ގޯސްވަނީ ޒިނޭ ކުރީމައެވެ. ސަބަބުތައް އޯކޭއެވެ.

ޤައުމުގެ ޙާލަތު އެނގޭ މީހަކަށް މިޤައުމުގައި ޒިނޭގެ ނުބައި ޢަމަލު ޢާއްމުވެފައިވާ މިންވަރަކީ ސިއްރުވެގެންވާ ކަމެއް ނޫނެވެ. މިއީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި އާދައިގެ ކަމެއް ކަމަށް ދެކެވޭ ވަރަށް ޢާއްމުވެ ފެތުރިފައިވާ ނުބައި ފާފައެކެވެ. ނަމަވެސް، ޚާއްޞަ ގޮތެއްގައި ޒުވާނުންގެ ތެރޭގައި މިމައްސަލަ ފެތުރެން ދިމާވި ސަބަބުތައް ދިރާސާކޮށްލުން މުޙިއްމެވެ. އެހެން ނޫން ނަމަ، އެފާފައަށް އަރައިގަނެވޭ ޒުވާނާއަށް އެކަނި އެއްޗެހިކިޔާފައި މިކަން ނިންމާލެވޭކަށް ނެތެވެ. މައްސަލައަކީ މުޅި މުޖްތަމަޢުގެވެސް  މައްސަލައެކެވެ.

ޒިނޭ ފެތުރުމުގެ އެންމެ މުޙިއްމު ސަބަބުތަކުގެ ތެރޭގައި ވަރަށް ބޮޑު ރޯލެއް އަޅުގަނޑުމެންގެ މުޖްތަމަޢުގެ “ޖަމާޢީ ސިކުނޑި” އެބަ އަދާކުރެއެވެ. އަޅުގަނޑުމެންގެ މުޖްތަމަޢުގެ ވިސްނުން ހުންނަ ގޮތް އެއީ ޒިނޭ މިވަރަށް ޢާއްމުވުމުގެ ސަބަބެކެވެ. ޒިނޭއަކީ ހުރެފައި ކުރެވޭ ފާފައެއް ނޫނެވެ. އެއީ، އެތައް ސަބަބުތަކެއްގެ ތެރެއިން އެތައް ހައްދުތަކެއް ފަހަނަ އަޅާ ދިޔުމަށްފަހު އެންމެ ފަހުން ނިކުންނަ ނަތީޖާއެވެ. އަޅުގަނޑުމެންގެ މުޖްތަމަޢުގައި މިއަދު ނުރުހުމުގެ ލޮލުން ބަލައިލެވެނީ އެންމެ ފަހު ނަތީޖާ ކަމުގައިވާ ޒިނޭއަށް އަރައިގަނެވުނީމަ އެކަންޏެވެ. އޭގެ ކުރިން އެއަށް މަގުފައިކުރުވާ ހުރިހާ ކަމަކީ މުޖްތަމަޢުގައި އާދައިގެ، އެއްވެސް މައްސަލައެއް ނެތް، ނުވަތަ ބައެއް ފަހަރަށް ތަރުހީބުވެސް ދެވޭ ކަންކަމެވެ. އަޅުގަނޑުމެންގެ ތެރޭގައި މިއަދު ކައިވެނީގެ ކުރިން ލޯބިވެރިންގެ ގޮތުގައި ބިޓުން/ބާއީން/ބޯއީފްރެންޑުން/ގާރލްފްރެންޑުން ގެންގުޅުން އެއީ މައްސަލައެއް ނޫނެވެ. އަދި ކިއެއް، ތަރުހީބުވެސް ލިބޭ ކަމެކެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރިކޮށް ބައްދަލުކުރުން އެއީ މިއަދުގެ މުޖްތަމަޢުގައި ނުރުހުމުގެ ނަޒަރުން ބެލޭ ކަންކަމެއް ނޫނެވެ. އިދިކޮޅު ޖިންސުގެ ހިލޭ މީހުން ގައިގައި ބީހުން އެއީ މިއަދު އައިބު ކަމެއް ނޫނެވެ. އެކަމަކު ފާފަ އަކަށް ވަނީ، މިހުރިހާ ކަމެއްގެ ތެރޭގައި ޣަރަޤުވެފައި ތިއްބާ މީގެ ނަތީޖާ “ޒިނޭ” ގެ ގޮތުގައި ނިކުމެގެން އައީމަ އެކަނިތޯއެވެ؟

އެހެންކަމުން ޒިނޭގެ ފާފަ ހުއްޓުވޭނީ އޭގެ ސަބަބުތައްވެސް އެއީ ފާފަކަމުގައި ޤަބޫލުކުރެވިގެންނެވެ. ކީރިތި ޤުރުއާނުގައި “ޒިނޭ ނުކުރާށޭ” ވަޙީކުރައްވާފައެއް ނެތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރު ކުރައްވާފައިވަނީ ޒިނޭއަށް މަގުފަހިވާ ކަންކަމުން ދުރުވުމަށެވެ.

އަލްއިސްރާ ސޫރަތުގެ 32 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގައިވަނީ،

“وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً”

“އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.”

އެހެންކަމުން، މުޖްތަމަޢުގެ ގިނަ ބައެއްގެ ވިސްނުމުގައި ޒިނޭއަށް މަގުފަހިވާ ކަންކަމާމެދު ނުރުހުމުގެ ލޮލުން ނުބެލެވޭހާ ހިނދަކު މި ފާފައަކީ ފެތުރިގެން ދާނެ ފާފައެކެވެ. އެގޮތުން ޒިނޭއަށް ހުޅުވޭ ބައެއް ދޮރުތަކާއި އަޅުގަނޑުމެންގެ ޤައުމުގެ ވިސްނުން އެކަންކަމާމެދު ހުރި ނެތްގޮތަށް ބަލާލުން މުޙިއްމެވެ.

ނިވާކަން ކުޑަ ހެދުން ލުން

ދިވެހިރާއްޖޭގައި ތަނަވަސްކަން އޮތް ވަަރަކުން އަންހެނުން ނިވާވެގެން އުޅުމަކީ ހޭލުންތެރިކަން އޮތް މިންވަރަކުން އަބަދުވެސް މީހުން ކޮށްފައިވާ ކަމެކެވެ. ޒަމާންތައް ދައުރުވަމުން ދިޔުމުގައި ނިވާވެގަތުމުގައި ދޫދެވިފައިވާ ދުވަސްވަރުތަކެއް ދިޔަނަމަވެސް ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ނިވާވުމުގެ މައްސަލައަކީ އަންހެނާގެ ޤަދަރުވެރިކަމާ ގުޅިފައިވާ މައްސަލައެކެވެ. ޤަދަރުވެރި އަންހެނުން މުޅި ހަށިގަނޑު ނިވާކުރުމާއި، ގެއިން ބޭރަށް ނިކުންނަމުން ބޯ ނިވާކުރުމާއި، ފުރާވަރަށް އެރުމުން ލިބާސް ލައްވާ އައުރަ ނިވާކުރުވުމަކީ ފަހަކާ ޖެހެންދެންވެސް އާދަކާދައެއްގެ ގޮތުގައި ކާބަފައިންގެ ފަރާތުން ވާރުތަ ވެފައިވާ އާދަތަކެކެވެ.

ދީނީ ހޭލުންތެރިކަން އެހާ ފުޅާކޮށް ފެތުރިފައި ނެތްއިރުވެސް، އަންހެނުންގެ ހަށިގަނޑުގެ ބޮޑުބައެއް ނިވާކުރުމަކީ މިމުޖްތަމަޢުގެ އާދަކާދައެވެ. ނަމަވެސް ބޭރުގެ ނުފޫޒުތަކާއެކު، މިއަދު މަޑުމަޑުން ހެދުމުގެ ދިގުމިން ކުރުވެ، އަތްކުރީގެ ދިގުމިން ކުރުވެ، ހަރުވާޅުގެ ދިގުމިން ކުރުވެ، ކަރުވަޅު ބޮޑުވެ، ފޮތީގެ ބޯމިން ތުނިވެ، އިޖްތިމާޢީ މިންގަނޑުތަކަށް ނުފެތޭ ހެދުންތައް މަގުތައް މަތިން ފެނުން ޢާއްމުވެއްޖެއެވެ. މިއީ މިއަދު އާދައިގެ ކަމެކެވެ. ގޯސް ވަނީ ޒިނޭކުރީމަދޯއެވެ. ސަަބަބު އޮތީ އޮތްގޮތަށެވެ.

ފާޙިޝް ކަންކަމަށް ހިތްވަރުދޭ ފިލްމުތަކާއި ޑްރާމާ ސީރީސްތައް

ބަވަނަ ވެފައިވާ އަދުގެ ދުނިޔޭގައި ބޭރުގެ ޘަޤާފަތްތައް އަޅުގަނޑުމެންގެ ގޭތަކުގެ ކޮޓަރިތަކަށާއި ކުޑަކުދިންނުން ފަށައިގެން ބޮޑެތި މީހުންގެ ފޯނުތަކާއި ޓެބްތަކާ ހިސާބަށް އަތުވެއްޖެއެވެ. މީގެ ތެރެއިން ރަނގަޅު ކަންކަން ބަލައިނުގަންނަންވީ ވާހަކައެއް ނޫނެވެ. ނަމަވެސް، މީގެ ތެރެއިންވެސް އެންމެ ފާހިޝްކަން ބޮޑު ޕްރޮގްރާމްތަކަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެންމެ މަޤްބޫލު އަދި މަޝްހޫރު ޕްރޮގްރާމްތަކަށް ވެއްޖެއެވެ. ރީތި ނަންނަމުގައި އޮރިޔާން ފިލްމުތަކާއި ޑްރާމާތައް އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުކޮށް އިސްތިހާރުކޮށް އެކަމާމެދު ފަޚުރުވެރިވެ ފާޅުގައި އެއޮތް އެ ފާހިޝް ޢަމަލުތައް ފަތުރަނީއެވެ. މިހުރިހާ ކަމެއް ފާޅުގައި ކުރަމުން ދާއިރު، އެކަމާ ކަންބޮޑުވާ މީހަކު މަދެވެ. މިކަންކަމުގެ ސަބަބުން މުޖްތަމަޢުގެ އަޚްލާޤީ މިންގަނޑު ދުވަހެއް ދުވަހަކަށް ދަށަށްގޮސް ފާހިޝްޢަމަލުތައް ފެތުރުމުގެ ސަބަބަކަށް މިކަން ވަނީއެވެ. ޒިނޭއާއި ފާހިޝް ޢަމަލުތައް އެއީ ރީތި މޮޅު ކަންކަންކަމުގައި ޒުވާނުންނަށް ދެކެވެނީ މިފަދައިން އެފަދަ ކަންކަން ޢާއްމުވެފައިވީމައެވެ. ނަމަވެސް އެފަދަކަންކަން ފަރުދީ އަދި ޖަމާޢީ ފެންވަރުގައިވެސް ދަނީ ޕްރޮމޯޓްކުރެވެމުންނެވެ. ގޯސް ވަނީ ޒިނޭ ކުރީމަދޯއެވެ. ސަބަބު އޮތް ގޮތަށް އޮތީއެވެ.

ފާޙިޝް ޢަމަލުތައް އިސްތިހާރުކޮށް ޢާއްމުކުރުން

އިޖްތިމާޢީ ވިއުގައިގެ މައްޗަށް މިހާބޮޑަށް ބުރަވެފައިވާ ޒަމާނެއްގައި ރަނގަޅު ކަމެއް ވިޔަސް ގޯސްކަމެއް ވިޔަސް އެންމެ ފުރަތަމަ އެ އަޕްލޯޑްކޮށްލެވެނީ އެންމެންގެ ހޮޅުއަށިތަކަށެވެ. އެހިސާބުން އެވީ އެފެތުރުމުގެ މަޅީގައި އެންމެން ޖެހޭށެވެ. މީހުންކުރާ ގޯސް ޢަމަލުތައް އެއީ އެންމެންގެ ތެރޭގައި ފަތުރަން ޖެހޭ ކަންކަމެއް ނޫނެވެ. އެފަތުރާ މީހުންނަށް އެފެތުރި އެއްޗެއްގެ ސަބަބުން ނުކުމެގެންދާ ނުބައި ޢަމަލުތަކުގެ ސަޒާ އުފުއްލަން ޖެހޭނެކަން ނޭނގެނީބާއެވެ؟ ނުވަތަ މޮޅުކަމަކަށް ހަދައިގެން ތިމާގެވެސް އާޚިރަތް ބަރުބާދުކޮށްލަނީ ހެއްޔެވެ؟ އެތަކެތި ޢާއްމުކުރާ މީހުންގެ ތެރޭގައި، އެއަށް ކޮމެންޓްކޮށް، ޝެއަރ ކޮށްލާ ކުއްޖާވެސްނުހިމެނި ނުދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިމައްސަލާގައި އައްޝައިޚް ޢަބްދުއްރަޙީމް މުޙައްމަދު ވިދާޅުވަނީ، “(ފާޙިޝް މަންޒަރު އެކުލެވޭ ވީޑިއޯ ފަދަ ތަކެތި) ޝެއަރ ކުރުމާއި، ލައިކު ދިނުމާއި، ބެލުމާއި، އެފަދަ އެއްޗެހި ހުންނަ ގުރޫޕްތަކާއި ޕޭޖްތަކަށް ވަނުމަކީ ވެސް ހުއްދަ ކަމެއް ނޫން. ސަބަބަކީ، އެކަމުގެ ސަބަބުން ނުބައި ކަމަކަށް ހިތްވަރު ދެވި އޭގެ ސަބަބުން އެތައް ބަޔަކު ނުބައި ކަމަކަށް ވެއްޓޭތީ. ޙަދީޘްގައި އޮންނަނީ ނުބައި ކަމަކަށް މަގު ދެއްކި މީހާއަށް އެކަން ކުރާ އެންމެންގެ ފާފަ ލިޔެވޭނެކަމަށް” ކަަމަށެވެ.

އެހެންކަމުން، ދެންވެސް ފާޙިޝް އެއްޗެއް ފެންނަ އިރަށް އެވީ ޕްރިންސެން ސަންގުމަރުމަރާއި، މޯޑް ޑި ކްރިސްޓިއާނޯ އަށް އެއެއް ޓެގްކޮށްފައި “މިއޮތް އެއްޗެއް ބަލާލަބާލާށޭ” ބުނަން ހެއްޔެވެ؟ ނުވަތަ އަމިއްލަ “ވޯލް”އަށް ޝެއަރ ކޮށްފައި، “މިހާރު ކުދިން އުޅޭ ގޮތެއް ދޯއޭ” ބުނެ އެންމެންނަށް އެއެއްޗެއް ދައްކަން ހެއްޔެވެ؟ ބަލަ، މިކުރެވޭ ކަމަކުން ޙަޤީޤަތުގައި ތިމާ މިވީ އެޕްރޮމޯޓްކޮށްދޭން އުޅޭ މީހަކަށް ނޫން ދެން ކާކަށް ހެއްޔެވެ؟ ނުބައި ކަމަކަށް މަގުފަހިކޮށްދޭ މީހަކަށް ތިމާ ނުވާށެވެ. ތިމާ ޝެއަރ ކުރި ވީޑިއޯ ބަލައިގެން އެހެން މީހަކު ޙަރާމްކަމަކަށް އަރައިގަނެފިނަމަ، އޭގެ ފާފަ ތިމާއަށް އުފުލަން ނުޖެހިނުދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އެހެންކަމުން ފާޙިޝް ޢަމަލުތައް ނުފަތުރާށެވެ. އެހެނެއްކަމަކު މުޖްތަމަޢުގެ އެންމެނަށް ނުރައްކަލަކަށް ވެފައިވާ ކަމަކާމެދު އިންޒާރުގެ ބަހެއް ނުބުނާށެކޭ ނޫނެވެ. ފެންނަ ކޮންމެ ނުބައެއް އެއީ މަޖަލަކަށް ނުހަދާށެވެ. އޭގެ ނަތީޖާ މުޖްތަމަޢުން މިފެންނަނީ އެވެ. ގޯސް ވަނީ ޒިނޭ ކުރީމަދޯއެވެ. ސަބަބު އޯކޭދޯއެވެ.

ހިލޭއަންހެނުންނާއި ސަލާމްކުރުމާއި ގައިގައި ބީހުން

އެއްފަހަރަކު ޓީޗަރަކު ކިޔާދެއްވި ވާހަކައެކެވެ. ސްކޫލު ގޯތި ތެރޭގައި ހުރި ބެންޗެއްގައި ފުރާވަރުގެ އަންހެން އަދި ފިރިހެން ކުދިންކޮޅެއް “ގުރޫޕް ސްޓަޑީޒް” ހަދަން ތިއްބެވެ. މިހެން ތިބެފައި އިރުކޮޅަކުން އަންހެން ކުއްޖަކު ހަޅޭލަވަން ހެދީމާ އެދިމާއަށް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އެތާނގައި ހުރި ފިރިހެން ކުއްޖަކު މިހުރީ އެތަނުން އަންހެން ކުއްޖެއްގެ ގައިގައި އޮޅުލައިގަނެވިގެން އޭނަ އަތުގައި އޮތް އެއްޗެއް އަތުލަން “ގައި މައްޗަށް” އަރައެވެ. ޓީޗަރު ގާތްވެލާފައި ކަންތައް ވެގެން އުޅޭ ގޮތް ބެލިއިރު އަންހެން ކުއްޖާވެސް މި ހަޅޭލަވަނީކީ އޭނާގެ ހަށިގަނޑުުގައި ފިރިހެން ކުއްޖާ “ބީހިގެނެއް” ނޫނެވެ. އެއެއްޗެއް އަތުލަން ހެދީމާ މަޖާވެގެންނެވެ. މިއީ މިއަދު މުޖްތަމަޢުގެ އިޖްތިމާޢި ފޭރާން ހަޑިވެފައިވާ ހާލަތު ދައްކުވައިދޭ އެންމެ މަންޒަރެކެވެ.

މިއަދު ހިލޭ އަންހެނެއް ގައިގައި އަތްލުން ކީއްތޯއެވެ، އެއަށްވުތެ ލަދުވެތި މިންވަރަށް އެކުވެއުޅުންވެސް ވެފައިވަނީ އާދައިގެ ކަމަކަށެވެ. ނަމަވެސް ނަބަވީ އިރުޝާދަށް ތަބާވާ ބަޔަކު ނަމަ އަންނަނިވި ޙަދީޘް އެނގުމަށްފަހުވެސް އެފަދަ މަންޒަރުތަކަކީ “އެހާވަރު ކަމެއް ނޫނޭ” ބުނެ ނިންމާލެވޭނެތޯއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(لَأَنْ يُطْعَنَ فِي رَأْسِ أَحَدِكُمْ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لَا تَحِلُّ لَهُ) رواه الطبراني في المعجم الكبير: 486 و صححه الألباني.

މާނާއީ: “އެމީހަކަށް ހުއްދަނުވާ (ހިލޭ) އަންހެއްނެއްގެ ގައިގައި އަތްލުމަށްވުރެ، އެމީހެއްގެ ބޮލަށް ދަގަނޑު ތިނޯހެއް ހެރުން މާ ހެޔޮކަން ބޮޑެވެ.”

ނަމަވެސް މިއަދު ގޯސްވަނީ ސަލާމްކުރުމަށްޓަކާވެސް އިދިކޮޅު ޖިންސުގެ މީހެއްގެ އަތުގައި ނުހިފަން ހުންނަ ކުއްޖާއެވެ. ނަމަވެސް، ދީނުގައި ވަނީ އެހާ ބޮޑަށް ބާރު އަޅާފައިވާ ސަލާމް ފެތުރުމުގައިވެސް ހިލޭ ފިރިހެނުން ހިލޭ އަންހެނުންނާ ސަލާމްކުރުން މަނާ ކުރައްވާފައެވެ. ސަލާމްކުރުމުގައި އަތާއަތް ބީއްސުން މަނާވީއިރު، ދެޖިންސު ދެމެދުން މިއަދު މިފެންނަ މަންޒަރުތައް އޯކޭ ވާނީ ކޮންގޮތަކުންތޯއެވެ؟ ގޯސްވަނީ ޒިނޭކުރީމައެވެ. އޭގެ ސަބަބުތައް ހަމަ އޯކޭއެވެ.

ދެޖިންސުގެ މަސްހުނިވުމާއި، އެކަހެރިކޮށް ބައްދަލުކުރުން

ދެޖިންސުގެ މެމްބަރުނެގެ މެދުގައި މުޅިން ވަކިކޮށް އެކަހެރިކޮށްލާ ފާރެއް ރާނާ ވާހަަކައެއް ނޫނެވެ. ނަމަވެސް، އިޙްތިރާމާއި ޤަދަރާއި ކަރާމާތުގެ ފާރެއް މެދުވެރިވެގެން ނޫނީ ދެޖިންސުގެ ދެމެދުގައި ގުޅުންތަކެއް ޢާއްމުވެގެން ދިޔުމަކީ މުޖްތަމަޢުގެ އަޚްލާޤަށް އޭގެ ނުބައި އަސަރު ކުރާނެކަމެކެވެ. ފިރިހެނުންގެ ނުބައި ބެލުންތަކުން އަންހެން ކަނބަލުން “ނިވާވެގެން” ތިބުމަށާއި، ފިރިހެނުންވެސް “ބެލުންތިރިކޮށްގެން” އުޅުމަށް ދީނުގައި އިރުޝާދު ދެއްވާފައިވެއެވެ. އެއީ މިދެޖިންސުގެ ދެމެދުގައި ކަރާމާތްތެރިކަމާއެކު މުޢާމަލާތްތައް ކުރުމަށެވެ. ނަމަވެސް މިއަދު މުޖްތަމަޢުގައި މިފަދަ ގުޅުންތައް ބޭއްވުމުގައި އެއްވެސް ހައްދެއް، ހަމައެއް ލަމައެއް، އުސޫލެއް ނެތެވެ. ނަތީޖާއަކަށް ވެފައިވަނީ ދެޖިންސުގެ ދެމެދުގައި މަސްހުނިވުމާއި، އެކަހެރިކޮށް ބައްދަލުކުރުމުގެ ތެރެއިން ނުބައި އަޑުތައް އަރައިގެން އައުމެވެ.

“(ދެޖިންސުގެ ދެމެދުގައި) ޓޯކުކުރުމަކީ މައްސަލައެއް ނޫން. ޖެނެރަލް ރޫލިންގ މިބުނީ.” އައްޝައިޚް ޢަލީ ނިޝާމް މިމައްސަލާގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. “(އެހެނަސް) ދެޖިންސު މަސްހުނިކޮށް އަބަދު އުޅޭކަމުގައި ވާނަމަ އޭގެ ސަބަބުން އުފެދިގެން ނުވާ ފަދަ ގާތް ގުޅުންތަކެއް އުފެދޭނެ. އެގުޅުންތަކަކީ ދީނުގައި ހުއްދަ ނުކުރާ ގުޅުންތަކަކަށް ވުމަކީ ގާތް ގޮތެއް. އަދި އޭގެ ސަބަބުން އެކަހެރިކޮށް ބައްދަލުކުރެވުމަކީ ވާނެ ގޮތް. އެކަހެރިކޮަށް ބައްދަލުކުރުމަކީ ހަމަ ޝައިޠާނާ އެމީހުންގެ ބޮލަށް ސަވާރު ވާނެ އެންމެ ފަސޭހައިން އޮތް ގޮތް. އޭގެ ސަބަބުން ނިކުންނަ ނަތީޖާ އެއް ގޮތަކަށްވެސް ރަނގަޅެއް ނުވާނެ.”

ޖަމާޢީ ސިކުނޑިން ބަދަލުކުރަންވީ ކޮން ފިކުރެއް؟

ޒިނޭއަށް މަގުފަހިވާ ހުރިހާ ދޮރެއް ދީނުގައި ބަންދުކުރައްވާފައިވާ އިރު، އެފާފައަށް މުޖްތަމަޢުގެ މިހާ ގިނަ ބަޔަކު އަރައިގަތުން ޢާއްމުވެފައިވަނީ މިދޮރުތައް މިއަދު ހާމައަށް ހުޅުވާލާފައިވާތީ ނޫން ހެއްޔެވެ؟ އަޅުގަނޑުމެން ޤަބޫލުކުރަންވީ ޒިނޭ ޙަރާމްވާ ފަދައިން ޒިނޭއަށް މަގުފަހިވާ އެންމެހާ ދޮރުތަކެއްވެސް އެއީ ޙަރާމްކަންކަން ގޮތުގައެވެ.

އައްޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވަނީ، “އިސްލާމީ ޝަރީޢަތުގައި ޒިނޭ ޙަރާމްކުރައްވާފައިވަނީ ޒިނޭއަށް މަގުފަހިކުރާ ހުރިހާ މަގެއް ބަންދުކުރައްވާފައި. އޭގެ އެންމެ ދޮރެއް ހުޅުވިޔަސް ޒިނޭއާ ހަމައަށް ދާނެ.”

ނަމަވެސް މިއަދު މިމުޖްތަމަޢުގައި ގޯސްވަނީ ޒިނޭ ކުރީމަ އެކަމެވެ. އޭގެ ދޮރުތައް މަނާކުރުމަކީ މާހަރުކަށި ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ނަމަވެސް ވިސްނަވާށެވެ. ބެލުންތިރިކުރާ، ހިލޭ އަންހެނުންގެ ތެރެއަށް ވަދެ މަސްހުނިވެ ނޫޅޭ، ހިލޭ އަންހެނުން ގައިގައި ނުބީހޭ، ޢިއްފަތްތެރި ޒުވާން ފިރިހެން ކުއްޖަކާއި، ފުރިހަމަ މާނާގައި ޢައުރަ ނިވާކޮށް ޙިޖާބު ވެގެން ހުންނަ، އުޅުމުގައި ލަދުވެތި، ފިރިހެނުންނާއި ގައިގޯޅިވެ ނޫޅޭ، ސަލާމްކުރުމުގެ ގޮތުންވެސް ހިލޭ ފިރިހެނެއް ގައިގައި ބީހި ނޫޅޭ، ޢިއްފަތްތެރި އަންހެންކުއްޖަކާ ޒިނޭގެ ފާފައަށް އަރައިގަަންނާނެ ގޮތެއް އޮވެދާނެ ހެއްޔެވެ؟ މުޖްތަމަޢުގައި މިފަދަ އިސްލާމީ އުޞޫލުތަކަށް ފުރިހަމަ މާނާގައި ތަބާވާ އަންހެނުންނާއި ފިރިހެނުން ގިނަވީމާ، ޒިނޭގެ ފާފަ މަދުވާނެއެވެ. ނަމަވެސް، މިއަދު އެންމެންނަށްވެސް ގޯސްވަނީ ޒިނޭއެވެ. އެއަށް މަގުފަހި ކުރުވާ ދޮރުތަކާއި ސަބަބުތައް އޯކޭއެެވެ. މިވިސްނުން ބަދަލުކުރަމާތޯއެވެ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!