މޫނު ބުރުގާ އާއި ކިމްކޮންއުންގެ ހެއަރ ސްޓައިލް

ޑިމޮކްރަޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ނޯތު ކޮރެއާގެ ޒައީމުލް އަޢުލާގެ މަޤާމްގައި ހުންނެވި ކިމް ޖޮން-އުން ގެ ހެއަރ ސްޓައިލްއަކީ ނޯތު ކޮރެއާގެ ހުރިހާ ފިރިހެނުން ނުވަތަ ވަކިން ޚާއްޞަކޮށް ޔުނިވަރސިޓީ ދަރިވަރުން ނަގުލުކުރަން ޖެހޭ ދިރިއުޅުމުގެ ވައްޓަފާޅިއެއް ކަމަށް ދޭހަވާ ރިޕޯޓުތަކެއް މީގެ އަހަރުތަކެއް ކުރިން ފެތުރިފައިވެއެވެ. ހުޅުވިފައިވާ ދުނިޔޭގެ ގިނަ ބަޔަކަށް މިއުސޫލުތައް ވީ މަޖާކަމަކަށެވެ. ޖޯކަކަށެވެ. މިއީ، 21 ވަނަ ޤަރުނުގައި ބަޔަކު ކުރަން ހެޔޮވާ ވަރު ކަމެއް ކަމެއްކަމަށް ގިނަ ބަޔަކު ބަލައެއް ނުގަތެވެ.

އެއީ އުތުރު ކޮރެއާގެ ވާހަކައެވެ. އަހަރެމެން އެމީހުންނަށް މަލާމާތްކުރީ އެފަދަ ބޯދާ އުސޫލުތަކުގައި އަދިވެސް ހިފަހައްޓައިގެން ރައްޔިތުން މައްޗަށް ގަދަބާރުން އެކަންކަން ފައްތާތީއެވެ. ނަމަވެސް، މުސްތަޤްބަލުގެ އައިނު އަޅައިގެން އަޅުގަނޑުމެންގެ އަމިއްލަ މުޖްތަމަޢަށް ވިސްނައިފިކަމުގައި ވާނަމަ، ހަމަ އުތުރު ކޮރެއާގެ ކިމްގެ އިސްތަށިގަނޑު މިތަނުންވެސް ފެންނާނެއެވެ.

އިމިގްރޭޝަން މުވައްޒަފުންގެ ތުނބުޅި
ނިމިގެން ދިޔަ 2016 ވަނަ އަހަރު ތެރޭގައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހެދުން އެޅުމުގެ އުސޫލަކާ ޚިލާފްވީކަމަށް ބުނެ ވަޒީފާއިން ވަކިކުރެވުނެވެ. މިއުސޫލަކަށްވީ ފިރިހެން މުވައްޒަފުންގެ ތުނބުޅި ވަކި ސެންޓިމީޓަރަކަށް ވުރެ ދިގު ނުކުރުމެވެ. މުސްތަޤްބަލުގެ އައިނުން ބަލައިފިނަމަ، ތުނބުޅީގެ ދިގުމިން ވަކި ސެންޓިމީޓަރަކަށް ނުބަހައްޓައިގެން އަދަބު ދިނުމެކޭ، ކިމްގެ ހެއަރ ސްޓައިލް ގަދަބަދަވިކަމުން ފެތުރުމެކޭ ތަފާތެއް ނުފެންނާނެއެވެ. ދެގޮތުންވެސް އަރައިގަނެވެނީ ފަރުދީ މިނިވަންކަމަށެވެ. އަމިއްލަ އިޚްތިޔާރުން މީހާ އަމިއްލަ ހަށިގަނޑު ބަލަހައްޓާ ގޮތަކާއެވެ.

މުދައްރިސުންގެ މޫނު ފޮތިކޮޅު
2017 ވަނަ އަހަރަށް އެޅިގެން މިއޮތް އައީ އެވެ. 21 ވަނަ ޤަރުނުގެ މިނިވަންކަމާއި ޙުއްރިއްޔަތުގެ އެންމެ ފަހުގެ ތާޒާ ތަޖުރިބާތައް މިއަދު ކުރަމުން މިދަނީ އަޅުގަނޑުމެންނެވެ. ނަމަވެސް، ދިރާސީ އައު އަހަރުގެ ފުރަތަމަ މަސް ވެސް ނުނިމެނީސް ދެން އަޑު އިވިގެން މިދިޔައީ ދިވެހިރާއްޖޭގެ އަންހެން މުދައްރިސުންތަކެއް މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާ ނުކުރެވޭނެކަމަށް ބުނެ އެކަނބަލުން ގޭގައި މަޑުކުރަން ނުވަތަ ވަޒީފާއިން ވަކިކުރަން ޤައުމުގެ މަތިފަޑިން އައި އަމުރުތަކަކާއެކުއެވެ. އަނެއްކާވެސް، އަރައިމިގަނެވެނީ އެކަނބަލުންގެ އަމިއްލަ ފަރުދީ މިނިވަން ނިންމުމަކަށެވެ. ކިމް ޖޮން-އުން އެކޭ ތަފާތެއް އެބައޮތް ހެއްޔެވެ؟

ނިންމާލާ ޚިޔާލު
ހެދުންއަޅަން ވަކި އުސޫލެއް ގަދަކުރާނަމަ ގަދަކުރަންވީ އުސޫލު ބާއްވާފައި ގަދަ މި ކުރެވެނީ އަމިއްލަ ހަވާ ނަފްސަށް ފެންނަ ގޮތެވެ. އަމިއްލަ ހަވާނަފްސަށް ފެންނަ ގޮތްތަކާއި އެގޮތްތަކުގެ މައްޗަށް ހަދާ އުސޫލުތަކަކީ، މުސްތަޤްބަލުގެ އައިނު އަޅައިފިނަމަ އަބަދުވެސް ފަހުން ބޯދާކަމަކަށް ވާނެ ކަންކަމެވެ. ނުވަތަ ކިމް ޖޮން-އުންގެ އިސްތަށިގަނޑަށް ވާނެ ކަންކަމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!