫނެވެ. ތުނބުޅި ބެހެއްޓުމުން ކުޑަގޮޅިއަށްލައި އަދަބުދިނުމަށް ގޮވާލައި އެކަން ތަންފީޒުކުރުވި ވެރިން މިއަދު ފެޝަނަށް ތަބާވެ އެބޭފުޅުންވެސް ތުނބުޅި ބެހެއްޓުމަށް މިއަދު ލޯބިކުުރެއެވެ.

ސިފައިންނާއި ފުލުހުންނަށްވެސް މިއަދު ވަކި މިންގަނޑަކަށްނަމަވެސް ތުނބުޅި ބެހެއްޓެއެވެ. ނަމަވެސް އަދިވެސް ވަކި ސެންޓިމީޓަރަކަށްވުރެ ދިގުވެއްޖެނަމަ މައްސަލަޖެހޭ މުއައްސަސާތަށް އެބަހުއްޓެވެ. ނަމަވެސް މާދަމާވެސް ހޮލީވުޑް ނުވަތަ ބޮލީވުޑްގެ ނިކަން ވަރުދަގަ ތަރިން ފޫޅާހަމައަށް ތުނބުޅި ދިގުކުރަން ފަށައިފިނަމަ މުޅި ތުނބުޅިއަށް ރާއްޖޭގަވެސް މާފުލިބޭނެއެވެ. މިހެންކަމުން މުސްލިމުންނަށް ވިއެއްކަމަކު ތުނބުޅި ބެހެއްޓުމާއި ނުބެހެއްޓުން އަދި ބަހައްޓާނަމަ ދިގުކުރާނެ ސައިޒު އަދިވެސް ބިނާވެގެންވަނީ ފެޝަނުގެ މައްޗަށެވެ. ވިސްނަވާށެވެ. މިއީ މިއަދު އަޅުގަނޑުމެންގެ ވިސްނުން ގޮސްފައިވާ ހިސާބެވެ. އެހެން ކަންކަން ދެން ހުންނާނެގޮތް ތަޞައްވަރުކޮށްލައްވާށެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ދިވެހިރާއްޖެ އަކީ 100 ޕަސެންޓު ޔަހޫދީ ދައުލަތެއް! ދެން ކޮންވާހަކައެއް ދައްކާކަށް! އިސްލާމީ ޝަރީއާ ދިވެހިންނަކަށް ކަމަކުނުދޭ، ގުރުއާނަށް ކުރަނީ ފުރައްސާރަ، ނަބިއްޔާގެ ސުންނަތަށް ކުރަނީ ފުރައްސާރަ! ތާޢޫތީ ނުބައިނުލަފާ ވެރިން އެދަނީ އިސްލާމީ ޝަރީއާގައި ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތައް، އެމީހުންގެ ހަވާނަފްސު އެދޭގޮތަށް މާނަކޮށް އެބަދަލުކޮށްފައި! ދެންވެސް ކިޔަންވީ ތިމާމެންނަކީ އިސްލާމުންނޭ ހެއްޔެވެ! އަދިވެސް މިއުޅޭ އިލްމުވެރިންނޭ ކިޔާބައިގަނޑު އެދަނީ އެނުބައި ނުލަފާ ވެރިން ބޭނުންވާހާގޮތަކަށް ފަތުވާތަކާއި އެއްޗެހި ނެރެ މީސްތަކުންނަށް ހައްގު އޮޅުވާލަން މަސައްކަތްކުރަމުން! ތައުހީދުގެ ބަދަލުގައި ޝިރުކަށް ގޮވާ އިލްމުވެރިން މިއަދު ގިނައީ! ޝައިހުންނަށް ތަބާވާ ބަސްއަހާ ކުދިންކޮޅަށް މިއީ ފަހަރުގައި ގަބޫލުކުރަން ދަތި ވާހަކައަކަށްވެސް ވެދާނެ! ނަމަވެސް ހަގީގަތް ވާނީ ހަގީގަތަށް!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!